ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޯފްގެ “ގަންޕަތު”ގައި ޓައިގާގެ ބައްޕަގެ ރޯލަށް އަމީތާބު  ބައްޗަން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ޓައިގާ ބޮކްސިންގ ތަޅާ މީހެއްގެ ރޯލުން ފެނިގެންދާ “ގަންޕަތު” ގައި އޭނާގެ ބައްޕައަކީވެސް، ޒުވާން ދުވަސްވަރު ބޮކްސިންގ ތެޅި މީހެކެވެ. އެ ރޯލަށް އަމީތާބު ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ފިލްމު އުފައްދާ ފަރާތުން އަމީތާބުގެ ޝެޑިއުލްތަކާއި އެހެނިހެން ކަންކަން ބަލަމުން އަންނަކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭ ޝޫޓިންގ ފެށޭނެކަމަށް ޓީމުން އުންމީދު ކުރާއިރު، ޔޫކޭއާއި ލަންޑަނުގައިވެސް ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރާނެއެވެ.

ޓައިގާގެ އިތުރުން ކްރިތީ ސަނަން ލީޑް ރޯލުން ފެނިގެންދާ “ގަންޕަތު” ގެ ޚާއްސަ ފެނިލުމަކުން ޓައިގާގެ ބައްޕަ، ޖެކީ ޝްރޯފްވެސް ފެނިގެންދާނެއެވެ. މިއީ 2014 ގެ ފިލްމު “ހީރޯޕަންތީ” އިން ޓައިގާއާއި ކްރިތީ ބޮލީވުޑަށް ނުކުތް ފަހުން ދެމީހުން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ވާޝޫ ބަގްނާނީއާއި ޕޫޖާ އެންޓަޓެއިންމެންޓުން ގުޅިގެން ގެނެސްދޭ “ގަންޕަތު” އަކީ 2014 ގެ “ކުއީން” އާއި 2019 ގެ “ސުޕަ 30” ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ.

ޓައިގާގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ އޭޕްރިލް 29 ގައި ރިލީޒްކުރާ “ހީރޯޕަންތީ 2” އެވެ. އޭގެ އިތުރުން “ބާގީ 4” އާއި “ރާމްބޯ” ހިންދީ ރީމޭކަކީވެސް ޓައިގާގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.