ޕާކިސްތާނު ޑްރާމާ ސިލްސިލާތަކަކީ ދިވެހީންގެ ތެރޭގައިވެސް ވަރަށް މަޤުބޫލު ޑްރާމާ ސިލްސިލާތަކެކެވެ. ދިވެހީންނާއި ގުޅޭ ވާހަކަތަކަކަށް ވުމާއެކު އިސްލާމް ދީނާއި ފުށޫނާރާ ގޮތަށް ސިލްސިލާތައް އުފައްދާފައި ހުރުމަކީވެސް ދިވެހީންގެ ތެރޭގައި ޕާކިސްތާނު ޑްރާމާ ސިލްސިލާތައް މަޤުބޫލުވާ އެންމެ ބޮޑު އެއް ސަބަބެވެ.

ޕާކިސްތާނު ސިލްސިލާތަކަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. އޮކްޓޯބަރު 21 ވަނަ ދުވަހުގެ ރޭ އަނެއްކާވެސް މުޅިން އާ ސިލްސިލާއެއް ފަށަނީއެވެ. މިފަހަރުގެ ސިލްސިލާގެ ނަމަކީ “ޢިޝްޤީ ލާ” އެވެ.

ޕާކިސްތާން ލަވަކިޔުންތެރިޔާ އަޒާން ސާމީ ޚާންއާއި ސަޖަލް ޢަލީއާއި ޔުމްނާ ޒައިދީ ލީޑް ރޯލުން ފެނިގެންދާ މި ސިލްސިލާއަކީ ލޯތްބާއި ސަސްޕެންސާއި އަނިޔާވެރިކަންވެސް ފެނިގެންދާނެ ސިލްސިލާއެކެވެ. މިއީ އަޒާން އެކްޓްކުރާ ފުރަތަމަ ސިލްސިލާކަން ފާހަގަކޮށްލެވެއެވެ.

ސަޖަލް ޒުވާން ނިއުސް ރިޕޯޓަރެއްގެ ރޯލުން ފެނިގެންދާއިރު ޔުމްނާ ފެނިގެންދާނީ ޑޮކްޓަރަކަށް ވުމަށް އުންމީދުކުރާ، އަމިއްލަ ފިކުރާއި ޚިޔާލުތައް ހުށަހެޅުމުގައި ޖެހިލުންކުޑަ އަންހެނެއްގެ ރޯލުންނެވެ. އަޒާންއަކީ ސަޖަލްގެ ލޯބިވެރިޔާއެވެ. މުއްސަނދި، ނުފޫޒުގަދަ، ލޯބީގައި މޮޔަވާވަރު ވެފައިވާ މީހެކެވެ.

“ޢިޝްޤީ ލާ” އަކީ ހަމް ޓީވީއިން ގެނެސްދިން “ދާސްތާން” އާއި “ހަމްސަފަރް” އާއި “ޒިންދަގީ ގުލްޒާރް ހޭ” އަދި “ބިން ރޯޔޭ” ފަދަ ކާމިޔާބު ސިލްސިލާތައް ގެނެސްދިން މޫމިނާ ދުރައިދު ޕްރޮޑިއުސްކޮށް އަމީން އިޤްބާލް ޑައިރެކްޓްކޮށްފައިވާ ސިލްސިލާއެކެވެ.

އޮކްޓޯބަރު 21 ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައި “ޢިޝްޤީ ލާ” ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.