ދެ އަހަރު ދުވަހު އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ނުކޮށް ހުރެފައި ބޮލީވުޑް ކިންގް ޝާހްރުކް ޚާން މިހާރު ވަނީ އަނެއްކާވެސް ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ސިދާތު އާނަންދުގެ “ޕަތާން” އާއި އަތުލީގެ ކުރިއަށް އޮތް ފިލްމެވެ.

އަތުލީ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިންގ މިހާރު ވަނީ އިންޑިއާގެ ޕޫނޭގައި ފަށައިފައެވެ. ފިލްމުގެ ސެޓުގައި މަސައްކަތް ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. ޝާހްރުކާއެކު ނަޔަންތަރާ އާއި ޕްރިޔަމާނީ ވެސް ފިލްމުގައި ބައިވެރިވެއެވެ. ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި މިފިލްމާ ގުޅޭ އައު މަޢުލޫމާތުތަކެއް އެބަ ދައުރުވެއެވެ. އެއީ ވެހިކަލް ޕާކު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދޭ ލިޔުމެކެވެ. އޭގައި ވަނީ “ހިންދީ ފިލްމު ‘ލަޔަން’ގެ ޝޫޓިންގ އަށް އަޅުގަނޑުމެންގެ ވެހިކަލްތައް ޕާކު ކުރުމުގެ ހުއްދަ” މިފަދައިންނެވެ. އަދި ފިލްމުގެ ޑައިރެކްޓަރުގެ ކޮލަމުގައި އަތުލީ ކުމާރުގެ ނަން ލިޔެފައިވާއިރު ކާސްޓުންގެ ކޮލަމުގައި ލިޔެފައިވަނީ ޝާހްރުކް ޚާނާއި ނަޔަންތަރާގެ ނަމެވެ. އެހެންކަމުން ފިލްމުގެ ނަމަކީ “ލަޔަން” ކަމަށް ބެލެވެއެވެ.

މި ލިޔުމަކީ ސައްޙަ ލިޔުމެއް ކަމަށް އަދި އެއްވެސް ފަރާތެއް ކަށަވަރުކޮށްދީފައެވެ ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް މި ވާހަކަ އެބަ ފެތުރެއެވެ.

ޝާހްރުކް ޚާން އެންމެ ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި “ޒީރޯ” އަދި “ޖަބް ހެރީ މެޓް ސޭޖަލް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.