އަނިޔާވެރިކަމަށް ފުރުސަތު ދޭތީ، ބަތަލާ ހީނާ ޚާން “ބިގް ބޮސް” އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ކުރީގެ ސީޒަންތަކާ ޚިލާފަށް މިފަހަރުގެ ސީޒަންގައި އެއް ބައިވެރިޔަކު އަނެއް ބައިވެރިއެއްގެ ގަޔަށް އަތްލުމާއި ތަޅާފޮޅުން މިވަނީ މުޅިން އެހެން ހަރުފަތަކަށް ގޮސްފައެވެ. އެކަން ފާހަގަކޮށް ހީނާ ބުނެފައިވަނީ ކޮންމެ ހަފުތާއަކު ހޯމައިން ހުކުރަށް ކަލާޒް ޓީވީއިން މި ދައްކަނީ ރެސްލިން ކަމަށެވެ. ކުރިން “ބިގް ބޮސް” ގޭތެރޭގައި އެކަކަށް އަނެކަކު ގައިގައި އެފަދަ ގޮތަކަށް އިނގިލި ކުރި ޖައްސާލުންވެސް މަނާއިރު، މިހާރު އެކަން ޤަވާއިދުން ފޮހެލީތޯ “ބިގް ބޮސް 11” ގެ ބައިވެރިޔާ ހީނާ ވަނީ ސުވާލުކޮށްފައެވެ.

“ބިގް ބޮސް” ގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ޤަވާއިދަކީ އެކަކު އަނެކަކު ގައިގައި ގޯސް ގޮތަކަށް އަތްނުލުން ކަމަށްވާއިރު، މިހާރު އެ ޤަވާއިދު އޮންނަހެން ހީނުވާކަމަށްވެސް ހީނާ ބުނެފައިވެއެވެ. އޭގެ އިތުރަށް ހީނާ ވަނީ “ބިގް ބިސް” ރަނގަޅަށް ލޯ ހުޅުވައިގެން ބެލުމަށްވެސް ގޮވާލާފައެވެ.

ހީނާގެ ވާހަކަތަކަށް ގިނަ ބަޔަކު ތާއީދުކޮށް ވާހަކަދައްކަމުން ބުނެފައިވާ ގޮތުގައި ކުރީގެ ސީޒަންތަކުގައިވެސް ތަޅާފޮޅުންތައް ހިނގާ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެމީހުންނަށް އަދަބު ދޭ ކަމަށެވެ. ނަމަވެސް މި ސީޒަންގައި އަދަބު ނުދޭތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ގިނަ ބަޔަކު ވާހަކަ ދައްކާފައިވެއެވެ.

މިދިޔަ މަހު ނިންމާލި “ބިގް ބޮސް އޯޓީޓީ” ގައި ޕްރަތީކް ސެހަޖްޕާލްގެ ގަޔަށް އަތްލައި ތަޅާފޮޅުމެއް ހިންގީތީ އަދަބެއްގެ ގޮތުން ޒީޝާން ޚާންވެސް ވަނީ “ބިގް ބޮސް” ގެ ގެއިން ބޭރުކޮށްލާފައެވެ. އެފަހަރު ޕްރަތީކްވެސް ތަޅާފޮޅުމުގައި އެއްވަރަށް ބައިވެރިވިއިރު އޭނާއަށް އެއްވެސް އަދަބެއް ދީފައިނުވާތީ އެކަމަށްވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އޭގެ އިތުރުން “ބިގް ބޮސް 15” ގެ ތެރޭގައިވެސް ޕްރަތީކް ހިންގި ވިޔާނުދާ އެއްވެސް ޢަމަލަކަށް އަދަބު ދީފައި ނުވާތީ އެކަމަށްވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.