ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫ ލީޑް ރޯލު ކުޅެފައިވާ “ރަޝްމީ ރޮކެޓް” ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފިއެވެ.

ރޯނީ ސްކްރޫވާލާއާއި ނޭހާ އަނަންދުއާއި ޕްރަންޖަލް ޚަންދިޔާ ޕްރޮޑިއުސްކޮށް އާކާޝް ކުރާނާ ޑައިރެކްޓްކުރި މި ފިލްމަކީ ގުޖަރާތުގެ އަންހެން އެތުލީޓެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާ ފިލްމެކެވެ.

ތާޕްސީގެ އިތުރުން ޕްރިޔާންޝޫ ޕެއިންޔޫލީ، އަބީޝެކް ބަނަރޖީއާއި ސުޕްރިޔާ ޕާތަކް މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ކުޅިވަރު ފިލްމުގައި ޕްރިޔާންޝޫ ތާޕްސީގެ ފިރިމީހާގެ ރޯލު ކުޅޭއިރު ސުޕްރިޔާއަކީ ތާޕްސީގެ މަންމައެވެ. ތާޕްސީއަކީ ރަޝްމީއެވެ.

“ޕިންކް”، “ބަދްލާ”، “މިޝަން މަންގަލް”، “ސާންޑް ކީ އާނކް” އަދި “ތައްޕަޅު” ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ތާޕްސީގެ “ރަޝްމީ ރޮކެޓް” އަންނަ އޮކްޓޯބަރު މަހުގެ 15 ގައި ޒީ5 އިން ޕްރިމިއާކުރާނެއެވެ.

މިއަހަރު ޖުލައި މަހު ނެޓްފްލިކްސްގައި ރިލީޒްކުރި “ހަސީން ދިލްރުބާ” ގައި ވިކްރާންތު މަސީއާއެކު ފެނިގެންދިޔަ ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާކާޝް ބަޓިއާގެ “ލޫޕް ލަޕޭޓާ” އާއި އަނޫރާގް ކަޝިޔަޕްގެ “ދޮބާރާ” އާއި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ މިތާލީ ރާޖްގެ ބައޮޕިކް “ޝާބާޝް މިތޫ”ގެ އިތުރުން އަޖޭ ބޭލްގެ “ބްލަރ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.