މއ. ދޯދި، ޢަލީ ޢަބްދުﷲ ނަޢީމަކީ މިއަދު އުމުރުން 40 އަހަރު ވެފައިވާ މީހެެކެވެ. މިއީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ނުކުރިޔަސް، މި ދާއިރާއަށް 22 އަހަރު، ވަރަށް އަގުހުރި ޚިދުމަތެއް ކޮށްފައިވާ އަދި މިހާރުވެސް އެ ޚިދުމަތްކުރުމުގައި ދެމިހުރި ފަރާތެކެވެ.

ޢަލީ ޢަބްދުﷲ އަކީ އުމުރުން 18 އަހަަރުންް ފެެށިގެން، މާލޭގައި ރިލީޒްކުރާ ހަަމަ ކޮންމެ ދިވެހި ފިލްމަކަށް ގޮސް އެ ފިލްމު ބަލަމުން އަންނަ، ދިވެހި ފިލްމީ ދާއިރާގެ އިޚްލާޞްތެރި ލޯބިވެރިއެކެވެ.

ދިވެހި ފިލްމީ ދާއިރާއަށް ޢަލީ ޢަބްދުﷲގެ ހުރި ޝަޢުޤުވެރިކަން މަޝްހޫރު ކޮމޭޑިއަން އަޙްމަދު ޝާޒް (ތަޖޫ) އަށް އެނގުމުން އެކަން އޭނާގެ މީސްމީޑިއާގައި އެވާހަކަ ހިއްސާކުރިއެވެ. މުނިއަވަސް އަށް ގުޅައިގެން މި ވާހަކަތައް ހިއްސާކުރިއެވެ.

“ޢަލީ ޢަބްދުﷲ ނަޢީމް40 އަހަރު، މއ. ދޯދި އަކީ އުމުރުން 18 އހަަރުން ފެށިގެން އޮލިމްޕަސްގައި އެޅުވި ހުރިހައި ދިވެހި ފިލްމަކަށް ވަދެފައިވާ ޚިދުމަތްތެރިއެކެވެ. މި ބޭފުޅާއަށް ޤައުމީ ފެންވަރުގެ އެވޯޑެއް ޙައްޤުނުވޭތޯ.” މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން، ފިލްމު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) އަދި މުނިއަވަސް އަށް ޓެގްކޮށް ޝާޒް ހިއްސާކޮށްފައިވެއެވެ.

ޑައިރެކްޓަރ އަމްޖޭޭއާ ހަވާލާދެމުން މުނިއަވަސް އަށް ޝާޒް ބުނީ ޢަލީ ޢަބްދުﷲ އަކީ ކޮންމެ ފިލްމެއްގެ ފުރަތަމަ ޝޯވ ނުވަތަ ދެވަނަ ޝޯވ އިން ފެންނަ މޫނެއް ކަމަށެވެ.

“ނައިސް ގައި. ކޮންމެ ފަހަރަކުވެސް އޭނަ ގަންނާނީ އެމް12 ވަނަ ގޮނޑިން.” ޢަލީ ޢަބްދުﷲ އާމެދު ފިލްމު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ފާހަގަކުރި އެވެ.

ޢަލީ ޢަބްދުﷲ ބެލި ހުރިހައި ފިލްމެއްގެ ޓިކެޓްތައް ވެސް އޭނާގެ އަތުގައި އޮންނަ ޚާއްޞަ ދަބަހެއްގައި ރައްކާކޮށްގެން ގެންގުޅޭކަމަށްވެސް ޝާޒް ބުންޏެވެ.

މުނިއަވަސް އިން ޢަލީ ޢަބްދުﷲ އަށް ގުޅައިލާ ވާހަކަދައްކަައިލުމުން އޭނާގެ އަޑުން އުފާވެރިކަމުގެ އިހުސާސް އަޅުގަނޑަށްވެސް ފާހަގަކުރެވުނެވެ.

ޢަލީ ޢަބްދުﷲ ބުނީ ކޮންމެ ފިލްމެއް އެޅުވިޔަސް އެ ފިލްމަކަށް ދާކަމަށާ މިހައިތަނަށް ބެލުނު އެންމެ ހިތްގައިމު ދިވެހި ފިލްމުތަކުގެ ތެރޭގައި “ކަލާޔާ ނުލާ”، “ޔޫސުފް” އަދި ބިރުވެރި ފިލްމުތަކުގެ ތެރެއިންް ފިލްމު “ފަތިސްހަނދުވަރު” ފާހަގަކޮށްލެވޭ ކަމަށެވެ.

“ހިންދީ ފިލްމު ބަލަންވެސް ވަރަށް ގިނައިން ދަން، އިނގިރޭސި ފިލްމު ބަލަން ޝްވެކަށް ވެސް ދަން. ވަރަށް މަޝްހޫރު ކާޓޫނު ފިލްމެއްް ރިލީޒްކުރަންޏާ އެއަށްވެސް ދަން.” ޢަލީ ޢަބްދުﷲގެ ވާހަކަތަކުން އިތުރަށް އެނގުނީ އޭނާއަކީ ހަމައެކަނި ދިވެހި ފިލްމުބެލުމަށް ވަރު ހުންނަ މީހެއް ނޫންކަމެވެ. އާއްމުގޮތެއްގައި ސިނަމާއަށް ގޮސް ހިންދީ ފިލްމާއި އިނގިރޭސި ފިލްމު ބެލުމަކީވެސް އޭނާ ކުރަމުން އަންނަ ކަމެއް ކަމަށް ބުންޏެވެ.

ޢަލީ ޢަބްދުﷲ ބެލި ހުރިހައި ދިވެހި ފިލްމެއްގެ ޓިކެޓްތަކުގެ ފޮޓޯއެއް ފޮނުވައިދޭން އެދުމުން އެކަން ކޮށްދޭންވެސް އޭނާ ހުރީ ތައްޔާރަށެވެ. ނަމަވެސް ގެ ބަދަލުވެގެން ހަމައަކަށް އެޅިފައި ނުވާތީ އޭނާގެ ޚާއްޞަ ދަބަސް އޮތީ ކޮންމެވެސް ފޮށިގަނޑެއްގެ ތެރެއަށް ލެވިފައި ކަމަށްވެސް ބުންޏެވެ. އަދި މާދަމާ އެ ޓިކެޓްތަކުގެ ފޮޓޯއެއް ފޮނުވައިދޭނެ ކަމަށްވެސް ބުންޏެވެ.

ޢަލީ ޢަބްދުﷲގެ ޓިކެޓް ކަލެކްޝަން ނުހިމަނާ މި އާޓިކަލް ޖަހައިލަން އަޅުގަނޑުމެން ނިންމީ ފޮޓޯ ލިބުމުން ހިމަނައިލުމަށް ވިސްނައިގެންނެވެ.

ދިވެހި ފިލްމަށް މިހާ ޝަޢުޤުވެރިކަން ހުންނަ ޢަލީ ޢަބްދުﷲ ފަދަ ފަރާާތްތަކުން ފިލްމީ ދާއިރާއަށް ކޮށްދެމުން އެ ގެންދާ އަގުހުރި ޚިދުމަތް ފިލްމީ ދާއިރާގެ ފަރާތްތަކުންވެސް ބަލައިގަންނަން ޖެހޭކަމަށް އަޅުގަނޑުމެން ދެކެމެވެ. އެގޮތުން ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން، އެމީހުން އަޅުވާ ފިލްމުތަކަށް ދަޢުވަތު ދިނުމަށް ފަންނާނުންނާއި ނޫސްވެރިންނަށް ދެމުން އަންނަ ‘ދަޢުވަތު ޓިކެޓްގެ ލިސްޓަށް’ ޢަލީ ޢަބްދުﷲގެ ނަން ހިމަނައިލުން އެއީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.