“އެމީހުން … ހައިކަލް …. މަރާލައިފި …. އެމީހުން އުޅުނީ އަހަރެން ވެސް … މަރާލަން. އެއީ ވަރަށް … ނުބައިބައެއް. ” އެތައް އިރެއް މަސައްކަތުން އެތައް ފަހަރަކު އުޅެގެން ސިމްނާ އޭނާގެ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. އިވުނު އަޑާއިއެކު ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވެވުނު އަހްމަދަށް ދުނިޔެ ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުންއަރާފައި އެތައް އިރަކު ހުރެވުނެވެ.

” ނޫން …. ނޫން ….. އެހެނެއް ނުވާނެ. ” ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހްމަދަށް ހަޅޭލަވައިގަނެވުނެވެ. ހައިކަލްގެ މަރުގެ ހަބަރު ލިބުންވީ އަހްމަދަށް ލިބުނު އިތުރު ވޭނަކަށެވެ. ސިމްނާގެ ހާލާއިމެދު އިތުރަށް ވިސްނަން މަޖުބޫރުވި ސަބަބަކަށެވެ. އެހެން އެވީ ޒިނާން ގާތު އޭނާ ދައްކަންޖެހޭ ވާހަކަތައް ނުދެއްކި ލަސްވުމުން ކަމުގައި ނިންމީ އަހްމަދު އަމިއްލައަށެވެ. އެ ދުވަހު އެވާހަކަތައް ދެއްކުނުނަމަ އެހެނެއް ނުވީހެވެ. އެކަމަށް ކޮންމެވެސް ހައްލެއް އައީހެވެ. އެހެން އެވީ އޭނާގެ ފަރުވާކުޑަކަމުންނެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔައީ އޭނާގެ ފިނޑިކަމުން ނެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ.

އަހްމަދާއި ބައްދަލުވި ހިސާބުން ސިމްނާއަށް އައި ބަދަލު އާދަންމަނިކުގެ ދެމަފިރިންނަށް ފާހަގަވިއެވެ. އެތައް ދުވަހަކަށްފަހު އެ މޫނުމަތިން ފާޅުވި އުފަލާއި ހިތްހަމަޖެހުން އާދަންމަނިކުގެ ދެމަފިރިންގެ މޫނުމަތިން ވެސް ފާޅުވިއެވެ. އަހްމަދަކީ ސިމްނާއަށް ކިހާ މުހިންމު މީހެއްކަން އޮޅުންފިލުވުން މުހިންމުވިއެވެ. ސިމްނާއަށް ލިބޭ ކޮންމެ އުފަލަކާއި ހިތްހަމަ ޖެހުމަކީ އެ ދެމަފިރިންގެ ވެސް އުފަލާއި ހިތްހަމަޖެހުމެވެ.
އާދަންމަނިކުގެ ދެމަފިރިން ފަދައިން އެމީހުންނަކީ ކޮންބައެއްކަން އޮޅުން ފިލުވަން އަހްމަދު ވެސް ބޭނުންވިއެވެ. ތިންމީހުންގެ މެދުގައި ވާހަކަތައް ދެކެވެމުންދިޔައީ ސިމްނާގެ ވެސް ހާޒިރުގައި އެތަނުގައެވެ. އަހްމަދުގެ އަތުން ދޫކޮށްލާކަށް ސިމްނާ ބޭނުމެއް ނުވިއެވެ.

ދިހަގަޑިބައިކަން ހާއިރެވެ. ފިހާރައިން ނުކުމެގެން ސައިކަލާއި ދިމާއަށް އައި އާދަން މަނިކުގެ ދެމަފިރިން ސިއްސައިގެން ދިޔައީ އަންހެނެއްގެ ވޭނުން ފުރިގެންވީ ބާރު ރުއިމުގެ އަޑަށެވެ. ފެނުނު މަންޒަރާއިއެކު އެ ދެމަފިރިންނަށް ވެސް ހަޅޭލަވައި ގަނެވުނެވެ. ދުވާރުމައްޗަށް އަރައިގެން އައި ސައިކަލުން ޖައްސާ އެ ކުޑަކުޑަ ކުއްޖާ ވިއްސާލުމަށްފަހު ސައިކަލް ދިޔަ ގޮތަށް ދިޔައީ ގަސްދުގައެވެ. ސައިކަލްގައި ތިބި ދެމީހުންގެ މަގްސަދަކީ އެއީކަން އެމީހުންގެ ޢަމަލުތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވިއެވެ.

