ހެނދުނު ޝަމްއާންއަށް ހޭލެވުނީ މަންމަ ރޯއަޑަށެވެ. އަވަސްއަވަހަށް ވީކީއްތޯ ބަލާލުމަށް ކޮޓަރިން ބޭރަށް ނުކުތެވެ.

”ކިހިނެއްވީ މަންމާ” ޝަމްއާން ހައިރާންވެހުރެ އަހާލިއެވެ.

 

”އަނެއްކާވެސް މިރަށުން މީހުން މަރުވާންފެށީ” މަންމަ ރޮމުން ބުނެލިއެވެ.

”ކާކު މަރުވީ” ޝަމްއާން އަނެއްކާވެސް ސުވާލުކުރިއެވެ.

”ކަލޭގެ ޖިންނި އަނބިމީހާ މިރަށުން މީހުން މަރަނީ” ޝަމްއާންގެ މަންމަ ސަކީނާގެ ގާތަށް ރުޅިއައެވެ.

”އޭނ ! މަންމާ ދެން ކަލޭމެން ޒުމްރާއާއި ނުބެހޭތި” ޝަމްއާން އެހެން ބުނެފައި ބާރުބާރަށްގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ޝަމްއާން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.

****

އިރުއޮއްސެން ގާތްވީ ވަގުތެވެ. ޝަމްއާން ގޭތެރޭގައި ދެކޮޅަށް ހިނގާލަހިނގާލައި ހުއްޓެވެ. ޝަމްއާންގެ މަންމަމެން ދިޔައީ މިރޭގެ ކިޔެވެލި ކިޔަވާ ގަޑިއަށް ގޭތެރެއާއި ގޯތިތެރެ ތައްޔާރުކުރަމުންނެވެ. ޝަމްއާން ހުރީ އެކަމާ ހިތްހަމަނުޖެހި ހިތްނުތަނަވަސްވެފައެވެ. އިޝާ ނަމާދުން ފައިބައިގެން އައިސް އެހެން ރޭތަކެކޭވެސް އެއްގޮތަށް ގޯތިތެރޭގައި ހަސަންފުޅުމެން އެތުރިލިއެވެ. މާލަސްތަކެއްނުވެ ކިޔެވެލި ކިޔަވަން ފަށައިފިއެވެ. މިރޭ މުޅިގޯތިތެރޭގައި ވަނީ އެކިދިމަދިމާލުގައި އަލިފާން ރޯކޮށްފައެވެ. ކިޔެވެލީގެ ވަކި ހިސާބަކުން ޝަމްއާންގެ މަންމައާއި ބައްޕަވެސް ކިޔެވެލީގައި ބައިވެރިވިއެވެ. އެކަމަކު ޝަމްއާން ބައިވެރިއެއް ނުވެއެވެ. ޝަމްއާން މިރޭ ގެއިން ބޭރަކަށްވެސް ނުނިކުމެވެ.

”ދޭބަލަ ޝަމްއާން ގޮވައިގެން އަންނަން” ހަސަންފުޅު ސަކީނާ ގާތުގައި ބުނެލިއެވެ.

ހަސަންފުޅު އެހެންބުނުމާއި އެކު ސަކީނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ބާރުބާރަށްގޮސް ޝަމްއާންގެ ކޮޓަރީގެ ދޮރުހުޅުވާލިތަނާހެން ސަކީނާއަށް ލިބުނީ ހައިރާންކަމެކެވެ. ކޮޓަރިތެރޭގައި ޒުމްރާއާއި ޝަމްއާން ތިއްބެވެ.

”މަންމާ އަހަރެން މަރާނުލާ” ޒުމްރާ ރޯންފެށިއެވެ.

”ކޮން އާދޭހެއް ކުރާކަށް. ކަލޭ މިރޭ މަރާލާނަން” ސަކީނާގެ ހަރުކަށި ބަސްތައް އަމުނާލިއެވެ.

