“އޭ ތިއެއް ނޫނޭ ! އިންނަން އުޅޭ ސޮރު ގެނެސްގެން ވަރަށް ވަގު ވަގުން ދޯ ތިގެންގުޅެނީވެސް ، ނޫނޭ ވާ މަރީނާ ހިތްވަރުގަދަ އިނގޭ، އަނގާލެވޭވަރަށްވުރެ ހިލޭ މީހަކަށް އަހަރެން ވީތާ ދޯ! ”
ޝަރީފާގެ މޫނުމަތިން ދެއްކީ މާޔޫސްކަމެވެ. އެ މާޔޫސް ކަމުގެ ޙަޤީޤީ މާނަ ނޭނގި މަރީނާގެ މޫނު މަތިން ފާޅުވި ހައިރާން ކަމާއިމެދުގައި ޝަރީފާ ސުވާލު އުފެއްދިއެވެ.
މަރީނާ އެ ހުރިގޮތަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރީ ޝަރީފާ މޮޔަގޮވަނީ ބާއޭ ހިތަށް އަރައިފައެވެ. ޝަރީފާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކުރި ސުވާލަށް ޙަޤީގަތުގައިވެސް ޖަވާބު ބޭނުންވާ ކަމުގެ ކުލަވަރެކެވެ.
“ގޮއްޔެ މިއަދު ބޯގޮވައިފައި ހުރި ދުވަހަކީތަ ؟ ” މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން މަރީނާ ދޮވުނު ތަށިތަކުން އެއްބައި އަށިމަތިން ނަގައި ކިހިއްޔަށް ޖަހައިލިއެވެ.
“އާނ އާނ އަހަރެން ދޯ އަދިވެސް މި މޮޔަ ގޮވަނީ، އަތޮޅު ނެތްވަރުގެ ރީތި ޒުވާނެއް ގެނެސްގެން އަހަރެންނަށް ވެސް އަންގައި ނުލައި ކައިވެނީގެ ބަތް ކައްކަން ތިއޮށްގެން ތައްޔާރު ވަނީ ވިއްޔާ ! ” ދެ ކިހިއްޔަށް އަތް ވިއްދައިލަމުން ތުން އަނބުރައިލައިފައި ޝަރީފާ ބުނެލިއެވެ.
“އަހަރެންނަށް ހީވަނީ މަންޖެހެން އެ ސޮރާ އަޅައިގަނެގެން ތިއުޅެނީ. ގައިމު އަހަރެންގެ ހިތަކަށް އެންމެ ފަހަރަކުވެސް ނާރާ އެއީ މި އަތޮޅުގައި ނެތް ވަރުގެ ރީތި މީހެކޭ. އެއީ މުދިންބެ ކައިރިއަށް ބޭސްވެރިކަމަކު އައިސް ހުރި ތަކަންދޫ، ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް ” މަރީނަގެ ތުންފަތް މައްޗަށް ވެރިވީ ލާނެއް ހިނިތުން ވުމެކެވެ. ޝަރީފާގެ ވިސްނުން ހުންނަލެއް މޮޔަކަމުންނެވެ.
އެއީ ޝަރީފާގެ މިޒާޖެވެ. ޝަރީފާ ކިތަންމެ ރީތި ކަމުގައިވިޔަސް އަދިވެސް ހުންނަނީ ކުޑަކުދިންގެ ހުންނަކަހަލަ ، މުޅިއަކުން ހަރުދަނާ ނޫން ވިސްނުމެކެވެ. ބައެއް ފަހަރު ވަރަށް ކޫސަނީ ވާހަކަ ދައްކައި ފާނެއެވެ. ނުވަތަ ސުވާލެއް ކޮށްލައިފާނެއެވެ. އެހެނަސް ، ޝަރީފާއަކީ މުރާލި ހީވާގި ޒުވާނެކެވެ. އަތްމަތި ފަރިތަ ކެރޭ ހީވާގި އަންހެނެކެވެ. މީހުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ނަމޫނާ އެކުވެރިއެކެވެ. އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ޝަރީފާ އާއި މަރީނާއާއި އަބަދުވެސް އުޅެމުން އައީ ނުހަނު އެކު އެކީގައެވެ. އެކަކު އަނެކަކަކަށް ދިމާވާ ހިތްދަތިކަމާއި ދަތިތައް ހިއްސާކޮށް އެހީތެރިވާ ނަމޫނާ ދެއެކުވެރިންގެ ގޮތުގައެވެ. އެހެންކަމުން އެއީ އެކަކު އަނެކެއްގެ ކަންތައް ވަރަށް ރަނގަޅަށް ދަންނަ ދެ އެކުވެރިނެވެ.
“މަށަށް ހީވަނީ އެ ސޮރު ހަންޑި އަވަލީހެން. އެކަހަލަ ވައްތަރެއްވެސް ހުރޭ ދޯ ” ދެމީހުންނަށް ދެ ތަށިބަރި ހިފައިގެން ގެއަށް ވަންނަން އަންނަމުން ޝަރީފަ ބުނެލި ވާހަކަ އަށް މަރީނާ ބޯ ހޫރުވައިލީ ސާބަސް ދެމުންނެވެ.
“މަށަކަށް ވާ ނޭނގެ! ޝަރީފާ ގޮސް އަހައިލަބަލަ އަޅެ އޭނަ ކައިރީގައި ޔަގީން ކޮށްލަން ”
ހިނި ގަނޑެއް ޖަހައިލަމުން މަރީނާ ބުނެލިއެވެ.
ދެމީހުން އެއްކޮށްގޮސް ބަދިގެއަށް ތަށިތައް ލުމަށްފަހު އަވަސްވެލީ މާލޫދަށް ކެއްކުމަށް ތައްޔާރުވަމުންދާ ސަރަޙައްދަށް ދިއުމަށެވެ. ޝަރީފާ އެގެޔަށް ދިޔައީވެސް މަރީނާ ބަލައެވެ. ދެމީހުން އެއްކޮށް މަސައްކަތަށް ދިއުމަށެވެ.
ދެމީހުން އެކުއެކީގައި ބަދިގެއިން ނުކުމެގެން މެދުގޭތެރެއާއި ހަމައަށް އައި އިރު މެދުގޭތެރޭގައި އެދެމިހުންނަށް ބަލަހައްޓައިގެން ރަމީޒު ހުއްޓެވެ. ދެ އަތް ފުރަގަހަށް ލައިގެންނެވެ. އަނގަޔަކުން ބަހެއް ނުބުނެއެވެ. ކަޅިޖައިވެސް ނުލައެވެ. ހަމަ އެހުރި ގޮތަށް ހުރީއެވެ. އެތަނުން ދާކަށްވެސް ނޫޅެއެވެ.
“އަހަރެން މިދަނީ މަސައްކަތު ދާން ކާސިންފުޅު ގޯއްޗަށް ، ބައްޕަވެސް ނޫޅުއްވާ ގެޔަކު ، ކަމަކު ބޭނުންވެލައްވަންޏާ އެ ގޯތި ދޮށަށް ދުރުވޭ އިނގޭ ” އެހައި ހިސާބަށް އަރައި ހަމަވަމުން މަރީނާ ވާހަކަ ދެއްކި އެއްގޮތަކަށްވެސް ރަމީޒު އެތަނުގައި ހުރުމަކުން ނޫނެވެ. އެހެންނަމަވެސް ގެޔަށް އައިސް ހުރި މެހެމަނަކަށް ވާތީ ، ގޭގައި މީހަކު ނޫޅޭ ވަގުތު ކަމަކަށް ދަތިވެދާނެތީއެވެ. މަރީނާގެ ވާހަކަ ދެއްކުން މަޑުމައިތިރިވެފައި ވާހަކަދެއްކުމުގައި މާތް ގޮތެއްހުއްޓެވެ. ގެޔަށް އައިސް އުޅޭ މެހެމަނުންނަށް އޭނަ އިޚްތިރާމްކުރާވަރު އެއިން ދޭހަވެގެން ދިޔައެވެ.
