ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލުންގެ ލިސްޓެއް ހަދާނަމަ އަކްޝޭ ކުމާރްގެ ނަން ހިމަނަން ޖެހޭނީ ލިސްޓުގެ ވަރަށް ކުރީގައެވެ. 1991 ގައި ފިލްމު “ސައުގަންދު” އިން ބޮލީވުޑަށް ނުކުތް އަކްޝޭ ކުޅެފައިވާ 120 ފިލްމު ބެލުންތެރިންނާއި ހަމައަށް އައިސްފައިވެއެވެ. އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ ކާމިޔާބު ފިލްމުތަކެވެ.
އަކްޝޭގެ ފިލްމީ ކެރިއަރުގެ ކާމިޔާބީ ފެށެނީ 1992 ގައި ރިލީޒްކުރި ސަސްޕެންސް ތުރިލާ ފިލްމު “ކިލާޅީ” އާއި ހިސާބުންނެވެ. އެއަށްފަހު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރު ފިޔަވައި އޭނާގެ މަދުވެގެން ކާމިޔާބު އެއް ފިލްމު ނުނިކުންނަ އަހަރެއް ނެތެވެ. ނަމަވެސް މި ކާމިޔާބީގެ ތެރެއިންވެސް ވަރަށް ޚާއްސަ ކާމިޔާބީއެއް ވެއެވެ. އެއީ 1994 ވަނަ އަހަރުގެ ބޮކްސް އޮފީހުގައި އަކްޝޭ ހަދާފައިވާ ރެކޯޑެވެ. އެ އަހަރު އަކްޝޭގެ 11 ފިލްމު ރިލީޒްވިއިރު އޭގެ ތެރެއިން 7 ފިލްމަކީ ބޮކްސް އޮފީހުގައި ހިޓްވި ފިލްމުތަކެވެ.
މި ލިސްޓުގައި ހިމަނާލަނީ އެ 7 ފިލްމާއި ފިލްމަށް ލިބުނު އާމްދަނީއެވެ.
* މޮހްރާ – 12.01 ކްރޯޑް ރުޕީސް
އަކްޝޭ ކުމާރްގެ އިތުރުން ރަވީނާ ޓަންޑަންއާއި ސުނީލް ޝެޓީ އަދި ނަސީރުއްދީން ޝާހް މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި އެކްޝަން ތުރިލާއަކީ އެ އަހަރު ބޮކްސް އޮފީހުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. “ބްލޮކްބަސްޓާ”އެއްގެ ދަރަޖަ ލިބިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާޖީވް ރާއީއެވެ.
* މޭ ކިލާޅީ ތޫ އަނާރީ – 7.89 ކްރޯޑް ރުޕީސް
އަކްޝޭގެ އިތުރުން ސައިފް ޢަލީ ޚާން، ޝިލްޕާ ޝެޓީ، ރާޖޭޝްވަރީ އަދި ޝަކްތީ ކަޕޫރް މައިގަނޑު ރޯލުތަކުން ފެނުނު މި އެކްޝަން ކޮމެޑީއަކީ ސަމީރް މަލްކަންގެ ޑައިރެކްޝަނެކެވެ. ބޮކްސް އޮފީހުގައި “ހިޓް” ދަރަޖަ ލިބުނު މި ފިލްމަކީ އެ އަހަރު 5 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.
* ސުހާގް – 7.09 ކްރޯޑް ރުޕީސް
“ހިޓް” ފިލްމެއްގެ ދަރަޖަ ލިބުނު މި އެކްޝަން ފިލްމަކީ ކުކޫ ކޯލީގެ ޑައިރެކްޝަނެކެވެ. މައިގަނޑު ރޯލުތައް ކުޅުނީ އަކްޝޭގެ އިތުރުން އަޖޭ ދޭވްގަން، ކަރިޝްމާ ކަޕޫރް އަދި ނަގްމާއެވެ. މިއީ އެ އަހަރުގެ ބޮކްސް އޮފީހުގެ ގަދަ 10 ގައި ހިމެނުނު އަކްޝޭގެ 3 ވަނަ ފިލްމެވެ.
* ޔޭ ދިލްލަގީ – 5.72 ކްރޯޑް ރުޕީސް
ޔާޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކޮށް ނަރޭޝް މަލޯޓްރާ ޑައިރެކްޓްކުރި މި ރޮމޭންޓިކް ކޮމެޑީ ޑްރާމާ ފިލްމަކީ އެ އަހަރު ބޮކްސް އޮފީހުގެ ގަދަ 10 ގައި ހިމެނުނު އަކްޝޭގެ 4 ވަނަ ފިލްމެވެ. “ހިޓް” ފިލްމެއްގެ ދަރަޖަ ލިބުނު މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ އަކްޝޭގެ އިތުރުން ކާޖޮލްއާއި ސައިފް ޢަލީ ޚާންއެވެ.
* އެލާން – 4.61 ކްރޯޑް ރުޕީސް
ގުއްޑޫ ދަނޯ ޑައިރެކްޓްކުރި މި އެކްޝަން ފިލްމަކީވެސް ބޮކްސް އޮފީސް ހިޓެކެވެ. އަކްޝޭގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ މަދޫއާއި އަމްރިޝް ޕޫރީއެވެ.
* އަމާނަތު – 4.09 ކްރޯޑް ރުޕީސް
އަކްޝޭގެ އިތުރުން ސަންޖޭ ދަތު، ހީރާ ރާޖްގޯޕާލް އަދި ކަންޗަން މައިގަނޑު ރޯލުތަކުން ފެނުނު މި އެކްޝަން ފިލްމަކީ ބޮކްސް އޮފީހުގައި “ސެމީ ހިޓް” އެއްގެ ދަރަޖަ ލިބުނު ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ ރާޖް ސިއްޕީއެވެ.
* ޖޭ ކިޝެން – 3.45 ކްރޯޑް ރުޕީސް
“ސެމީ ހިޓް” އެއްގެ ދަރަޖަ ލިބުނު މި އެކްޝަން ޑްރާމާ ފިލްމަކީ ސުނީލް އަގްނިހޯތުރީގެ ޑައިރެކްޝަނެކެވެ. އަކްޝޭ ޑަބަލް ރޯލު ކުޅުނު މި ފިލްމުގެ މައިގަނޑު ރޯލުތަކުން ދެން ފެނުނީ އަޔޭޝާ ޖުލްކާއާއި ޗާންދުނީއެވެ.
އަކްޝޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި “ލަކްޝްމީ” އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މިމަހު 19 ގައި ރިލީޒްކުރާ “ބެލް ބޮޓަމް” އިންނެވެ. އޭގެ އިތުރުންވެސް އަކްޝޭގެ ޝައުޤުވެރި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މިހާރު އެއްކޮށް މަސައްކަތް ނިމިފައިވާ “ސޫރިޔަވަންޝީ”، “ބައްޗަން ޕާންޑޭ”، “ޕްރިތުވިރާޖް”، “އަތުރަންގީ ރޭ” ގެ އިތުރުން މިހާރު ޝޫޓްކުރަމުންދާ “ރާމް ސޭތޫ”، “ރަކްޝާ ބަންދަން” އަދި “މިޝަން ސިންދްރެއްލާ ޕާޓް 1” ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”