ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ކުރިއަށް ގެންދާ ލަވައަށް ރިކްއެސްޓްކުރުމުގެ ޕްރޮގްރާމުގައި އެހުންތެރިންނަށް ހިތްގައިމު ލަވައެއް ގެނެސްދިނުމަށް ޑާކް ރެެއިންޑާކް ރެއިން އެންޓަޓެއިންމެންޓުން ބާރު ސްޕީޑްގައި ޝޫޓްކުރަމުން އަންނަަ “ގިރިޓީ ލޯބި” ވެބް ސީރީޒްގެ ލަވަ ‘ދީފާ’ ދޫކޮށްލީމެވެ.

“ކޮން ލަވައެއް؟”ގެ ނަމުގައި ގެނެސްދެމުން އަންނަ މި ޕްރޮގްރާމުގެ މިއަދުގެ އެޕިސޯޑްގައި ‘ދީފާ’ ގެނެސްދިނުމުން އެހުންތެރިން ފާހަގަކުރީ ‘ދީފާ’ އަކީ ޑާކް ރެއިންގެ “ގިރިޓީ ލޯބި“ން އެހުންތެރިންނަށް ދީފައިވާ ރީތި ހަދިޔާއެއް ކަމަށެވެ.

ގިރިޓީ ލޯބި” ވެބް ސީރީޒްގެ ‘ދީފާ’ ލަވަ ތަފާތުވެފައި ހިތްގައިމެކެވެ. ހިންދީ މިއުޒިކްގެ ސްޓައިލާއި ހުޅަނގުގެ މިއުޒިކްގެ ސްޓައިލް މަސްހުނިކޮށްލައިގެން އުފައްދާފައި މި ލަވައިގެ ޅެމާއި މިއުޒިކް ހަދައި، ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުالله އަބްދުލް ފައްތާހު (ފަތޯ) އެވެ.

މި ލަވައިގެ އިތުރުން، އަންނަ ހަފްތާގެ ހޯމަ ދުވަހު މި ސީރީޒްގެ ދެވަނަ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލަން ވެސް ޑާކް ރެއިން އިން ތިބީ ތައްޔާރަށެވެ.

ގިރިޓީ ލޯބި“ ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ގިރިޓީ ލޯބި”ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.

މަޑުޖެހުމެއް ނެތި ފިލްމީ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ ލޯބީގެ ފިލްމު ”ނޮވެމްބަރ“ އޮތީ ހުރިހައި މަސައްކަތެއް ނިމި އަޅުވަން ތައްޔާރުކޮށްފައެވެ. މީގެ އިތުރުން އެ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު ”ބަޅިނދު”ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާގެ ފުރަތަމަ ފިލްމު ”ބީވީމާާ“ގެ މަސައްކަތްތައްވެސް ނިމުމަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.