“ވަރަށް އެހެން ކަހަލަ ސުވާލެއްވީމަ.. އަސްލު އަހަރެން ދެކެނީ ޝާލޫ ތީ ދޮންބެދައްތައެއްގެ އިތުރުން ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި.. ތަޢުލީމީ ދާއިރާއިން އަހަރެންނަށް ލިބުނު ކާމިޔާބީތަކުގެ އިތުރުން ދިރިއުޅުމުގައި އަހަރެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން މީހެއް ދައްތައަކީ.. ހިތްހަމަނުޖެހެންޏާ ޖަވާބު ނުދިނަސް އޯކޭވާނެ.. މިސުވާލު ކުރަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. ކެތްނުވެގެން މިހެން އަހަން ވެސް މިޖެހުނީ.. ސުވާލު..” ސިމްނާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ ޝާލޫ އޭނާއަށް ބަލާލި ގޮތުންނެވެ. އެ ބަލާލުމުގެ ފޮރުވިފައިވާ މާނައެއް ސިމްނާއަކަށް ދެނެއެއް ނުގަނެވުނެވެ.

“ސިމްނާއަކީ އަހަރެންނަށް ވެސް ވަރަށް ޚާއްސަ މީހެއް.. އެއްބަނޑު އެއްބަފާ ކޮއްކޮއާ ވަކިވާން މަޖުބޫރުވުމުން ބީވެގެންދިޔަ އެ އުފަލާއި ހިތްހަމަޖެހުން ވެސް އަހަރެންނަށް ހޯދައިދިން މީހަކީ ސިމް.. އެކުން އެހާ ހާސަރު ދިގުނުކޮށް ތިޔަ ސުވާލެއް ކޮށްބަލަ.. ސިމްނާ ކުރުން މަނާ ސުވާލެއް ނޯންނާނެ..” ސިމްނާގެ އަތުގައި ހިފާލަމުން ޝާލޫ ދިނީ ހިތްވަރެވެ.

“ދޮންބެއާ ދޮންބެދައްތައާ މިހާރު އެއްވެސް ގުޅުމެއް ނޯވޭދޯ؟ މަންމަމެން ކައިރީ އެވާހަކަ ދައްކާލިންތަ؟ ތިހެން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގެންފާނެ.. އަވަހަށް މަންމަމެން ކައިރީ ތިވާހަކަ ދައްކަބަލަ.. އެހެން ނޫނީ އަހަރެން ވެސް ބާކީވެދާނެ..” ސިމްނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ޝާލޫގެ ޙާލާއިމެދު އޭނާ ކަންބޮޑުވިއެވެ.

“ތީ ހަމަ ސިމްއަށް ހީވާގޮތް.. އަހަރެމެންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް.. ރިޒޯޓް ކަންތަކުގައި ދޮންބެ ތަންކޮޅެއް ބިޒީވީމަ ގެއަށް އައުން މަދީ.. އެހެންވެ ސިމްއަށް އެހެން ތި ހީވަނީ..” ހޮސްޕިޓަލަށް ވަދެ ނުކުތުމަށް ޚާއްސަކޮށްފައިވާ ދޮރާއި ދިމާއަށް ޝާލޫ ބަލާލިއެވެ. އޭނާގެ މަޤުސަދަކީ ސިމްނާއަށް މޫނު ނުދެއްކުމެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުން ވެސް ކަމެއް ދެނެގަނެވިދާނެތީ އޭނާ ކަންބޮޑުވިއެވެ.

ބޭހުގެ ކަންތައް ނިންމާލުމަށްފަހު ސުލޭމާންގެ ދެމަފިރިންނަށް މާލެ އާދެވުނީ ޝާލޫގެ ބަނޑަށް ނުވަމަސް ވެސް ވީ ފަހުންނެވެ.

