” އެއީތަ ސަމްރާގެ މަންމަ އަކީ؟ …. ތިޔަ ކައިވެންޏާއި އަހަރެން ގަބޫލެއް ނޫން. ” އިވުނުއަޑާއިއެކު ސަމްރާ ދިޔައީ ސިއްސައިގެންނެވެ. އިވުނު ވާހަކަ ގަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް އާދަންމަނިކާއި ދިމާއަށް ބަލާލިއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

” ސަމްރާ …. ދަރިފުޅާ ސަމްރާ. ކިހިނެތްވީ ؟ ” ސަމްރާއާ ގާތަށް ޖެހިލަމުން އަވަސް އަވަހަށް ސުލްތާނާ ސުވާލުކުރިއިރު އޭނާގެ ކިބައިން ފެނިގެން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ.

” ސަމްރާ. ކިހިނެތްވީ؟ ” ސަމްރާއަށް އެހެން ވުމުން އާދަންމަނިކު ވެސް ކަންބޮޑުވިއެވެ. ސުލްތާނާއެކޭ އެއްފަދައިން ސަމްރާގެ ކަންބޮޑުވުމަކީ އޭނާއަށް ވެސް ކުރިމަތިވި ކަންބޮޑުވުމަކަށްވިއެވެ. ސަމްރާއަށް ވީގޮތެއް އޮޅުންފިލުވުމަށް އާދަންމަނިކު ވެސް އިސްކަން ދިނެވެ.

” ކަމެއްނުވޭ. ” އާދަންމަނިކުގެ ކިބައިން ފެނުނު ކަންބޮޑުވުން ސަމްރާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އާދަންމަނިކުގެ ކިބައިން އެއްވެސް ހިތްހަމަ ނުޖެހުމެއް ފެންނަން ނެތުން ވެގެން ދިޔައީ އޭނާގެ ވިސްނުން ބަދަލުވި ކަމަކަށެވެ. އޭނާއަށް ހީވިހީވުން އެއީ ގޯހެއްކަން އިތުރަށް ޔަގީންވީ އެދެމެދުގައި ދެކެވުނު ވާހަކަތަކުންނެވެ.

ސިމްނާގާތު އަހްމަދު ބަހައްޓައި ދިނުމަށް އަލީ ނަޒީރު ގާތު އަހްމަދު ވެސް އެދުނެވެ. އޭނާއަށް މާލެ ދެވުނުހާ އަވަހަކަށް އަލީ ނަޒީރަށް ރަނގަޅު ހަދިޔާއެއް ދޭނެކަމަށް ބުންޏެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވައިދީ ސިމްނާއަކީ ކާކުކަން ވެސް ބުނެދިނެވެ. އޭނާއަށް އެއްވެސް ކަމެއް ކޮށްދޭނަމަ އެކަން ކޮށްދިނުމަށް އެދި އާދޭސް ކުރިއެވެ.

ފެރީ ލަފާ ސަރަހައްދަށް ފަތޯނާ ދިޔައީ ނިހާރާ ދެއްކި ވާހަކަތައް ގަބޫލު ނުކުރެވިގެންނެވެ. ނިހާރާ އެ ބުނި ފަދައިން ކަންތައް ވެފައިވާނަމަ ފެރީއިން އަހްމަދެއް ނާއްނާނެއެވެ. އަންނާނީ ނިހާރާގެ ބައްޕަ އަލީ ނަޒީރު އެކަންޏެވެ. އެކަމާއިބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދަން ބޭނުންނަމަ ފެރީ ކައިރިއަށް ދިއުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އަހްމަދަކީ ފޯނު ގެންގުޅޭ މީހަކަށް ނުވާތީ ގުޅޭކަށް ވެސް ނެތެވެ.

ފެރީދޯނިން ފޭބި މީހުންތައް އެއްގަމާއި ދިމާއަށް ހިނގައިގަތްއިރު ފަތޯނާ ވެސް ހިނގައިގެންފިއެވެ. އަހްމަދެއް ނާދެއެވެ. މާޔޫސްކަމާއިއެކު ގެއަށް ދިއުން ނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ. ނިހާރާ ދެއްކި ވާހަކަތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯދަން ފަތޯނާ ކިތަންމެހާ ވެސް ބޭނުމެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ އެކަމާބެހޭ އެންމެ ސައްހަ މަޢުލޫމާތު ލިބިގެންނެވެ. ނިހާރާ ދެއްކި ވާހަކަތަކަށް ބަލައިގެން ފުއްދާލެވޭވަރަށް ނިހާރާއަށް އިތުބާރު ކުރެވޭކަށް މިހާރަކު ނެތެވެ. އެ ދުވަސް މާޒީއާއެކުވެގެން ހިނގައްޖެއެވެ.