”ނޫން މަންމާ. އަހަރެން މިގެއަށް އަންނަން ޖެހުނީވެސް މަންމަމެންގެ ސަލާމަތަކަށް” ޒުމްރާ ބުނެލިއެވެ.

”ކަލެއަށް ކޮންކަމެއް ކުރެވޭނީ” ސަކީނާ ޖަވާބުދިނެވެ.

”މަންމަ އަޑުއަހާ، މަންމައާއި ބައްޕަ ދުރުކުރުވަން ބަޔަކު ފަންޑިތަ ހެދީ. އެކަމުންވެސް އަހަރެން މަންމަމެން ސަލާމަތްކުރީ. އަދި އެކަން ޝަމްއާނަށްވެސް ލައްވާލި. އެބަލީގައި ޝަމްއާނުގެ އަނބިމީހާވެސް މަރުވީ” ޒުމްރާ ހުރިހާ ވާހަކައެއް ކިޔާދެމުންދިޔައެވެ.

”ތީ ދޮގު. ޖިންނީން ތެދެއް ނުހަދާނެ” ސަކީނާ ބުނެލިއެވެ.

”މަންމަ ގަބޫލުކޮށްބަލަ. އަހަރެންގެ ހުރޭ ޝަމްއާންގެ ދަރިއެއްވެސް” ޒުމްރާ އާދޭސްކުރަން ފެށިއެވެ.

”އަހަރެން ޖިންނި ދަރިން ބޭނުމެއްނޫން. އަދި މިރޭ ކަލޭ މަރާލާނަން” އެހެން ބުނެފައި ސަކީނާ ޝަމްއާންގެ އަތުގައި ހިފެހެއްޓިއެވެ.

”މިރެއަކު ޝަމްއާންއަކަށް ނުދެވޭނެ” ޒުމްރާ ޝަމްއާންގެ ގައިގައި އޮޅުލައިގަތެވެ.

”ޝަމްއާން ގައިން ދޫކުރޭ” ސަކީނާގެ ހަޅޭކުގެ އަޑަށް ހަސަންފުޅު ދުވެފައި އައިސް ކޮޓަރިތެރެއަށް ވަނެވެ. އެއިރު ޝަމްއާން އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ޝަމްއާންގެ ހަށިގަނޑުން ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއްވެސް ފެންނަން ހުއްޓެވެ. ހަސަންފުޅުގެ ފަހަތުން ދުވެފައި އައި މީހުން އައިސް ޝަމްއާން ނަގައިގަނެގެން ގެންގޮސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ބޭއްވިއެވެ. ހަސަންފުޅު ކިޔަވަމުން ދިޔައެވެ.

”ކޮބާ ޖިންނި ޒުމްރާ” ހަސަންފުޅު ޝަމްއާންއާއި ސުވާލުކުރިއެވެ.

”ޒުމްރާ ގައިގައި ހުރީ އަލިފާން ހިފާފައި” ޝަމްއާން ޖަވާބުދެމުން ދިޔައެވެ.

”އޭނަ މިރޭ މަރާލާފައި ނޫނިއްޔާ ހުއްޓައެއްނުލާނަން” ހަސަންފުޅު ބުނެލިއެވެ.

”ކަލެއަށް ޒުމްރާ މަރައެއް ނުލެވޭނެ” އަނެއްކާވެސް ޝަމްއާން ބުނެލިއެވެ.

”އާނ ނިކަން ބަލަންހުންނާތި މަރާލާތަން” ހަސަންފުޅު ޖަވާބުދިނެވެ.

ހަސަންފުޅު އަޑުހަރުކޮށް ކިޔަވަމުން ގެންދިޔައެވެ. ޝަމްއާން ތެދުވަން އުޅުނެވެ. ނަމަވެސް ހަސަންފުޅުގެ އަމުރަށް އޭނާގެ ބައިވެރިން ޝަމްއާން ކޮޅަށްތެދުވިޔަ ނުދީ ހިފެހެއްޓިއެވެ.

