ސަލްމާން ޚާންގެ ދެން އެންމެ އަވަހަށް ނުކުންނާނެ ފިލްމު “އަންތިމް: ދަ ފައިނަލް ޓްރުތު” ތިއޭޓަރު ތަކުގެ އިތުރުން އޮންލައިން ޕްލެޓްފޯމަކުން ވެސް ރިލީޒްކުރަން ހަމަޖެހިފައިވާކަމަށް، ދުވަސްކޮޅެއް ކުރިން ވަނީ މަޢުލޫމާތު ލިބިފައެވެ. ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ ލީޑް ރޯލުން ފެނިގެންދާ މިފިލްމުގެ ލަވައެއް ވަނީ މިމަހުގެ 09 ވަނަ ދުވަހު ބެލުންތެރިންނަށް ދައްކާލައިފައެވެ. އެލަވައިގައި ސަލްމާނާއި އާޔޫޝްގެ އިތުރުން ވަރުން ދަވަން ވެސް ފެނިގެންދެއެވެ.

ބޮލީވުޑް ހަންގާމާއިން މަޢުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ އައު ޕޯސްޓަރެއް މިހަފްތާގެ ތެރޭގައި ދައްކާލާނެއެވެ. އަދި ފިލްމުގެ އޮފިޝަލް ޓްރެއިލަރ ވެސް އަވަސް މުސްތަޤްބަލެއްގައި ބެލުންތެރިންނަށް ދައްކާލަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

“އަންތިމް: ދަ ފައިނަލް ޓްރުތު” އޮކްޓޫބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުން ދާއިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނަނީ ފިލްމު ރިލީޒްކުރަން ގަސްދު ކުރަނީ އޮކްޓޫބަރު މަހުގެ 15ގައި ކަމަށެވެ. ސަބަބަކީ އެއީ އިންޑިއާގައި ދަޝޭރާ ފާހަގަ ކުރާ ދުވަހަށް ވެފައި އެއީ އިންޑިއާގެ ގިނަ ސަރަޙައްދުތަކަށް ބަންދު ދުވަހަކަށް ވާތީއެވެ. އެހެންކަމުން އެ ތާރީޚަކީ ތިއޭޓަރު ތަކުގައާއި އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް ފިލްމު ރިލީޒްކުރަން ރަނގަޅު ތާރީޚެއް ކަމަށެވެ.

މުޅި ފިލްމު އެއްކޮށް ‘ޒީ ސްޓޫޑިއޯ’ އިން ނަގައިފައިވާއިރު މިފިލްމު ވެގެން ދާނީ ތިއޭޓަރު ތަކުގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރާ ސަލްމާންގެ ދެވަނަ ފިލްމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސަލްމާން މިގޮތަށް ރިލީޒްކުރި ފިލްމަކީ މިއަހަރުގެ މެއި މަހު ދައްކާލި ފިލްމު “ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ”އެވެ.

މަހޭޝް މަންޖްރޭކަރު ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ 2018 ގައި ރިލީޒްކުރި މަރާޓީ ފިލްމު “މުލްޝީ ޕެޓާން”ގެ އޮފިޝަލް ރިމޭކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.