މާޔޫސްކަމާއިއެކު ގޯތިތެރެއަށް ވަދެގެން އައި ފަތޯނާ ފެނުމާއިއެކު ޝާލޫ ދިޔައީ ސިއްސައިގެންނެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު އަވަސް އަވަހަށް ދަރިފުޅާއި ދިމާއަށް ދެވުނެވެ. ފަތޯނާގެ ކިބައިން އެފަދަ މަންޒަރެއް ފެނުމަކީ ޝާލޫގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

” ދަރިފުޅާ! …. ކިހިނެތްވީ؟ …. ކޮންތާކުން ތިއައީ؟ ” ފަތޯނާއަށް އޭނާގެ ޚިޔާލީ އާލަމުން ހޭލުވުނީ އޭނާގެ މަންމަ ޝާލޫގެ އަޑު ކަންފަތުގައި ޖެހުނު ހިސާބުންނެވެ. ތެޅިގެންފައި ކަހަލަ ގޮތަކަށް ބަލާލި ވަގުތު މަންމަގެ ކިބައިން ފެނުނު މާޔޫސްކަން ފަތޯނާގެ ހިތަށް އިތުރަށް އަސަރު ކުރުވި ކަމަކަށްވިއެވެ.

” މަންމާ! …. އަހްމަދު އެހެން ރަށަކަށް ބަދަލުކޮށްފި. ” ޝާލޫގެ ކޮނޑުގައި ބޯ އަޅާލަމުން ޖަވާބު ދިންއިރު ފަތޯނާއަށް ރޮވިއްޖެއެވެ.

” އެކީއްވެ؟ ” ޝާލޫއަށް ވެސް ލިބުނީ ހައިރާންކަމެވެ. އުފެދުނީ އިތުރު ސުވާލުތަކެކެވެ.

” ނޭނގެ. ނިހާރާ ބުނީ މާލެ ކޮޅުން އަންގައިގެނޯ ބަދަލުކުރީ. ޔަގީން އެވާނީ އެ ނުލަފާ ދޮންމަންމަގަނޑުގެ ކަމަކަށް. ” ފަތޯނާގެ އަޑާއި ހަރަކާތުން ފާޅުވި މާޔޫސްކަން ޝާލޫގެ ހިތަށް އިތުރަށް ތަދުކުރިއެވެ.

ފާޒިލް ގޮވާލި އަޑު އިވުމުން ޝާލޫ އެކަމަށް ސަމާލުކަން ދިނެވެ. ކެތްތެރިވެ ހަމަޖެހިގެން ކޮޓަރިއަށް ދިއުމަށް ފަތޯނާއަށް ނަސޭހަތް ދިނެވެ. އަހްމަދު ފަދަ ރަނގަޅު ރައްޓެއްސަކު ދަރިފުޅަށް ގެއްލުމުން މަންމަ ވެސް ދެރަވާކަމަށް ބުންޏެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ ކެތްތެރިކަމާއި ހިތްވަރާއިއެކު އަހްމަދަށްޓަކައި ހެޔޮދުޢާ ކުރުންކަން ހަނދާންކޮށްދިނެވެ. އެކަމުން ސަލާމަތްވުމުން އަހްމަދު އަދި އަންނާނެހެން ހީވާ ކަމަށް ވެސް ބުންޏެވެ.

އަހްމަދަށް އެހީތެރިވުމުގައި އަލީ ނާޒިރުގެ ވިސްނުން ކިތަންމެހާ ވެސް މޮޅެވެ. އެރަށުގައި އަހްމަދު ބަހައްޓާފައި ގޮސް ރަށުގައި ހުރުމުގެ ބަދަލުގައި އެރަށުން މަސައްކަތެއް ހޯދައިގެން ދުވަސްކޮޅަކަށް އެކޮޅަށް ބަދަލުވިއެވެ. އަހްމަދަށް ޓަކައި އެންމެ ރައްކާތެރި އެންމެ ރަނގަޅު ގޮތަކަށް ވާނީ އެގޮތްކަން އަލީ ނަޒީރަށް ޔަގީނެވެ. އެނޫން ގޮތަކަށް އަހްމަދަށް އެރަށުގައި ނުހުރެވޭނެއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު އެތައް ކަމެއް ބަދަލުވެގެން ދިޔައެވެ. އެއްބަޔަކަށް ކާމިޔާބުތައް ލިބެމުންދިޔައިރު އަނެއްބަޔަކާއި ނާކާމިޔާބީ އަރާ ހަމަކުރަމުން ދިޔައެވެ. އަހްމަދުގެ އެހީތެރިކަމާއެކު ސިމްނާ ވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. މައިން ބަފައިންގެ ލޯބިން މަހްރޫމުވެ އެކަނިވެރި ވެފައިވާ ފަދައަކުން ތިބި ސިމްނާ އާއި އަހްމަދަށް އާދަންމަނިކުގެ ދެމަފިރިންގެ ފަރާތުން ލިބެމުންދިޔައީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބެމުންދާނެފަދަ ލޯތްބާއި އަޅާލުމެވެ. ހެޔޮ ނަސޭހަތާއި ހިތްވަރެވެ.

ހަފްތާއެއްހާ ދުވަސްފަހުން ސިމްނާ ހޮސްޕިޓަލުން ދޫކޮށްލިއިރު އެތައް ކަމެއް ވަނީ ބަދަލުވެގެން ގޮސްފައެވެ. އެންމެބޮޑު ބަދަލެއް އައީ ސިމްނާގެ މިޒާޖަށެވެ. ވިސްނުމާއި އުޅުމަށެވެ. ހާސިލްކުރަން ބޭނުންވާ ނުވަތަ އިތުރަށް ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ބުނި ސިމްނާގެ ބަސްމަގު ބަދަލުވިއެވެ. މާޒީ ހަނދާން ނައްތާލައި ކުރިޔަށް ދިއުމަށް އޭނާ ހިތްވަރު ކުރާނެކަމަށް ބުނި ބުނުން ވެގެން ދިޔައީ އަހްމަދުގެ އިތުރުން އާދަންމަނިކުގެ ދެމަފިރިންނަށް ލިބުނު ނުހަނުބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކަށެވެ. ލިބުނު ކާމިޔާބަށް އުފާކުރިއިރު ޝުކުރު ދަންނަވަންޖެހޭ ފަރާތްތަކަށް ޝުކުރު ދެންނެވުމަށް ހަތަރު މީހުން ވެސް އިސްކަން ދިނެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ސިމްނާ ފުރުވުމަށްޓަކައި އެއަރޕޯޓަށް ގޮސް ހުރިއިރު ވެސް އަހްމަދުގެ ކިބައިން ފެންނަމުންދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. ސިމްނާއާ ވަކިވާން ޖެހޭތީ އޭނާގެ ހިތަށް ކުރަމުންދާ ވޭނުން ފުރިގެންވީ ހިތާމަވެރިކަމެވެ.

” ދެރަނުވޭ … ދެން ހެވިލާ. ދޮންތަ މިހާރު އޯކޭއޭ. ދޮންތަ މާލެ ގޮސް ކަންކަން ހަމަޖެހުނުހާ އަވަހަކަށް ކޮއްކޮއަށް ގުޅާނަން. ދޮންބެއަށް ވެގެން އުޅޭގޮތް ވެސް ބަލާލަން. ތިޔަ އަނީގާމެން ބޭނުންހާ އެއްޗެއް ނުހެދޭނެ. ތީ ބޮޑު އޮޅުވާލުމެއް. ނުބައި ރޭވުމަށް. ތިޔަ ބުނާ ޕޮލިހެއްގެ އަތެއް ވެސް ތިކަމުގައިވާނެ. އިތުރަކަށް އަހަރެން ވިސްނަންޖެހޭ ކަމެއް މިހާރު ނޯއްނާނެ. އަހްމަދުގެ އުފަލާއި ހިތްހަމަ ޖެހުމަކީ އަހަރެންގެ އުފަލާއި ހިތްހަމަ ޖެހުން. ” އަހްމަދުގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ސިމްނާ އޭނާއަށް ހިތްވަރު ދިނެވެ. މިހާރު އޭނާ ހުރި ހާލަތު އަހްމަދަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އަހްމަދަށް އެހީތެރިވެ އެކަމުން އޭނާ ސަލާމަތްކުރުމަށް ސިމްނާ އަތްކުރި އޮޅާލާފައިވާކަން ހަނދާންކޮށްދިނެވެ.

” ދޮންތަ އެކަނި ގޮސް އެމީހުނާއި ކިހިނެތް ކުރިމަތިލާނީ؟ …. މާލެ ގޮސް ކޮންތާކު ހުންނާނީ؟ ދޮންތަގެ ވާހަކަތައް ބައްޕައަށް ގަބޫލު ކުރެވޭނެތަ؟ ދޮންމަންމަ ނޫން އެހެން މީހެއް ދައްކާ ވާހަކައެއް ބައްޕަ ގަބޫލެއް ނުކުރާނެ. ” އަހްމަދު ހާމަކުރީ އޭނާގެ ހިތަށް ތަދުކުރަމުންދިޔަ ކަންތައްތަކެވެ. އެކަމުގައި އޭނާއަށް ގަބޫލު ކުރެވެމުންދިޔަ ގަބޫލު ކުރުން ތަކެވެ.

” ދޮންތަ އެކަންޏެއް ނުވާނެ ….. ދޮންތަބެ ވެސް މިހިރީއެއްނު. ” އިވުނުއަޑާއިއެކު އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލާލެވުނެވެ. އަހްމަދުގެ ކިބައިން ހައިރާންކަން ފެނިގެންދިޔައިރު ސިމްނާގެ ކިބައިން ފެނުނީ ލަދުވެތިކަމެވެ. އާދަންމަނިކާއި ސުލްތާނާ ތިބީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރާފައި ކަހަލަ ގޮތަކަށެވެ.

ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅުފަޓުލޫނެއްލައި ބެގީކޮށްލައިގެން ހުރި އެމީހާގެ އަތުގައި ދަބަހެއް ވެސް އޮތެވެ. އަވި އައިނެއް އަޅައި ހިނިތުން ވެލައިގެން ހުރި ޒުވާން ފުރައިގެ އެމީހާގެ ކިބައިން ފެންނަމުންދިޔައީ ފިރިހެންވަންތަ ކަމެވެ. ހެދިހުރި ކަސްރަތީ ހަށިގަނޑެކެވެ. ރީތިވަރަކަށް ތުނބުޅި ދިގުކޮށްލާފައި ހުރިއިރު އިސްތަށިގަނޑު ވެސް ހުރީ އާދައިގަ ވަރަކަށް ދިގުކޮށްފައެވެ. ޒިންމާދާރު ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ ކަހަލަ ހަރުދަނާ ސިފަތަކެއް އޭނާގެ ކިބައިން އަހްމަދަށް ފާހަގަވިއެވެ.

” މަންމާ! އެންމެ ފަހަރަކު ނަމަވެސް ނިކަން މި ސިމްނާ ކައިރީ ބުނެބަލަ އަހަރެންނާއި އިންނަން އެއްބަސްވާން. އޭރުން މަންމަމެން ބޭނުންވާ ކަހަލަ ޅީދަރިއެއް އަހަރެން ގެނެސްދޭނަން. މަންމަމެން ބުނެފިއްޔާ އޭނާ އެއްބަސްވާނެ. ” އައިގޮތަށް އައިސް ސުލްތާނާ ކައިރިއަށް ހުއްޓެމުން އާދޭސް ކުރާފަދައަކުން ނާހިލް ދެއްކި ވާހަކަތައް އަޑުއިވުމުން ސިމްނާގާތަށް ވެސް ހިނިއައެވެ. ނުހޭން ހުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

” މަންމަ ވެސް ދެކެން ވަރަށް ބޭނުން ދުވަހެއް ތީ …. އެކަމު …. އެއްވެސް ކަމެއްގައި ސިމްނާގެ މައްޗަށް ބަސް އިއްވާނެ ބައެއް ނޫން އަހަރުމެންނަކީ …. ދަރިފުޅުގެ ހިތްވަރެއް ހުރިއްޔާ ކާމިޔާބު ކުރަންވީ. އެ ދުވަހަކުން އެންމެ އުފާވާނެ އެކަކަށް ޔަގީނުން ވެސް މި މަންމަ ވާނެ. ” ހިތްވަރުދޭ ފަދައަކުން ނާހިލްގެ ބުރަކަށީގައި ފިރުމާލަމުން ސުލްތާނާ ވާހަކަ ދެއްކިއެވެ. އެކަމުގައި ހިތުގެ އަޑިން އޭނާ ގަބޫލުކުރާގޮތް ހާމަކުރިއެވެ.