”ކޮބާ މިހާރު ޒުމްރާ” އަނެއްކާވެސް ހަސަންފުޅު ސުވާލުކުރިއެވެ.

”އެއަނދާ ހުލިވަނީ” ޝަމްއާން ބުނެލިއެވެ.

ޝަމްއާން ޖޯލިން ތެދުވިއެވެ. ގައިގައި އެއްވެސް ހަކަތައެއް ނެތްކަހަލައެވެ. ދެއަތަށް ކިރިލަކިރިލާ ހުރީއެވެ. ހަސަންފުޅު ގޮސް ޝަމްއާނުގެ ގައިގައި ހިފެހެއްޓިއެވެ.

”ދެން އެކަންވެސް އެނިމުނީ” ހަސަންފުޅު ޝަމްއާނަށް ހިތްވަރު ދިނެވެ.

ޖަވާބުގައި ޝަމްއާން ބޯޖަހާލިއެވެ. ނަމަވެސް އެކަން އަދި ނުނިމޭކަން ޝަމްއާނަށް އެގުނަސް އެކަން ހާމަކުރާކަށް ޝަމްއާން ބޭނުމެއްނުވިއެވެ. ހަސަންފުޅު ޝަމްއާނުގެ ގައިގައި ހިފަހައްޓައިގެންގޮސް ކޮޓަރީގައި ބޭންދިއެވެ. އަދި ސަކީނާގެ ގާތުގައި ޝަމްއާން ރަނގަޅަށް ބަލާށޭ ބުނެފައި ގެއަށްދާން ހިނގައިގަތެވެ. ހަސަންފުޅު ދިއުމުން ޝަމްއާން އޮށޯތީ ނިދާލާށެވެ. ވެފައިވާ ވަރުބަލިން އޮށޯވެލިތަނާ ޝަމްއާނަށް ނިދިއްޖެއެވެ. ހެނދުނު ހޭލެވުނީ ސަކީނާ އައިސް ޝަމްއާނަށް ގޮވާލުމުންނެވެ. ޝަމްއާނަށް ހޭލެވުނު އިރުވެސް މުޅިގައިގައި ރިއްސައެވެ. ހިތްވަރުކޮށްލާފައި ގޮސް ފެންވަރައިގެން އައިސް ސައިބޯން އިށީނެވެ.

”ދަރިފުޅާ ދެން މިކަމުންވެސް ސަލާމަތްވީ” ސަކީނާ ޝަމްއާންގެ ބޮލުގައި ފިރުމާލިއެވެ.

ޖަވާބުގައި ބޯޖަހާލުން ފިޔަވައި އެއްވެސް ކަމެއް ޝަމްއާން ނުކުރެއެވެ. ސައިބޮއެގެންގޮސް އަނެއްކާވެސް ޝަމްއާން އޮށޯތީއެވެ. ދެން ހޭލެވުނީ އިރުއޮއްސުނުތަނާ ހެންނެވެ. އަވަސްއަވަހަށް ގިފިއްޔަށްވަދެ ފެންވަރާލައިގެން ގޯތިތެރެއަށް ނިކުތެވެ. ގޯތިތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝަމްއާންގޮސް ޖޯލިފަތީގައި އޮށޯތެވެ. މަޑުވައިރޯޅިއެއް ޖެހެމުން ދިޔައެވެ. ޝަމްއާން އައިސް ޖޯލީގައި އޮށޯތްތަނާހެން ޝަމްއާނުގެ ޖިންނި ދަރިފުޅު ނަޒާހާ އައިސް ޝަމްއާންގެ ގާތުގައި އިށީނެވެ. ނަޒާހާ އިނީ ފެންކަޅިވެފައެވެ. ނަޒާހާގެ މަންމަ މިދުނިޔެ ދޫކުރުމުގެ ހިތާމައިގައެވެ.