“އާން. އަހަރެންވެސް ފަހަރެއްގައި ބޭރަށް ޖައްސާލާނަން ، މިހާރު މިރަށުން ދެތިން ރައްޓެހިންވެސް ލިބިއްޖެ ” މަރީނާއަށް ރަމީޒު ދިން ޖަވާބާއެކު ، އެކީގައި ހިނގަމުން ދިޔަ ޝަރީފާގެ ހިނގުން މަޑުޖެހުނުކަން މަރީނާއަށް ފާހަގަ ކުރެވުނެވެ. އެކަމު އެވަގުތަށް އެކަން ނޭނގޭކަމަށް ހަދައިލީއެވެ.
ރަމީޒުގެ އަޑު ބަރެވެ. ރީއްޗެވެ. އަހާލަން ފަސޭހަ އަދި މާނަފުން ގޮތެއް އެ އަޑުގައި ހުރިއެވެ. އެންމެ ޖުމުލައަކުން އެތަށް ވާހަކައެއް އަޑު އިވިގެން ދިޔަ ކަހަލައެވެ. ޝަރީފާއަށް ވީގޮތަކީ އެއީއެވެ. ޝަރީފާގެ އިޚްތިޔާރަކައިނުލާ އޭނާގެ ހިތް އެއަޑަށް ކަންފަތްދިނީއެވެ. މީހެއްގެ އެކަހަލަ ސިފައަކުން އޭނާގެ ޙަރަކާތްތަކަށް މަޑުޖެހުމެއް އައި މިއި ފުރަތަމަ ފަހަރެވެ. އެކަމާ ޚުދު އޭނަވެސް ހައިރާން ވިއެވެ. ޒާތަކަށް ގައިން ހީބިހިވެސް ނެގިއެވެ. އެހެން ނަމަވެސް އެކަން ބޭރުފުށުން ސިއްރުކުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް އޭނާ ކުރިއެވެ. ޝަރީފާގެ ޙަރަކާތްކަކަށް އައި އަވަސް ބަދަލު މަރީނާ ވަރަށް ރަނގަޅަށް ދެނެގެންކަން އެނގުމަކައި ނުލައެވެ.
“އަހަރެންނަށް ހީވަނީ އަވަލާފައިހުރި ގަޑިއެއް ހެން ، އެހުރީ ވިއްޔާ ކަޅިވެސް ޖަހައިނުލައި ބަލަން ހުރި ވައްތަރު ދޯ ” ގޭގެ ދޮރުން ނިކުންނަމުން މަރީނާ ޝަރީފާއަށް ދޯ އެއްލީ ޖަވާބެއް ނާންނާނެކަން އެނގިހުރެއެވެ. ހަމަ އެކަނި ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލުކޮށްލީއެވެ.
ދެމީހުން އެކު އެކީގައި ކާސިންފުޅު ގޯއްޗަށް ދެވުނު އިރު އެކި މީހުން އެކި މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ބިންބި މާފުށާއި އަވެލި ، މެޓާގަނޑު ، ފަދަ ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެއްޗެހި ހަމަކޮށް ތައްޔާރު ކުރުމުގައި އެއްބަޔަކު އުޅޭއިރު އަނެއްބަޔަކު ފެންނަނީ ހަވާދު ދެވުމުގެ މަސައްކަތުގައި އުޅޭތަނެވެ. ކާށިގޭނުމައި ފިޔައި މިރުސް އަދި ދިރީގެ ބާވަތްތަށް ފުނޑުމަށްވެސް ހައެއްކަ ދައު ބަހައްޓައިގެން އަންހެން ވެރިން ތިއްބެވެ. އެހެން ދިމާލެއްގައި ފަޅޯ ތަތްކުރުމުގެ މަސައްކަތުގައި ބަޔަކު އުޅޭތީވެސް ފެނެއެވެ. އިރު ކޮޅަކުން މަރިޔަންދައިތަ އައިސް އެތަނުގައި ތިބި ފިރިހެންވެރިން ހެހެމުން ދިޔަ ގަބުޅިތައް ގޭނުމުގެ މަސައްކަތް ޝަރީފާއާއި މަރީނާއަށް ހަވާލުކުރިއެވެ. އޭރުވެސް އެތަނުގައި ހަތަރު ވަރަކަށް އަންހެން ކުދިން ގަބުޅި ގޭނުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަމުންދިޔައެވެ. މަސައްކަތް ކުރަން ތިބި ކުދިން މަދުވެފައި ގާނަން ހުރި ގަބުޅި ގިނަވުމުން ޝަރީފާއާއި މަރީނާ މަސައްތަކައިގެން އަވަސް ވެލިއެވެ. އޭރު ކައިރީގައި ގެނެސްފައި ހުރި ގަބުޅި ހެހުމުގެ މަސައްކަތުގެ ހަތަރުވަރަކަށް ފިރިހެންވެރިން ތިއްބެވެ.
އަވިގަދަ މެންދުރުގެ ހޫނުކަން މަސައްކަތް ކުރަން ތިބި އެއްވެސް މީހަކަށް އިޙްސާސެއް ނުކުރެވެއެވެ. މުޅި ގޯތި ތެރޭގައި ހެދިފައިވާ ބިޔަ ގަސްތަކުގެ ހިޔަލުގައި މަސައްކަތްކުރަން ތިބިއިރު އެ ބޮޑު ގޯތީތެރޭގައިވާ ހަތްވަރަކަށް ރުކާއި ހިރުނދަ އަދި ދިއްގާ ގަސްތަކުގެފަތްތަށް ޖެހުމުންދިޔަ ވަޔާއެކު ގެނެސް ދެމުންދިޔައީ ހިތްގައިމު ފިނި ވައިރޯޅިތަކެކެވެ. ކާސިންފުޅުގެ ގޯއްޗަކީ ޖާގަ ތަނަވަސް ބޮޑު ގޯއްޗެއް ކަމުން ރަށުގައި މިގޮތަށް ފާހަގަ ކުރެވޭ ޚާއްސަ މުނާސަބުތަކުގައި ކެއްކުމުގެ ހުރިހައި މަސައްކަތެއްވެސް ކޮށްއުޅެނި އެ ގޯތީގައެވެ.
ޝަރީފާ އާއި މަރީނާއާއި އެކު ހަވަރަކަށް އަންހެން ކުދިން ފިސާރި ހަލުވިމިނެއްގައި ގަބުޅިތައް ގާނަމުން ދިޔައެވެ. އަތްމަތި ފަރިތަވެފައި އަވަސް ޙަރަކަތްކެއްގައެވެ. އެހެނެއް ކަމަކު އެތަނުގައި ތިބި ފިރިހެންވެރިންނަށް ޝަރީފާ ފިޔަވައި އެހެން އެއްވެސް ކުއްޖެއްގެ މަސައްކަތް ފަރިތަކަމުގައި ނުފެންނަނީ ބާއެވެ. ހަމަ ގައިމުވެސް ފެންނަ މަންޒަރު ދޭހަކޮށްދެނީ އެމަސައްކަތަށް ކުޅަދާނަ އަދި ފަރިތަ ހަމައެކަނި މީހަކީ ޝަރީފާ ކަމުގައެވެ. ގަބުޅި ގާނަމުން ދިޔަ އެއްވެސް މީހަކަށް އެކަން ފާހަގަ ނުވިއެއް ކަމަކު ޝަރީފާ އިށީންފަހުން އެތަނަށް އިތުރު ދެ ފިރިހެނުން ގަބުޅި ހެހުމުގައި ބައިވެރި ވެއްޖެއެވެ. އޭގެ ތެރޭގައި ދޮން މުޙައްމަދުވެސް ހިމެނެއެވެ. ދޭތެރެ ދޭތެރެއިން ގަބުޅި ހެހެމުންދިޔަ ފިރިހެން ވެރިން ޝަރީފާގެ ޙަރަކާތްތަކަށް ކަޅިއެއް އެއްލައެވެ. ހަމަ އެކަނި ޝަރީފާއަށެވެ. އެ މިހުންނަށް ކަމުދާ ވަރަށް މަސައްކަތް ކުރެވެނީ ޝަރީފާއަށް އެކަނިއޭ ހީވާކަހަލައެވެ. މި އެންމެންނާވެސް ދޮން މުޙައްމަދުގެ ޙަރަކާތްތައް ތަފާތެވެ. އޭނާ ގަބުޅި ހެހުމަށްވުރެ ގިނަ ވަގުތު ޝަރީފާއަށް ސިއްރު ސިއްރުން ބަލަނީއެވެ. ހިތުގައި ޚާއްސަ މަޤްސަދެއް އޮތީކަމުގައި ވެދާނެއެވެ.