” ނާހިލްގެ ތިޔަ ހުށަހެޅުން ހިތުގެ އަޑިން އަހަރެން ގަބޫލުކުރަން. އެކަމު ކައިވެންޏާއި ހަމައަށް ދެވޭނީ މިކަމުގައި އަހަރެން ބޭނުންވާ ކާމިޔާބަށް ދެވުނު ދުވަހަކުން. މައްސަލައެއް ނެތްތަ؟ ” ނާހިލާއި ދިމާއަށް އަންނަމުން ސިމްނާ ހިނިތުންވެލިއެވެ. ސިމްނާގެ މޫނުމަތިން ފެނުނު އުފަލާއި ހިތްހަމަޖެހުން ވެގެން ދިޔައީ އަހްމަދުގެ ހިތަށް ހަމަޖެހުން ގެނުވި ކަމަކަށެވެ. ދިމާވެގެން އުޅޭ ހާލަތުން އަރައި ގަތުމުގައި ސިމްނާއަށް އެހީތެރިކަމާއި އެއްބާރުލުންދީ ހިތްވަރު ދޭނެ އިތުރު މީހަކު ލިބުމަކީ އަހްމަދަށް ލިބުނު ވަރަށް ވެސް ބޮޑު އުފަލެކެވެ. ހިތްހަމަ ޖެހުމެކެވެ.

” ސުލްތާނާ ބުނިހެން ސިމްނާގެ ކޮންމެ ނިންމުމެއް އުފަލާއިއެކު އަހަރުމެން ބަލައިގަންނަން. އެކަމު ބައްޕައަށް ހީވަނީ ތިކަމުގައި ސިމްނާއަށް އެންމެ ރަނގަޅުވާނީ ނާހިލްއާއެކު ތިޔަ ދަތުރު ފެށުންހެން. ” ސުލްތާނާމެންގެ ވާހަކާގައި ބައިވެރިވަމުން އާދަންމަނިކު ވެސް އޭނާ ގަބޫލުކުރާގޮތް ހާމަކުރިއެވެ.

އަހްމަދު އެހެން ރަށަކަށް ބަދަލުވުމާއިއެކު ފަތޯނާގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަންފެށިއެވެ. ކެއިން ބުއިމާއި މަޑުމަޑުން ދުރުވަމުން ދިޔައިރު އެކަނި މާއެކަނި ހޭދަކުރާ ވަގުތުތައް ގިނަވަމުން ދިޔައެވެ. އޭނާގެ ކިބައިން ކުރިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން މަޑުމަޑުން ފިލައި ދިޔައެވެ. އަބަދުވެސް ހުންނަނީ ކޮންމެ ވެސް ފިކުރެއްގަ ކަހަލަ ގޮތަކަށެވެ.

ފަތޯނާއަށް އަންމުންދިޔަ ބަދަލުތައް ބަލާކަށް ޝާލޫއަކަށް ކެތެއް ނުވިއެވެ. ގޯހެއް ހިނގުމުގެ ކުރިން އިސްލާހަށް މަސައްކަތް ފެށިއެވެ. ދަރިފުޅަށް އަންނަމުންދިޔަ ބަދަލުތަކުގެ އަސްލު ހޯދަން މަސައްކަތް ކުރަމުން އެކަމުން އޭނާ ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިއެވެ. ހިތްވަރާއި ނަސޭހަތްދީ ކާމިޔާބުގެ އަސްލަކީ ކޮބައިކަން ހަނދާންކޮށްދޭން ފެށިއެވެ. ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަނެ އަނެއްކުނަށްޓަކައި ކޮއްދޭންޖެހޭ ކަންތައްތައް އިސްލާމްދީނުގައި އަންގަވާފައިވާކަން ވިސްނައިދިނެވެ. މިހާރުން މިހާރަށް ކުރެވޭން ހުރި މަސައްކަތްތައްކޮށް ކާމިޔާބަށް ވާސިލުވުމުގެ ހިތްވަރާއި ކެތްތެރިކަން ދަރިފުޅުގެ ކިބާގައި ހުންނާނެކަން މަންމައަށް ޔަގީންކަމަށް ބުންޏެވެ. ކޮންމެ ކަމެއްގައި އެންމެގާތު މަންމަ ހުންނާނެކަން ހަނދާންކޮށްދިނެވެ.

” ނިހާރާ ބަނޑުބޮޑު ….. އޭނާ ބުނީ އަހްމަދު ގަދަކަމުން އޭނާއާ ބެހުނީއޭ. އޭރު ވެސް ….. ” އިވުނު ހަބަރާއިއެކު ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ހަތަރެސްފައިން ވަރުދެރަވެ ބިންމައްޗަށް ތިރިވަމުން ދިޔަ އަލީ ނަޒީރަކަށް އިތުރު އެއްވެސް އެއްޗެއް އަޑެއް ނީވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.