މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލްގެ ފޭސްބްކް ހެކްކޮށް އެ ޕޭޖް ބޭނުންކޮށްގެން ބަޔަކު ޖަރީމާތަކެއް ހިންގަމުން އަންނަ ކަމަށް ނިމާލް ބުނެފިއެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނިމާލް ބުނީ އޭނާގެ ފޭސްބްކް އެކައުންޓް ހެކްކޮށްފައިވާ ކަން އެނގުނީ ބަޔަކަށް އެ ޕޭޖުން މެސެޖްކޮށް ފައިސާ ހޯދުމަށް އެދުމުން އެކަން އެމީހުން ނިމާލާ ހިއްސާކުރި ހިސާބުން ކަމަށެވެ.
“ރައްޓެއްސަކަށް އެ ޕޭޖުން މެސެޖްކޮށް 600 ރުފިޔާ ޓްރާންސްފަރކޮށްދިނުމަށް އެދުމުން އެމީހާއަށް އެކަން އާދަޔާޚިލާފު ކަމެއް ކަމަށް ހީވެގެން އަޅުގަނޑަށް ގުޅާފަ ބުނީ މިހެންމިހެން ވެއްޖޭ. އެ ހިސާބުން އެނގުނީ ފޭސްބްކް ހެކްކޮށްގެން އުޅޭކަން.” މުނިއަވަސް އަށް ނިމާލް ބުންޏެވެ.
ހެކްކޮށްފައިވަނީ އަޙްމަދު ނިމާލް / ނިމްސްމޫވީސްގެ ނަމުގައި ނިމާލް ހިންގަމުން އަންނަ އޭނާގެ ރަސްމީ ޕޭޖެވެ. ނިމާލް ބުނީ ފޭސްބްކަށް ގުޅައިގެން މި މައްސަލަ ރިޕޯޓްކޮށްފައި ވާކަމަށާ މިއަދުގެ ވަގުތެއްގައި ޕޭޖް އަލުން ލިބޭނެ ކަމުގެ އުއްމީދު ދީފައިވާ ކަމަށެވެ. ނިމާލްގެ ފޭސްބްކް ޕޭޖްގައި 5300 އަށްވުރެން ގިނަ ފޮލޯވަރޒް ތިބިކަން ފާހަގަކޮށްލެވެއެވެ.
ނިމާލް ބުނީ އޭނާގެ ފޭސްބްކް މެދުވެރިކޮށް އެފަދަ ދަށުދަރަޖައިގެ އަމަލެއް ބަޔަކު ހިންގަމުން އަންނަކަން އޭނާގެ ފޭނުންނަށާ އާއްމު ރައްޔިތުންނަށް އަންގާލަން ބޭނުންވާކަމަށާ، މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
