މޯލްޑިވް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް (އެމް.އެސް.ޕީ.އޭ) ރީބްރޭންޑް ކުރުމަށްފަހު އަލުންް އިފްތިތާހްކޮށްފިއެވެ. މިކަމަށްޓަކައި މިމަހު 21ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ހަފުލާގައި އެމްއެސްޕީއޭގެ ވެބްސައިޓްވެސް ލޯންޗްކޮށްފައިވެއެވެ.

އެމް.އެސް.ޕީ.އޭ ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ހަފުލާ ފެށީ މި އަހަރު މި ފަނާވަނިވި ދުނިޔެއާ ވަކިވެފައިވާ ފިލްމީ ދާއިރާގެ ދެ ބޭފުޅުން ކަމަށްވާ އަލްމަރްހޫމް މޫސާމަނިކް (ޗިޅިޔާ މޫސާމަނިކް)، ޙަސަންމަނިކް (ކޮއްޔަ ހަސަނިކް)ގެ އިތުރުން މިއުޒިކީ ދާއިރާގައި ވިދައިލި ލަވަކިޔުންތެރިޔާ އަލްމަރްހޫމް ޝަހުބާންގެ ހަނދާނުގައި ގެނެވުނު މިނެޓެއްގެ ސުކޫތަކަށް ފަހުގައެވެ.

މި ހަފުލާގައި އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ)ގެ ވާހަކަފުޅުގައި، އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ކޮންމެ މަހަކު ދެ މިއުޒިކް އިވެންޓެއް ކުރިއަށް ގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެއް އިވެންޓަކީ ޔޫތު މިނިސްޓްރީއާއެކު ފަންނާނުން ބިނާކުރުމަށް ބާއްވާ އިވެންޓެކެވެ. ދެވަނަ މިއުޒިކް އިވެންޓަކީ މުނިފޫހިފިލުވުމުގެ ތެރެއިން މީހުން އިޖްތިމާޢީ ކަންކަމަށް ހޭލުންތެރިކުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ. މީގެ އިތުރުން އަންނަ އަހަރު ޖެނުއަރީގެ ކުރިން މިއުޒިކް އެވޯޑަކާއި ޑްރާމާ ޗެލެންޖެއް އިއުލާނުކުރައްވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި އަންނަ އަހަރު ބާއްވާ ފިލްމު އެވޯޑަށް ތައްޔާރުވަމުންްދާ ވާހަކައިގެ އިތުރުން، މިއުޒިކް ފެސްޓިވަލެއް އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެސްޕީއޭގެ މައިގަނޑު މަޤްޞަދަކީ ފަންނުވެރިންނަށް އެ ފަންނުގައި ކުރިއަށްދިއުމަށް އެހީތެރިވެދިނުމާ އަގުވަޒަންކޮށް ހިތްވަރުދީ ފުރުޞަތުތައް ހުޅުވައިލުމެވެ. މިގޮތުން 2022ގައި އިންޑިއާގެ ނޮއިޑާގައި އޭފްއެފްޓީ ޔުނިވާރސިޓީއާއި ގުޅިގެން އަހަރަކު އެއްފަހަރު ދިވެހި ފިލްމު ފެސްޓިވަލެއް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ރަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ނުވަދިހަ އިންސައްތަ ނިމިފައިވާކަން ފާހަގަކުރަމުން އިތުރަށް ވިދާޅުވީ އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ އިވެންޓްގައި އަންނަ ނޮވެމްބަރު މަހު 17ގައި ދިވެހި ފިލްމު އިންޑަސްޓްރީއާއި މިއުޒިކް އިންޑަސްޓްރީއަށް ނިސްބަތްވާ 12 މެންބަރުން ހިމެނޭ ޓީމެއް ބައިވެރިވާނެ ކަމަށެވެ. މި އިވެންޓްގައި ދިވެހި ފިލްމު “ބަވަތި” އަދި “ހައްދު” ސްކްރީންކުރާނެއެވެ. މީގެ އިތުރުން ދިވެހި ސަގާފީ ފަރި ހަރަކާތްތައް ހިމެނޭނެ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

އެމްއެސްޕީގެ ވެބްސައިޓާއި ގުޅޭ މަޢުލޫމާތުވެސް މި ހަފުލާގައި ހާމަކުރިއެވެ. އެގޮތުން ވެބްސައިޓްގެ ތަފސީލުތައް ހާމަކުރީ އެމްއެސްޕީއޭގެ ބޯޑު މެންބަރު ސަމާހްއެވެ. އެގޮތުން މި ވެބްސައިޓުން ފިލްމީ ފަންނާނުންގެ ޕްރޮފައިލް، ކުރާ މަސައްކަތްތަކާއި ބަައިލަން ބޭނުންވާ ޓެލެންޓްތައް ސާރޗްކޮށްލެވެން ހުންނާނެއެވެ.

އެމްއެސްޕީގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ ބްރޯޑްކާސްޓިން އަދި ފިލްމީ ދާއިރާގައި 39 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޙުސައިން ޝިހާބް އެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވުމަށްފަހު ޝރަފުވެރި މެހެމާނު ޙުސައިން ޝިހާބުގެ ވާހަކަފުޅުގައި މުހިންމު ތިން ކަމަކަށް އަލިއަޅުވައިލެއްވިއެވެ. ފުރަތަމަ ކަމަކަށް، ދާއިރާގައި ދުވަސްވީ މީހުންނަށް އިހުތިރާމުކުރުމަށް، ދެވަނަ ކަމަކަށް ދާއިރާގެ ތެރޭގައި ވާދަވެރިވެގެން ގޮސް ޒާތީ ނުވުމަށާ ޒާތީވުން ހުއްޓުވުމަށް ބާރުއެޅުއްވުމަށް ވާހަކަދެއްކެވިއެވެ. ތިންވަނަ ކަމަކަށް ފާހަގަކުރެއްވީ، އެވޯޑަކީ އަމިއްލައަށް ހުށައަޅަން ޖެހޭ އެއްޗަކަށް ނުހަދައި އެކަން ކުރާ ބައެއްގެ އަގުވަޒަންކޮށް އެ ބަޔަކަށް ދޭ އެއްޗެއްގެ ގޮތުގައި ހެއްދެވުމަށް ބާރުއެޅުއްވުމަށް ވެސް ގޮވައިލެއްވިއެވެ.

ފިލްމީ ދާއިރާގައި އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބި 15 އަހަރު ޕޭޝަންއެއްގެ ގޮތުގައި ދާއިރާއަށް އޮންނަ ލޯބީގަ ދެމިތިބި ކަމަށްޓަކައި އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑާކް ރެއިން އެންޓަޓެއިންމެންޓަށް ހަނދާނީ ލިޔުމެއް ދީފައިވެއެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެސްޕީއޭޭގެ ވައިސް ޗެއާމަން ޢަލީ ފާރޫޤެވެ. ޑާކްރެއިންގެ ފަރާތުން މި ހަނދާނީ ލިޔުމާ ހަވާލުވީ އެ ޕްރޮޑަކްޝަންގައި މަސައްކަތްކުރަމުން އަންނަ އެމްއެސްޕީއޭގެ ވެސް މެންބަރު އާދަމް ރިޒްވީ (ރެކްސް) އެވެ. މި އެވޯޑް ކޮންމެ އަހަރަކު ދެވޭޭނެ ކަމަށްވެސް އިޢުލާނުކޮށްފައިވެއެވެ.

އިންޑިއަން ކަލްޗުރަލް ސެންޓަރުގައި ބޭއްވި މި ހަފުލާގައި ފިލްްމީ އަދި މިއުޒިކީ ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވެފައިވެއެވެ. ހަފުލާއި މުނިފޫހިފިލުވުމުގެ ތިން އައިޓަމެއް ގެނެސްދީފައި ވާއިރު، ޙުސައިން ސާދު (މަޓޭ)، ފަރުހާދު އަދި ނަވާޒްގެ ހިތްގައިމު އަޑުން ހިތްގައިމު ލަވަތަކެއް ގެނެސްދީފައިވެއެވެ. ހަފުލާ ނިންމައިލީ ހުރިހައި ޖަލީސުންނަށް ބޭއްވި މިލެތްމީރުކޮށްލެއްވުމަކުންނެވެ.

އެމްއެސްޕީއޭގެ ރަސްމީ ވެބްސައިޓަކީ (އެމްއެސްޕީއޭ ޑޮޓް އެމްވީ) mspa.mv އެވެ. އެމްއެސްޕީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް ކަން ފާހަގަކޮށްލަމެވެ.

އެމްއެސްޕީއޭގެ މި ޚާއްޞަ އިވެންޓް ކަވަރކުރުމަށް މުނިއަވަސްގެ ދެ ނޫސްވެރިން ކަމަށްވާ ޢާއިޝަތު ޝިރާނީ އާއި ޢާއިޝަތު ރިފުޒާ ބައިވެރިވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.