އެހީއަކަށް އެދި ރޮމުން ހަޅޭލަމުންދިޔަ ޒުވާންފުރައިގެ އެއަންހެންކުއްޖާ ހޭނެތިގެން ސޮހުނީ ސުލްތާނާގެ އަތުތެރެއަށް ކަހަލަ ގޮތަކަށެވެ. އާދަން މަނިކު އަވަސްވެގަތީ އެކުޑަކުއްޖާއަށް އެހީވާށެވެ.

ހޮސްޕިޓަލާއި ހަމައަށް ދެވުނުއިރު ކުޑަކުއްޖާގެ ފުރާނަ ހިނގައްޖެއެވެ. ޖީބުގައި އޮތް ޕާހުގައިހުރި ލިޔުންތައް ބަލައިގެން އަންހެންކުއްޖާއަކީ ކާކުކަން ދެނެގަނެވުނު ފަދައިން ކުޑަކުއްޖާއަކީ ވެސް ކާކުކަން ދެނެގަނެވުނެވެ. ސިމްނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އެހީތެރިކަމެއް ދޭނެ އިތުރު މީހަކު ނުވިއެވެ. ސިމްނާގެ އެޑްރެހަށް ގޮސްގެން އޭނާ ދަންނަ މީހަކާއި ދިމައެއް ނުވިއެވެ. ކޮންމެ މީހަކު ވެސް ބުނަނީ ނޭނގޭ ކަމަށެވެ. އެމީހުން އެތަނުގައި އުޅެނީ ކުއްޔަށް ކަމަށެވެ. އެ ނޫން މީހަކާއި ދިމައެއް ނުވިއެވެ. އިތުރު މަޢުލޫމާތެއް ލިބޭނެ އެއްވެސް މަގެއް ނުފެނުނެވެ.

ސިމްނާގެ ދެމައިންނާއި އާދަން މަނިކުގެ ދެމަފިރިން ހަވާލުވީ އެހިސާބުންނެވެ. ހައިކަލަށް ކުރަންޖެހޭ ހުރިހާކަމެއް އާދަން މަނިކު އަމިއްލަ ކަމެއް ފަދައިން ކުރިއެވެ. ސިމްނާއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުންދީ ކުރަންޖެހުނު ކޮންމެ ކަމެއް ކުރިއެވެ.

އާދަން މަނިކުގެ ދެމަފިރިންނަކީ ދަތުރުވަރެއްގައި މާލެ ދިޔަ ބަޔަކަށް ވާތީ އެމީހުން ރަށަށް އައީ ސިމްނާ ގޮވައިގެންނެވެ. އަމާން އޮމާން ހިތްގައިމު މާހަޢުލަކުން ސިމްނާއަށް ދިރުމެއް ލިބިދާނެކަމަށް އެ ދެމަފިރިންނަށް ހީކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ދިމާވި ހިތާމަވެރި ހިތްދަތި ހާދިސާއިން ސިމްނާއަކަށް އަރައެއް ނުގަނެވުނެވެ. ކާއެއްޗެއް ބޯއެއްޗެއް ނުއެއް ދިރެއެވެ. ކޮޅަށް ހުންނާނެ ހަކަތެއް ގައިގާ ނެތެވެ. މީހަކާއި ވާހަކައެއް ނުދައްކައެވެ. ވޭތުވެދިޔަ ތިންމަހެއްހާ ދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ދޭތެރެއަކުން ސިމްނާގެ ހާލަތު މާބޮޑަށް ގޯސްވެއެވެ. އެނދުމަތިކޮށް ފަރުވާދޭން ޖެހެއެވެ.

ސިމްނާގެ ހާލަތު އެންމެބޮޑަށް ގޯސްވީ މީގެ ދެދުވަހެއް ކުރިންނެވެ. ލޭ އަޅަން މަޖުބޫރުކަމަށް ޑޮކްޓަރުން ބުނީ މިއަދު ހެނދުނުއެވެ. ލޭފޮދެއް ލިބޭތޯ އާދަން މަނިކުގެ ދެމަފިރިންނަށް ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔައެވެ.