ދޮން މުޙައްމަދަކީ ރަށުގެ ޤަދަރުވެރި ދެމަފިރިން ކަމަށްވާ ސޭޓު އަހަންމަދާއި ކުކުޅު މަރިޔަންގެ އެންމެ ހަގު ދަރިއެވެ. ޝަރީފާއެކޭ ދާދި އެއް އުމުރެއްގެ ރީތި ޒުވާނެކެވެ. ވިޔަސް ވާނީ ޝަރީފާއަށްވުރެ ދެ ވަރަކަށް އަހަރު ދޮށްޓެވެ. އޭނާއަކީ ރަށުގެ ނިސްބަތުން ރީތި ފިރިހެނުންތެރޭގައި ނަންކިޔޭނެ ފިރިހެނެކެވެ. ބަލައިލަން ހިތްގައިމު މޫނަކާއި ރޫފަ ހެޔޮވަރު ހަށިގަނޑެއް ލިބިފައިވާ ، ރަށުގެ ޒުވާން އަންހެން ކުދިންގެ މެދުގައި މަޤުބޫލު ޒުވަނެކެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން ދޮން މުޙައްމަދު ޝަރީފަ ގާތުން އިންނާންވެސް އެހިއެވެ. އެކަމަކު ޝަރީފަ އެކަމަށް ފާޅުގައި ނޫނެކެ ބުނީއެވެ. އެއްވެސް ޙާލެއްގައި އެ ރީތި ސިފައާއި ފިރިހެން ވަންތަކަން ކަމުނުދިޔައީކީ ނޫނެވެ. އެ ފިރިހެން ވަންތަކަމުން ޝަރީފާ ބޭނުންވާ ބައެއް ސިފަތައް އުނިވަނީއެވެ. ޝަރީފާއަށްވެސް ދޮން މުޙައްމަދު ރީއްޗެވެ. ކަމުނުދަނީ އޭނަގެ ކިބައިގައި ހަރުދަނާކަމުގެ އެއްވެސް ސިފައެއް ނެތީމައެވެ. ދޮން މުޙައްމަދު ގޭދޮށުގައި އުޅޭ ޝަރީފާގެ ރައްޓެހި ސަންފަގެ ފުށުންވެސް ދޮން މުޙައްމަދުގެ ވަރަށް ގިނަ ކަންކަން ޝަރީފާއަށް އެނގިފައި އޮތީމައެވެ. ގޭގެ މަސައްކަތްތަކުގައި ނޫޅޭ ވާހަކަ އާއި ދުވާލުގަޑީގައި މުޅި ދުވަހު ނިދާކަމެވެ. އަދި ރޭގަނޑުގަޑީގައި އެއް ފުރައިގެ ކުދިންނާއެކު ބޭރުގައި އުޅޭ ވާހަކައެވެ. މި ހުރިހާ ކަމެއް މިހެން ހުއްޓައި ދޮން މުޙައްމަދާއި އިނދެގެން ހަމަޖެހޭ ސާދާ ދިރިއުޅުމެއް އުޅެވިދާނެކަމުގައި ޝަރީފާއެއް ނުދެކެއެވެ. ޝަރީފާ ނޫނެކޭ ބުނިއެއް ކަމަކު ދޮން މުޙައްމަދު ހިތްވަރު ދޫކޮށްލީކަމުގައި ވެސް ނުފެނެއެވެ. ޝަރީފާގެ ބޯކޮޅު ބަލަމުން އޭނަ އަބަދުވެސް އުޅެއެވެ. އެކަމަކަށް އެއްވެސް ވަރަކަށް ޝަރީފާ ސަމާލުކަމެއް ނުދެއެވެ. އޭނަ ފެނުނަސް ގިނަ ފަހަރު ނުފެންނަނީ ކަމުގައި ހަދައިގެން ހުންނަނީއެވެ.
