300 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ބޮލީވުޑް ސުޕަސްޓަރ ދަރްމެންދުރަ ހުރީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އާހެދި ވަރަށް އެކްސައިޓެޑް ވެފައެވެ.

ރަންވީރް ސިންގއާއި އާލިއާ ބަޓްއާއެކު ކުޅޭ ފުރަތަމަ ފިލްމާއިމެދު ވަރަށް ހިތްހަމަޖެހިފައި ހުރި ދަރޭ ބުނީ ފިލްމުގެ ހިއްސާއަކަށް ވެވުނީތީ ވަރަށް އުފާވާ ކަމަށެވެ. އޭގެ އިތުރުން އޭނާގެ ކޯ-ސްޓާރ ރަންވީރް ސިންގއާއި ބެހޭގޮތުންވެސް ދަރޭ ވާހަކަދައްކާފައިވެއެވެ.

“ރަންވީރަކީ ޑާލިންގއެއް.. އަހަރެންނާ ދިމާވާ ކޮންމެ މީހަކާވެސް ވަރަށް އަވަހަށް ގުޅެވޭ.. އޭނަ އަހަރެންގެ އަތުގައި ހިފި ހިސާބުން އޭނަ ދުރަށް ދާން ދެކޮޅު ހެދި.. އޭނައަކީ ވަރަށް ސްވީޓް ކުއްޖެއް.. މިހާރުގެ ޒުވާން ކުދިން އެމީހުންގެ މަޝްހޫރުކަން އެއްފަރާތް ކޮށްލާފައި އެހާ އާދައިގެކޮށް އުޅޭތީ އަހަރެން ވަރަށް އުފާވޭ..”

ދަރޭ އިތުރަށް ބުނެފައިވާ ގޮތުގައި ރަންވީރަކީ އެކްޓިން ވަރަށް ރަނގަޅު އަދި ކޮންމެ ކަހަލަ ރޯލެއްވެސް ވަރަށް ރަނގަޅަށް ކުޅެވޭނެ އެކްޓަރެކެވެ. އޭގެ އިތުރަށް އޭނާގެ ރަންޒަމާނުގައި އެކުގައި މަސައްކަތްކުރި ޝަބާނާ އަޒްމީއާއި ޖާޔާ ބައްޗަންއާއި ސެޓަކުން މި ދިމާވީ ވަރަށް ދުވަސް ފަހުން ކަމަށާއި ޖާޔާއާއި އެކުގައި ކުޅުނު “ގުއްޑީ (1971)” އަކީ ވަރަށް ފޮނި ހަނދާންތަކެއް ހިއްސާކުރެވުނު ފިލްމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އާލިއާއަކީ މޮޅު ބަތަލާއެއްގެ އިތުރުން ވަރަށް ރަނގަޅު މީހެއްކަމަށްވެސް ދަރޭ ބުނެފައިވެއެވެ.

“ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްއާއި ވަޔަކޮމް18 ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް ކަރަން ޑައިރެކްޓްކުރާ މި ފިލްމަކީ 2022 ގައި ރިލީޒްކުރަން ތައްޔާރުކުރާ ރޮމޭންޓިކް ފިލްމެކެވެ.

“ސީތާ އޯރް ގީތާ (1972)، “ޝޯލޭ (1975)”، “ޑްރީމް ގާރލް (1977)” އަދި “ދަރަމް ވީރް (1977)” ފަދަ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ 85 އަހަރުގެ ދަރޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދޮށީ ދެ ފިރިހެން ދަރިންނާއެކު ކުޅޭ “އަޕްނޭ 2” ހިމެނެއެވެ. “އަޕްނޭ 2” އަކީ 2007 ގައި މި 3 ތަރިންނާއެކު އަނިލް ޝަރްމާ ޑައިރެކްޓްކޮށް ގެނެސްދިން “އަޕްނޭ” ގެ ސީކުއެލްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.