އިންޑިޔާގެ ފުރާވަރުގެ އަންހެން ކުއްޖަކު ‘ރޭޕް-ޕްރޫފް’ ޖަނގިޔަލެއް އުފައްދައިފި އެވެ. މި ޖަނގިޔަލުގައި ތަޅަކާއި ޖީޕީއެސް މެދުވެރިކޮށް ފުލުހުންނަށް އެލަރޓް ކުރާނެ ސިސްޓަމަކާއި އަންހެންކުއްޖާ ރޭޕްކުރަން އުޅޭ މީހާގެ މޫނު ވީޑިއޯ ކުރެވޭނެގޮތަށް ކެމެރާއެއް ވެސް ހަރުކޮށްފައި ވާނެކަމަށް މި އަންހެންކުއްޖާ ބުނެއެވެ.

އިންޑިއާގެ އުއްތަރުޕްރަދޭޝް ގެ ފައްރޫޚްއާބާދުގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ސީނޫ ކުމާރީ މި ޖަނގިޔާ އުފެއްދުމަށް ހޭދަކުރީ އެންމެ 50 ޕައުންޑެވެ. މި ޖަނގިޔަލުގައި އެމަޖެންސީ ކޯލްކުރާނެ ފިތަކާއި ނަންބަރު ތަޅެއްވެސް ހިމެނެއެވެ.

ފިޔާތޮށި ކުލައިގެ މި ފޭރާން ބޮޑު ބާޒާރަކަށް ނެރުމަކީ ސީނޫ ކުމާރީގެ އުއްމީދެކެވެ. ސީނޫ ބުނާގޮތުން މި ޖަނގިޔަލަކީ ވަޒަން ނާރާ ގޮތަށް އަދި ވަޅިއެއް ނުވަތަ ޗާކޫއެއްފަދަ އެއްޗަކުންވެސް ކަފައިނުލެވޭހައި މޮޅަށް އުފައްދާފައިވާ ފޭރާމެކެވެ.

ޖިންސީ ހާނީއްކައާއި، ރޭޕް ކުރުމާއި ކުޑަކުދިންނާއި ބެހުންފަދަ ކަންކަމަކީ އިންޑިޔާގެ އުއްތަރުޕްރަދޭޝްއަށް އާއްމު ކަމެކެވެ. އެތަނުގެ މަގުމަތިން އަންހެނުންނާއި ހަމަލާދީ، ރޭޕްކޮށް އެ މަންޒަރުތައް ވީޑިއޯކޮށް ބަރަހަނާ ފިލްމު އުފައްދައި އެފަދަ ވީޑިއޯތައް ކައުންޓަރުތަކުން އެންމެ 12 ރުޕީސް އަށް ވިއްކުމަކީ ކޮންމެ ދުވަހަކުވެސް ހިނގަމުން އަންނަ ކަމެއްކަމަށް ޑެއިލީމެއިލް ބުނެއެވެ.

ޑެއިލީމެއިލް ގައިވާ ވީޑިއޯއެއްގައި ސީނޫ ކުމާރީ ބުނީ: “އަހަރެން މީގައި ސްމަރޓް ތަޅެއް ލާފައިވާނެ. އެތަޅު ހުޅުވޭނީ އޭގެ ޕާސްވޯރޑް ޖެހުމުން. އަހަރެން މީގައި ކަރަންޓްގެ އާލާތެއް ހަރުކޮށްފައިވާނެ އެއިން ޖީޕީއެސް އާއި ފުލުހުންނަށް ގުޅޭނެ ގޮތަށް. މީގެ ޖަނގިޔަލެއް ލައިގެން ހުރި އަންހެނަކާއި ބެހެން އުޅެފިއްޔާ، އެ ޑިވައިސް އިން ފޮނުވާނެ އަންހެންމީހާގެ ގާތްތިމާގެ މީހުންނަށާއި ފުލުހުންނަށް މެސެޖެއް.”

“ޖީޕީއެސް އިން ދޭ ސިގްނަލްއާއިއެކު ފުލުހުންނަށް ދެވޭނެ ރޭޕް ކުރުމުގެ ކުރިއަށް ކުށުގެ ވެއްޓަށް. ގޮސް އެކަން ހުއްޓުވޭނެ.”

“ކޮންމެހެން މި ޖަނގިޔާ އަބަދު ލައިގެން އުޅޭކަށް އަންހެނުންނަށާއި އަންހެން ކުދިންނަކަށް ނުޖެހޭނެ. އަންހެނުން އެކަނި ތަންތަނަށް ދާއިރު ނުވަތަ އެ ދާތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ހީވާނަމަ މި ލައިގެން ދެވިދާނެ.” ޖަނގިޔަލުގެ ބޭނުން ކިޔައިދެމުން ސީނޫ ކުމާރީ ބުންޏެވެ.

“މިކަމުގެ ސަބަބުން ނުލަފާ ފިރިހެނުންގެ އެ މުޑުދާރު އަމަލުން ސަލާމަތްވެ، އަންހެން ކުއްޖާގެ އިއްފަތްފޭރިގަތުމުން ދުރުކޮށްދޭނެ.”

ސީނޫ ކުމާރީ އުފެއްދި ޖަނގިޔާ މިހާރުވަނީ އިންޑިޔާގެ އިލާހްއާބާދު ގައި ހުންނަ ނޭޝަނަލް އިނޮވޭޝަން ފައުންޑޭޝަން އަށް ގެންގޮސްފަ އެވެ.

އިންޑިޔާގެ ދެ އަންހެންކުދިންވަނީ 2013 ވަނަ އަހަރުވެސް، ރޭޕްކުރަން އުޅޭ މީހުން ހުއްޓުވާގޮތަށް ދަށުންލާ އަންނައުނެއް އުފައްދާފައެވެ. އެކުދިން އުފެއްދި ދަށުންލާ އަންނައުނުގައި ހަރުކޮށްފައިހުންނަ އާލާތަކުން 3800 ކިލޯވޮޓްގެ ކަރަންޓް ޝޮކެއް ރޭޕްކުރަން އުޅޭ މީހާއަށް ދޭ ގޮތަށް ފަރުމާކޮށްފައިވާ މި ފޭރާމުގައިވެސް ޖީޕީއެސް އާއި ޖީއެސްއެމް ގެ ޓެކޮނޮލިޖީވެސް ބޭނުންކޮށްފައިވެއެވެ.

މީގެކުރިން ޖަރުމަނު އަންހެންކުއްޖެއްވެސް ވަނީ ސީނޫ ކުމާރީ އުފެއްދިފަދަ ޖަނގިޔަލެއް އުފައްދާފައެވެ. ރޭޕްގެ މައްސަލަ މުޅި ދުނިޔެ ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާއިރު އެކަން ހުއްޓުވުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަންހެންދަރިން އާ އުފެއްދުންތައް އީޖާދުކުރަން ފެށުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.