ދިވެހި މިއުޒިކް އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ބޭންޑް، ‘ޑިޓިއުން ބޭންޑް’ގެ މެންބަރުން މިރޭ މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ވީއައިޕީ ޝޯވގައި ބައްދަލުކުރާނެއެވެ.

ޑިޓިއުން ބޭންޑް ސްޕެޝަލް ވީވީއައިޕީ ޝޯވ“ގެ ނަމުގަައި މިރޭ 10:30 ގައި ގެނެސްދޭ މި ޚާއްޞަ ޝޯވއާ އެކީގައި ބައްދަލުކުރާނީ މުުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމް ހެޑް އަދި ކްރިއޭޓިވް ޑައިރެކްޓަރ އީސާ ޝަރީފުގެ އިތުރުން މުނިއަވަސް ޓީމުގެ މެންބަރުންނެވެ.

“ނަށާލާ” އަދި “ނޫން ނޫން ނުދޭ” ފަދަ ރީތި ލަވަތައް ގެނެސްދީފައިވާ ޑިޓިއުން ބޭންޑްގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރު ފެޒޫ އަދި ފޫޖީ މި ޝޯވގައި ބައްދަލުކުރާނެއެވެ.

ކާމިޔާބު ލަވަތަކެއް ނެރެމުން އަންނަ އަދި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޑިޓިއުން ބޭންޑަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބޭންޑެކެވެ. ޑިޓިއުންއަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެކެވެ. ފެޒޫ އާއި ފުޖީގެ އިތުރުން އެ ބޭންޑުގައި ދެން ހިމެނޭ މެމްބަރުންނަކީ ހަސަން ފާތިހް (ފާތި)، އަލީ ޝާފިއު (އައްޔަ) އަދި އަހުމަދު އާސިފް (އައްމަޑޭ) އެވެ.

2006 ވަނަ އަހަރު އުފެއްދި ޑިޓިއުން އަކީ ތަފާތު ޖޯންރާތަކުގެ މއިުޒިކް ކުޅެމުން އަންނަ ބޭންޑެކެވެ. ފަންކް، އިލެކްޓްރިކް، އެކޯސްޓިކްސް، ޖޭޒް، ރެގޭ، ބްލޫޒް، ކްލެސިކަލް އަދި ދިވެހި މިއުޒިކްގެ ލަވަތައްވެސް މި ބޭންޑުން ކުޅެއެވެ.

މުނިއަވަސްފިލުވައިދިނުމުގައި ދަހަރަކަށްވުރެން ގިނަ ދުވަސްވެފައިވާ ޑިޓިއުން ބޭންޑްގެ ލަވަތަކަކީ އަބަދުވެސް ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ޗާޓުގެ އެންމެ ކުރީގައި ހިމެނިފައިވާ ލަވަތަކެއްކަން ފާހަގަކޮށްލެވެއެވެ.

ޑިޓިއުން ބޭންޑުން ބުނާގޮތުން، މިހާތަނަށް އެ ބޭންޑަށް ކުރެވިފައިވާ އެންމެ ރަނގަޅު ތަޖުރިބާއަކީ ޖަރުމަނުގެ ބާރލިންގ ގައި 2007 އަދި 2014ގައި ބޭއްވި އައިޓީބީ ފެއަރގައި ހުށައަޅަން ލިބުނު ފުރުޞަތެވެ.

ޑިޓިއުން ބޭންޑުގެ ފުރަތަމަ އަލްބަމަކީ 05 އޭޕްރީލް 2014 ގައި ރިލީޒްކުރި “ވަން ޑައުން One Down އަލްބަމެވެ. މިއީ ބޭންޑުގެ ފަސް މެންބަރުން ލިޔެ ކޮމްޕޯސްކުރި ލަވަތަކެއް ހިމެނޭ އަލްބަމެކެވެ.

ޑިޓިއުން ބޭންޑް ސްޕެޝަލް ވީވީއައިޕީ ޝޯވ“އިން މި ބޭންޑުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތައް ވަރަށް ތަފުޞީލުކޮށް ގެނެސްދޭނެއެވެ. މީގެ އިތުރުން ބޭންޑުން އުފައްދާފައިވާ ހިތްގައިމު ލަވަތައްވެސް އިވިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.