މިއަދުވެސް ދޮން މުހައްމަދު އެއުޅެނީ އެކަމުގައެވެ. ޝަރީފާގެ ބޯކޮޅު ބެލުމުގައެވެ. އެއްވެސް ޙާލެއްގައި އެތަނުގައި އެހުރީ މަސައްކަތެއް ކުރުމުގެ ޤަސްދުގައެއް ނުނެވެ. ހަމަ ޝަރީފާއަށް ބަލަން ވެގެން އައިސްހުރީއެވެ. ޝަރީފާއަށް އަދި އެކަން ނޭނގުނެއް ކަމަކު އެނގުނަސް އޭނަ އަޅާއެއް ނުލާނެއެވެ.
“އަދިވެސް އެބަހުރި ނުގެންނައިސް ބައިވަރު ގަބުޅި ވަލުގައި ، އަހަރެން ހިތަށް އަރައި މަންޖެ މެންނަށް މިކަން ވާނެ ބާއޭ ؟ ” ކޮންޑުގައި އޮތް ގަބުޅި އިހާ ބިންމައްޗަށް ވައްޓާލައިފައި ހަށިދަމައިލަމުން އެތަނަށް އައި މޫސަ ބުންޏެވެ. އޭނައާއެކު ގަބުޅި ހިފައިގެން އެތަނަން އައި މިހުންގެ ތެރޭގައި ރަމީޒުވެސް ހުއްޓެވެ. އެކަން ޝަރީފަމެންނަށްވެސް އެނގުނީ މޫސަ ވަހަކަ ދެއްކިއަޑަށް ބަލައިލީމައެވެ. ވާހަކަ ދެއްކީ މަރީނާއެވެ. ޝަރީފާވެސް އެދިމާއަށް ބަލައިލައިފައި އެތަނުގައި ދޮން މުޙައްމަދު ހުރިތަން ފެނިފައި މަސައްކަތައިގެން ކުރިއަށްދިޔައެވެ.
“ރަމީޒުވެސް އެބަ އުޅުއްވަން ދެއްތޯ ؟ ތީ ދޯ ލިބުނޭ ބުނުއްވި ރައްޓެހިންނަކީ ، ރަނގަޅުބައެއް ތި އަތުއަޅުއްވައިލެއްވީ ”
ޖަވާބުގައި ވާހަކަދެއްކުމަސް ހުޅުވައިލި ރަމީޒުގެ އަނގަ ބަނދުކޮށްލީ އޭނައަށްވުރެ ކުރިން ކުރި ސުވާލުގެ ޖަވާބު މޫސަ ދޭން ފެށުމުންނެވެ.
” އާނ ރަމީޒުމެން އުޅޭނެއްނު މިކަހަލަ ތަންތާންގައި ، ޝަރީފާ މެން އުޅެންޏާ މިތަންތަނުން ރަމިޒުމެން ކަހަލަ ކުދިންނެއް ނުފިލަނެ؟ ދޯ ރަމީޒު ” މޫސަ އެއްލި ދޯއަށް ރަމީޒަށް ޖަހައިލެވުނި އިހެވެ. މޫނުމަތިން ފާޅުވީ ލަދުވެތިކަމެވެ. އެއަޑު އަހަން އިން ޝަރީފާއަށްވެސް ނޭނގި އޭނަގެ ހިތް ނުރުހުންވިއެވެ. މަރީނަ ކުރި ސުވާލަށް މޫސަ ޖަވާބު ދިނުމުންކަމެއް ނުވަތަ މޫސާ ޖަވާބު ދިން ގޮތުން ކަމެއް އެނގޭނީ ހަމަ އެ ހިތަށެވެ. އެވަގުތު ފައިން ފެށިގެން ބޮލަށް އަރައިގެން ދިޔަ ފިނިގަނޑާއެކު އެހުރި ގޮތަށް ދޮން މުޙައްމަދު ގަނޑުވި ކަހަލައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ޔޫޝަޢު އަކީ ބައެއް އޮންލައިންތަކަށް ވާހަކަ ލިޔެފައިވާ ތަޖުރިބާހުރި ވާހަކަލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 ސެޕްޓެމްބަރ 2021ވާހަކަދެބަންވެލި – 03
- 17 އޯގަސްޓް 2021ބިރުވެރިދެބަންވެލި – 02
- 10 އޯގަސްޓް 2021ބިރުވެރިދެބަންވެލި – 01