”މާމަ އެއީ ހާދަ ވިޔާނުދާ މީހެކޭ ދޯ” ނަޒާހާ ހުރީ ސަކީނާ ދެކެ ވަރަށް ރުޅިއައިސްފައެވެ.

”ނޫނޭ ދަރިފުޅާ. މާމަ ނަޒާހާ ދެކެ ވަރަށް ލޯބިވޭ” ޝަމްއާން ދަރިފުޅު ހިތްހަމަ ޖައްސައިދޭން އުޅުނެވެ.

”އޭ ކާކާއި ތިވާހަކަ ދައްކަނީ. މަންމަ ބުނީމެއްނު އިރުއޮއްސޭގަޑީގައި ބޭރުގައި ނޫޅޭށޭ” ސަކީނާގެ އަޑު އިވުމާއިއެކު ޝަމްއާން ދިޔައީ ސިއްސައިގެންނެވެ.

”އިރުކޮޅަކުން ދާނަން” ޝަމްއާން އެހެން ބުނުމާއި އެކު ސަކީނާ ޝަމްއާންގެ އަތުގައި ހިފެހެއްޓިއެވެ.

”އޭ މާމާ ބައްޕަ ނުގެންދޭ” ނަޒާހާގެ އަޑު އިވުމާއި އެކު ސަކީނާ ދިޔައީ ސިއްސައިގެންނެވެ. ސަކީނާ ފުރަގަހަށް އެނބުރި ބަލިއިރު ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ.

”ކަލޭތީ ކޮން ޖިންނިއެއް؟ ކޮން މާމައެކޭ ގޮވާކަށް. ކަލޭވެސް މަރަންވީ ދޯ” ސަކީނާ ނަޒާހާއި ގާތަށް ޖެހިލިއެވެ.

”މާމަމެން އަހަރެންގެ މަންމަ މަރައިލީވެސް އެހާ އަނިޔާވެރި ގޮތަކަށް” ނަޒާހާ ބުނެލިއެވެ.

”ކަލޭ މަންމައޭ؟ އެއީ ކާކު؟” ސަކީނާ ސުވާލުކުރިއެވެ.

”އެއީ ޒުމްރާ. ޝަމްއާން އެއީ އަހަރެންގެ ބައްޕަ” ނަޒާހާ ބުނެލިއެވެ.

”ޝަމްއާން ! ކަލެއަށް ޖިންނި ދަރިއެއްވެސް ލިބުނީތަ” ސަކީނާ ހުރީ ހައިރާންވެފައެވެ.

”އާނ މިއީ ޖިންނި ކުއްޖެއް. ދެން އަހަރެންވެސް މަރާލާ” ޝަމްއާން ވާހަކަ ދެއްކުމުގެ ކުރިން ނަޒާހާ ޖަވާބުދިނެވެ.

”ނޫން. މާމަ ނަޒާހާ މަރާ ނުލާނަން” ސަކީނާ ގޮސް ނަޒާހާގެ ގައިގައި އޮޅުލައިގަތެވެ.

”ހިނގާ އެތެރެއަށްދާން. އެއްވެސް މީހެއް ގާތުގައި ނުބުނާތި ތިއީ ޖިންނި ކުއްޖެކޭ” ނަޒާހާ އުރައިލަމުން ސަކީނާ ބުނެލިއެވެ.

ސަކީނާ ގޭތެރެއަށް ވަންއިރު ޝަމްއާންގެ ބައްޕަވެސް ހުއްޓެވެ.

”ބަލަ ތިއީ ކޮން ކުއްޖެއް” ޝަމްއާންގެ ބައްޕަ ސަކީނާ އާއި ސުވާލު ކުރިއެވެ.

”މިއީ ޝަމްއާން އާއި ޒުމްރާގެ ދަރިއެއް” ސަކީނާ ޖަވާބު ދިނެވެ.

”ޖިންނި ކުއްޖެއް ދޯ” ޝަމްއާންގެ ބައްޕަ ބުނެލިއެވެ.

”ދެން އެހެން ނުކިޔާ. ނަޒާހާ ދެރަވާނެދޯ” ސަކީނާ ނަޒާހާގެ ކޮލުގައި ހިފައިލިއެވެ.

ސަކީނާ މެން ވާހަކަ ދައްކަން ތިއްބާ ޝަމްއާން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ނަޒާހާވެސް ގޮނޑީގައި އިށީނެވެ.

”މިހުރީ ބޭބޭ ޔަމީން” ސަކީނާ ނަޒާހާއަށް ޝަމްއާންގެ ދޮށީ ދަރިފުޅު ތަޢާރަފް ކޮއްދިނެވެ.

”އަހަރެން ކުރިންވެސް ބޭބެ ދަންނަން. ބައެއް ދުވަސް ދުވަހު ކުޅެންވެސް އުޅެން” ނަޒާހާ ބުނެލިއެވެ.

”ދެން މިގޭގައި ހުންނަން ވާނީ” ސަކީނާ ނަޒާހާގެ ކިބައިން އެދުނެވެ.

”ނޫން. އަހަރެން ބިރުގަނޭ. މާމަމެން އަހަރެން މަރާލަފާނެ. މަންމަވެސް ވަރަށް އަނިޔާ ލިބިފައި މަރުވެގެން ދިޔައީވެސް” ނަޒާހާ އަށް ރޮވެން ފެށުމާއި އެކު ސަކީނާ އައިސް ނަޒާހާ އުރައިލިއެވެ. ސަކީނާއަށް ވެސް ހުރީ ރޮވިފައެވެ.

”އަހަރެން ދިޔަޔަސް ކޮންމެ މިލަހަނދުވަރެއްގައި އަހަރެން އަންނާނަން” ނަޒާހާ އަނެއްކާވެސް ބުނެލިއެވެ.

ބޭރުން މީހަކު ސަލާމް ގޮވައި ލުމާއިއެކު ނަޒާހާ ސިހިގެން ދިޔައެވެ. އަދި ސަކީނާގެ ގައިގައި ބާރަށް ބައްދައިލިއެވެ.

”ކިހިނެތްވީ ދަރިފުޅާ” ސަކީނާ ސުވާލު ކުރިއެވެ.

”އެއީ ހަސަންފުޅު. މާމަ އަހަރެން މަރާނުލައްޗޭ” ނަޒާހާ ރޯން ފެށިއެވެ.

ސަކީނާ ނަޒާހާ ޝާމްއާން އާއި ހަވާލުކޮއްފައި ގޮސް ދޮރު ހުޅުވިއެވެ. ތެދެކެވެ. ކުރިމަތީ ގައި ހުރީ ހަސަންފުޅެވެ. ސަކީނާ ކުޑަކޮށް ބިރުގެންފިއެވެ.

”ފުރަން މިދަނީ. ޖިންނީ ކަމެއް ދިމާވެއްޖެއްޔާ އަންގާލާތި” ހަސަންފުޅު ބުނެލިއެވެ.

”އާނ. ދެން މިގެއަކު ނޫޅޭނެ ޖިންނިއެއް” ހަސަންފުޅު އަވަހަށް ފޮނުވާލެވޭތޯ ސަކީނާ އުޅުނެވެ. ސަކީނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ހަސަންފުޅު ދާން ހިނގައިގަތުމުންނެވެ.

”މާމަ އަހަރެންވެސް ދެން ދަނީ. ކޮންމެ މިލަހަނދުވަރު ދޭ ރެއެއްގައި އަހަރެން އަންނާނަން” ނަޒާހާ ބޭރަށް ނިކުތްތަނާހެން ގެއްލިއްޖެއެވެ. ސަކީނާ ރޯން ފެށިއެވެ. އެކަމަކު ދެން ކުރާނެކަމެއް ނެތެވެ.

( ނިމުނީ )

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު އީމާން
މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް