“ނަމްބަރު ބަދަލު ކޮށްފަ ނުދިނީ ކީއްވެ؟” ޝާރިފްގެ ރާގުގައި ވަނީ ޝަކުވާ އެވެ. އެވަގުތު ޝާރިފްގެ ކަންފަތްމަތީގައި އެތިފަހަރެއް އަޅާފާނަމޭ ޒާޔާ ހިތަށް އެރިއެވެ. އެންމެ ފަހަރަކުވެސް ޒާޔާގެ ހާލު އަހާލިއްޔާ ވާނީ ކީއް ހެއްޔެވެ؟ މި ހުރިހާ ދުވަހު ޒާޔާ އުޅުނީ ކިހިނެއްތޯ ވެސް އަހާލުން ޝާރިފްއަކަށް މުހިއްމެއް ނުވިއެވެ. ޝާރިފްގެ މޫނަށް ބަލަން ހުރެ ޒާޔާގެ ހިތުން ކިތަންމެ އެއްޗެއް ކިޔި ކަމުގައިވިޔަސް ދުލާއި ހަމައަށް އެއްވެސް ލަފްޒެއް ނައެވެ. ވީ ދެރައިން ހިތަށް ތަދު ވުމާއެކުވެސް ޒާޔާ ޝާރިފްގެ މޭތެރެއަށް ވަނެވެ.
“ޖަވާބު ދީބަލަ. ކީއްވެހޭ މަށަށް ނަމްބަރު ނުދެނީ.” ޝާރިފް ހަރުކަށިކަމާއެކު ސުވާލު ތަކުރާރުކޮށްލި އެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒާޔާ އަތުގައި އޮތް ޕެކިން ޝާރިފްއަށް ދިއްކޮށްލިއެވެ. ޝާރިފް ހިނިތުންވެލަމުން އޭގައި ހިފުމާއެކު ޒާޔާގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބިގެންދިޔައެވެ. ޝާރިފްގެ މޫނުން އުފާވެރިކަން ފެނުނީމައެވެ.
“ލޯބިތަ؟” ޒާޔާ ޝާރިފްގެ އަތުގައި ހިފަހައްޓާލިއެވެ.
“ވަރަށް. އެކަމަކު މަގޭ މަންމައަށް ފެނިއްޖެއްޔާ ރުޅި އަންނާނެ މިކަހަލަ އެއްޗެހި އަތުގައި އަޅާފައި ހުންނަންޏާ.” ޝާރިފް އޭނާގެ އަތުގައި ޕެކިން އަޅާލިއެވެ.
ވެދާނެއެވެ. ދިލާގެ ސުވާލެއް އައިސްފާނެތީ ޝާރިފް އެހެން ބުނީއެވެ.
“އޯކޭ. ތީތި ނޭޅިޔަސް އެއްލާ ނުލާ ގެންގުޅެނިކޮށް.” ޒާޔާ ވާހަކަ ދެއްކީ ހިތާއި ދެކޮޅަށެވެ. ޝާރިފްގެ އަތުގައި އެ ޕެކިން އަޅާފައި އޮއްވާ ފެނުމުން ޒާޔާ ވަރަށް އުފާވާނެއެވެ. ނަމަވެސް ޒާޔާ ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވާނެކަން އެނގެއެވެ.
“ދަނީ.” ޒާޔާ ހިނގައިގަތެވެ. ނަމަވެސް ޝާރިފް ޒާޔާގެ އަތުގައި ހިފެހެއްޓިއެވެ.
“ނަމްބަރު ދީ.” ޝާރިފް އަނެއްކާވެސް ބުނެލިއެވެ.
“ނަމްބަރު ނުދޭނަން.” އެހާ ހަރުކޮށިކޮށް ޖަވާބުދޭނެ ހިތްވަރު ލިބުނީތީ ޚުދު ޒާޔާވެސް ހުރީ ހައިރާންވެފައެވެ. ޝާރިފް ޒާޔާގެ އަތުން ދޫކޮށްލިއެވެ. އަދި ބަލާވެސް ނުލާ ސައިކަލަށް އަރާ ދުއްވާލިއެވެ. ޒާޔާގެ ހިތަކަށް ޝާރިފް ޒާޔާ ދެކެ ރުޅި އައިސްގެންދާ މަންޒަރު ބަލާކަށް ކެތެއްނުވިއެވެ.
އަވަސް އަވަހަށް ގެޔަށްވަދެ މެސެންޖަރ އިން ޝާރިފްއަަށް މެސެޖްކޮށްލިއެވެ.
“މި ޕެކިން މަށެއް ބޭނުމެއްނޫން. ބަލާ އާދޭ.” ޝާރިފް ފޮނުވާލި މެސެޖުން ޒާޔާގެ ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ނަމަވެސް ޒާޔާ އަނެއްކާވެސް ބޭރަށް ނިކުތެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އެތެރެއަށް ހިންދާލަމުންނެވެ.
“ކީއްވެ؟ ޝާރިފް ތީތި ބޭނުންނެތީ ކީއްވެ؟” ޝާރިފް އިށީނދެގެން އިން ޖޯލީގެ ތިރީގައި ޒާޔާ ކުޑަ ކަކޫ ޖަހާލިއެވެ.
ޝާރިފް އެއްވެސް އެއްޗެއް ނުބުނެ ޕެކިން ޒާޔާ އަށް ދިއްކޮށްލިއެވެ.
ނަމަވެސް ޒާޔާ އާދޭސްކުރި އެވެ. ޒާޔާ އެހާ ލޯބިން ދިން އެއްޗެއް އަނބުރާ ނުދިނުމަށެވެ.
“މަގޭ ނަމްބަރު ދޭނަމޭ.” ޝާރިފް ރުޅި އައިސްގެން އެ އުޅެނީ ނަމްބަރު ނުދީގެން ކަން ޒާޔާ އަށް އެނގެއެވެ.
“ދެން މަށެއް ޒާޔާގެ ނަމްބަރެއް ބޭނުމެއް ނޫން.” ޝާރިފް އުޅުނީ ތެދުވެގެން ދާށެވެ. ޒާޔާ ހުރީއެވެ. ބަލަހައްޓައިގެންނެވެ. އެއީ ހަމަ ޒާޔާ ދެކެ އެހާ ލޯބިވާ ޝާރިފް ހެއްޔެވެ؟ ޒާޔާ ހިތުގައި ޖައްސާފައި ދާން ޝާރިފްއަށް ކެރިއްޖެ ހެއްޔެވެ؟
ޒާޔާ ދުވެފައި ގޮސް ގޭތެރެއަށް ވަނީ ޝާރިފް ކުރިމަތީގައި ނުރޯންވެގެންނެވެ.
އެނދުމައްޗަށް ވެއްޓި އޮވެ ހިތް ފުރެންދެން ރުއިމަށްފަހު ޒާޔާ ޝާރިފްގެ ނަމްބަރަށް ގުޅާލިއެވެ.
“ސޮރީ. މީ މަގޭ ނަމްބަރު.” ޒާޔާ ވާހަކަ ދެއްކިއިރުވެސް ޒާޔާ އަށް ރޮވެނީއެވެ.
“ސޮރީ. ދެވަނަ ފަހަރަށް ޒާޔާ ބޭރަށް ނެރުނީ ޕެކިން ދޭކަށް ނޫން. ނަމްބަރު ބޭނުންވާތީ.” ޝާރިފް ބުނެލިއެވެ. އަނެއްކާވެސް ޝާރިފްގެ ފަށުވި ލަފްޒުތަކުން ޒާޔާ ހިތް އުފާކޮށްލަ ދީފިއެވެ. އެތައް އިރެއް ވާންދެން ވާހަކަ ދައްކަން ތިބުމަށްފަހު ޒާޔާ ފޯނު ބޭއްވީ އުފަލުންނެވެ. ކަރުނައިގެ އެއްވެސް އަސަރެއް އެ ދެ ލޮލުގައި ފެންނާކަށްވެސް ނެތެވެ.
މިހާރު ޒާޔާ އެހުރީ އުފަލުންނެވެ. ޝާރިފް ޒާޔާ ކައިިރިއަށް އަންނާތީއެވެ.
ހަމަހިމޭން އެދަންވަރުގައި މުޅި ދުނިޔެ ނިދާފައިވާއިރު ޒާޔާ އޮތީ ޝާރިފްގެ މޫނަށް ބަލަހައްޓައިގެންނެވެ.
“މި ގުޅުމަށް ދޭނީ ކޮން ނަމެއްތަ؟” ޒާޔާގެ ގައިމަތީގައި އޮތް ޝާރިފްގެ ހަށިގަނޑުގައި ޒާާޔާ ބައްދާލީ ލޯބިންނެވެ.
“ލޯބި. ޒާޔާ ދެކެ އަހަރެން ވަރަށް ލޯބިވޭ. އަބަދުވެސް ލޯބިވާނަން. ދުވަހަކުވެސް ޒާޔާ މަތިން ހަނދާން ނުނެތޭނެ.” ޝާރިފް ޒާޔާގެ ނިއްކުރީގައި ބޮސް ދިނެވެ.
“ދެން ދިލާ އޯ. ޝާރިފް ދިލާ ދެކެވެސް ލޯބިވޭނު.” ޒާޔާ ދިލާގެ ވާހަކަ ދެއްކީ ޝާރިފް ބުނަނީ ކީކޭތޯ ބަލާށެވެ.
“ދިލާ ދެކެ ލޯބިވޭ. އެކަމަކު ޒާޔާ ދެކެ ވާ ވަރަކަށް ނުވޭ.” ޝާރިފްގެ ޖަވާބު ޒާޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ބައެއް ފަހަރު ޒާޔާގެ ހިތް ބުނެއެވެ. ޒާޔާ ކައިރީގައި ދޮގު ހަދާނަމަ ޝާރިފް ދިލާ ދެކެ ލޯބިވެއެކޭ ނުބުނާނެ ނޫންހެއްޔެވެ؟ އެކަމަކު ޝާރިފްއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ދިލާ ދެކެ ލޯބިވޭ ބުނާ ކޮންމެ ފަހަރަކު ޒާޔާގެ ހިތަށް ތަދުވެއެވެ. ޝާރިފްގެ ކުރިމަތީގައި ހެވިފައި ހުންނަނީ އެންމެ ފަހަރަކުވެސް ޒާޔާގެ ހިތުގައި އަޅާ ވޭން ޝާރިފްއަށް އިޙްސާސް ވާނެ ކަމަށެވެ.
“ޝާރިފް. ކީއްވެ އެހާ އަޅާނުލަނީ މަށަށް.” ޒާޔާ ޝާރިފްގެ ފުން ދެލޮލަށް ބަލަހައްޓައިގެން އޮތެވެ.
“އަޅާލަމެއްނު. ޒާޔާއަށް ކީއްވެ އެހެން ހީވަނީ އަހަރެން އަޅައެއްނުލައޭ.” ޝާރިފް ޒާޔާގެ ފަންއިސްތަށިގަނޑުގައި ފިރުމާލިއެވެ.
“ދެން ނޭނގެ.” ޚަޤީޤަތުގައިވެސް ޒާޔާ ވަރަށް ދެރަވެއްޖެއެވެ. ޒާޔާގެ ހިތުގެ އުދާސްތައް އިތުރަށް ޝާރިފްގެ ކުރިމަތީގައި ބޭރުކުރާނީ ކިހިނެއް ކަމެއް ޒާޔާއަކަށް ނުވިސްނުނެވެ.
“ދެން ހިނގާ ދާން ދޯ.” ޝާރިފް ޒާޔާގެ ތުންފަތުގައި ތުންފަތް ޖައްސާލިއެވެ. ވަރަށް ލޯބިންނެވެ. އެހާމެ މަޑުމަޑުންނެވެ.
ޒާޔާ ބޯޖަހާލީ ހިތާއި ދެކޮޅަށެވެ.
“ރުޅި އައިއްސަތަ؟” ޒާޔާގެ ހިމޭންކަން ޝާރިފްއަށް ސިފަކުރެވުނީ ރުޅިއައިސްފައި ހުރި ކަމަށެވެ. ނޫނެކެވެ. ރުޅިއެއް ނާދެއެވެ. ޝާރިފްދެކެ ދުވަހަކު ރުޅިއެއް ނުވެސް އާދެވޭނެއެވެ. ވަނީ ދެރައެވެ. ހިތުގައި އަޅާ ވޭންތައް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ޝާރިފް ޒާޔާގެ މީހަކަށް ވަނީ ހުވަފެނުގައި އެކަންޏެވެ. ހުންނަން ޖެހެނީ އެންމެ ދުރުގައެވެ. ޒާޔާ ހިނިތުންވެލީ ޝާރިފްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
“މި ގުޅަނީ އިނގޭ.” ޒާޔާގެ ކޮލުގައި ހިފާލުމަށްފަހު ޝާރިފް ކޮޓަރިން ނިކުތެވެ.
