ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރްޔަންގެ ޑިޖިޓަލްކޮށް ރިލީޒްކުރާ ފުރަތަމަ ފިލްމު “ދަމާކާ” އަންނަ ނޮވެމްބަރު މަހު ރިލީޒްކޮށްފާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ފިލްމު އުފެއްދި ފަރާތުން ފިލްމު ރިލީޒްކުރާނެ ތާރީޚު ރަސްމީކޮށް އިޢުލާނުކޮށްފައި ނުވިނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚާއި ގުޅޭގޮތުން ގިނަ ޚަބަރުތަކެއް ފެތުރިފައިވެއެވެ. އެގޮތުން ދިވާލީއާއި ދިމާކޮށް ނޮވެމްބަރު 4 ނޫނީ 5 ގައި ފިލްމު ރިލީޒްކޮށްފާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ދާދި ފަހުން ކާތިކްގެ އިންސްޓަގްރާމްގައި އޭނައާ ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ “ދަމާކާ” ރިލީޒްކުރަނީ ކޮންއިރަކުތޯ އަހާފައެވެ. އޭގެ ޖަވާބުގައި އޭނާ ބުނެފައިވަނީ އޭނާގެ އުފަންދުވަހުގެ ހަދިޔާއަށް އިންތިޒާރު ކުރުމަށް ބުނެފައެވެ. އެޔާއެކު ފިލްމު ރިލީޒްކުރާނީ ނޮވެމްބަރު 22 ގައި ފާހަގަކުރާ ކާތިކްގެ 31 ވަނަ އުފަންދުވަހާއި ގުޅުވައިގެން އެ ހަފުތާގައި ކަމަށް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ސުވާލާއި ޖަވާބު ސެޝަންގައި ކާތިކް ވަނީ އޭނާ ކުޅުނު “ލުކަ ޗުއްޕީ”ގެ ކޯ-ސްޓާރ ކްރިތީ ސަނަންއާއެކު މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ކްރިތީގެ ބިޒީ ޝެޑިއުލްގެ ސަބަބުން އަދި އެކީގައި މަސައްކަތް ކުރެވެން ނެތްކަމަށްވެސް ބުނެފައެވެ.

ކާތިކްއާއި މުރްނާލް ތާކުރް ލީޑް ރޯލުން ފެނިގެންދާ “ދަމާކާ” ގައި ކާތިކް ފެނިގެންދާނީ ކުރިން އެއްވެސް ފިލްމެއްގައި އޭނާ ފެނިފައިނުވާ ކަހަލަ ތަފާތު ރޯލަކުންނެވެ. ނެޓްފްލިކްސްގައި ރިލީޒްކުރާ މި އެކްޝަން ތުރިލާއަކީ ރާމް މަދުވާނީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ފިލްމެކެވެ.

“ދަމާކާ”ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކަށް ބަލައިލާއިރު އަންނަ އަހަރު މާރޗު 25 ގައި ރިލީޒްކުރާ ހޮރޯ-ކޮމެޑީ “ބޫލް ބުލައްޔާ 2” އާއި އެކްތާ ކަޕޫރްގެ “ފްރެޑީ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.