19 އަހަރަށްފަހު ރިތިކް ރޯޝަންއާއި ސައިފް ޢަލީ ޚާން އެކުގައި ކުޅޭ ފިލްމު “ވިކްރަމް ވޭދާ” ގެ ހިންދީ ރީމޭކްގެ ޝޫޓިންގ ޔޫއޭއީގައި ފަށައިފިއެވެ. ކުރިން އެ ދެމީހުން އެކުގައި ކުޅުނު ފިލްމަކީ އީޝާ ޑެއޯލް އަންހެން ލީޑުން ފެނިގެންދިޔަ 2002 ގެ “ނަ ތުމް ޖާނޯ ނަ ހަމް” އެވެ.

ފުލުހަކު ގޭންގްސްޓާރެއް މަރާލުމަށްޓަކައި އޭނާ ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދިން “ވިކްރަމް ވޭދާ” ގައި ފުލުސް މީހާގެ ބައި ކުޅުނީ އާރް މަދަވަންއެވެ. ގޭންގްސްޓާރުގެ ރޯލު ކުޅުނީ ވިޖޭ ސެތުޕަތީއެވެ. ހިންދީ ރީމޭކްގައި ސައިފް ފުލުސް މީހާގެ ބައި ކުޅޭއިރު ރިތިކް ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ.

ރާދިކާ އަޕްޓޭ ސައިފްގެ އަންހެނުންގެ ރޯލު ކުޅޭ “ވިކްރަމް ވޭދާ”ގެ ހިންދީ ރީމޭކް ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީއެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ 30 ސެޕްޓެމްބަރ 2022 ގައެވެ.

ރިތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަޑުކޯންއާއެކު ކުޅޭ “ފައިޓާ” އާއި އޭނާގެ ސުޕަހީރޯ ފިލްމު “ކްރިޝް 4″ގެ އިތުރުން “ވޯރ 2” ހިމެނެއެވެ. އޭގެ އިތުރުން ސައިފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރާނީ މުކަރްޖީއާއެކު ފެނިގެންދާ “ބަންޓީ އޯރް ބަބްލީ 2” އާއި ޕްރަބާސްއާއި ކްރިތީ ސަނަން އާއެކު ފެނިގެންދާ “އަދިޕުރްޝް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.