މިދުވަސްކޮޅަކީ ބޭރުގެ ބައެއް ގައުމުތަކަށް ވަރަށް ފިނިގަދަ ދުވަސްކޮޅެކެވެ. އެމެރިކާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވޭތިވެދިޔަ ހަފުތާތަކަކީ ފިނިކަން އޭގެ އިންތިހާއަށް ދިޔަ ހަފުތާތަކެކެވެ. އަބަދު އަވިދީފައި އޮންނަ ބައެއް ސަރަހައްދުތަކުގެ ތެރެއިން އެމެރިކާގެ އެޓްލާންޓާގެ ފިނިހޫނުމިން ދަށްވެގެންގޮސް 14 ޑިގްރީސް އަށް ދަށަށް ދިޔައެވެ. މިކަމުގެ ސަބަބުން ގެއިންބޭރަށް ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް އެޓްލާންޓާގެ ލޯކަލް ގަވާމެންޓުން ރައްޔިތުންނަށް އިންޒާރުވެސް ދީފައިވެއެވެ.

ނަމަވެސް އެމެރިކާއަށް ފިނިމޫސުމުގެ ފިނިކަން ނެތޭ ބުނާހާވެސް ފިނިގަދަ އެއް ތަނަކީ ރަޝިޔާގެ ‘އޮމްޔަކަން’ ކިޔާ އަވަށެކެވެ. އެތަނަކީ ރަޝިޔާގެ ޔާކޫޝާ ސަރަހައްދުގައި އޮންނަ އަވަށެކެވެ. އެއީ ދުނިޔާގައި އިންސާނުންގެ އާބަދީ އެތަނެއްގައި އޮންނަ އެންމެ ފިނިތަނެވެ. އެހެންކަމުން އޮމްޔަކަން އަވަށުގެ މީހުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭނެ ފިޔަވަޅުތައް ހިތަށް ތަސައްވަރުކޮށްލާށެވެ. އެތަނުގެ ފިނިހޫނުމިން މިފަހަކުން ވަނީ މައިނަސް 62 ޑިގްރީ ސެލްސިއަސް (މައިނަސް 80 ފެރަންހެއިޓް) އަށް ދަށަށް ގޮސްފައެވެ. މީގެ ގަރުނުތަކެއް ކުރިން އެތަނުގައި ބަހައްޓާފައިވާ ‘ކޮންވެންޝަނަލް މާކަރީ ތާރމޯމީޓަރ އަށް މީގެ ކުރިން ރެކޯޑްކުރެވިފައިވާ އެންމެ ދަށް ފިނިހޫނުމިނަކީ މައިނަސް 50 ޑިގްރީ އެވެ.

މިއީ 14 ޖެނުއަރީ 2018 ގައި ނަގާފައިވާ ފޮޓޯއެއް. ފިނިހޫނުމިން ހުރީ މައިނަސް 65 ޑިގްރީގައި

އެއަވަށުގައި ދިރިއުޅޭ ބައެއް ރައްޔިތުންނަށް ވަނީ ކުރިން މިބުނި ތާރމޯމީޓަރުގެ ފިނިހޫނުމިން މައިނަސް 67 ޑިގްރީ ސެލްސިއަސް އަށް ދަށަށްގޮސްފައި ހުއްޓާވެސް ފެނިފައެވެ. މިއީ މިއަވަށުގެ ދިގު ތާރީޚްގައި 1933 ވަނައަހަރު ރިކޯޑްކުރެވިފައިވާ ފިނިހޫނުމިން ކަމަށްވާ މައިނަސް 67.7 ޑިގްރީ ސެލްސިއަސް އާއި އަރާހަމަކުރާ އަދަދެކެވެ. މިއީ މީހުން އާބާދުވެފައިވާ ތަނެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ދަށް ފިނިހޫނުމިނެވެ. އަދި އެއީ ދުނިޔޭގެ އުތުރު ތަނޑީގައި ރެކޯޑްކުރެވިފައިވާ އެންމެ ދަށް ފިނިހޫނުމިންވެސް މެއެވެ. އެންމެ ދަށް ފިނިހޫނުމިނަކަށް މިހައިތަނަށް މުޅި ދުނިޔެއިންވެސް ރިކޯޑްކުރެވިފައިވަނީ ‘ނާސާ’ އިން ސެޓެލައިޓް މެދުވެރިކޮށް އެންޓާކްޓިކާ ގެ ފިނިހޫނުމިން ބެލި ފަހަރެއްގައެވެ. އެއީ މައިނަސް 90 ޑިގްރީ އެވެ.

‘އޮމްޔަކަން’ އަވަށުގެ ފިނިކަން ގަދަކަމުން ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެތަނުގެ މީހުން ގެއިން ބޭރަށް ނިކުމެ އެސްފިޔަތައް ގަނޑުވެފައި ހުންނަތަން ސެލްފީ ނެގުމަށް އުޅެއެވެ. އެއަށްވުރެން ބޮޑަށް ހައިރާންވާންޖެހޭ ކަމެއްވެސް ވަނީ އެ އަވަށުން ފެނިފައެވެ. ޗައިނާގެ ފަތުރުވެރިންގެ ގްރޫޕަކުން ވަނީ އެތަނުގައި އޮންނަ ‘ޖިއޯ-ތާމަލް ސްޕްރިންގް’ އަކަށް އެރިގެންތިބެ ފެންވަރާފަ އެވެ. އެ މަންޒަރު މިވަނީ ވީޑިއޯވެސް ކޮށްފައެވެ.


ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.