ފިހާރައިން ނުކުންނަން ހިނގައިގަތް ސިމްނާ ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު ކުއްލިއަކަށް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އަވަސް އަވަހަށް ފަހަތަށް ބަލާލި ވަގުތު ފެނުނު މަންޒަރާއިއެކު މުޅި މީހާ ތުރުތުރު އަޅައިގެންދިޔައެވެ. ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް ވެސް އުފެދުނެވެ. މާޒީ އައިސް މުޅި މީހާ ވަށާލި ކަހަލައެވެ.
އެއީ މީގެ އަށެއްކަ އަހަރު ކުރިއެވެ. ރިޔާހާއި ސިމްނާ ބައްދަލުވީ މެނޭޖްމެންޓް ދާއިރާއިން ތަޢުލީމު ހާސިލު ކުރަމުންދިޔަ ދުވަސްވަރު ކުލާހުގެ ތެރެއިންނެވެ. ފުރަތަމަ ފެނިލުމާއިއެކު ރިޔާހްގެ ހިތުގައި ސިމްނާގެ ސޫރަ ފެވިގެން ދިޔައިރު، ސިމްނާގެ ހިތުން ވެސް ރިޔާހަށް ހާއްސަ ޖާގައެއް ދެވުނެވެ.
ކުލާސްތެރެއިން އުފެދުނު ރަހުމަތްތެރިކަން އެހެން ހަރުފަތަކަށް ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ރިޔާހްގެ ހުށަހެޅުން ސިމްނާ ބަލައިގަތީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. އުންމީދު ކުރަމުންދިޔަފަދަ ބައިވެރިއަކު ހަޔާތަށް އައުމުން ސިމްނާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ނުހަނު ބޮޑެވެ.
ލޯބިވެރިންގެ ގޮތުގައި މާގިނަ ދުވަހު ތިބޭކަށް ސިމްނާ ބޭނުމެއް ނުވިއެވެ. ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި ދިރިއުޅެމުންދިޔަ ރިޔާހަށް ސިމްނާ ގެންގުޅޭވޭކަށް އަދިއެއް ނެތެވެ. ކިޔެވުން ނިމި ރަނގަޅު ވަޒީފާއެއް ލިބެންދެން މަޑުކޮށްލަން ސިމްނާގާތު ބުނި ރިޔާހް ކުއްލިއަކަށް ސިމްނާއާ ކައިވެނިކުރަން ނިންމިއެވެ. ރިޔާހް ބޭނުންވި ފަދައިން ސިމްނާ އުޅޭ ގޭގައި އެ ދެމަފިރިންނަށް އުޅެވޭނެގޮތް ހަމަޖެހުނެވެ. ދުވަހަކު ކޮޅުން ވެސް ސިމްނާ އެގެއިން ނުކުމެގެންދާކަށް އެޢާއިލާއިން ބޭނުމެއް ނުވެއެވެ.
ކޯސް ނިމި ރިޔާހް ވަޒީފާއަށް ދާން ފެށި ނަމަވެސް، ސިމްނާ މަޑުކުރީ ގޭގައެވެ. މައިންބަފައިން ފަދައިން އެބަޔަކަށް އޭނާ ބަލާ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅަށް ހިދުމަތް ކުރާށެވެ. އެ ދެމަފިރިންނަށްޓަކައި ދުނިޔެ އުމުރު އޭނާ ހިދުމަތްކުރި ނަމަވެސް އެމީހުންގެ ފަރާތުން އޭނާއަށް ލިބުނު އެހީތެރިކަމާއި އަޅާލުމުގެ އަގު ނުދެވޭނެ ކަމުގައި ސިމްނާ އަބަދުވެސް ބުނެއެވެ.
