އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ބޮޑު 3 ފިލްމެއް 2022 ގައި ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.

ވައިއާރްއެފުން އެ ކުންފުނީގެ ފިލްމުތަކެއް ރިލީޒްކުރަން ތާވަލުކޮށްފައި މިވަނީ އަންނަ އޮކްޓޯބަރު މަހު 22 އިން ފެށިގެން މަހާރާޝްތުރާގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދިނުމާއި ގުޅިގެން ސިނަމާތަކުގައި ރިލީޒްކުރާ ބޮޑެތި ފިލްމުތަކެއްގެ ތާރީޚުތައް އިޢުލާނު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

 

* ޕްރިތުވިރާޖް

އަކްޝޭ ކުމާރާއި ބޮލީވުޑަށް ތަޢާރަފުކުރާ މަނޫޝީ ޗިއްލާރ ލީޑް ރޯލުން ފެނިގެންދާ ތާރީޚީ އެކްޝަން ފިލްމު “ޕްރިތުވިރާޖް” އަކީ އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގައި ރަސްކަން ކުރި ޕްރިތުވިރާޖް ޗޯހާންގެ ޙަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ސަންޖޭ ދަތާއި ސޯނޫ ސޫދާއި އަޝޫތޯޝް ރާނާ އާއި ސާކްޝީ ތަންވަރު ފަދަ ތަރިން މުހިންމު އެހެން ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ކާމިޔާބު ޓީވީ ސިލްސިލާތަކެއްވެސް އުފައްދާފައިވާ ޗަންދުރަޕްރަކާޝް ދިވޭޑީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

2003 ވަނަ އަހަރު “ޕިންޖަރް” ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 22 ގައެވެ.

 

* ޖަޔޭޝްބާއީ ޖޯރްދާރް

އަންނަ އަހަރު ފެބްރުއަރީ 25 އަށް ތާވަލުކޮށްފައިވާ “ޖަޔޭޝްބާއީ ޖޯރްދާރް” އަކީ ދިވްޔަންގް ތައްކަރް ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ސޯޝަލް ކޮމެޑީއެކެވެ.

މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާން ޖެހޭކަމަށް ޤަބޫލުކުރާ ފިރިހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ރަންވީރް ސިންގ، ބޮލީވުޑަށް އަލަށް ތަޢާރަފުކުރާ ޝާލިނީ ޕާންޑޭ، ބަމަން އިރާނީ އަދި ރަތުނާ ޕާތަކް ޝާހްއެވެ.

 

* ޝަމްޝޭރާ

ކުރިން “އަގްނީޕަތު” އާއި “ބްރަދާސް” ގެނެސްދިން ޑައިރެކްޓަރު ކަރަން މަލޯޓްރާ ޑައިރެކްޓްކޮށް ގެނެސްދޭ “ޝަމްޝޭރާ” ރިލީޒްކުރަން ތާވަލުކޮށްފައިވަނީ 18 މާރޗު 2022 އަށެވެ.

ރަންބީރް ކަޕޫރާއި ވާނީ ކަޕޫރްގެ އިތުރުން ސަންޖޭ ދަތު މައިގަނޑު ރޯލުތަކުން ފެނިގެންދާ “ޝަމްޝޭރާ” އަކީ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. ފިލްމުގެ ވާހަކައާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހާމަކޮށްފައި ނުވިނަމަވެސް ސަންޖޭ ދަތު ކުޅެނީ ވިލަންގެ ރޯލުކަން އޭނާ ވަނީ ޔަޤީން ކޮށްދީފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.