ތަޢުލީމީ ދާއިރާއަށް މުދައްރިސުން ތަމްރީނުކުރެއްވުމުގެ ތަޖުރިބާކާރު ކަނބަލެއް ކަމަށްވާ ލީލާ އަޙްމަދު، ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޮތް “ނޫން، ބޭނުމެއް ނޫން” ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ނަފްސާނީ ބަލިތަކުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޑރ. އައިޝަތު ޢަލީ ނާޒް އެވެ.

“ނޫން، ބޭނުމެއްނޫން” ފޮތުގެ މުޞައްނިފަކީ ލީލާ އަޙްމަދެވެ. އަދި މިފޮތުގައި ހިމެނޭ ހުރިހައި ކުރެހުންތައް ކުރެހީ މަޝްހޫރު ފަންނާނެއްކަމުގައިވާ މަހުދީ އަހްމަދެވެ. މި ފޮތަކީ، ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ދިމާވާ އެކިއެކި ގޯނާތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ޝާއިޢު ކުރިފޮތެކެވެ.

“ނޫން، ބޭނުމެއްނޫން” ފޮތުގައި ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ ގޯނާތަކުން ރައްކާތެރިވުމަށް އެކުދިންގެ ޢަމަލުތައް ބަހައްޓަންވާ ގޮތް ކުޑަކުދިންނާއި ގުޅޭ ކުރެހުންތަކާއި އެކު މިފޮތުގައި ހިމަނާފައިވެއެވެ.

ފޮތް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.އައިޝަތު އަލީ ނާޒް ވަނީ “ނޫން، ބޭނުމެއްނޫން” ބުނަން ކުޑަކުދިންނަށް ދަސްކޮށްދެވޭނަމަ، މުޖުތަމަޢުގައި މަގުމައްޗަށް ނިކުމެ، ނުރަނގަޅު ކަންކަމުގެ ޝިކާރައަކަށްވާ ކުދިން މަދުކުރެވޭނެކަމަށެވެ. މިހެން ދިމާވަނީ ގިނަފަހަރު ކުދިން މަގުމައްޗަށް ނިކުންނަނީ ކުދިންނަށް “ފީލިންގް އޮފް ބިލޯންގިންގް” ނުވަތަ އެކުއްޖަކީ ބަޔަކު ބޭނުންވާ، ބަޔަކު އަޅާލާ ކުއްޖެއްކަން އާއިލާއިން ނުދެއްކި، މަގުމަތިން ދިމާވާ ނުރަނގަޅު ރަހްމަތްތެރިންގެ ފަރާތުން މިކަން އިހްސާސް ކުރެވޭތީކަމަށްވެސް ޑރ.ނާޒް ވިދާޅުވިއެވެ. މީގެ ބަދަލުގައި މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދިންގެ ވާހަކަތަކައް ސަމާލުކަންދީގެން ތަރުބިއްޔަތު ދޭނަމަ އެކުދިންނަށް ރައްކާތެރިކަން އިހްސާސްކުރެވޭނީ އައިލާއިން ކަމަށްވެސް ޑރ.ނާޒް ވިދާޅުވިއެވެ.

“ކުއްޖާއަށް ކޮންމެ ފަދަ ކަމަކާ ދިމާވިނަމަވެސް، އެވާހަކަ ދެއްކޭނެ މީހަކީ ބެނެލެވެރިޔާކަން ޔަޤީންކޮށްދީފައި އޮތުން” އެއީ ބައިންބަފައިން އަދާކުރަންވާނެ ޒިންމާއެއްކަން ޑރ. ނާޒް ފާހަގަ ކުރެއްވިއެވެ.

ފޮތުގެ މުޞައްނިފު ލީލާ އަޙްމަދު ވިދާޅުވީ މި ފޮތަކީ، މުޖުތަމަޢުން ދަރިންނަށް ކުރިމަތިވާއިރު، ބެލެނެވެރިންނާއި އެކަން ޙިއްސާކުރާނެ ނުވަތަ މުޢާމަލާތް ކުރާނޭ މަގު ދައްކައިދޭ ޕްލެޓްފޯމެއްކަމަށެވެ. އަދި ޖިންސީ ގޯނާއިން ރައްކާތެރިވާނެ ގޮތް ކުޑަކުދިންނަށް ފަހުމުވާނެ ފަދަ ފަސޭހަކަމާއިއެކު މިފޮތުގައި އެކުލަވާލާފައިވާކަމަށް ލީލާ އަހްމަދު ވިދާޅުވިއެވެ.

“ކޮންމެ މީހެއްގެ ޤާބިލުކަން އެބަހުރި އަޅުގަނޑުމެންގެ ދަރިން އެމްޕަވަރކުރަން.ޖިންސީ ގޯނާކުރުމުން ރައްކާތެރިވެ އެކުދިންގެ ހަށިގަނޑުގެ މުހިއްމުކަމާއި ހަށިގަނޑަށް މީހަކު އެފަދަ ކަމެއް ކުރަންޏާ އެކަން ހުއްޓުވަން ކުރެވިދާނެ ކަންތައްތައް މިފޮތުގައި އެކުލެވޭނެ.” ލީލާ އަހްމަދު ވިދާޅުވިއެވެ.

“ނޫން، ބޭނުންމެއްނޫން” މި ފޮތުގެ އަލީގައި ބައެއްކަންކަމަކީ ނޫނެކޭ ބުނަންޖެހޭ ކަންކަންކަމާއި، އެފަދަ ޙާލަތްތަކުގައި ނޫނެކޭ ބުނެ، ކަން ދިމާވި ގޮތް އިތުބާރުކުރެވޭ ބޮޑު މީހަކަށް ކިޔާދޭނެ ގޮތް ދިވެހި ކުޑަކުދިންނަށް ދަސްވާނެކަމުގެ އުއްމީދު ކުރައްވާކަމަށް ފޮތުގެ މުޞައްނިފު ވިދާޅުވެއެވެ.

“ނޫން، ބޭނުމެއްނޫން” ނެރުމަށް ބޭއްވި ޙަފްލާގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިން ބައިވެރިވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.