މިވާހަކަ މި ގެނެސްދެނީ މީގެ ފުރަތަމަ ބައި ގެނެސްދިންތާ ވަރަށް ގިނަދުވަސްފަހުން ކަމަށްވުމާއިއެކު މި ލިންކުން ފުރަތަމަ ބައި ވިދާޅުވެލައްވާ – އާދޭސް – 1
ލީޝާގެ ލޯ ވަގުތުން ފެންކަޅިވިއެވެ. އެތެރެ އެތެރެއިން ގިސްލެވެން ފެށުނެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ލޮލުން ލީޝާގެ ރީތި ކޯތާފަތް މައްޗަށް ކަރުނައިގެ ކޯރު ބަންޑުންވިއެވެ. ޝަރީފާއަށް ބުނެދޭންވެސް ނޭގެއެވެ.
ލީޝާގެ ގައިގަ އޮޅުލައި ގަތެވެ. ކަމެއް ގޯސް ވެއްޖެކަން ޝަރީފާ އަށް ރަނގަޅަށް ވިސްނުނެވެ. އެހެންކަމުން އިތުރަށް ސުވާލެއްނުކޮށް ލީޝާ ގޮވައިގެން އެތެރެއަށް ވަނެވެ. ހަމަ ޖެހިލުމަށް ބުނެ އެތާ ހުރި ކުޑަވަރެއްގެ މޭޒު ކޮޅެއްގެ މަތީ ހުރި ފުޅިއެއް ލީޝާއަށް ދިއްކޮއްލިއެވެ. ލީޝާގެ ހިތުގައި ސުވާލު ތަކެއް އުފެދުނެވެ. ފުޅި ހުރި ކުލައިންނެވެ. ޒާތެއްގެ ފެހި ކުލައެއް އެފުޅީގެ އެތެރޭގައި ވާތީ ޝަރީފާ ލީޝާގެ އަނގައާ ދިމާއަށް ގެންދިޔަ ފުޅީގައި ލީޝާ ހިފެހެއްޓިއެވެ.
ލީޝާ: “ދައްތާ! ތީ…ތީ ކޯއްޗެއް؟”
ޝަރީފާ: “މީ ވާރޭ ފެނޭ ދަރިފުޅާ. އެތިފޮދެއް ބޯލާ. އޭރުން ހަމައަކަށް އެޅިދާނެ.”
ޝަރީފާ ކުޑަކޮށް ހީނލާފައި ވަރަށް ލޯބިން ބުނެލިއެވެ. ނަމަވެސް، އަދިވެސް ލީޝާ އިނީ ޖެހިލުންވެފައެވެ. އެއީ މީގެ ކުރިން ލީޝާ ބުއި ފެން ހުންނަ ކުލައެއް ނޫނެވެ. އަނެއްކާ ރާއްޖެތެރޭ ހުންނަ ފެނުގެ ކުލައެއްވެސް ހުންނަނީ ބާވައެވެ. ހިތާހިތާ ލީޝާއަށް ބުނެލެވުނެވެ.
ލީޝާ ކުޑަކޮށް ހަމައަކަށް އެޅުމުން އަނެއްކާވެސް ޝަރީފާގެ ސުވާލު ތަކުރާރު ކޮއްލިއެވެ.
ޝަރީފާ: “ކޮއްކޯ! ދެން ތި ވެެގެން އުޅޭގޮތެއް ނިކަން ކިޔާދީބަލަ. ދައްތަ ވަރަށް ހާސްވޭ އެބަ. ޒުލޭޙާ އަށް ކަމެއްވީތަ؟”
ލީޝާއަށް ޖަވާބު ދެވުނީ ވަރަށް ހިތްވަރުންނެވެ. ކުޑަގޮތަކަށް ކަންތައް ވި ގޮތާ އަންނަން މެދުވެރިވި ސަބަބު ކިޔާދިނެވެ. ޝަރީފާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހާ ދުވަހު އެ އެކުވެރިއެއްގެ ޚަބަރެއް ނުލިބި ހުރެ ލިބުނު ޚަބަރުން ޝަރީފާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަދި ލީޝާ ކުރެން އޭނާއާއެކު އެގެއަށް ދިއުމަށް އެދުނެވެ. ލީޝާވެސް އިތުރު ބަހަނާ އެއް ނުދައްކާ ޝަރީފާއާއެކު އެގެއަށް ދިޔައެވެ.
އާދައިގެ ބަގީޗާއެއް ހައްދަވާފައިވާ ގޯއްޗެއްގެ ތެރެއަށް ލީޝާ ވަދެގެން ދިޔައިރު ޝަރީފާގެ އެހުނަރަށް ތައުރީފު ކުރިއެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. އެތެރެއިން މީހަކު ކެއްސާ އަޑު މެދުނުކެނޑި އިވެމުން ދިޔައެވެ. ލީޝާ ސިޓިންރޫމްގެ ގޮނޑިއެއްގައި ބައިންދާފައި ޝަރީފާ ވަނީ ކުރިމަތިން ފެންނަން ހުރި ކޮޓަރިއެއްގެ ތެރެއަށެވެ. އެތެރެއިން ޝަރީފާއާ ބަލި އަޑެއްގެވެރި ފިރިހެނެެއް ވާހަކަ ދައްކާ އަޑު އިވުނެވެ.
ޝަރީފާ: “އާދަނާ! އެއްކަލަ ޒުލޭޚާގެ ދަރި އައިސްފިއޭ… އެގެވަޅުގައި އިންދާ ގޮވައިގެން މިއައީ.”
ފިރިހެންމީހާ: ކީކޭ؟ މިގެއަށް ގެނައީއޭ؟ ކީއްކުރަން؟ މިތާ ކިހިނެއް ގެންގުޅޭނީ؟”
ޝަރީފާ ދެރަވެލާފައި ބުނިއަޑު އިވުނެވެ.
ޝަރީފާ: ” އާދަނާ. ތިހެން ނުބުނޭ. އެއީ ޒުލޭޚާގެ ހުރި ހަމަ އެކަނި ފުރާނަ. އަނެއްކޮޅުން ޒުލޭޚާ ވެސް މިހާރު މި ދުނިޔެއަކު ނެތް.”
ފިރިހެނާ: ” އެކަމަކު މިތާ އިތުރު މީހަކު ގެންގުޅޭނެ ގޮތެއްބުނެބަލަ. މިއަށް އެއްޗެހި އަގު ބޮޑު ޒަމާނުގަ؟ އަހަރުމެންގެ މާޒިން އަށް ލިބޭ ލާރިކޮޅުން ކިހިނެއް އިތުރު މީހަކަށް ޚަރަދު ކުރަނީ؟”
ޝަރީފާ: “ތިކަން އެނގޭ. އެކަމަކު މީހަކަށް އެއްޗެއް ދިނުމަކީ އަތުން މަދުވާ އެއްޗެއް ނޫނޭ. އާދަނު ހަނދާން ނެތުނީތަ ޒުލޭޚާ މެންގެ ދެމަފިރިން މިރަށު ތިބި އިރު އަހަރުމެންނަށް ކޮއްދިން ކަންތައްތައް؟ ތެދަށް ބުނަންޏާ މިއަދު އަހަރުމެންގެ މާޒިން އަހަރުމެންގެ ކައިރީގަ އެހުރީ އެމީހުންގެ ހެޔޮކަމުން.”
އިރުކޮޅަކު ކެއްސާލުމަށް ފަހު އަނެއްކާވެސް އެފިރިހެން މީހާ ވާހަކަ ދެއްކި އަޑު އިވުނެވެ.
އާދަނު: “ހެޔޮ މަށަށް. ތީ މަބުނާ ގޮތަކަށް ކަން ކުރާނެ ބައެއްތަ؟ ތި މީހުނަށް ފެންނަ ގޮތަކަށް ތި މީހުން އުޅޭނީ.”
ދެއްކި ވާހަކަތައް ކިތަންމެ ރަނގަޅަކަށްވެސް ލީޝާއަށް އަޑު އިވުނެވެ. ނަމަވެސް ދެން އިތުރަށް ދާނެ ވަކިތަނެއްވެސް ނެތުމާއެކު އަޅާވެސް ނުލާ ހުރީއެވެ. އަދި ޝަރީފާ އައުމުންވެސް އެއްވެސް ކަމެއް އެނގުނު ކަމަށްވެސް ނުހަދާ ހުރީއެވެ. ޝަރީފާ އައިސް ވަރަށް އޯގާތެރިކަމާއެކު ލީޝާ ގޮވައިގެން ގޮސް ކޮޓަރިއެއް ދައްކާ އެތާ މަޑުކުރުމަށް ބުނެފައި ހިނގައްޖެއެވެ.
ޝަރީފާއަކީ ހުލްޤު ހެޔޮ ކަމަށް ކަމޭހިތާ ދީލަތި އަންހެނެކެވެ. ނަމަވެސް އާދަނަކީ އޭގެ އަނެއްކޮޅެވެ. މީހަކަށް އެއްޗެއް ދޭން ބޭނުންނުވާ ތާނގައި މީހަކަށް ރަނގަޅު ބަހެއްވެސް ނުބުނެއެވެ. އެދެމީހުންގެ ދަރިފުޅު މާޒިން އަކީ މީހުނަށް މާ ރަހުމް ހުންނަ މީހެއްނޫނެވެ. ރުންކުރު ގޮތެއް އަބަދު ގެންގުޅޭ ހަރުކަށި މީހެކެވެ. ޅައުމުރުގައި ފެެންނަމުންދިޔަ ކަންތައްތަކުގެ ސަބަަބުން ވީގޮތެއްކަމަށްވެސް ވެދާނެއެވެ.
ލީޝާ ފާހާނައަށް ވަދެ ފެންވަރާލައިގެން ނިކުތެވެ. އޭރު ޝަރީފާ ހުރީ ހެދިކާ ކޮޅަކާއެކު ސައި ގެނެސްފައެވެ. ރީތިވެލާ ހަމަޖެހުނު އިރަށް ޝަރީފާ އަނެއްކާވެސް އެ ކޮޓަރިއަށް އައެވެ. އަދި ސައިބޮއެގެން އަރާމު ކޮއްލުމަށް ބުންޏެވެ. އަދި މަޑު ކޮއްލުމަށްފަހު ޝަރީފާގެ އާއިލާ ތައާރަފު ކޮއްދެން ފެށިއެވެ.
ޝަރީފާ ކިޔައިދިން ގޮތުން ޝަރީފާއާއި އާދަނު މީގެ ތިރީސް ދެ އަހަރު ކުރިން ކައިވެނި ކުރީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ކައިވެނިކޮށް ހައަހަރު ވި އިރުވެސް އެދެމަފިރިންނަށް ދަރިއެއްގެ ނަސީބު ލިބޭ ގޮތެއްނުވިއެވެ. ހުރިހާވެސް މައްސަލައެއް ހުރީ ޝަރީފާގެ ކަމަށް ބުނެ އާދަނުގެ އާއިލާއާ އާދަނު ދިޔައީ އެތައްގޮތަކުން ޝަރީފާ ނިކަމެތި ކުރަމުންނެވެ. އެންމެ ފަހުން ދެމަފިރިން ވަކިވީއެވެ. އަދި ދެމީހުންވެސް އެހެންމީހުނާ ކައިވެނި ކުރިއެވެ. އެ ކައިވެންޏަށް އަހަރު ވިއިރު ޝަރީފާ އަށް ވަނީ ފިިރިހެން ކުއްޖަކު ލިބިފައެވެ. ނަމަވެސް އާދަނަށް ވަނީ ކުއްޖަކު ލިބޭ ގޮތް ނުވެފައެވެ. އޭގެ މާ ގިނަ ދުވަހެއް ނުވަނީސް ޝަރީފާގެ ފިރިމީހާ މަރުވުމުން އާދަނު ވަނީ އޭނާގެ އަނބިމީހާ ވަރިކޮށް އަލުން ޝަރީފާއާ ގުޅިފައެވެ. އާދަނު އިންތިހާއަށް މާޒިން ދެކެވެސް ލޯބިވެއެވެ.
ދުވަސްތައް އުފަލުގައި ވޭތުކުރަމުންދާތާ މާގިނަ ދުވަހެއް ނުވެއެވެ. އެމީހުންގެ އުފާތަކަށް ވެސް ހިޔަނިއެޅުނެވެ. މާޒިން އަށް ވަރުގަދަ ހުމެއް ލައްވާލިއެވެ. އެތައްވަރަކަށް ބޭސް ކުރިއިރު ވެސް ރަނގަޅު ވާގޮތެއް ނުވިއެވެ. އެންމެ ފަހުން ޑޮކްޓަރު ލަފާ ދެއްވީ މާޒިން ގޮވައިގެން ބޭރަށް ދިއުމަށެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ބޭސް ކުރުމުގައި އުޅެން ޖެހުމުގެ ސަބަބުން ބޭރަށްދެޥޭނެ ފަދައެއް ވަނީ އެދެމަފިރިންނަށް ނެތިފައެވެ. މިހެން ތިއްބާ، އެމީހުނަށް އެހީވެ މާޒިން ބޭރަށް ފޮނުވައިގެން ފަރުވާ ކޮއްދިނީ ލީޝާގެ މައިންބަފައިންނެވެ. އެކަމަށްޓަކައި ޝަރީފާ މިއަދުވެސް އެދެމަފިރިންނަށް އިންތިހާ ޝުކުރުވެރިވެއެވެ.
ޝަރީފާގެ ހަޔާތުގެ ވާހަކަ ކިޔައިދެމުންދިޔަ އިރު ލީޝާއިނީ ކަނުލާ އަޑު އަހާށެވެ. އެކަން ފާހަގަވީ ޝަރީފާ ކިޔައިދެމުންދިޔަ ވާހަކަ މަޑު ޖައްސާލުމުން ލީޝާ ސުވާލު ކުރުމުންނެވެ.
ލީޝާ: “ދައްތާ! ބޭބޭ މިހާރު ބަލީތަ؟ ކިހިނެއްވީ؟”
ޝަރީފާ އަށް ފުރަތަމަ ލެވުނީ ފުންނޭވާ އެކެވެ. އެއަށް ފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.
ޝަރީފާ: “އާނ ކޮއްކޯ. މިދިޔަ އަހަރު ހިނގި އެކްސިޑެންޓެއްގަ ބޭބޭގެ ފައި ޖެހުނީ ބުރި ކޮއްލަން. ދެފައިވެސް. އަހަރުމެންގެ މާޒިން ވެސް މާލޭގަ ކިޔަވަން ހުރެފަ އަންނަން ޖެހުނީ އެހެންވެ. ކިޔެވުން ފުރިހަމަވެސް ނުކޮށް. އައިސް ރަށު އޮފީހުން ވަޒީފާއެއްގަ އެއުޅެނީ.”
ކުއްލިއަކަށް ޝަރީފާގެ ވާހަކަ މެދު ކަނޑާލީ ބޭރުން މީހަކު ގޮވާލިއަޑަށެވެ. އެމީހަކު މަންމާއޭ ދެތިން ފަހަރަކު ގޮވާލި އަޑު އިވުނެވެ. ލީޝާވެސް ޝަރީފާއާ އެކު ބޭރަށް ނިކުތީ ބޭރުން އިވުނު އަޑު އޭނާއަށް ވެސް އާއަޑެއް ހެން ހީނުވާތީއެވެ.
ދޮރުގެ އެއްފަރާތުން ބޭރަށް ބޯ ދިއްކޮއްލައިގެން ލީޝާ އެމީހަކު ފެނޭތޯ ބަލާލިއެވެ. ފުރަގަސް ދީގެން ހުރި އެމީހާ ލީޝާ ދަންނަ ވައްތަރު ޖަހައެވެ. އެމީހާ ޝަރީފާ ދާންފެށުމުން އެނބުރިލި ވަގުތު ލީޝާގެ ފައިި ފިނިވެގެން ދިޔައެވެ. އާނއެކެވެ. އެއީ ހަމަ އޭނާއެވެ. ހަމަ ޔަގީނެވެ. ދެވަނަ މީހަކަށް ނުވާނެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި