“ކަލޭ ނިކަން މޮޔަވެބަލަ.. އިތުރަށް ނުކިޔަވާ މީހަކާއި އިންނަ ވާހަކަ މަ މިބުނީ ޒިނާނާއި އިންނަންވެގެނޭ.. ހޭބުއްދި ކުޑަވެގެން ނޫޅެ ހަމަބިމަށް ތިރިވެބަލަ.. ރަނގަޅަށް ވާނުވާ ބަލާބަލަ.. ރުފިޔާފޮއްޗެއް ގެންގުޅޭ ކޮންމެ މީހަކު ފެންނައިރަށް ކަލޭ ތިޔަ ހުންނަނީ އިންނަން ބޭނުންވެފަ.. މީ ދެން ބޮޑުވަރެއްނު..” ހިތްހަމަނުޖެހުމާއިއެކު މޭޒު ކައިރިން ތެދުވި ޝާލޫގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް މަޑުކުރާކަށް ނުހަދައެވެ. ބޭނުން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު ނިހާމާއަށް އެއްވެސް ސަމާލުކަމެއް ނުދީ ދިޔަ ގޮތަށް ގޮސް ބޭރަށް ވެސް ނުކުތެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައިރު ހޫނުގެ އެއްވެސް އަސަރެއް ނެތެވެ. ގެއިން ނުކުމެގެން ޝާލޫމެން ގެއާއި ދިމާއަށް ނިހާމާ މިސްރާބު ޖެހިއެވެ. ރަށުތެރެއަށް ފެތުރިފައިވާ ފިނިކަމުގެ އަސަރު ޝާލޫގެ ހިތާއި ހަމައަށް ވެސް ފޯރާފާނެކަމުގައި ނިހާމާއަށް ޤަބޫލު ކުރެވުނެވެ.
ޝާލޫގެ އެފަދައިން ކަންތައް ކުރުމުން ނިހާމާ ކަންބޮޑުވިއެވެ. ދުވަސްވީ އެ ގާތްކަމާއި ރަހުމަތްތެރިކަން ގެއްލިދާނެތީ ދެރަވިއެވެ. ޝާލޫއާ ޒިނާންގެ މެދުގައި އެފަދަ ގުޅުމެއް އޮތްކަން އެނގޭނަމަ އޭނާ އެވާހަކައެއް ނުދެއްކީހެވެ. ޝާލޫގެ އުފަލާއި ހިތްހަމަޖެހުމަށް ހުރަސްއަޅާ މީހަކަށް އޭނާ ނުވީހެވެ. މައްސަލަ ހައްލުކޮށް ޝާލޫ ހަމައަކަށް އަޅުވަން ނިހާމާ ބޭނުންވިއެވެ. ޝާލޫއާ ވާހަކަ ދައްކަން އެގެއަށް ދިޔައީ ވެސް އެހެންވެއެވެ. ނިހާމާއާ ވާހަކަ ދައްކަން ބޭނުންނުވީ ޝާލޫއެވެ. އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށް ވެސް ބުނީ ޝާލޫއެވެ.
ހަނދުމަހުގެ ސާދަވިލޭރެއެވެ. ހަނދުގެ ފުރިހަމަ އަލިން އުޑުމަތި އުޖާލާވެފައިވާއިރު ހަނދާއިއެކު އުޑުގައި ބަބުޅަމުންދާ ތަރިތަކުގެ ފުރިހަމަކަން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ރަށުތެރެއަށް ފެތުރިފައިވާ ނަލަނަލަ ހަނދުވަރުގެ ފުރިހަމަކަމުން ދުވާލުގެ އަލިކަން ފަދައެވެ. ތުނޑިތަކާއި އަތިރިތަކަށް ޖަމާވަމުންދިޔަ ލޯބިވެރިންގެ ޖޯޑުތައް ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.
“ކިތަންމެ ރީތި ކިތަންމެ ފުރިހަމަ ހަނދުވަރެއް ދީފައި އޮތަސް އަހަރެންނަށް ކީއް؟ އަހަރެން ނޫޅެން ފާޒިލާއިއެކު ތުނޑިއަކަށް ވެސް އަދި އެހެން ތާކަށް ވެސް ދާކަށް.. އަހަރެންނަށް ރަނގަޅީ ދެން ދުވަހަކު ވެސް އަހަރެން ހޯދަން ފާޒިލް ނައިއްޔާ.. އިތުރަށް ކިޔަވައި މޮޅު މީހަކަށްވުން އެއީ އަހަރެންގެ އަބަދުގެ ވެސް އުންމީދު.. ފާޒިލް ކަހަލަ ނުކިޔަވާ ހުރި ކުޑަކުޑަ މުސާރައެއް ލިބޭ މީހަކާއިއެކު އުޅެގެން އަހަރެންގެ މި އުންމީދުތައް ދުވަހަކު ވެސް ޙަޤީޤަތަކަށް ނުހެދޭނެ.. ފާޒިލް ދެން ދޭ.. މިހިސާބުން މި ގުޅުން މި ނިމުނީ..” ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ފާޒިލް ބުނާ އެއްޗަކަށް ބެލުމެއް ވެސް ނެތި ޝާލޫ ދިޔަގޮތަށް ގޭތެރެއަށް ވަނެވެ. އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ވެސް ލެއްޕިއެވެ.
ލިބުނު ހިތާމައާއި ހިތްދަތިކަމެއްގެ ސަބަބުން ހުއްޓުން އަރާފައި ހުރި ފާޒިލަށް ހޭވެރިކަންވީ މީހަކު ގޮވާލި އަޑު އިވުމުންނެވެ. މަޑުމަޑުން ކުރިޔަށް ހިނގައިގަތްއިރު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައިގެން ހުރިހެން ހީވިއެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ދެލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާއާ ވާހަކަ ދައްކަމުންދިޔަ މީހާ ދެނެގަތުމަށް ކުޑަ ވަގުތުކޮޅެއް ބޭނުންވިއެވެ. މީހާ ހަމައަކަށް އެޅުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.
“ފާޒިލްބެ.. ފާޒިލްބޭ.. ކިހިނެއްވަނީ؟ އޯކޭތަ؟ އޭނ.. ފާޒިލްބޭ..” ފާޒިލްގެ ކުރިމަތީގައި ހުރި ހަސްމާ ފާޒިލަށް ގޮވަމުން ސުވާލު ކުރަމުން ދިޔައެވެ. ކަމެއް ހިނގައިފިކަން ދެނެގަންނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ.
“އާނ..” އަތުގެ ނުފުށުން ލޯ ކައިރި ފޮހެލަމުން ގެއާ ދިމާއަށް ފާޒިލް ހިނގައިގަތެވެ. ވެގެން އުޅޭގޮތް ހަސްމާއަށް ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަސްމާއަކީ ޝާލޫގެ ކޮއްކޮއަށް ވުމުގެ އިތުރުން އަދި ކުޑަކުއްޖެކެވެ.
ޝާލޫ އާއި ފާޒިލްގެ މެދުގައިވާ ގުޅުމަށް ބަދަލެއް އައިސްފިކަން އެންމެ ފުރަތަމަ ދެނެގަތް މީހަކީ ޝާލޫގެ މަންމަ އާގިސާއެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެގެއަށް އައިސް ޝާލޫގެ އިތުރުން އެ ދެމަފިރިންނާއި ހަސްމާއާ ވެސް ވާހަކަ ދައްކާ އުޅޭ ފާޒިލް އެގެއަށް އައުން ހުއްޓާލީ ކުއްލިއަކަށެވެ. ވެގެން އުޅޭގޮތް ނުބަލައެއް އާގިސާއަކަށް ނުހުރެވުނެވެ. ފާޒިލް އެގެއަށް އައުން ހުއްޓާލިކަން ފާހަގަވިތާ ހަފްތާއެއްހާ ދުވަސް ފަހުން ޝާލޫ ގާތު އާގިސާ އެވާހަކަ ދެއްކިއެވެ. ރަށުތެރެއިން އޭނާއަށް އިވުނު އަޑުތައް އެއީ ޙަޤީޤަތެއްތޯ ވެސް ބަލަން ބޭނުންވިއެވެ.
“މިފަދަ ތަޢުލީމީ ޒަމާނެއްގަ އެކަހަލަ ނުކިޔަވާ ހުރި މީހަކާއި އިނދެގެން ކިހިނެއް އުޅޭނީ؟ އަހަރެން ބޭނުން މާލެ ގޮސް އިތުރަށް ކިޔަވަން.. މަންމަމެނަކަށް އެކަން ވާކަށް ނެތް.. ލިބޭ އާމްދަނީ ކުޑަކަމުން ފާޒިލަކަށް ވެސް އެކަން ވާކަށް ނެތް.. ދެން ކިހިނެއް އެކަހަލަ މީހަކާއިއެކު އުޅޭނީ..” ފާޒިލާއި ދުރަށް ދާން ޝާލޫ ނިންމި ނިންމުން އާގިސާއަކަށް ކަމަކު ނުދިޔައެވެ.
“ދިރިއުޅުމަކަށް ބޭނުންވަނީ ހަމައެކަނި ތަނަވަސްކަމެއް ނޫނޭ ދަރިފުޅާ.. ފާޒިލްއަކީ ވެސް އޯލެވެލް ހަދައިގެން ހުރި ޒުވާނެއް.. އަޚްލާޤު ރަނގަޅު މަސައްކަތްތެރި ޒުވާނެއް.. މަޝްވަރާކޮށްލި ނަމައެއްނު އެނގޭނީ ތިކަން ވެސް ހަމަނުޖެހޭނެ ކަމެއް.. މިހާ ދުވަހު އެކުގަ އުޅެ ކައިވެނި ކުރަން ބައްޕަމެން އެވަރަށް ތައްޔާރުވީމަ ތިހެން ކަންތައް ކުރާކަށް ނުވާނެއެއްނު..” އާގިސާ މަސައްކަތް ކުރީ ޝާލޫއަށް ވިސްނައިދޭށެވެ.
“އަހަރެން އޭނާދެކެ ލޯތްބެއް ވެސް ނުވޭ.. އަހަރެން..” ޝާލޫ ދައްކަން ފެށި ވާހަކަތައް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އާގިސާ ވާހަކަދައްކަން ފެށުމުން ޝާލޫ ހުއްޓާލިއެވެ.
“މިއަދުތަ އެކަން އެނގުނީ؟ މިހާ ދުވަސްވީއިރު ކުރިން ކީއްވެ ތި ވާހަކަތައް ނުދެއްކުނީ؟ އެ ބުނާ ޒިނާނަކާއި ދިމާވިފަހުން ދޯ ތިހުރިހާ ކަމެއް އެނގުނީ؟ ތިގޮތަށް ކަންތައް ކޮށްފިއްޔާ ހާޖީބޭމެން ވެސް ކިހާ ރުޅިއެއް އަންނާނެ.. ކޮންމެހެނެއް ވިޔަސް އަހަރެން ތި ކައިވެންޏަކާއި ޤަބޫލެއް ނޫން.. ޝާލޫގެ ބައްޕަ ވެސް ޤަބޫލެއް ނުވާނެ..” ޝާލޫއަށް ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އާގިސާ ހިތްހަމަނުޖެހުނެވެ. އޭނާގެ އެންމެފަހުގެ ނިންމުން އިއްވަމުން އެކޮޓަރިން ނުކުތެވެ.
ޒިނާނާއި އޭނާގެ މެދުގައި އޮތް ސިއްރު ލޯބީގެ ގުޅުން އާގިސާއަށް އެނގުމުން ޝާލޫ ހާސްވެ ކަންބޮޑުވިއެވެ. އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ.
ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ޝާލޫގެ ބައްޕަ ޒަމީރާއި ހަމައަށް ވެސް ފޯރިއެވެ. ޕެޓްރޯލް އަޅާފައިވާ ހިކި ފަންތަކެއް މައްޗަށް އަލިފާން ކަންޏެއް ވެއްޓުނު ކަހަލައެވެ. އަރައިގެން ރުޅިއާއެކު ފުފެމުން ފުފެމުން ކަހަލަ ގޮތަކަށް އައިސް ގޯތިތެރެއަށް ވަތް ޒަމީރާއި އެންމެ ފުރަތަމަ ދިމާވީ އާގިސާއެވެ. ޒަމީރު ފެނުމާއިއެކު ވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ވިސްނުނެވެ. ރޯވަމުންދިޔަ އަލިފާންގަނޑު ބޮޑު ނުވަނީސް ފެންޖަހައި ނިންވުމަށް އޭނާ އަވަސްވެގަތެވެ.
ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ހާޖީގެ ދެމަފިރިންނަށް ވެސް އަޑުއިވުނެވެ. އެވާހަކަތައް ހިފައިގެން އައި ބައެއް މީހުން ހީނހީނފައި މަލާމާތް ކުރިއެވެ. ހިތްވަރާއި ނަސޭޙަތް ދިން މީހުން ވެސް ތިއްބެވެ. ދެކެވެމުންދިޔަ ވާހަކަތަކާއި ބެހޭގޮތުން ޒަމީރުމެނާއި ވާހަކަ ނުދައްކާ ހާޖީގެ ދެމަފިރިން މަޑުކުރީ ފާޒިލް ބުނާ އެއްޗެއް ބަލާށެވެ. ނުވަތަ ޒަމީރުމެން އައިސް އެވާހަކަ ދައްކާތޯއެވެ. ޝާލޫ އާއި ފާޒިލްގެ ކައިވެންޏަކީ ހާޖީގެ ދެމަފިރިން ފަދައިން ޒަމީރުގެ ދެމަފިރިން ވެސް ނުހަނު ބޭނުންވާ ކައިވެންޏެކެވެ.
ޝާލޫގެ ނިންމުމަށް އޭނާގެ މައިންބަފައިން ނުރުހުން ފާޅުކުރި ހިސާބުން ޝާލޫގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. ކެއިން ބުއިމާއި ދުރުވެ ރައްޓެހިންތަކާއި ވެސް ދުރުވިއެވެ. ކޮޓަރިން ބޭރަށް ނުކުތުން ހުއްޓާލިއެވެ. އަބަދުހެން އޭނާއާއެކު އުޅޭ ރައްޓެހިންތައް އައިސް ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް އެމީހުންނާއި ބައްދަލެއް ނުކުރެއެވެ. އެންމެ ލޯބިން އެންމެ ގާތްކޮށް އުޅުނު އޭނާގެ ކޮއްކޮ ހަސްމާއާއި ވެސް ވަރަށް ދުރުވެއްޖެއެވެ. އެ މަންމައެއްގެ ކޮންމެ އެދުމެއް އުފަލުން ޤަބޫލުކޮށް ބަސްއަހައިގެން އުޅުނު މަންމަ ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުން ހުއްޓާލިއެވެ. ބައްޕައަކީ މިހާރު އޭނާ ދަންނަ މީހަކަށް ވެސް ނުވެއެވެ.
ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ޝާލޫއާ ބައްދަލުކުރަން ކުރި މަސައްކަތަށް އެއްވެސް ކާމިޔާބެއް ނުލިބުމުން ފާޒިލް އައީ ގެއަށެވެ. މާޔޫސްކަމާއިއެކު އައިސް ގެއަށް ވަތް ފާޒިލް ސިއްސައިގެން ދިޔައީ ފެންޑާތެރޭގައި ތިބި ޒަމީރާއި އާގިސާ ފެނުމުންނެވެ. މަނާރަތަށް ފާޒިލް ފެނުމާއިއެކު އަވަސްއަވަހަށް ތެދުވިއެވެ. މާޔޫސްކަމާއި ހިތްދަތިކަމުން ކަރުއެލިފައި ހުރި އޭނާގެ ދަރިފުޅުގެ ޙާލާއިމެދު އޭނާ ކަންބޮޑުވިއެވެ.
“ފާޒިލް! އައިސްބަލަ.. ބޭބެމެން މިއައީ ފާޒިލާއި ވެސް ވާހަކަ ދައްކާލާށޭ..” ޒަމީރު ގޮވާލުމުން ފާޒިލް އައިސް އެތަނުގައި މަޑުކުރިއެވެ.
ދެކެވެމުންދިޔަ ވާހަކަތައް އަޑުއަހާކަށް ފާޒިލަކަށް ފަސޭހައެއް ނުވިއެވެ. އޭނާގެ ޙަޔާތަށް ޝާލޫ ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް އެގޮތަކަށް އެއްބަހެއް ނުވެވުނެވެ. އެމީހުންގެ އެ ނިންމުމަށް އާނބަހެއް ނުބުނެވުނެވެ.
“ނޫން ބޭބޭ.. އަހަރެން ތިކަމަކާއި އެއްބަހެއް ނޫން.. ޝާލޫއަށް މަޖުބޫރު ނުކުރޭ.. ޝާލޫ އެ ދެއްކީ މުޅިން ވެސް ރަނގަޅު ވާހަކަ.. އަހަރެން އެވާހަކަތައް ޤަބޫލުކުރަން.. ޝާލޫގެ އެ ނިންމުމަށް އިޙްތިރާމް ކުރަން.. އޭނާގެ އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން އޭނާއަށް ފުރުސަތުދީ.. އޭނާއާ އެކަށީގެންވާ މީހެއް އޭނާ އެ ހޯދީ.. އެއީ އޭނާގެ ދިރިއުޅުން.. އަހަރެންގެ ހިތުގައި ބޭބެއާ ދައްތައަށް އެއްވެސް ހިތްހަމަނުޖެހުމެއް ނެތް.. އަހަރެން ވެސް..” އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ފާޒިލަކަށް ނުލިބުނެވެ. ދަނީކަމަށް ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“ތިޔަ ކައިވެންޏަކީ ކުރަން އަހަރުމެން ވެސް ވަރަށް ބޭނުން ކައިވެންޏެއް.. އެކަމު ފާޒިލްގެ ނިންމުން އެއަށްވުރެ މުހިންމު.. ފާޒިލް އެ ބުނިހެން އަހަރެމެންގެ ހިތުގައި ވެސް ޒަމީރުމެނަށް ހިތްބަރުކަމެއް ނެތް.. އަދި މިކަން ނުވުމަކުން މިގުޅުމަށް އަންނާނެ ހީނަރުކަމެއް ވެސް ނޯންނާނެ.. ޝާލޫއަށް އޭނާ އެ ބޭނުންވާ ފުރުސަތުދީ..” އެތައް އިރަކު ވިސްނަން އިނުމަށްފަހު މަނާރަތު ހާމަކުރީ އޭނާގެ ނިންމުމެވެ. އަދި އޭނާ ޤަބޫލުކުރާ ގޮތެވެ. އެ ނިންމުން ނިންމަން ޖެހުމުން އޭނާއަށް ކޮށްފައިވާ އަސަރު އަޑާއި މޫނުމަތިން ސިއްރެއް ނުވިއެވެ.
މަނާރަތުގެ އެ ނިންމުމަށް އެއްބަސްވާ ފަދައަކުން ހާޖީ ބޯޖަހާލިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން ގޮސްލަނީ..” ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ޒަމީރު ބޭނުންވީ އެތަނުން ދާށެވެ.
“އެމީހުން އެހެން ބުންޏަސް އަހަރެން ބޭނުމެއް ނޫން ޝާލޫ އެހެން މީހަކާއި އިންނާކަށް.. އެ ފާޒިލްއަކީ ހާދަ ރަނގަޅު ކުއްޖެކޭ.. އެކަހަލަ އަޚްލާޤު ރަނގަޅު މަސައްކަތްތެރި ހީވާގި ޒުވާނެއް މިޒަމާނުގައި މަދުވާނެ.. އަނެއްކާ ޝާލޫދެކެ އެހާ ލޯބިވޭ.. ތިޔަ ޒިނާނަކާއި ޖެހިގެން ޝާލޫއަށް އެއައި ބަދަލެއް އައިސްގެން އެ އުޅެނީ.. ކިހިނެއް އުޅޭ ކާކުކަމެއް ވެސް އަހަރުންނަކަށް އެނގެނީއެއް ނޫން.. ކިހިނެއް އެނގޭނީ ދަރިއަކު ދީފައި މާދަމާ ނޫންކަމެއް ވެސް ރަށަށް ފޮނުވާލާނީ..” ގެއަށް އައި މަގުމަތީ ޒަމީރު ވާހަކަ ދެއްކިއެވެ. ޝާލޫގެ އެ ނިންމުމުގެ ސަބަބުން ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް ޝާލޫއާ ދިމާއަށް އެއްޗެހި ނުކިޔުމަށް އާގިސާ ކުރި އާދޭސް ޒަމީރުގެ ހަނދާނުގައި ހަރުލާ ހުއްޓެވެ. ދަރިން ކުރާ ނުރަނގަޅު ކަންކަމާއި ހިތްހަމަނުޖެހިގެން ދަރިންނާއި ދިމާއަށް އެއްޗެހި ކިޔައި ހަޅޭއްލުމާއި އަތް އިސްކުރުމަކީ އާގިސާ ބޭނުންވާ ގޮތެއް ނޫނެވެ. އާގިސާ ޤަބޫލުކުރާ ގޮތުގައި ޒަމީރު ވެސް ހުންނަންވާނީ އެގޮތަށެވެ.
“އޭރުން ދެން ކޮއްކޮ އޭނާއާ އިންނަންވީނު..” ހިތްހަމަނުޖެހިގެން ޝާލޫ ހަޅޭއްލަވައިގަތް ނަމަވެސް ހަސްމާ ހާހެއް ނުވެއެވެ. ކަންބޮޑެއް ވެސް ނުވެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެކަން ހިނގައިދާނެކަން އޭނާއަށް އެނގެއެވެ.
“އާނ ދޯ؟ އެކަމު، ފާޒިލްބެ ލޯބިވަނީ ދޮންތަދެކެއޭ.. އެހެން ނޫންނަމަ އަހަރެން ނިމެންދެން މަޑުކޮށްލަން ބުނެވިދާނެ.. ޒުވާނުންގަނޑު އެވަރަށް މަ ފަހަތުން ދުވާއިރު އެ ފާޒިލް މަށަށް ބަލާ ވެސް ނުލައޭ.. މަ ހިތަށްއަރާ ދޮންތަ ކޯއްޗެއް ދައްކައިގެން ބާއޭ އޭނާ އެވަރެއް ވެފަ އެ ހުންނަނީ.. މަ އެކަން ކުރީމަ ފަހުން ރޮމުން ނާންނާތި.. އޭރުން ދެން..” ހެމުންހެމުން ހަސްމާ ދައްކަން ފެށި ވާހަކަ ޝާލޫއަކަށް މަޖަލެއް ނުވިއެވެ. އޭނާގެ ބޭނުމަކީ ކޮބައިކަން އެނގުމުން ޝާލޫ ބޭނުންވީ ހަސްމާ އަވަހަށް އެތަނުން ފޮނުވާލާށެވެ.
“އަވަހަށް ދާން އުޅޭ މިތަނުން.. ގޮސް ތިޔަ ބުނާ ފާޒިލަކަށް ތިޔަ ފޮނިކަން ދައްކާ..” އެނދުމަތިން ބާލީހެއް ނަގައިގެން ހަސްމާއާ ދިމާއަށް އަންނަމުން ޝާލޫ އަނގަ ތަޅައިގަތެވެ. އޭނާ އެ އަންނަނީ ކީއްކުރަންކަން އެނގުމާއިއެކު ހަސްމާ އަވަސްއަވަހަށް އެ ކޮޓަރިން ނުކުތެވެ. އެހާ ހިސާބުން އޭނާ މިނިވަންވާނެކަން ހަސްމާއަށް އެނގެއެވެ.
ފާޒިލާއި ޝާލޫގެ ކައިވެނީގެ ކަންތައް ހަމަޖެއްސުމަށް ޒަމީރުމެން ކުރަމުން އައި މަސައްކަތް ހުއްޓާލީ ފާޒިލް އެގޮތް ބޭނުންވުމުންނެވެ. ޝާލޫ ބޭނުން ނޫނަސް ޒަމީރުމެން ބޭނުންވަނީ ފާޒިލާއި ޝާލޫ ކައިވެނި ކުރުވާށެވެ. އެގޮތް ބޭނުންނުވީ ފާޒިލެވެ.
ޒިނާނާއި ޝާލޫ ކައިވެނިކުރަން ޒަމީރު ވަލީ ދިނީ ފާޒިލް އެކަމަށް އެދި އާދޭސް ކުރުމުންނެވެ. ދަރިފުޅުގެ ދިރިއުޅުން މަޖުބޫރުގެ ތެރެއަށް ވައްޓާނުލައި އޭނާ ބޭނުން މީހަކާއި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމަށް އާގިސާ ވެސް ޒަމީރު ގާތު އާދޭސް ކުރިއެވެ. އެ ކައިވެންޏާއި އޭނާ ވެސް ޤަބޫލު ނޫން ވާހަކަ ބުންޏެވެ. ހިތްހަމަޖެހުނަސް ނުޖެހުނަސް އޭނާ ބޭނުން ފުރުސަތު ޝާލޫއަށް އޭނާގެ މައިންބަފައިން ދިނެވެ.
“ހަނދާން ކުރާތި.. އަހަރެން ކަލެއަށް ވަލީ ދިނަސް އެ ޒިނާނާއި އިނދެގެން މިގެއަށް ވަދެގެން ނުވާނެ.. ތިޔަ ކައިވެނި ކުރާ ހިސާބުން ތީ އަހަރެންގެ ދަރިއެއް ނޫން.. ދުވަހަކު ކޮޅުން ވެސް މިގެއަށް ވަދެގެން ނުވާނެ.. އަހަރެން ކަލެއަށް..” ރުޅިއައިސްފައި ހުރި ޒަމީރަށް ކިޔޭ ނުކިޔޭ ވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި