މީސް މީޑިއާ މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ޝައުގުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއި މެސެޖުތަކާއި ނަޞޭހަތްތައް ފޯރުކޮށްދީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤުސަދުގައި އިސްލާމީ ސަގާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އިއުލާން ކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ކޮށްފައިވާ މި އިއުލާނުގައި ވާގޮތުން ވީޑިއޯ ތައްޔާރުކުރުމަށް ވަނީ ހާއްސަ 5 ކެޓަގަރީއެއް ކަނޑައަޅާފައެވެ. އެއްވަނައަށް ފަސްހާސް ރުފިޔާ، ދެވަނަޔަށް ހަތަރުހާސް ރުފިޔާ، ތިންނަވަނަޔަށް ތިންހާސް ރުފިޔާ އަދި މީގެ އިތުރުން ހަތަރުވަނައިން ފެށިގެން ހަތްވަނައަށް ދެހާސްރުފިޔާ، އަށް ވަނައިން ފެށިގެން ދިހަވަނައަށް އެއް ހާސް ރުފިޔާގެ އިނާމުތަކެއް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމައްޓަކައި 17 އޮކްޓޯބަރ 2021 ވާ އާދިއްތަ ދުވަހުގެ 12.00ގެ ކުރިން އިއުލާނާއި އެކުގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުމަށްވެސް އިއުލާނުގައިވެއެވެ. އަދި 14 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ކުރިން މުބާރާތުގައި ބައިވެރިކުރާ ވީޑިއޯ ކްލިޕްގެ ސީޑީ ނުވަތަ ކްލައުޑް ސްޓޯރޭޖަކަށް ކްލިޕް އަޕްލޯޑުކޮށް ލިންކް، [email protected]  މެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.

 

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ އުސޫލު www.islamicaffairs.com.mv  އިން ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން [email protected]   އަށް މެއިލް ކުރެއްވުމުން އަދި ރަސްމީގައިޑީގައި މިނިސްޓްރީގެ ނަންބަރު 3020243 އަށް ގުޅުއްވުމުން މައުލޫމާތު ލިބޭނޭ ކަމަށް ވެސް މި އިއުލާނުގައި ފާހަނގަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.