މާލެއަށް އުފަން އާމިނަތު ޝިޒްނާ ޝަރީފް (ޝިޒޫ) ގެ ވާހަކަ އާންމުންނަށް މާބޮޑަށް ނޭނގިދާނެއެވެ. ނަމަވެސް ޝިޒޫއަކީ ކިހާ ހުނަރުވެރި ފަރާތެއްކަން ޝިޒޫގެ އިންސްޓަގްރާމް ޝިޒޫ.އެމްވީ އިން އަޅުގަނޑަށް ފެނުމާއެކު ޝިޒޫގެ ވާހަކަތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ޝިޒޫއަކީ ޗައިނާގައި ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ދިވެއްސެކެވެ. މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލަނީ މުނިއަވަސް އަށް ޝިޒޫ ދީފައިވާ ހާއްސަ ބަސްދީގަތުމެވެ.

 

* ކިހިނެތް މި ދާއިރާއަށް ވަދެވުނީ؟

ފިރިމީހާ އެމެރިކާގައި ކިޔަވަން ހުރިއިރު އަޅުގަނޑުވެސް އެއް އަހަރުގެ ދަރިފުޅު ގޮވައިގެން ގޭގަ ހުރީ.. އޭރު ވަރަށް ބަލަން ކޭކު އަޅާ ވީޑިއޯ އަދި ކައްކާ ވީޑިއޯވެސް.. އެގޮތުން ޝައުޤުވެރިކަން އުފެދިގެން އެމޭޒަން އިން ބަޓަރ ކޭކު އަޅާ ސާމާނު ގެނެސްގެން ދަސްކުރަން ފެށީ.. ކޭކު އެޅުމަކީ ވަރަށް ޝައުޤުވެރި ކަމަކަށްވީ.. ފުރަތަމަ އެހާ ރީތިކޮށް ނޭޅުނަސް ފަހުން ހަމަ ވީޑިއޯ ބަލައިގެން ދަސްކުރީ

 

* ކިހާ ދުވަހެއް ވެއްޖެ މި މަސައްކަތް ކުރާތާ؟

މި މަސައްކަތް ކުރާތާ މިހާރު ސާދަ ވަރަކަށް އަހަރު ވެދާނެ

 

ޝިޒޫ އަޅާފައިވާ ކޭކެއް / ފޮޓޯ: ޝިޒޫ.އެމްވީ

 

* ކީއްވެ ޗައިނާގައި މަސައްކަތްކުރަނީ؟

އަސްލު އަޅުގަނޑުގެ ފިރިމީހާ ޗައިނާގައި ވަޒީފާ އަދާކުރަމުންދާތީ ދެ ކުދިންނާ އެއްކޮށް އަޅުގަނޑުވެސް މިތަނުގައި ދިރިއުޅޭތީ

 

* އަމިއްލަ ޤައުމު ނުވަތަ ވަޒަނުގައި ނޫން އެހެން ޤައުމެއްގައި މަސައްކަތް ކުރާއިރު ކޮންކަހަލަ ގޮންޖެހުން ތަކަކާއި ދިމާވަނީ؟

ސާދަ އަހަރުވެއްޖެ އެކި ކަހަލަ މާހައުލުތަކުގައި ދިރިއުޅޭތާ.. އެގޮތުން އެމެރިކާ، ޖޯޑަން، މެލޭޝިއާ، އިންޑޮނޭޝިއާ އަދި މިހާރު ޗައިނާގައި މިއުޅެނީ.. އުދަނގުލެއް ނުވޭ ދިރިއުޅޭކަށް.. ކޮންމެ މާހައުލަކަށްވެސް ވަރަށް އަވަހަށް އެބަ ރައްޓެހިވެވޭ.. ނަމަވެސް ޗައިނާގައި ދިރިއުޅޭއިރު ޗައިނީޒް ނޭގޭތީ އުނދަގޫތަކެއް ހުރޭ.. ކޭކު އިޝްތިހާރު ކުރުމަށް ވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ހަމަ އޮތީ ޗައިނާ ބަސް ނޭގުން.. އެހެންނަމަވެސް ބެއިޖިންގައި ދިރިއުޅޭތީ އިނގިރޭސި ބަސް ދަންނަ މީހުން ވަރަށް ގިނައިން އުޅޭ.. އަޅުގަނޑުގެ ކޭކުތައް ގަންނާނީވެސް ބެއިޖިންގައި އުޅޭ އެހެން ޤައުމުތަކުގެ މީހުން

 

ޝިޒޫ އަޅާފައިވާ ކޭކެއް / ފޮޓޯ: ޝިޒޫ.އެމްވީ

 

* އާންމުކޮށް ދުވާލަކު ކޭކު އެޅުމަށް ކިހާ ވަގުތެއް ހޭދަކުރަންތޯ؟

ކުދިން ސްކޫލަށް ގެންދިއުމަށްފަހު ހުރިހާ ވަގުތެއްވެސް ހޭދަކުރަނީ ކޭކު އެޅުމާއި އާ ވައްތަރުގެ ކޭކުތައް ދަސްކުރުމަށް.. މިހާރު ބޮޑަށް މި ހަދަނީ މޫސް ކޭކު.. “މިރަރ ގްލޭޒް” އަދި “ވެލްވެޓް ސްޕްރޭ” ކަހަލަ އަރޓިސްޓިކް ކޭކު ހަދަން ތިން ދުވަސް ނަގާ.. އެއީ އިންސަރޓް ހަދާށާއި މޫސް ގަނޑު ކުރަން ޖެހޭތީ

 

* މި ދާއިރާއިން ކުރިއަށް ދިއުމުގައި ކޮންކޮން ފަރާތްތަކެއްގެ އެހީތެރިކަމެއްތޯ ލިބެނީ؟

ފިރިމީހާ އަދި މާލޭގައި ތިބި އާއިލާގެ މީހުންގެ އިތުރުން ރައްޓެހިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭ.. މިދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ހިތްވަރު ދޭ

 

ޝިޒޫ އަޅާފައިވާ ކޭކެއް / ފޮޓޯ: ޝިޒޫ.އެމްވީ

 

* ކަސްޓަމަރުންނަށް އެންމެ ކަމުދަނީ ކޮންކަހަލަ ކޭކެއް؟

އަޅުގަނޑުގެ ކޭކުތައް ބޮޑަށް މި ގަންނަނީ ބޭރުގެ ރައްޓެހިން.. އެމީހުންނަށް ވަރަށް ކަމުދޭ މޫސް ކޭކު އަދި ޕެންޑަން ކޭކު.. އެމީހުންނަށް މުޅިން އާ ރަހައަކަށްވީ ޕެންޑަން ކޭކު.. ޕެންޑަން ކޭކު އޯޑަރ ވަރަށް ލިބޭ.. މި ދުވަސްކޮޅު އާ ރެސިޕީތައް ދަސްކުރާތީ  އޯޑަރ ނުނަގަން

 

* އެކަށީގެންވާ އާމްދަނީއެއް ލިބޭތޯ ކޭކު އަޅައިގެން؟

އާމްދަނީއެއް ހޯދުމަށްވުރެ ބޮޑަށް ހޮބީއެއް ގޮތަށް ކޭކު އަޅަނީ.. މަސައްކަތުން ލިބޭ ހިތްހަމަޖެހުން އާމްދަނީއެއް ކަމުގައި ދެކެނީ

 

* ކޮންކަހަލަ ކާމިޔާބީއެއްތޯ މިހާތަނަށް މި ދާއިރާއިން ލިބިފައިވަނީ؟

ޔޫރަޕްގެ އެކަޑަމީއަކުން އޮންލައިންކޮން ބޭއްވި ކޭކު ކޮންޓެސްޓެއްގައި  ބައިވެރިކުރި ސަތޭކަ އަށް ކޭކުގެ ތެރެއިން އެންމެ މޮޅު ދިހަ ކޭކުގެ ތެރޭގައި އަޅުގަނޑުގެ ކޭކު ހިމެނުނު.. ސެޓުފިކެޓްވެސް ލިބިފައިވޭ

 

ޝިޒޫ އަޅާފައިވާ ކޭކުތަކެއް / ފޮޓޯ: ޝިޒޫ.އެމްވީ

 

* މި މަސައްކަތް ކުރަން ބޭނުންވާ ދިވެހިންނަށް ދަސްކޮށްދިނުމުގެ ނުވަތަ ކޯހެއް ހިންގުމުގެ ވިސްނުން އެބަހުރިތޯ؟

ރައްޓެހިން އަދި ސޯޝަލް މީޑިއާ ފޮލޯވަރސް ވެސް ވަރަށް އެދޭ ކޯހެއް ބާއްވަން.. އެކަމަކު ދަތިތަކެއް އެބަހުރޭ.. މިކަމަށް ބޭނުންވާ އިންގްރީޑިއެންޓްސް އަދި މޯލްޑްސް ރާއްޖެއިން ނުލިބޭތީ.. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަ ވީމަ އެބަހުރި ދަތިތަކެއް ރާއްޖެއަށް އެއްޗިހި ފޮނުވުމުގަ.. ދެން ކަންތައްތައް ހަމައަކަށް އެޅުނީމަ އޮންލައިންކޮށް ނުވަތަ ރާއްޖެ ދެވުނީމަ ކޯހެއް ހިންގިދާނެ

 

* ކޭކު އެޅުމުގެ އިތުރުން އެހެން މަސައްކަތެއް ކުރަންތޯ؟

އަޅުގަނޑަކީ ކޭކު އަޅަން ފެށުމުގެ ކުރިންވެސް ނަރުހެއް.. އެންމެ ކުރާހިތްވާ ކަމަކީވެސް އެއީ.. ޖޯޑަން ގަ ހަ އަހަރު އަދި ގްރެޖުއޭޓްވެގެން ރާއްޖޭގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރިން.. އެހެންނަމަވެސް ކުދިން ގޮވައިގެން އެކަނި އުޅޭތީ ވަޒީފާއަށް ނުދެވެނީ

 

ޝިޒޫ، ފިރިމީހާއާއި ދެ ކުދިންނާއެކު

 

* ކުރިމަގުގައި މި މަސައްކަތް ފުޅާކުރުމުގެ ވިސްނުން އެބަހުރިތޯ؟

މިކަމުގައި ކުރިއަށް ދެވެން އޮތް އެންމެ މައްޗަކަށް ކުރިއަށް ދާން އަޅުގަނޑު ބޭނުން.. ފިރިމީހާވެސް ހުރީ ފައިނޭންޝިއަލީ ހުރިހާ ގޮތަކުންވެސް އެހީވާން ތައްޔާރަށް.. އެންމެ ބޭނުންވަނީ “މިރަރ ގްލޭޒް” އަދި “ވެލްވެޓް ޓެކްސްޗަރ” ހަދަން.. އޭގެ އިތުރުން ކޭކު ހަދަން ބޭނުންވާ ސާމާނު ރާއްޖެއަށް ސަޕްލައި ކުރުމާއި، ރާއްޖެ އައިސް ކޭކު ކޯސް ހިންގުމަށްވެސް ބޭނުން.. ރާއްޖެ ބަދަލުވެވުނީމަ ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރަން ވިސްނުން ހުރީ.. ޗުއްޓީއަށް ދެވޭ ފަހަރުވެސް އޯޑަރ ނެގުމަށް ވިސްނުމުގައި އޮތީ

 

* އަލަށް މިކަހަލަ މަސައްކަތެއް ފަށަށް ބޭނުންވާ މީހުނަށް ބުނެލާނީ ކީކޭތޯ؟

އަލަށް ކަމެއް ފަށާއިރު އެއްވެސް ކަމެއް ކުރާކަށް ފަސޭހައެއް ނުވާނެ.. ފެއިލްވާ ފަހަރުވެސް އަންނާނެ.. އެހެންނަމަވެސް ހުއްޓާނުލައި ކުރިއަށް ދާށޭ.. އަޅުގަނޑުވެސް ވަރަށް ގިނަ ކޭކު ހަލާކުވެގެން ވެލްވެޓް ސްޕްރޭ ކުރަންވެސް ދަސްވީ.. ޝައުޤުވެރިކަން ހުރެގެން މިކަމަށް ވަގުތު ދޭށޭ.. ރެސިޕީތައް ބަލައި އާރޓިކަލްތައް ކިޔައި ހެދީމަ ވަރަށް ގިނަ ޓިޕްސްތައްވެސް އެނގޭނެ.. ވަރަށް ގިނައިން ކިޔަންވާނެ.. ވީޑިއޯތައް ބަލާ މޮޅު މީހުން ކޮށްފައި ހުންނަ މަަސައްކަތްތައް ބެލީމަ ދަސްވާނެ

 

* ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮން ފަރާތްތަކަކަށްތޯ؟

އަޅުގަނޑުގެ އާއިލާއަށް.. ޚާއްސަކޮށް ފިރިމީހާއަށް.. ފިރިމީހާ އަދި އާއިލާއިން ވަރަށް ބޮޑަށް އެހީވޭ.. ކޭކުގެ ފޮޓޯތައް ސެލެކްޓް ކުރުމަށްވެސް ވައިބަރ ގްރޫޕަށް ލީމަ ހަމަ އެމީހެއްގެ ޚިޔާލު ދޭނެ.. ދެބެންގެ ދެދަރި ކުދިން ވެސް، ރައްޓެހިންވެސް ހިމަނާލަން.. އެންމެންގެ އެހީތެރިކަމާއި ހިތްވަރު ދިނުން ވަރަށް ބޮޑަށް ފާހަގަކޮށްލަން.. އަދި ފޮޓޯތަކަށް ކޮމެންޓްކޮން އަދި މެސެޖްވެސް ކުރާނެ.. ޗައިނާގައި އުޅޭ ބޭރުގެ ރައްޓެހިންވެސް ކޭކު ރަހަބެލުމަށްފަހު ކޮމެންޓްދީ ހަދާނެ.. އެހެންވީމަ އެމީހުންނަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން އަދި އޭގެ އިތުރުން އަޅުގަނޑަށްް މި ފުރުސަތު ދެއްވީތީ މުނިއަވަސްއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.