އަހްމަދުމެން ތިންމީހުން ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލަމުން ބޭރަށް ނުކުންނަން ޖެހުނީ، ސިމްނާއަށް ލޭ ގުޅުމަށްޓަކައި ނަރުހުން އައިސް އެދުމުންނެވެ. އާދަންމަނިކުގެ ދެމަފިރިންނާއިއެކު އަހްމަދު ބޭރަށް ނުކުންނަން އުޅުނު ނަމަވެސް ސިމްނާ އަހްމަދު ހުއްޓުވިއެވެ. އޭނާ ދޫކޮށް ނުދިޔުމަށް އާދޭސް ކުރިއެވެ. އަހްމަދު މަޑުކުރިއެވެ. ސިމްނާގެ އާދޭހަށް ފުރަގަސްދޭނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ސިމްނާއަށް މިއަށްވުރެ ބޮޑަށް ބޭނުންވާނެ ދުވަހެއް ނާއްނާނެއެވެ.

” ކޮބާ އަހްމަދު؟ ” އިވުނީ އަންހެނެއްގެ އަޑެވެ. ލިބުނު ސިހުމާއިއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލެވުނެވެ. މީގެ ކުރިން ދުވަހަކު ވެސް ބައްދަލުވެފައިނުވާ އެ އަންހެންމީހާއަކީ ކާކުބާއޭ އަލީ ނަޒީރުގެ ހިތަށްއެރިއެވެ.

” ކޯޗެއް ފާޑަކަށް ތިޔަ ބަލަނީ؟ އަހަރެން މިއަހަނީ އަހްމަދު ކޮބާހޭ؟ ” އަޑާއި ހަރަކާތުން ފާޅުވި ހިތްހަމަނުޖެހުން ފާހަގަވުމާއިއެކު އަލީ ނަޒީރުގެ ވިސްނުން ބަދަލުވިއެވެ. އެފަދައިން ވާހަކަ ދައްކާ މީހަކާއި އޭނާ ދައްކާނެ ވާހަކައެއް ނޯއްނާނެއެވެ. އެފަދަ މީހަކާއި ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

” ނުބުނަންޏާއި ނުބުނެ ހުރޭ. ބާސިރާއަށް ސިއްރުން ކަލޭ ތިޔަ ގަންނަގަނޑު އަހަރެން ބަލާނަން. އެ އަހްމަދަކަށް ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. ބާސިރާއަށް ކަންކަން އޮޅުވާލައިގެން ކަލޭ އުޅުނަސް މި ގުލްމާ އަކަށް މަކަރެއް ނުހެދޭނެ. ” ވެގެން އުޅޭގޮތް އަލީ ނަޒީރަށް ރޭކާލީ އެ ހިސާބުންނެވެ. ބާސިރާގެ ހިތުގައި އަހްމަދަށް އޮތް ޖާގަ އަލީ ނަޒީރަށް ކިތަންމެ ރަނގަޅަކަށް ވެސް އިހުސާސްވިއެވެ. ގުލްމާގެ ބޭނުމަކީ ކޮބައިކަން އިތުރަށް އޮޅުންފިލުވާކަށް ނުޖެހުނެވެ.

އެ އަންހެން މީހާއަށް އަހްމަދު ފެނުމުގެ ކުރިން އާދަންމަނިކުގެ ދެމަފިރިންނާއި އަލީ ނަޒީރުއާ ބައްދަލުވިއެވެ. އަހްމަދު ހުރި ތަނެއް އޮޅުން ފިލުވުމަށް އަލީ ނަޒީރު އަވަސްވެގަތީ ވައިމަތި ރަނގަޅު ނޫންކަން ވިސްނުނު ހިސާބުންނެވެ.

އެރަށުގައި އަހްމަދަށް މަޑުކުރެވޭނެ ގޮތެއް ހަދައިދިނުމަށް އަލީ ނަޒީރުގެ ކިބައިން އެދެމަފިރިން އެދުނެވެ. އާދޭސް ކުރިއެވެ. އެމީހުނަށް މިވަގުތަށް އަހްމަދު އެހާ މުހިންމީ ކީއްވެގެންކަން ބުނެދިނެވެ. އެކަމަށްޓަކައި އެއްވެސް އަގެއް އަދާކުރަން ޖެހޭނަމަ އެކަން ވެސް ކުރާނެކަމަށް ބުންޏެވެ.

އަހްމަދު އައިސް ބުނި ނަމަވެސް އަލީ ނަޒީރު ހުރީ އެކަން ކޮށްދޭގޮތަށެވެ. ބަލި މީހަކަށް އެހީތެރިވާން އެއަށްވުރެ ލުއި ފަސޭހަ މަގެއް އެއްވެސް މީހަކަށް ނުފެންނާނެއެވެ. އެފަދަ ފުރުސަތެއް ލިބޭނީ މަދު މީހަކަށެވެ. އެކަމަށްޓަކައި އޭނާއަށް އަގެއް ދޭކަށް ވެސް ނުޖެހޭނެއެވެ.
އާދަން މަނިކުގެ ދެމަފިރިންނަށް ޖަވާބެއް ދޭން ހުޅުވާލި އަނގަ ވަގުތީ ގޮތުން ނަމަވެސް ލައްޕާލަން އަލީ ނަޒީރަށް މަޖުބޫރުވީ އެދިމާއަށް އައި ގުލްމާ ފެނުމުންނެވެ.

” އޭތް މިހަރަ މަކަރުވެރި އަލީ ނަޒީރު …. ކޮބާހޭ އެ އަހްމަދު؟ ” އަލީ ނަޒީރާއި ހަމައަށް ނާދެވެނީސް ގުލްމާ ހަޅޭލަވައިގަތެވެ. އަހްމަދު ނުފެނިގެން ހިތްހަމަ ނުޖެހިފައިހުރި ގުލްމާގެ އަޑާއި ހަރަކާތުން ވެސް ފާޅުވީ ހިތްހަމަ ނުޖެހުމެވެ. އޭނާ ހުރީ އަލީ ނަޒީރު ފެނުން ލަސްވެފައި ކަހަލައެވެ.

” ހަމަޖެހިބަލަ. ކޮބާތަ ކަލޭގެ މައްސަލައަކީ؟ ” ގުލްމާގެ ބަސްމަގާއި ޢަމަލުތައް ކޮންމެގޮތަކަށް ހުރި ނަމަވެސް އަލީ ނަޒީރު ވާހަކަދެއްކީ މަޑުމަޑުންނެވެ. ވަގުތާއި ތަނާއި ހާލަތަށް އޭނާ އިސްކަން ދިނެވެ.

” އޭނައަކީ ކުޅެ މަޖާކުރަން ތިރަށަށް ފޮނުވާފައި ހުރި މީހެއް ނޫނޭ. އަތްފައި ދިގުކަމުން އޮބިނޯވެގެން މާލޭން ބޭރުކުރަންވެގެން ތިޔަރަށަށް އޭނާ ފޮނުވާލީ …. އަނީގާ ކަހަލަ ރަނގަޅު ދޮންމަންމައެއް ނުލިބުނު ނަމަ މިއަދު އޭނާ ހުންނާނީ ޖަލުގަ. ޖަލުގަ. އެނގިއްޖެތަ؟ އޭނާ މިރަށަށް އައިސް ގަންނަގަނޑު ބަލަން މަ މިއައީ. ނޭންގޭނެއެއްނު. މިރަށުން ކޮންމެ ވެސް ބޮޑު އަންހެނެއް ގަޔަށް އަރަން ވެސް އުޅެފާނެވިއްޔަ. އަހަރުންގެ ރައްކަލަށް ވިސްނާނީ އަހަރުންތާ. މިއަދު ވެސް ފުރައިގެން ދިޔާމަ ކަލޭގެ ކަންތައް ނިމުނީ. ” ހިތުހުރިހާއެއްޗެއް އަލީ ނަޒީރާއި ދިމާއަށް ގުލްމާ ގޮވާލިއިރު ހީވީ އެބުނާ ކަމެއް ކޮށްގެން އުޅެނީ އަލީ ނަޒީރު ހެންނެވެ. ނުވަތަ އެބުނާ ކަމެއް ކުރުވީ އަލީ ނަޒީރު ހެންނެވެ.

” ތިޔައީ ތިބުނީ ހެޔޮލަފާ ރަނގަޅު ދޮންމަންމަ އަނީގާގެ ބޮޑު ރޭވުމެއް ….. އަހްމަދުގެ ބައްޕަގެ މުއްސަނދިކަމަށް ދަހިވެތި ވެގެން ގަންނަ ގަނޑެއް. ދައްތައަށް ތިޔަ އުޅެނީ ވަރަށްބޮޑަށް އޮޅިގެން. މީހުނާއި ބެހޭގޮތުން ވާހަކަ ދައްކަން ވާނީ ތިމާއަށް މިދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަން ޔަގީންކޮށްފަ. އެހެން ނޫނީ ފަހުން ކިތަންމެބޮޑު ހިތާމައެއް ވެސް ކުރަންޖެހިދާނެ. ” ގުލްމާގެ އެވާހަކަތަކުގެ ސަބަބުން ސުލްތާނާއަކަށް މަޑަކުން ނުހުރެވުނެވެ. ގުލްމާ ދައްކަމުން އެދަނީ ދޮގު ވާހަކަތަކެއްކަން އޭނާއަށް އެނގޭކަން އަންގާލިއެވެ.

” ހުހް …. އާން …. ތިޔަ ތިބީ އެންމެ އެނގޭ މީހުން. ކަލޭމެން ބުނީމަ އަހަރުންވީ ދެން ހުރިހާ ވާހަކައެއް ގަބޫލުކުރަން. ” ގުލްމާގެ ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި ޒުވާން ފުރައިގެ އަންހެން ކުއްޖާ ފެނުމާއިއެކު ގުލްމާގެ މިޒާޖު އެއްކޮށް ބަދަލުވިއެވެ. މަޑުމަޑުން އެއްފަރާތަކަށް ޖެހިލަމުން އެ އަންހެން ކުއްޖާއަށް ހިނިތުންވެލިއެވެ. ރުޅިވެރިކަމެއް ހިތްހަމަ ނުޖެހުމެއް ހިނގައިދިޔަ ކަމުގެ އެއްވެސް ޢަލާމާތެއް އޭނާގެ ކިބައިން އެއްވެސް ވަރަކަށް ފެންނާކަށް ނެތެވެ.

” މަންމާ! … މިތާ ކީއްކުރަނީ؟ ޑޮކްޓަރަށް ދައްކަން އައިއިރު ކީއްވެ ހަބަރެއް ކޮށްނުލީ؟ ” ހޮސްޕިޓަލަށް ތެރެއަށް ވަދެގެން އައި އަންހެންކުއްޖާ އަވަސް އަވަހަށް އައިސް ގުލްމާ ކައިރިއަށް ހުއްޓުނެވެ. ގުލްމާ ފެނުނު ހިސާބުން އެހެން ހުރިހާކަމެއް އޭނާ ހަނދާން ނެތުނު ކަހަލައެވެ.

” ފިޒާލްގެ މަންމާ. ހާލު ކިހިނެތް؟ އެ ދައްތައަށް ލޭ ލިބޭގޮތް ވެއްޖެތަ؟ ” ސުލްތާނައަށް ހިނިތުންވެލަމުން އެއަންހެންކުއްޖާ ވާހަކަ ދެއްކިގޮތުން އެދެމެދުގައި ކޮންމެވެސް ގުޅުމެއް ވާކަން އެނގުނެވެ. އެ އަންހެންކުއްޖާގެ ކިބައިން ފެނުނު ފަދަ ހިތްހަމަ ޖެހުމެއް ސުލްތާނާގެ ކިބައިން ވެސް ފާހަގަވިއެވެ. ސުލްތާނާ ފެނުމާއިއެކު އޭނާއާ ވާހަކަ ދެއްކުމަށް އަންހެންކުއްޖާ އިސްކަން ދިނެވެ.

” ދަރިފުޅާ! މަންމަ މިދަނީ ގެއަށް. ކުރަން އައި ކަންތައް ނިމިއްޖެ. ” ގުލްމާ އަވަސް އަވަހަށް ގޮސް ހޮސްޕިޓަލުން ނުކުތެވެ. އޭނާއަށް ރައްދުދިން އަންހެންމީހާއާއި ގުލްމާގެ ދަރިފުޅު ވާހަކަ ދެއްކި ހިސާބުން އޭނާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެންދިޔައެވެ. ހެދުނީ ގޯހެކޭ ހީވި އެތައް ފަހަރެއް ވެސް އޭނާގެ މޫނުމަތިން ދޭހަވިއެވެ.

” އެއީތަ ސަމްރާގެ މަންމަ އަކީ؟ …. ތިޔަ ކައިވެންޏާއި އަހަރެން ގަބޫލެއް ނޫން. ” އިވުނުއަޑާއިއެކު ސަމްރާ ދިޔައީ ސިއްސައިގެންނެވެ. އިވުނު ވާހަކަ ގަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް އާދަންމަނިކާއި ދިމާއަށް ބަލާލިއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.