“ސިމް… ސިމް… ކޮބާ އަހަރެން ދަރިފުޅު؟ އަހަރެންގެ ދަރިފުޅު ނާއިޒް ކޮބާ؟ އޭނާ ރަނގަޅުތަ؟ އަހަރެންނަށް އޭނާ ފެންނާނެތަ؟ އޭނާއަށް އަހަރެން އެނގޭތަ؟” ސިމްނާގެ ގައިގައި ބައްދާލަމުން އަވަސްއަވަހަށް ޝާލޫ ސުވާލުތައް ކޮށްލިއިރު އޭނާއަށް ރޮވިއްޖެއެވެ. ސިމްނާ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި އޭނާ ހުރި ކަހަލައެވެ.

ފެނުނު މަންޒަރުން ލިބުނު ހައިރާންކަމުގައި ހުއްޓުން އަރާފައި ހުރި ފަތޯނާ މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. ވެގެން މިއުޅެނީ ކީއްކަން ސާފުކުރަން އަވަސްވެގަތެވެ.

“ދައްތާ! ހަމަޖެހޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… އަހަރެން މިއައީ ދައްތައަށް ހަދިޔާއެއް ހިފައިގެން. އަބަދުގެ އަބަދަށް ދައްތައަށް ފައިދާކުރާނެ ހަދިޔާއަކަށް އެ ހަދިޔާ ވާނެކަން ޔަޤީން.” ޝާލޫ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ސިމްނާ ވާހަކަ ދެއްކިއެވެ.

ސިމްނާ ގޮވާލި ވަގުތު ގޯތިތެރެއަށް ވަތް އަޙްމަދު ނާއިޒް ފެނިފައި ފަތޯނާ ދިޔައީ ސިއްސައިގެންނެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް އޭނާއަކަށް ނުވިސްނުނެވެ. ސުވާލުތަކާއި ހައިރާންކަމުން އޭނާގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ.

“ޒިނާން… ސިމް. މީތަ… މީތަ އަހަރެންގެ ދަރިފުޅު ނާއިޒް؟” ފެންފޮދެއް ނުލިބި ކަރުހިއްކައިގެންފައިވާ މީހަކަށް ފެންފޮދެއް ފެނުނު ކަހަލައެވެ. އެންމެ ސިކުންތެއްވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އަޙްމަދާއި ދިމާއަށް ޝާލޫ ދުއްވައިގަތެވެ. އެދުވަހެއްގެ އިންތިޒާރުގައި ހުންނަތާ އެތައް އަހަރެއްވީ ދުވަސް ފެނުނު ކަހަލައެވެ.

ނާއިޒްގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުންރޮމުން ވާހަކަ ދައްކަމުންދިޔަ ޝާލޫގެ ހަނދާންތައް އޭނާ ގޮވައިގެން މީގެ އެތައް އަހަރެއް ކުރިއަށް ދަތުރުކުރިއެވެ.

ދުވަހުގެ އެންމެ ހިތްގައިމު ވަގުތު ކަމުގައިވި ހަވީރުގެ ވަގުތެވެ. މަޑުމަޑުން ވައި ޖެހެމުން ދިޔައިރު އަވީގެ އަސަރު އެއްވެސް ވަރަކަށް ނެތެވެ. އަތިރިމަތީގެ ދޮންވެލިގަނޑު ސަރަހައްދު ހަލަބޮލި ވެފައިވަނީ އެސަރަހައްދަށް އެއްވެފައިވާ ކުޑަކުދިންގެ އަޑުތަކުގެ ސަބަބުންނެވެ. ކުޅެ މަޖާކޮށް އުފާކުރަމުންދިޔަ އެކުދިންގެ ކިބައިން ފެންނަމުން ދަނީ އުފަލާއި ހިތްހަމަޖެހުމެވެ.

ޝާލޫއާއި އޭނާގެ ރައްޓެހި ތިން ކުއްޖަކު ސްކޫލް ގޯތިތެރޭގައި މަޑުކޮށްލައިގެން ތިބީ ބެޓްމިންޓަން ކުޅެ ނިންމާލުމަށްފަހު ވަރުބަލި ފިލުވައިލާށެވެ. ހަތަރު ރައްޓެހިންގެ މެދުގައި އޭރުވެސް ކޮންމެވެސް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ކިޔެވުމާއި ގުޅޭ ވާހަކަތަކާއި ކުޅިވަރާއިބެހޭ ވާހަކަތަކުގެ އިތުރުން ދިރުއުޅުމާއި ގުޅިފައިވާ މުހިންމު އެތައް ވާހަކައެކެވެ.

ޕްރިންސިޕަލްގެ ފަހަތުން ސްކޫލް ގޯތިތެރެއަށް ވަން ޒުވާނާ އެންމެ ފުރަތަމަ ފެނުނީ ޝާލޫއަށެވެ. ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެކެވެ. އާދައިގެ ވަރަކަށް އިސްތަށިގަނޑު ދިގުކޮށްފައިވާއިރު މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހެޔޮވަރު ވަރަކަށް ބަހައްޓައިފައި ހުރި ތުނބުޅިއެވެ. އަތްދިގު ގަމީހެއްލައި ބެގީކޮށް ބޫޓަކަށް އަރާފައި ހުރުމުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވެފައިވެއެވެ.

އެޒުވާނާއާއި ދިމާއަށް ބަލަހައްޓައިގެން އިން ޝާލޫ ސިއްސައިގެން ދިޔައީ ރަމާގެ އަޑަށެވެ.

“ސާބަސް. ހާދަވަރަކަށް ތި ބަލަނީ؟” ރަމާއާއިއެކު ޒިންދުވެސް ހީގަތެވެ.

” ބެލޭނެއެއްނު… އަހަރެންނާއި ދިމާއަށް ތިހެން ބުނާއިރު ކަލޭމެން ތިތިބީ ނުބަލައިވިއްޔަ.” ހިންދެމިލާ ހަށިފުރާ ނޭވާއެއްލަމުން ޝާލޫ ވާހަކަ ދެއްކިއެވެ.

“އަހަންނެއް ނުބަލަން. ޒިންދު ވަރަށް ބެލި.” ރަމާ ބެލީ އޭނާއަށް ސަލާމަތް ވެވޭނެގޮތެވެ.

“އެބުނާހެން އޭނާ ހުރީ ބެލިދާނެތީ ލޮލުގައި އަތް އަޅައިގެން. ރަނގަޅައްވިއްޔާ މިރޭ ފަހަތު އަޅުވައިލާނެ.” ތިން އެކުވެރިންގެ ވާހަކައިގަ ބައިވެރިވަމުން ނިހާމާ ދިމާކޮށްލީ ރަމާއާއެވެ.

“އިރުއޮއްސެން ކައިރިވަނީ. ހިނގާ ގެއަށް ދާން.” ޝާލޫމެނާއި ދިމާއަށް އަންނަމުން ސިމްޒާ ގޮވައިލިއެވެ. ތެދެކޭ ބުނެ ގަޑި ބަލައިލަމުން ޒިންދު ތެދުވުމާއިއެކު ޝާލޫމެންވެސް ތެދުވިއެވެ.

ކުޅެން ގެންގުޅުނު ތަކެތި ހިފައިގެން ގުދަނާއި ދިމާއަށް ހިނގައިގަތީ ހަތަރު މީހުން އެކުގައެވެ. ވާހަކަ ދައްކަމުން ހަތަރު މީހުން އެކުގައި ގުދަނާއި ދިމާއަށް ދިޔަ ނަމަވެސް ޝާލޫގެ ނަޒަރު އަމާޒުވެފައި ހުރީ ސްކޫލްގެ އޮފީހާއި ދިމާއަށެވެ.

އޮއްސެން ދިޔަ އިރާއިއެކު ރަށުތެރެއަށް ހަމަހިމޭންކަމާއި ފަޅުކަން ވެރިވާން ފެށިއެވެ. އަތިރިތަކާއި ކުޅިވަރު މައިދާންތައް ދޫކޮށް މީހުންތައް ގެތަކާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ. އިރުއޮއްސުމުގެ ކުރިން ކުޑަކުދިން ގެއަށް ވައްދައި އެކުދިންނަށް ދޭންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އިސްކަންދޭ މައިންބަފައިން ގިނައެވެ. ދަރިން ފެންވަރުވައި ރީތިކޮށް މަޣުރިބު ކުރުވުމަށް އެބައިމީހުން އިސްކަން ދިނެވެ.

“ދަރިފުޅާ ޝާލޫ. ކޮއްކޮ ގޮވައިގެން މަޣުރިބު ނަމާދު ކުރާތި.” ޓީވީ ކައިރީ އިށީންދެލައިގެން އިން ޝާލޫއަށް ގޮވައިލަމުން އޭނާގެ މަންމަ މަރިޔަމް ވާހަކަ ދެއްކިއެވެ.

އާނއެކޭ ބުނެ ޓީވީ ނިވައިލަމުން ޝާލޫ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ކުލާސްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ދަރިވަރުން ހާޒިރުވަމުން ދިޔައީ އުފަލުންނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ދަރިވަރުންވެސް ތިބީ ކެތްމަދުވެފައެވެ. ތަޢުލީމައިގެން ކުރިއަށް ދިއުމަށްޓަކައި ކޮންޕިއުޓަރުގެ މަސައްކަތްތައް ދަސްކުރުމަކީ މުހިންމު ކަމެއްކަން ހުރިހާ ކުދިންވެސް ޤަބޫލުކުރެއެވެ. ބެލެނިވެރިން އެކުދިންނާއި އެކުގައި ތިބުމަކީ ދަރިވަރުންނަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

ޒިނާންގެ ތަޢާރަފުން އެނގުނު ގޮތުގައި ޒިނާންއަކީ މާލޭގެ ޤަދަރުވެރި ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ބައްޕަގެ މިލްކިއްޔާތުގައި އެތައް ވިޔަފާރިއެއް އެބަހުއްޓެވެ. އާމްދަނީ ހޯދަން އެއްވެސް ކަމެއް ނުކޮށް ގޭގައި އޮށޯވެލައިގެން އޮތަސް ބޭނުން ވަރަކަށް އޭނާއަށް ފައިސާ ލިބޭނެ ބައިވަރު މަގުތައް އެބައޮތެވެ. ވިސްނާކަށް ފިކުރު ކުރާކަށް ނުޖެހެއެވެ. މިނިވަންކަމާއިއެކު ދުނިޔޭގެ ކޮންމެ ތާކަށް ބޭނުން އިރަކު ދާނެ ފުރުސަތު އެބައޮތެވެ. އަގުބޮޑު ވެހިކަލްތަކުގައި މާލެތެރޭގައި އުދެހެންވީއެވެ. އަމިއްލަ އުޅަނދުފަހުރުގައި ރާއްޖޭގެ ކޮންމެ ތާކަށް ދާންވީއެވެ. ބޭނުން ކޮންމެ އިރަކު ގޮސް ޗުއްޓީ ހޭދަކޮށްލަން ބައްޕަގެ ރިސޯޓް އެބައޮތެވެ.

ޒިނާންގެ މައިންބަފައިން އޭނާއަށް ދިނީ ލޯތްބާއި އަޅާލުމެވެ. ދެއްކީ ރަނގަޅު މަގެވެ. ބޭނުންވީ ހަރުދަނާ ޒިންމާދާރު ދަރިއެއް ތަރުބިއްޔަތު ކުރާށެވެ. އެކަމުގައި އޭނާގެ މަންމައަށް ބައްޕަގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. ދެމަފިރިން ބޭނުންވި ހިސާބަށް ވާސިލު ވެވުނެވެ.

މައިންބަފައިންގެ ތަނަވަސްކަމުން ބައި އަޅައިގެން ގޭގައި އޮތުމަކީ ޒިނާންވެސް ބޭނުންވި ގޮތެއް ނޫނެވެ. އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށްވުރެ ހަލާލުކަން ބޮޑު އެއްޗެއް ނެތްކަމީ ޒިނާން އަބަދުވެސް ހަނދާނުގައި ބަހައްޓާ ކަމެކެވެ. އެހެން މީހަކަށް ބަރޯސާ ނުވެ ދިރިއުޅުން ކުރިޔަށް ގެންދިއުމަކީ އޭނާ ހާސިލުކުރި ތައުލީމުގެ އަސްލެވެ. މައިންބަފައިން ދިން ތަރުބިއްޔަތުގެ ފޮނި މީރުކަމެވެ.

ތަޢުލީމީ ދާއިރާއިން ހޯދި ބޮޑެތި ކާމިޔާބީތަކަށްފަހު ކޮމްޕިއުޓިންގެ ދާއިރާއިން އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެކަމުގެ ފޮނިމީރު މިއަދު ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް ލިބެމުން ދިޔައެވެ. ކޮމްޕިއުޓަރާއި ގުޅުންހުރި ކޯސްތައް ހިންގުމާއި އެކަމާއި ގުޅުން ހުރި މަސައްކަތްތައް ކޮށްގެން ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް އޭނާއަށް ލިބިއެވެ.

ދަރިވަރުންނަށް މަޢުލޫމާތު ދެމުން ޒިނާން ބުނި ގޮތުގައި މިއަދަކީ ކޮމްޕިއުޓަރާއި ނުލައި އުޅެވެން ނެތްފަދަ ޒަމާނެކެވެ. އެފަދަ ކޮންމެވެސް ވަސީލަތެއް ބޭނުންކުރަން މަޖުބޫރެވެ. މަލްޓިމީޑިޔާވަނީ އަހަރެމެންގެ ދިރިއުޅުމާއި ގުޅި ލާމެހިފައެވެ. ޒަމާނީ ޓެކްނޮލޮޖީއަށް ލޯ ހުޅުވެން އެބަޖެހެއެވެ. އެތައް ޚިދުމަތެއް އެ ޒަރީއާއިން ހޯދުން މިއަދު މިވަނީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފައެވެ. އެފަދަ ކަންކަމަށް ހޭއަރައި ލޯ ހުޅުވެން ޖެހެއެވެ. އެކަންކަން ކުރަން އޮންނަ އެންމެ ރަނގަޅު މަގު އިޚުތިޔާރުކުރަން ޖެހެއެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންދާ އެތައް ބަޔަކު މިކުޑަކުޑަ މުޖުތަޢުގައިވެސް އެބައުޅެއެވެ. އެމީހުންގެ ކެހިވެރިކަމާއި މަކަރުވެރިކަމުން ސަލާމަތްވާން ޖެހެއެވެ.

ފުރަތަމަ ގަޑީގައި އޮތީ ދަރިވަރުންނާއި މުދައްރިސް ތަޢާރަފްވުމެވެ. ކޯހާއި ބެހޭގޮތުން ހިއްސާކުރަންޖެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާ ކުރުމެވެ. ދަރިވަރުންނާއި މުހާތަބުކޮށް ޕްރިންސިޕަލް ވާހަކަ ދެއްކުމެވެ.

މެންދުރުފަހު ދޭއް ޖަހައިކަން ހާއިރެވެ. ކޮމްޕިއުޓަރ ކުލާހަށް ޝާލޫ ވަންއިރު ކޮންޕިއުޓަރ ޓީޗަރ ޒިނާން ފިޔަވައި އެހެން އެއްވެސް މީހަކު ކުލާހުގައި ނެތެވެ. އެއްވެސް ދަރިވަރަކު އަދި ކުލާހަށް ނާދެއެވެ.

ހެދިހުރި ރީތި ފުރިހަމަ ރޫފަ ރަނގަޅު ހަށިގަނޑާއި އިސްކޮޅު ކިތަންމެހައިވެސް ގުޅެއެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތިން އުޖާލާކަން ފާޅުވާން ހުއްޓެވެ. ބައްޓަން ރިވެތިވެފައި ވަނާތައް ފުރިހަމައެވެ. ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ ސަބަބުން ވަނާތަކާއި ބައްޓަން ކިތަންމެ ރަނގަޅަކަށްވެސް ފާޅުވާން ހުއްޓެވެ. ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ ދައްކާނަމަ ދައްކާނެ އެތައް ވާހަކައެއް ހުއްޓެވެ. ތަޢުރީފުގެ ބަސްތަކަށް އެތައް ވަގުތެއް ހޭދަކުރެވިދާނެއެވެ.

“ޝާލޫ.” ކުލާހަށް ވަދެގެން ގޮނޑިއާއި ދިމާއަށް ދިޔަ ޝާލޫގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ޒިނާން ގޮވައިލުމުންނެވެ.

ޒިނާނަށް ހިނިތުންވެލަމުން ޝާލޫ ޖަވާބު ދިނެވެ.

ޒިނާންގެ ނަޒަރު އަމާޒުވެފައި ހުރި ޝާލޫއަށެވެ. ކޮންމެވެސް މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭ ކަހަލައެވެ. ދެފަހަރަކު ވަށައިގެން ހޯދާލިއެވެ. މީހަކު އާދޭތޯ ބަލައިލިހެންވެސް ހީވިއެވެ.

“ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުން.” އަޑު އިވޭ ހިސާބުގައި އިތުރު މީހަކު ނެތްކަން ޔަޤީންކުރަމުން ޒިނާން ބުނެލިއެވެ.

ދޭނެ ޖަވާބެއް ނޭނގި ހުއްޓުން އަރާފައި ހުރި ޝާލޫ ސިއްސައިގެން ދިޔައީ ދަރިވަރުންތައް އައިސް ކުލާހަށް ވަންނަން ފެށުމުންނެވެ. އެ ދެމެދުގައި އެއްވެސް ކަމެއް ހިނގައި ދިޔަކަން އެހެން ކުއްޖަކަށް އެނގުމުގެ ކުރިން ޝާލޫ އަވަސްއަވަހަށް ގޮސް ގޮނޑީގައި އިށީނެވެ.

ކުލާހުގައި އިން އިރުވެސް ޝާލޫއަށް ވިސްނެމުން ދިޔައީ ޒިނާނަށް ދޭނެ ޖަވާބަކާއި މެދުގައެވެ. އޭނާ ދައްކަން އެއުޅޭ މުހިންމު ވާހަކައަކީ ކޮބައިކަމާއި މެދުގައެވެ.

ޒިންދުއާއި ޝާލޫ ވާހަކަ ދައްކަން ތިބީ ޒިންދުގެ ކޮޓަރީގައެވެ. އެދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެތަނުގައި ނެތެވެ. ދެމީހުންގެ ވާހަކަ ދެއްކުން ހުރިގޮތުންނާއި ވާހަކަ ދެއްކުމުގެ އަޑު މަޑުވުން އަންގައިދެނީ ދެކެވެމުންދާ ވާހަކައިގެ ސިއްރުކަމާއި މުހިންމުކަން ނޫން އެހެން ކަމެއް ނޫނެވެ.

” އޭރުން ފާޒިލަށް ކިހިނެއް ވާނީ؟” ޝާލޫގެ ވާހަކަތަކުން ޒިންދުއަށް ލިބުނު ހައިރާންކަމުގައި އަވަސްއަވަހަށް އަހައިލެވުނެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.