ކައިވެނީގެ ކުރީކޮޅުގައި ދަރިއަކު ހޯދުމަކީ ސިމްނާ ބޭނުންވި ކަމެއް ނޫން ނަމަވެސް، ރިޔާހް އެގޮތް ބޭނުންވުމުން ސިމްނާ ދެކޮޅެއް ނުހަދައެވެ. ފިރިމީހާގެ އެ ހުށަހެޅުމަށް ހިތުން ރުހުމުން އިޖާބަދިނެވެ. އަމިއްލަ ވިސްނުމަށްވުރެ ފިރިމީހާގެ އުފަލާއި ހިތްހަމަޖެހުމަށް އިސްކަން ދިނެވެ.
ރިޔާހްގެ އުޅުމަށް ބަދަލު އަންނަންފެށީ ސިމްނާ ބަނޑުބޮޑުވި ހިސާބުންނެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ގިނަވަމުން ސިމްނާއަށް ދެމުންދާ ސަމާލުކަން ކުޑަވަމުންދިޔައެވެ. ވަކިން ތަނެއްގައި އުޅެން ބޭނުންވާކަމަށް ބުނެ އެގެއިން އެޕާރޓްމެންޓެއް ހޯދަން އެދެން ފެށިއެވެ. އެތަން ލިބިއްޖެނަމަ އެތަނުން ބައެއް ކުއްޔަށް ދީގެން ރަނގަޅު ވިޔަފާރިއެއް ފަށަށް ފުރުސަތު ލިބިފައިވާކަމަށް ބުންޏެވެ. އޭރުން އެއްވެސް މަސައްކަތެއް ނުކޮށް އަބަދު ސިމްނާގާތު ހުރެވޭނެކަމަށް ބުންޏެވެ. ގެއަށް އައުން ލަސްވާތީ ކުރަމުން ތިޔަދާ ޝަކުވާތަކަށް ނިމުމެއް އަންނަންއޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ވެސް ބުންޏެވެ.
ތަކުރާރުކޮށް ރިޔާހް އެދެމުންދިޔަ ނަމަވެސް އެކަން އެގޮތަށް ކުރާކަށް ސިމްނާ ބޭނުމެއް ނުވިއެވެ. އެފަދަ ވާހަކައެއް ދައްކާކަށް އޭނާއަކަށް ނުވެސް ކެރޭނެއެވެ. މިހާރު ވެސް އެގޭގައި ސިމްނާމެން އުޅެމުންދަނީ އަތުން އެންމެ ރުފިޔާއެއް ވެސް ހަރަދުކޮށްގެނެއް ނޫނެވެ. ރިޔާހްގެ އަތުން ބޮޑު ލާރިއެއް ވެސް ސިމްނާއަކަށް ހަރަދެއް ނުކުރެއެވެ.
“ސިމްނާ ނުބުންޏަސް މަށަށް އެނގޭ މިގޭގެ އައްވަނަ ފަންގިފިލާއިން ކުލީގެ ގޮތުގައި ލިބޭ ސާޅީސް ހާސް ރުފިޔާ ދެނީ ސިމްނާއައްކަން. ތަނެއް ދޭން ބުނަން ނުކެރެންޏާ އެތަން ހުސްކޮށްގެން އެތަނަށް ބަދަލުވާން ހިނގާ. މަ ބޭނުންވަނީ މިހާރަށްވުރެ މިނިވަން ހަމަޖެހޭ ދިރިއުޅުމެއް. އެތަނުން އެއްބައި ކުއްޔަށް ދިނަސް އަހަރުންނަށް އުނދަގުލެއް ނުވާނެ. އިތުރުކަމެއް ނުކޮށް އުޅެލެވޭވަރުވާނެ. ސަޅި ވިޔަފާރިއެއް ފަށަން ވަރަށް ރަނގަޅު ފުރުސަތެއް ވެސް ލިބިފައޮތީ…. މި މަސް ނިމުމުގެ ކުރިން މިކަމަށް ގޮތެއް ނިންމަންވާނެ. އެހެން ނޫނީ މަށެއް މިތާކު ނޫޅޭނަން….. ހަނދާން ކުރާތި.” ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމަށްފަހު ސިމްނާގެ ޖަވާބަކަށް ބެލެމެއްނެތި ރިޔާހް ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.