އާ ދުވަހަކަށް އިރު ފެނުން މައްޗަށް ހިއްލާލިއިރު ޒާޔާ އިނީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައެވެ.
ޝާރިފް ނިދަން ދިއުމަށްފަހުގައިވެސް ޒާޔާގެ ލޮލަށް ނިދި ނައީއެވެ. އިރު އެރުމުން ޒާޔާ ހިނގާލާފައި ގޮސް އެޖޯލީގައި އިށީނީ ޝާރިފް އާއި ދޭތެރޭގައި މާގަދައަށް ވިސްނޭތީއެވެ. ޒާޔާ ބޭނުންވަނީ ޝާރިފްގެ އަނބިމީހާގެ މަޤާމެވެ. ތަންމަތި ފަޅުވިލަދޭކަށް ނޫނެވެ.
“ދަރިފުޅު މިތާގަތަ؟ ޒިޔަލް އެބަ ރޮއެޔޭ. ހުންވެސް އައިއްސަ އޮތީ. މަންމަ އަތްލިޔަވެސް ނުދިން.” ޒާޔާ ތެދުވެގެން ދުއްވައިގަތީ ފާއިޒާގެ ވާހަކަ ރަނގަޅަށް ނުނިމެނީހެވެ.
“ހެލްތް ސެންޓަރ އަށް ގެންދަން މަންމައަށް ފެންނަނީ.” ޒާޔާ ޒިޔަލް އުރައިގެން ހުރިއިރުވެސް ޒިޔަލް ރޮނީއެވެ.
“ހުއްޓާާލާ ދޫނީ.” ޒާޔާ ހިނގައިގަތީ ޑޮކްޓަރަށް ދައްކަން ދިއުމަށެވެ.
ހެނދުނުގެ ވަގުތު ކަމުން މަގުތައް ވަރަށް އަމާނެވެ. ޒިޔަލް އުރާލައިގެން ޒާޔާ ހިނގަމުން ދިޔައީ ފުދޭވަރަށް ބާރަށެވެ. އެވަގުތު ކަންފަތުގައި ޖެހުނު ސައިކަލްގެ އަޑުން ޒާޔާ އަށް ބަލާލެވުނީ ކަންފަތަށް އިވެމުންދިޔަ އަޑަކީ ތެދެއްކަން ޤަބޫލު ނުކުރެވިގެންނެވެ. އާއެކެވެ. އެ ހަމަ ޝާރިފްގެ ސައިކަލްގެ އަޑެވެ. ދުއްވަން އިނީ ޝާރިފްއެވެ. އެކަމަކު ޒާޔާ މައްޗަށް ޝާރިފް އޮތީ ނިދާފައެވެ. އޮފީސް ބޭގް އަޅުވާލައިގެން ޝާރިފްގެ ގައިގައި ބައްދާލައިގެން އިން ދިލާ ފެނިފައި ޒާޔާ އަވަސް އަވަހަަށް މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ނަސީބެކެވެ. ޝާރިފްއަށް ޒާޔާ ނުފެނުނުކަމެވެ. ފެނުނަ ނަމަ ޝާރިފް ދެން އިތުރަށް ހަދާނެ ދޮގެއް ނޯންނާނެ ނޫން ހެއްޔެވެ.؟
ޑޮކްޓަރަށް ދެއްކުމަށްފަހު ޒާޔާ ގެޔަށް އައި މަގުމަތީގައި ޒިޔަލް އަށް އޮތީ ނިދިފައެވެ. ޒާޔާ ޒިޔަލް އެނދުމަތީގައި ބާއްވާލުމަށްފަހު ފޯނު ނެގިއެވެ. ޝާރިފް ދެކެ އައި ރުޅީގައި ޝާރިފްގެ ނަމްބަރުވެސް ފޯނުން ޑިލީޓް ކޮށްލިއެވެ. ޒާޔާ ކިހާ މޮޔަހެއްޔެވެ؟ ޝާރިފްގެ ނަމްބަރު ޒާޔާ ހިތުދަހެވެ. ހިތުން އެނަމްބަރު ފޮހެލާނީ ކިހިނެއް ހެއްޔެވެ؟ އެ ހުރިހާ ފޮނި ހަނދާންތަކެއް ފޮހެލާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ މިރަށަށް ނާދެވުނު ނަމައޭ ކިތަންމެ ފަހަރަކު ޒާޔާގެ ހިތަށް އަރައެވެ. ނަމަވެސް ތަޤުދީރުގައި ލިޔެފައިވާ ކަމެއް ބަދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟
މެންދުރުގެ އެންމެ ހޫނުގަދަ ގަޑީގައި ޒާޔާ ނިކުތީ ފެންވަރާލައިގެންނެވެ. ރަނގަޅަށް ފެންވެސް ނުހިއްކާ ޒާޔާ ގުޅާލީ އެއާޕޯޓަށެވެ. މާލެ ދިއުމަށް ޓިކެޓް ބުކް ކުރުމަށްފަހު ފޯނު ބޭއްވިތަނާ ޝާރިފް ގުޅަން ފެށިއެވެ. ވަގުތުން ޒާޔާ ފޯނު ނަގާ ހޫރާލިއެވެ. ހެނދުނު ޝާރިފްއާއި ދިލާ ތިބިގޮތް ލޯ މައްޗަށް އެވަގުތު ސިފަވެގެން ވެސް ދިޔައެވެ. ދެން އިތުރަކަށް ޝާރިފް ޒާޔާ އާ ދައްކަން ޖެހޭނެ ވާހަކައެއްވެސް ނޯންނާނެއެވެ. ނުވާ ލޯތްބެއް ދައްކަން ގުޅަންވީ ކީއްކުރަން ހެއްޔެވެ؟ ޝާރިފް އެގޮތަށް ކަންތައް ކުރާއިރު ޒާޔާ އަށް ޝާރިފްއާއި ނުލާ ނޫޅެވެންވީ ވަކި ކީއްވެ ހެއްޔެވެ؟ ތަކުރާރުކޮށް އެތައް ފަހަރަކު ޝާރިފް ގުޅި ނަމަވެސް ޒާޔާ ފޯނަކަށް ޖަވާބެއް ނުދިނެއެވެ. ހިތާއި ދެކޮޅަށެވެ.
އެދުވަހު ރާއިދު ރަށަށް އައިކަންވެސް އެއީ ޒާޔާގެ ނަސީބެވެ. ފޫހިވާނެ އެއްވެސް ވަގުތެއް އޭރުން ޒާޔާއަކަށް ނޯންނާނެއެވެ.
އޭރުން އަބަދުވެސް ޒާޔާގެ ކައިރީގައި ރާއިދު ހުންނާނެއެވެ.
“ނިންޖެއް ނާދޭތަ؟” ޖޯލިފަތީގައި ފުރާ ފުރިހަމަވެފައިވާ ހަނދަށް ނަޒަރު ހުއްޓައިލައިގެން އޮތް ޒާޔާ އަކަށް ރާއިދުގެ އަޑެއް ނީވުނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ޝާރިފްގެ ޚިޔާލުތަކުން ވަނީ ޒާޔާގެ ހިތާއި ސިކުނޑި ހައްޔަރުކޮށްލާފައެވެ. ހަނދާނަށް އަންނަމުން ދިޔައީ ޒާޔާގެ ހަޔާތަށް ޝާރިފް ގެނެސްދިން އުފާވެރި ދުވަހެއްގެ ހަނދާނެވެ. އެހާ ބުރަކޮށް ޒާޔާ ގޭތެރޭގައި އުޅެމުންވެސް ޒާޔާ ބޭރަށް ނިކުތީ ޝާރިފްގެ އެދުމަށެވެ. ޝާރިފްގެ ބޭނުމަކަށްވީ ޒާޔާއަށް އެރީތި ހަނދު ދެއްކުމެވެ.
މިރޭވެސް ހަމަ އެހަނދެވެ. އެކަމަކު ޝާރިފްއެއް ނެތެވެ.
“ޒާޔާ؟” ރާއިދު ޒާޔާގެ ކައިރިއަށް ހުއްޓި ޒާޔާގެ އަތުގައި ހިފުމާއެކު ޒާޔާ ދިޔައީ ސިއްސައިގެންނެވެ.
“ކީކޭ. ނިދަން ދާންވީދޯ.” ޒާޔާ އަވަސް އަވަހަށް އިށީންދެގެން އިން ޖޯލިން ތެދުވިއެވެ.
“ޒާޔާ.؟” ރާއިދު ޒާޔާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ހުއްޓުނު ނަމަވެސް ޒާޔާ ހުރީއެވެ. ރާއިދުއަށް ފުރަގަސްދީގެންނެވެ.
“ހާދަ މިސްވެޔޭ ކުރީގެ ޒާޔާ.” ހާމައަށް އޮތް ޒާޔާގެ ކޮނޑުގައި ރާއިދު ދަތްދޮޅި ޖައްސާލިއެވެ. ޒާޔާއަށް ޖެހެވުނީ ދުރަށެވެ. ރާއިދު ދެރަވާނެކަން އިނގެއެވެ.
-މާފްކުރާށެވެ. މިވަގުތު އަހަރެންގެ ހިތަށް ހަމަޖެހުމެއް ނެތެވެ.- ޒާޔާ ވާހަކަދައްކަމުން ދިޔައީ ހިތުންނެވެ. ރާއިދު ކުރިމަތީގައި ޒާޔާގެ ހިތް ހުޅުވާލާނެހާ ހިތްވަރެއް ޒާޔާގެ ނެތެވެ.
“ހިފާބަލަ.” ރާއިދުގެ އަބަދުވެސް އާދައެވެ. ޒާޔާ ރާއިދު އާއި ދުރުވެއްޖެއްޔާ ކުރިމަތީގައި ހުރެ އަތް ދިއްކޮށްލައެވެ. މިއަދުވެސް ރާއިދު އެހުރީ ޒާޔާގެ ކުރިމަތީގައި އަތް ދިއްކޮށްލައިގެން ސީދާ ޒާޔާގެ ލޮލަަށް ބަލަހައްޓައިގެންނެވެ.
އިސްއުފުލާލަމުން ޒާޔާ ރާއިދުގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންްވެލަމުން ރާއިދުގެ އަތު ތެރޭގައި އަތް ބާއްވާލިއެވެ.
ރާއިދު ހުރީ އެވަގުތުގެ އިންތިޒާރުގައި ކަހަލައެވެ. ޒާޔާގެ އަތުގައި ހިފައި ކުއްލިއެއް ޖެހުމާއެކު ޒާޔާ އޮތީ ރާއިދުގެ އަތުތެރޭގައެވެ.
“މާލެ ދަނީތަ؟” ޒާޔާ އެކަކު ކައިރީގައިވެސް ނުބުނާ ވާހަކައެއް ރާއިދުއަަށް އެނގުމުން ޒާޔާއަށް ބަލާލެވުނީ ސިހިފައެވެ.
“ސަޕްރައިޒް ވީތަ؟ މަށަށް އެނގުނީމަ. ރިޒަވޭޝަން ނަމްބަރ އެބައިން ފޯނަށް އައިއްސަ.” ރާއިދު ހިނިތުންވެލުމާއެކު ޒާޔާ މޫނު އަނބުރާލީ ދުރަށެވެ.
“ދާން މަޖުބޫރޭ.” ޒާޔާގެ އަޑުގައިވަނީ އާދަޔާ ޚިލާފް ރިހުމެކެވެ.
“ކަމެއްވީތަ؟ ކީއްވެތަ ޒާޔާ މޫޑީވެފަ ތިހުންނަނީ. މަށަށް ޒާޔާ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ؟” ޒާޔާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރު ރާއިދު ހުރީ ބަލާށެވެ.
“ނުވޭ ކަމެއް. މަޖުބޫރުވީއޭ މިބުނީ ޒިޔަލްއަށްޓަކާ. މިތަނުގައި އެއްވެސް ވަރަކަށް ކިޔެވުން ރަނގަޅެއް ނޫން. އެހެންނޫނަސް މިތަނުގައި މުޅި އުމުރަށް ދިރިއުޅޭ ގޮތަކަށް ނޫން ދޯ އައީ އެއް.” ޒާޔާ ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނުމާއެކު ފަހަތުން ރާއިދުވެސް ވަނެވެ.
“ބޮލުގައި ރިއްސާ ވަރަށް އެބަ. ހިނގާ ނިދަން.” ޒާޔާ ވާހަކަދެއްކީ ރާއިދުގެ މޫނަށް ބަލާވެސްނުލައެވެ. ރާއިދުގެ މޫނުމަތިންނާއި ހަރަކާތްތައް ހުރިގޮތުން ރާއިދު އެހުރީ ޒާޔާ އަށް ބޭނުންވެފައިކަން ޒާޔާއަށް ހަމަރަނގަޅަށްވެސް އެނގެއެވެ. ނަމަވެސް ރާއިދު ކުރިމަތީގައި އެއްވެސް ކަމެއް ނޭނގޭ ކަމަށް ޒާޔާ ހެދީއެވެ.
ނިދާ ބޮކި ޖައްސާލުމަށްފަހު ޒާޔާ އޮށޯވެ ދެލޯ މަރާ ބާރުކޮށްލިއިރު ވެސް ރާއިދު އޮތީ ބަލާށެވެ. ނުބުންޏަސް ޒާޔާއަށް ކަމެއްވެއްޖެކަން ރާއިދުއަށް ވިސްނުނެވެ. ފުން ވިސްނުމެއްގައި އޮވެގެން ރާއިދުވެސް އެނދުމަތީގައި ހަށިގަނޑު ދަމާލިއެވެ.
ޝާރިފްއާއި ވާހަކަ ނުދައްކާތާ ދެ ދުވަސް ވީއިރު ޒާޔާ އަކީ ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ މީހެއް ފަދައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ޒާޔާ ނުވެއެވެ.
ފާހާނާއިން ނިކުތްތަނާ ޒާޔާގެ ފޯނަށް މެސެޖެއް ލިބުނެވެ. ޝާރިފްގެއެވެ. ޝާރިފްގެ އެދުމަކަށްވީ އޮން ލައިން ވުމަށެވެ.
ޒާޔާ އަވަސް އަވަހަށް އޮންލައިން ވެލިއެވެ. ހިތުގައި ކަނޑައަޅާއި ނިންމާފައި އޮތް ގޮތަކާއިމެދު ވެސް ޒާޔާއަކަށް ވިސްނައެއް ނުލެވުނެވެ. ކިތަންމެ ވަރަކަށް ޒާޔާ މަސައްކަތް ކުރާ ނަމަވެސް ޝާރިފްގެ ޚިޔާލުތަކާއި ދުރަކަށް ނުދެވުނެވެ.
“ކީއްވެ ގުޅީމަ ފޯނު ނުނަގަނީ؟ ކީއްވެ މަށާއި ވާހަކަ ނުދައްކަނީ؟” ޝާރިފް މެސެޖަކަށްފަހު މެސެޖެއް ފޮނުވަމުންދިޔައެވެ.
ޝާރިފްއަށް ކަންތައްތައް ކުރެވޭގޮތް ހަމަ ނޭނގެނީ ހެއްޔެވެ؟
“ކަމެއްނުވޭ” ޒާޔާ މެސެޖްގެ ޖަވާބުދިނީ ހިތަށް އަރަމުން ދިޔަހާ އެއްޗެއް އެއްފަރާތްކޮށްލަމުންނެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު ޒާޔާ ފޯނު ބޭއްވީ ޒިޔަލް އަށް ކާންދޭންވެގެންނެވެ. ޝާރިފްއާއި ވާހަކަ ދެއްކި ކަމުގައިވިޔަސް ޒާޔާ އުފަލެއްނުވިއެވެ. ހައްތަހާ ބޮޑަށް ދެރަވީއެވެ.
ހައުލާއާއި ދިމާނުވާތާ ގިނަ ދުވަސްވުމުން ޒިޔަލް ނިންދެވުމަށްފަހު ޒާޔާ ނިކުތީ ހައުލާ މެންގެޔަށް ދިއުމަށެވެ. ނަމަވެސް ޒާޔާ ގޭގެ ދޮރާށި ހުޅުވާލިއިރު ހައުލާ ހުރީ ދޮރުމަތީގައެވެ.
“ކާކުތަ ކަލެއަަށް މިގެ ދެއްކީ؟” ޒާާޔާ ހައުލާ އާއި ދިމާކޮށްލިތަނާ ހައުލާ ހޭންފެށިއެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާންފެށުމާއެކު ޒާޔާ ފޯނު ނަގާ ބަލާލިއެވެ.
ނުދަންނަ ނަމްބަރެކެވެ.
“މަގޭ ފޯނަށް ނުގުޅައްޗޭ. ދިލާއަށް އެނގިއްޖެ ހުރިހާ ކަމެއްވެސް.” ޒާޔާ ފޯނު ކަންފަތުގައި ޖައްސާލިތަނާ ވާހަކަދެއްކީ ޝާރިފް އެވެ. ޝާރިފްގެ އަޑުގައިވާ ހާސްކަން ހެކިދެނީ ވަރަށް ބޮޑު މައްސަލައެއް ދިމާވެއްޖެކަމެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.