2005 ވަނަ އަހަރު އަބީޝެކް ބައްޗަންއާއި ރާނީ މުކަރްޖީއާއެކު ޝާދު އަލީ ގެނެސްދިން ކާމިޔާބު ފިލްމު ބަންޓީ އޯރް ބަބްލީގެ ސީކުއެލް “ބަންޓީ އޯރް ބަބްލީ 2” އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ތާވަލުކޮށްފިއެވެ.

ކުރިން މިދިޔަ އަހަރު ޖޫން މަހު 26 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމު ރިލީޒްކުރުން ފަސްކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމުގެ މަސައްކަތް ނިންމާނުލެވުމާއި ސިނަމާތައް ބަންދު ކުރުމުންނެވެ. ފިލްމު ރިލީޒްކުރާ ތާރީޚު އަލުން އިޢުލާނުކޮށްފައި މިވަނީ އަންނަ އޮކްޓޯބަރު މަހު 22 އިން ފެށިގެން މަހާރާޝްތުރާގައި ސިނަމާތައް ހުޅުވަން އިންޑިއާ ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެންނެވެ.

ސައިފް ޢަލީ ޚާންއާއި ރާނީ މުކަރްޖީއާއި ސިދާންތު ޗަތުރްވެޑީގެ އިތުރުން އަލަށް ތަޢާރަފުކުރާ ބަތަލާ ޝަރްވަރީ ވާގް މައިގަނޑު ރޯލުތަކުން ފެނިގެންދާ “ބަންޓީ އޯރް ބަބްލީ 2” އަކީ ކުރީގެ ފިލްމެކޭވެސް އެއްގޮތަށް ކްރައިމް ކޮމެޑީއެވެ. ކުރީގެ ފިލްމުގައި ރާނީއާއެކު އަބީޝެކް ފެނުނު ނަމަވެސް މި ފިލްމުގައި ރާނީއާއެކު ސައިފް ފެނިގެންދާއިރު މިއީ 12 އަހަރަށްފަހު ރާނީއާއި ސައިފް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. އެ ދެމީހުން އެންމެ ފަހުން އެއްކޮށް ފެނިފައިވަނީ 2008 ގެ ފިލްމު “ތޯޅާ ޕިޔާރް ތޯޅާ މެޖިކް” އިންނެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ވަރުން ޝަރްމާ ޑައިރެކްޓްކޮށްފައިވާ “ބަންޓީ އޯރް ބަބްލީ 2” އަކީ “މަރްދާނީ 2” ގެ ބޮޑު ކާމިޔާބީއަށްފަހު ޔާޝް ރާޖް ފިލްމްސް އިން ނެރޭ ފުރަތަމަ ފިލްމެވެ. ސައިފް އާއި ރާނީގެ ކާމިޔާބު ޖޯޑު އަލުން ފެނިގެންދާ “ބަންޓީ އޯރް ބަބްލީ 2” އަންނަ ނޮވެމްބަރު މަހު 19 ގައި ސިނަމާތަކުގައި އަޅުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.