ގެއިން ނުކުމެގެން ދިޔަގޮތަށް ފޯނު ނިވާލި ރިޔާހްގެ ޚަބަރެއްވީ އޭގެ ދެ މަހެއްހާ ދުވަސްފަހުންނެވެ. މަސްތުގެ ހާލުގައި ތިއްބާ ގެއެއްގެ ތެރެއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އެކަކީ ރިޔާހްއެވެ. ކަމާއިގުޅޭގޮތުން ޕޮލިހުން އާންމުކުރި މަޢުލޫމާތުތަކުން އެނގުނުގޮތުގައި އެތަނުން ހައްޔަރުކުރި ދެ އަންހެނުންނާއި ހަތަރު ފިރިހެނުން ހައްޔަރުކުރީ އުފަން ހާލުގައި ތިއްބައެވެ. އިތުރަށް ބެލިބެލުންތަކުން އެނގުނު ގޮތުގައި އެ ތަނުގެ ތެރޭގައި ޖިންސީ ގުޅުމުގެ ކަންތައްތަކެއް ވެސް އެވަގުތު ހިނގާފައިވެއެވެ.
މަސްތުވާތަކެއްޗާއި ދުނިޔޭގެ އުފަލަށް އިސްކަން ދިނުމުން ރިޔާހަށް މިނިވަން ނުވެވުނު ނަމަވެސް ރިޔާހްގެ ކިބައިން ސިމްނާ މިނިވަންވިއެވެ. ބައްޕައެއްގެ ފަރާތުން ދަރިފުޅަށް ލިބެންޖެހޭ ލޯތްބާއި އަޅާލުމެއް ރިޔާހަކަށް ނުދެވުނެވެ. ދަރިފުޅަށްޓަކައި ލޯލާރިއެއް ވެސް ދިއްކޮށް ނުލެވުނެވެ. އެއިން ކަމެއް ކުރާކަށް އޭނާއަކަށް ވަގުތެއް ވެސް ނުވިއެވެ. މައެއްގެ ފަރާތުން ދަރިއަކަށް ކޮށްދެވޭނެ ހުރިހާކަމެއް ސިމްނާ އެންމެ ފުރިހަމައަށް ކޮށްދިނެވެ. ނަގަން ޖެހުނު ކޮންމެ ޒިންމާއެއް ނެގިއެވެ. ލޯތްބާއި އަޅާލުމުން ހިތާމަ އާއި ހިތްދަތިކަން ފިލާނަމަ އެފަދަ ދަރިއަކަށް ހައިކަލް ވާނެއެވެ.
“ސިމްނާ! ހާދަ ހައިރާންވީ. ކިތަންމެ ވަރަކަށް ފޮތިއޮޅައި ބަންދު ކުރިޔަސް އަހަރެންނަކަށް ތިޔަ ފައްކާ ހަށިގަނޑު އޮޅުވައެއް ނުލެވޭނެއެއްނު…. ފޯނަށް ޖަވާބު ނުދީ ހުރެހުރެފަ ނަންބަރު ވެސް ބަދަލުކޮށްލީދޯ؟ ހިނގާބަލަ މީޓްވެލަން. ސިމްނާ ފެނުމުން މިހަރަ ވާގޮތްތަކެއް ބުނަން ވެސް ނޭނގެ. އަހަރެން ހިތަށް އަރާ….” ރިޔާހް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހާކަށް ސިމްނާ ބޭނުމެއްނުވިއެވެ. ކުއްލިއަކަށް ކޮށްލި ހަރަކާތާއިއެކު ރިޔާހްގެ އަތުން އަތް ދަމައިގަތެވެ.
“އައްދެ. ކިހިނެތްތިވީ؟ މީހުންތެރޭ ވީމަ ލަދުގަތީތަ؟ ހިނގާ އެކަހެރިވެލަން. މަޖާކޮށްލާ އަރާމް ކޮށްލަން. ސިމްނާ ބުނީމެއްނު މަ ވަރަށް މޮޅޭ. މިހާރު އަދި މާމޮޅުވާނެ. ހިނގާދާން.” ރިޔާހް މަސައްކަތްކުރީ އަނެއްކާ ވެސް ސިމްނާގެ އަތުގައި ހިފާށެވެ.
“ލަދެއް ހަޔާތެއް ނެތިގެން ގަޔަށް ބޮލަށް ނާރާ މަޑުންހުރޭ. އަހަރެން ކަލެއާއެކު ތަނަކަށް ދާން ކީއްކުރަން އަނގައިން ބުނާކަށް ވެސް ބޭނުމެއްނޫން. އަހަރެންނަކީ މީހެއްގެ އަނތްބެއް. އަހަރެންގެ ފިރިމީހާއަކީ ކަލޭ ކަހަލަ ގޮތެއް ފޮތެއް ނެތް މީހެއް ނޫން. ތަނަކުން މީހަކު ފެންނައިރަށް އެދުން ބޮލަށް އަރައިގެން އައިސް ގަޔަށް ބޮލަށް އަރާއިރު ކަލޭގެ ދަރިފުޅު ކޮބައިތޯ އެންމެ ފަހަރަކު ވެސް އަހާލަން ހޭވެރިކަމެއް ވެސް ނެތް ދޯ؟ ކަލޭގެ ދަރިފުޅު މަރުވެއްޖެ…. ކަލޭ ކަހަލަ ޖައްބާރުންތަކެއް ސައިކަލުން ޖައްސާ އޭނާ މަރާލައިފި.” ސިމްނާ އަވަސް އަވަހަށް ގޮސް ފިހާރައިން ނުކުތެވެ. ދަރިފުޅުގެ މަރުގެ ޚަބަރާއިއެކު އޭނާގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ.
ސިމްނާ ފިހާރައިން ނުކުތްއިރު އޭނާ ބަލާ އައިސް ނާހިލް ހުއްޓެވެ. ސިމްނާގެ ފަހަތުން ބޭރަށް ނުކުތް ރިޔާހް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ސިމްނާމެން ކައިރިން ރިޔާހްގެ ސައިކަލް ނައްޓާލި ވަގުތު ސިމްނާ ލަވައިގަތް ހަޅޭކަށް ރިޔާހް ދިޔައީ ސިއްސައިގެންގެނެވެ. ކުއްލިއަކަށް ސައިކަލް ހުއްޓާލެވުނެވެ. ހައިރާންކަމާއި ނުތަނަވަސްކަމުން ފުރިގެންވާ ފަދައަކުން ސިމްނާއާ ދިމާއަށް ނާހިލް ވެސް ބަލާލިއެވެ.
“އޭތް…. ކަލޭ ތިހުރީ އަހަރެންގެ ދަރިފުޅު މަރާލާފައި. އަހަރެން ކަލޭ މަރާލާނަން…. ކަލޭ އޭނާ މަރާލީ. ތިޔަ ސައިކަލުން ޖައްސާ އޭނާ މަރާލީ…. ދުވަހަކު ވެސް އަހަރެންނަކަށް ތިޔަ ނަންބަރު އޮޅުވައެއް ނުލެވޭނެ. ކަލޭ ޖަލަށް ލާނަން. ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. ކަލޭ މަރާލާނަން.” ރިޔާހާއި ދިމާއަށް ހަޅޭލަވަމުން ހަޅޭލަވަމުން ސައިކަލުން ފޭބި ސިމްނާ މަސައްކަތްކުރީ އެދިމާއަށް ދާށެވެ.
ދަރިފުޅުގެ މަރުގެ ވާހަކަ ދައްކާ ހިސާބުން ސިމްނާއަށް ވާނެގޮތް ނާހިލަށް އެނގެއެވެ. އަވަސް އަވަހަށް ސިމްނާގެ ގައިގާ ހިފަހައްޓަމުން ގެނެސް ސައިކަލްގަ ބޭންދިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލަމުން މަޑުމަޑުން ގެނެސް ގައިގާ ލައްގާލިއެވެ. އެވަގުތަށް ސިމްނާއަށް އެންމެ ބޭނުންވާނެ ކަންކަމަށް ނާހިލް ސަމާލުކަން ދިނެވެ.
މަޑުކުރި ހިސާބުގައި ސައިކަލް ބެހެއްޓުމަށްފަހު ބާރުބާރަށް ހިނގާފައި އައި ރިޔާހް ސިމްނާ ކައިރިއަށް ހުއްޓުނުއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ވާނުވާ ނޭނގުނު އާންމުން ސުވާލުތަކުން ފުރި ހުއްޓުންއަރާފައި ތިބީ ދެން ވާނީ ކިހިނެތްތޯ ބަލަން ކަހަލައެވެ.
“ކީކޭ؟ އަހަރެންގެ ދަރިފުޅު…. އަހަރެންގެ ދަރިފުޅު މަރާލީ މި ސައިކަލުން ޖައްސައޭ…. ދޮގު ނުހަދައްޗޭ. އެކަން ކުރި ބަޔަކު އަހަރެންގެ އަތުން މަރާނަން. ސައިކަލް ގެންދިޔަ ކޮންމެ މީހެއް އަހަރެންނަށް އެނގޭނެ. އަހަރެން އެމީހުން ދުލެއް ނުކުރާނަން.” ރޮވިފައިހުރި ރިޔާހް ދެއްކި ވާހަކަތަކަށް ސިމްނާ އާނއެކޭ ބުނީ ބޮލުންނެވެ.
އިތުރަށް މަޑުކުރާކަށް އިތުރު ވާހަކައެއް ދައްކާކަށް ރިޔާހް ނޫޅެއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސައިކަލަށް އަރައި ދުއްވާލިއެވެ. ހައިކަލް މަރާލީ އެސައިކަލުން ޖައްސައިކަމަށް ބުނި ހިސާބުން އޭނާގެ ވިސްނުމަށް ބަދަލުތަކެއް އައިސްފިކަން ހަރަކާތްތަކުން އެނގުނެވެ. އެކަމާބެހޭގޮތުން އިތުރަށް މީހަކު ދައްކާނެ ވާހަކައެއް ނެތެވެ. ދުއްވާލި ބާރުމިނާއިއެކު ދުންޖަހާފައި ސައިކަލް ދިޔައިރު ދުއްވެމުން ދަނީ ކިހާ ބާރު މިނެއްގައިކަން އޭނާއަށް ވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ.
ޒިނާންއާ ބައްދަލުކުރަން ނާހިލް ދިޔައީ ރޭގަނޑު ދިހައެއް ޖަހާކަން ހާއިރުއެވެ.
އެގެއިން ބައްދަލުވީ މެދުއުމުރުގެ އަންހެނަކާއިއެވެ. ދެކެވުނު ވާހަކަތަކުން އެނގުނު ގޮތުގައި އެއީ އަނީގާއެވެ. އޭނާ ބުނާގޮތުންނަމަ ޒިނާންގެ މަރު ދުވަހާއި ހަމައަށް އޭނާއާއެކު ތެދުވެރިކަމާއި ވަފާތެރިކަމާއެކު ހުރި އަނބިމީހާއެވެ. އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި އިޓަލީއަށް ގޮސް އުޅެނިކޮށް ހިނގި ކާރު އެކްސިޑެންޓެއްގައި ހަފްތާއެއްހާ ދުވަސްކުރިން ޒިނާން ނިޔާވެއްޖެއެވެ. އެކަމުގެ ސަބަބުން ލިބިފައިވާ ހިތާމަތަކާއި ހިތްދަތިކަމުން އޭނާއަށް އަރައިގަނެވޭނެ ދުވަހެއް ނޭނގެއެވެ. ޒިނާންގެ ވަކިވެދިޔުން އޭނާ މުޅިން އެކަނިވެރި ކޮށްފިއެވެ. އޭނާގެ ދިރިއުޅުން ހުއްޓި އެކަނިވެރި ވެއްޖެއެވެ. އެ އެކްސިޑެންޓްގެ މައްސަލަ ވެސް އަދި ވަކިގޮތަކަށް ނުނިމެއެވެ.
“ތި ހިތާމައިގައި އަހަރެން ބައިވެރިވަން….. ތިޔަ ވީގޮތުން ފިހާރައިގެ ކަންތައް ވެސް ހަމައެއް ނުޖެހޭނެދޯ.” ނާހިލް އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ. ލިބުނު ޚަބަރުން ކުރުވި ހިތާމައެއްގެ ބޮޑުކަމުން އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ.
“އެ ކީއްވެ؟ މިހާރު މިއީ އަހަރެން މުދާ. އަހަރެން ބޭނުން ކަމެއް ކުރެވޭނެ. މިހާރުގެ ހާލަތަށް ބަލާއިރު ބައެއް ވިޔަފާރިތައް އެހެން ގޮތްގޮތަށް ބަދަލުކޮށްގެން ނޫނީ އަހަރެންނަކަށް ނުވެސް ބެލެހެއްޓޭނެ. އަލީ ބޭނުންނަމަ މިހާރުން މިހާރަށް ވެސް ފިހާރަ ކުއްޔަށް ދެވިދާނެ. ބޭނުން ނެތިއްޔާ އަޅާނުލާ.” އަނީގާގާތު ނާހިލް ބުނީ އޭނާގެ ނަމުގެ ފުރަތަމަބައި ކަމަށްވާތީ އަނީގާ އޭނާއާ މުހާތަބު ކުރީ އެގޮތަށެވެ. ޒިނާން ދުނިޔޭގައި ނެތް ނަމަވެސް ނާހިލް ބޭނުން ކަންތައް މިހާރުން މިހާރަށް ހަމަޖެހިދާނެކަމަށް އަނީގާ ބުނުމުން ނާހިލް މަޑުކުރިއެވެ.
“އަހަރެން އަޑުއެހިން ޒިނާންގެ ބޮޑު ފިރިހެން ދަރިއެއް ހުންނަ ވާހަކަ. އޭނާ ކޮބާ؟ ތިވަރުގެ ބޮޑު ކަމެއް ނިންމުމުގެ ކުރިން އޭނާގެ ޚިޔާލެއް ވެސް ހޯދަންވާނެއެއްނު. އޭރުންތާ ފަހުން …..” ނާހިލް ދައްކަންފެށި ވާހަކަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.
“އެއީ ބޭކާރު މީހެއް. އޭނާގެ ސަބަބުން ލިބުނު ހިތާމައާ ހިތްދަތިކަމުގައި ޒިނާން މަރުވީ ވެސް. ޒިނާން މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުދަލެއް ވަނީ އަހަރެންނަށް ދީފައި. ކަލޭ ބޭނުން ނެތިއްޔާ އަވަހަށް ދޭ. ބޭކާރު ވާހަކަތަކެއް ދައްކާނެކަމެއްނެތް.” އަހްމަދުގެ ވާހަކަ ނާހިލް ބުނުމުން އަނީގާއަކަށް މަޑަކުން ނީންދެވުނެވެ. ނާހިލްގެ ވާހަކަތައް މެދު ކަނޑާލަމުން އޭނާ ދައްކަން ބޭނުންވި ވާހަކަތައް ފެށިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި