ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލާ ގުޅިގެން މަޝްހޫރު ދިވެހި ބޭންޑް “ޑިޓިއުން” އިން ރާއްޖޭގެ ވާހަކަތައް ކިޔައިދޭ ނަލަނަލަ ލަވައެއް ނެރެފި އެވެ. އިނގިރޭސި ބަހުން ކިޔާފައިވާ މި ލަވައަށް ކިޔަނީ “ނަލަ ނަލަ ރާއްޖެ” އެވެ.

މި ލަވައިގައި ރާއްޖޭގެ ރީތިކަން ސިފަކޮށްދިނުމުގެ އިތުރުން، ފަތުރުވެރިކަން އަދާހަމައަށް އަންނަން އޮތް ހުރަސްތައް ކިޔައދީފައިވެއެވެ.

އަމިއްލަ ރާގުގެ މި ލަވަ ތައްޔާރުކުރުމުގެ މަސައްކަތް ޑިޓިއުން އިން ފެށީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް ބިޑް ހުޅުވާލި ހިސާބުންނެވެ. ބިޑް ކާމިޔާބުކުރީ ފަސް މެމްބަރުން ހިމެނޭ “ޑިޓިއުން” ބޭންޑުންނެވެ.

މި ލަވައިގެ އޯޑިއޯ މިހާރު ރިލީޒްކޮށްފައިވާއިރު، ވަރަށް އަވަހަށް ވީޑިއޯ ވެސް ނެރޭނެ އެވެ. މިނިސްޓްރީއާ ގުޅިގެން ވީޑިއޯ ހެދުމުގެ މަސައްކަތް އެ ބޭންޑުން މިހާރު އަންނަނީ ކުރަމުންނެވެ.

https://www.youtube.com/watch?v=FkegjA7SoGM

އަބަދުވެސް ތަފާތު ސްޓައިލްގެ މިއުޒިކް ނެރުމުން އަންނަ ޑިޓިއުން ބޭންޑުން ވަނީ މީގެ ކުރިން ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށްދީފަ އެވެ. އެ ބޭންޑުން ވަނީ ތިން ފަހަރެއްގެ މަތިން ޓޫރިޒަމް ޕްރޮމޯޓްކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.

ކާމިޔާބު ލަވަތަކެއް ނެރެމުން އަންނަ އަދި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޑިޓިއުން ބޭންޑަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބޭންޑެކެވެ. ޑިޓިއުންއަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެކެވެ. ފެޒޫ އާއި ފުޖީގެ އިތުރުން އެ ބޭންޑުގައި ދެން ހިމެނޭ މެމްބަރުންނަކީ ހަސަން ފާތިހް (ފާތި)، އަލީ ޝާފިއު (އައްޔަ) އަދި އަހުމަދު އާސިފް (އައްމަޑޭ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.