ވިހާ ދުވަސް ގާތްވަމުން ދިޔަ ވަރަކަށް ޝާލޫގެ ކިބައިން ފެންނަމުންދިޔަ ހާސްކަމާއި ނުތަވަސްކަން އިތުރުވަމުން ދިޔައެވެ. އޭނާއާމެދު ޒިނާން ކަންތައް ކުރަމުންދާ ނިކަމެތި ގޮތުގެ ސަބަބުން ލިބެމުންދިޔަ ހިތާމަތަކާއި ހިތްދަތިކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. އެކަމާމެދު ވިސްނުމަށްވުރެ ލިބެން އުޅޭ ދަރިފުޅާއިމެދު ވިސްނުން މުހިންމު ނަމަވެސް އެކަމާމެދު ނުވިސްނައެއް ނުހުރެވެއެވެ. ދުރުވަމުން ދުރުވަމުންދިޔަ ޒިނާން ޝާލޫއަށް ނުފެނި ވެސް އެތައް ދުވަހެއް ދާން ފެށިއެވެ. ގެއަށް އައިސްނުލާ ތާނގައި ފޯނަށް ޖަވާބެއް ވެސް ނުދެއެވެ.

ހޮސްޕިޓަލުގައި އެނދުމަތިކުރި ވާހަކަ ބުނަން ޝާލޫ ފޯނުކުރިއިރު ޒިނާންގެ ފޯނު އޮތީ ނިވާލާފައެވެ. ޝާލޫ އެކަން ހުއްޓާލީ ދެތިން ފަހަރަކު މަސައްކަތްކޮށް ވެސް ކާމިޔާބެއް ނުލިބުމުންނެވެ. އޭރު އޭނާއަށް ޒިނާން ނުފެންނަތާ ދެތިން ދުވަސްވެއްޖެއެވެ. ޝާލޫގެ ޢަމަލުތަކަށް ބަލަހައްޓައިގެން އިން އައިމިނަގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ޝާލޫގެ ހިތްވަރާއިމެދު އަހަރެން ފަޚުރުވެރިވަން.. އެކަމަކު ކަންކަން މިހާ ހިސާބަށް ދިޔައިރު ސިއްރުންކޮށްގެން ހުރީތީ މަންމަ މިހުރީ ވަރަށް ހިތްހަމަނުޖެހިފަ.. ކައިވެނީގެ ފުރަތަމަ ދުވަހު ވެސް ބުނި ހަނދާންވޭ މިއަދުން ފެށިގެން ޝާލޫއަކީ އަހަރެންގެ ދަރިއެކޭ.. ގާތް ރައްޓެއްސެކޭ.. ކޮންމެ ކަމެއްގަ މި މަންމަ ހުންނާނަމޭ ޝާލޫއާއެކު.. އެކަމު.. މިއަދު މިވީ ކިހިނެއް؟ މިވަރުގެ ބޮޑު ކަމެއް ސިއްރުކުރީ ކީއްވެ؟ މާބަނޑު އަންހެނަކަށް މިދުވަސްވަރު ފިރިމީހާގެ އަޅާލުމާއި ލޯބި ބޭނުންވާނެވަރު އެހެން މީހަކު އަހަރެންނަކަށް ބުނެދޭކަށް ނުޖެހޭނެ.. ތިހެން ކަންތައް ކުރީމަ މަންމަ ވަރަށް ދެރަވެއްޖެ..” ޝާލޫގެ މަގަތުން އިށީންދެލައިގެން އިނދެ ވާހަކަ ދައްކަމުންދިޔަ އައިމިނަ ވާހަކަ ދެއްކުން ހުއްޓާލީ އިތުރަށް ކުރިޔަށް ނުގެންދެވިގެންނެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަނެއްކާ ވެސް ޝާލޫއަށް ބަލާލިއެވެ. ކަންތައް ވެފައިވާ ގޮތުން އެ މައިމީހާއަށް ކޮށްފައިވާ އަސަރު ފެނުމުން ޝާލޫގެ ހާލަތު އިތުރަށް ގޯސްވިއެވެ.

ފޯނާއި ކުޅެމުން ކުޅެމުން އެނދުމަތިން ފޭބި އައިމިނަ ހިނގައިގަތީ ޝާލޫއާ ދުރަށެވެ. ހަރަކާތްތަކުން ފެންނަމުންދިޔަ ހިތްހަމަނުޖެހުން ސިއްރު ކުރާކަށް ނޫޅެއެވެ. ސިމްނާ ގޮސް ޝާލޫ ކައިރީ އިށީނުމުން އައިމިނަ ނުކުތީ ބޭރަށެވެ. ޝާލޫއާ ސިމްނާ ކައިރީ ހުރެގެން ވާހަކަ ދައްކަން ބޭނުން ނުވަނީ ކަންނޭނގެއެވެ.

“މިއީ އަހަރެން އަމިއްލައަށް ބުއި ބޮނޑިއެއް.. އަހަރެންދެކެ ފުރާނަ ފަދައިން ލޯބިވާ މީހަކު ހުރި.. ޢިއްޒަތާއި ޤަދަރާ ތަނަވަސްކަން ނެތަސް ފުދުންތެރިކަމާއި އީމާންތެރިކަން ހުރި.. ތެދުވެރިކަމާއި ވަފާތެރިކަން ހުރި.. އަހަރެން ދެން މައިންބަފައިންނަށް ކޮން މޫނެއް ދައްކާނީ؟ އެ މީހުންނާއި ދިމާއަށް ކީކޭ ބުނާނީ؟ އެމީހުން ރޮމުންދިޔަ ރުއިމާއި ކުރަމުންދިޔަ އާދޭހަށް ގޮންޖަހާފަ އަހަރެން އައީ.. ޒިނާނާއިއެކު ދިރިއުޅުމަށްޓަކައި އެމީހުންގެ އުންމީދުތައް ވިއްސިވިހާލި ކޮށްލިން.. ފުރަތަމަ ދެތިން ދުވަހު ގުޅައިގެން ފޯނު ނުނެގުމުން ފަހުން ގުޅާ ވެސް ނުލެވުނު.. އަހަރެންނަކީ ކޮންފަދަ ބަދުނަސީބުވެރިއެއް.. ކިހާބޮޑު އެކަނިވެރިއެއް.. ކާކު އަހަރެންނަށް މަޢާފް ކުރާނީ؟ ކާކު އަހަރެންނަށް އެހީތެރިވާނީ؟” ސިމްނާގެ އަތުގައި ހިފާލަމުން ޝާލޫ ވާހަކަ ދެއްކިއެވެ. މާޒީގެ ފުން ކަނޑަށް ފެތެމުންދިޔަ އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

“ހިތްވަރު ކުރޭ ދައްތާ.. އަހަރެން އަބަދު ވެސް ހުންނާނީ ދައްތައާއެކު..” ޝާލޫގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލައިދެމުން ސިމްނާ ހިތްވަރު ދިނެވެ.

ޝާލޫ ވިއްސޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޖެހުނީ އޮޕަރޭޝަން ކުރާށެވެ. މާބަނޑު ދުވަސްވަރު ތަހައްމަލު ކުރަން ޖެހުނު ބައެއް ކަންކަމުގެ ސަބަބުން ޝާލޫގެ ސިއްޙަތަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ގެއްލުމެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ބުންޏެވެ.

ސުލޭމާނަށް ހޮސްޕިޓަލަށް އާދެވުނުއިރު ޝާލޫ އޮޕަރޭޝަން ކުރަން ވައްދައިފިއެވެ. އޮޕަރޭޝަންކުރާ ކޮޓަރީ ކުރިމަތީގައި މަޑުކޮށްލައިގެން އައިމިނަ އާއި ސިމްނާ ތިބި ނަމަވެސް ޒިނާން ފެންނާކަށް ނެތެވެ. ހަމަޖެހިލެވޭތޯ މަސައްކަތްކުރި ނަމަވެސް ސުލޭމާނަށް މާގިނައިރަކު މަޑަކުން ނުހުރެވުނެވެ.

“އަދިވެސް އެ ޒިނާން ނާދޭތަ؟ މިވަރުގެ ބޮޑުކަމެއް ދިމާވެގެން އުޅޭއިރު އޭނާ މިތަނުގައި ހުންނަން ޖެހޭނެކަން އޭނާއަށް ހަމަ ނޭނގޭތަ؟ ފޯނު ވެސް އޮތީ ނިވާލާފައި.. ރިޒޯޓަކު ނެތް.. މާލެ އޮފީހަކު ނެތް..” ސުލޭމާންގެ ކިބައިން ފާޅުވީ ހިތްހަމަނުޖެހުމެވެ.

ލޭ ލިބޭތޯ ބޭރަށް ނުކުތް ސިމްނާ އައީ ޒުވާން ފުރައިގެ ފިރިހެނަކު ގޮވައިގެންނެވެ.

“އަނހަ.. މިއީ ކޮންކުއްޖެއް؟ ދަރިފުޅު ވެސް ކަމެއް ފެށީތަ؟” ސިމްނާއާއެކު އައި އެ ޒުވާނާއަށް ބަލާލަމުން ސުލޭމާން ހިނިތުންވެލިއެވެ. ހިތަށް ވެރިވެފައިވާ ކަންބޮޑުވުމާއި ހާސްކަން ސިއްރު ކުރެވޭތޯ މަސައްކަތްކުރިއެވެ.

ގަތް ލަދުން ބުނާނެ އެއްޗެއް ނޭނގި އިސްޖަހާލުން ފިޔަވައި އެހެން އެއްވެސް ކަމެއް ސިމްނާއަކަށް ނުކުރެވުނެވެ.

“ސާބަސް ސުލޭމާނަށް.. އެއައީ ލޭ ގެ ކަންތައް ހަމަޖައްސާފަ..” ސިމްނާއާ ދިމާއަށް އަންނަމުން އައިމިނަ ޖަވާބު ދިނެވެ.

އެ ޒުވާނާ އެތަނުން ދިޔައީ ސުލޭމާންމެނާއި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކުރުމަށްފަހުއެވެ. ބަލިމީހާ އާއި ބައްދަލު ނުކުރެވުނު ނަމަވެސް ސުލޭމާންމެންނާއި ބައްދަލުވީތީ އުފާކުރާކަމަށް ބުންޏެވެ. ލިބެން އުޅޭ ދަރިފުޅާއި ވިހަން އުޅޭ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާ ޙަޔާތް ބާއްޖަވެރިކުރައްވާތޯ ދުޢާ ވެސް ކުރިއެވެ.

ދެގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ އޮޕަރޭޝަން ކާމިޔާބެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. ޑޮކްޓަރުން މަޢުލޫމާތު ދިން ގޮތުގައި ދެމައިންގެ ޙާލު ވެސް ރަނގަޅެވެ. އެހީތެރިންނަށް ދައްކާލުމަށްޓަކައި ދަރިފުޅު ނެރުނު ނަމަވެސް ޝާލޫ ނެރެން ބައިގަޑިއެއްހާއިރު އަދި ވާނެކަމަށް ބުންޏެވެ. އޮޕަރޭޝަން ކާމިޔާބު ވީތީ އައިމިނަމެން ތިން މީހުން ވެސް އުފާކުރިއެވެ. ޝުކުރު ޙައްޤުވާ ފަރާތަށް ޝުކުރު ދެންނެވުމަށް އަވަސްވިއެވެ.

އަނީގާ އުޅޭ ގެ ކައިރިއަށް ޒިނާން ދިޔައިރު އޭނާގެ އިންތިޒާރުގައި އަނީގާ ހުއްޓެވެ. އާދައިގެމަތިން ފަރިވެލައިގެން ދޮރޯށި ކައިރިއަށް ނުކުމެ، އާދޭތޯ ބަލާލަ ބަލާލައެވެ.

“ކޮންތާކު ތި އުޅެނީ؟ ފޯނު ވެސް އޮތީ ނިވާލާފައި..” ޒިނާން އައިސް ސައިކަލު މަޑުކޮށްލުމާއެކު އަނީގާ ވާހަކަ ދައްކަންފެށިއެވެ.

ފޯނު ނިވިފައި އޮތްކަން ޒިނާނަށް އެނގުނީ އެހިސާބުންނެވެ. އަވަސްއަވަހަށް ފޯނު އޮން ކޮށްލިއެވެ. ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން ފުލުފުލުގައި މިސްކޯލް މެސެޖްތައް އަންނަން ފެށިއެވެ.

އޭނާއާ ގުޅުމަށްޓަކައި އޭނާގެ މަންމައާ ބައްޕަ މަސައްކަތްކޮށްފައިވާވަރު ފެނުމާއިއެކު ޒިނާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސިމްނާ ވެސް ގުޅާފައި ހުއްޓެވެ. ރިޒޯޓުންނާއި މާލެ އޮފީހުން ވެސް ގުޅާފައި ހުއްޓެވެ. ބޮޑުކަމެއް ދިމާވެގެން ނޫނީ އެވަރަށް ނުގުޅާނެކަން ޒިނާނަށް ޔަޤީނެވެ.

ވިސްނާކަށް ވަގުތެއް ނުލިބުނެވެ. ފޯނު ހުޅުވިކަން އެނގުމާއިއެކު ސުލޭމާން ގުޅިއެވެ.

“ފޯނާ އެއްޗިހި ނިވާލައިގެން ކޮންތާކު ތިއުޅެނީ؟ ހަމަ މިހާރު ހޮސްޕިޓަލަށް އާދޭ!” ހިތްހަމަނުޖެހިފައި ހުރި ސުލޭމާން ކުރީ އަމުރެވެ. އިތުރަށް އެއްޗެކޭ ބުނާކަށް ޒިނާނަކަށް ނުކެރުނެވެ.

“ގެއަށް ޖައްސާލާފައި އަންނާނަން.. އެތެރެއަށް ވަދެ މަޑުކޮށްލާ.. އަންނަމުން ގުޅާނަން..” އަނީގާއަށް ބަލާލަމުން ޒިނާން ދައްކަންފެށި ވާހަކަތައް ނުނިމެނީސް ގޭތެރެއަށް ވަންނަން އަނީގާ ހިނގައިގެންފިއެވެ. ހަރަކާތްތަކުން ފާޅުވި ހިތްހަމަނުޖެހުން ޒިނާނަށް ނަގައިގަނެވުނެވެ.
ޒިނާނަށް ހޮސްޕިޓަލަށް ދެވުނުއިރު ޝާލޫގެ އޮޕަރޭޝަން ހުރިހާ ކަމެއް ނިންމައި ދަރިފުޅާއި ޝާލޫ ކޮޓަރިއަކަށް ބަދަލުކޮށްފިއެވެ. ގޭގައި ކޮށްލަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ސިމްނާ ވީ ގެއަށް ގޮހެވެ. ޝާލޫ ކައިރީގައި ތިބީ އައިމިނަ އާއި ސުލޭމާނެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް ޒިނާނަކަށް ނުވިސްނުނެވެ.
މަޑުމަޑުން ކޮޓަރިތެރެއަށް ވަދެގެން ގޮސް ދަރިފުޅު ކައިރިއަށް ހުއްޓެމުން ބަލާލިއެވެ. ނިތްކުރީގައި ބޮސްދެމުން ހިނިތުންވެލިއެވެ.
“ދަރިފުޅު މަޑުކުރޭ ޝާލޫ ގާތު.. މަންމަމެން އަންނާނަށް ގެއަށް ގޮސްފައި.. މުހިންމު ކަމެއް ދިމާވެއްޖެއްޔާ ގުޅާލާ..” އެނދު ކައިރިން ތެދުވަމުން އައިމިނަ ވާހަކަ ދެއްކިއެވެ.
ޒިނާން ގޮސް ޝާލޫ ކައިރިއަށް ހުއްޓެމުން މަޑުމަޑުން ގޮވާލިއެވެ. ޖަވާބެއް ނުލިބުނުތާނގައި ބަލާވެސް ނުލިއެވެ. ލޯ މަރާލައިގެން އޮތްގޮތުން ހީވަނީ ނިދިފައި އޮތްހެނެވެ.
ސިމްނާ ހޮސްޕިޓަލަށް އައީ މެންދުރެއްކަން ހާއިރުއެވެ. އޭނާ ގެއިން އައީ ޝާލޫގެ މެންދުރުގެ ކެއުން ތައްޔާރުކޮށްގެންނެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ތައްޔާރުކުރާ ފާޑުފާޑުގެ ކާނާތައް މިހާލަތުގައި އޭނާއަށް ދޭކަށް އައިމިނަ ބޭނުމެއް ނުވިއެވެ. ވަގުތާއި ހާލަތާއި ގުޅޭގޮތަށް ގޭގައި ކާނާ ތައްޔާރުކުރީ ވެސް އެހެންވެއެވެ.
ސިމްނާ ގޮސް ކޮޓަރިއަށް ވަތްއިރު، ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ފޯނާއި ކުޅެލަ ކުޅެލަ ޒިނާން ހުއްޓެވެ.
“ސިމް! ފެންފޮދެއް ދީބަލަ..” ސިމްނާ ގޮސް އެނދު ކައިރިއަށް ހުއްޓުނު ވަގުތު ލޯ ހުޅުވާލި، ޝާލޫ މަޑުމަޑުން އެދުނެވެ. އޭނާއަށް ޒިނާން ފެނުނީ އިރުކޮޅެއް ފަހުންނެވެ.
“ޒިނާން! ކޮންއިރަކު އައީ؟ ދަރިފުޅު އުރާލައިފިންތަ؟ ލޯބި ދޯ؟ ހީވަނީ ހަމަ ޒިނާންހެން..” ޒިނާނަށް ގޮވާލަމުން ޝާލޫ ވާހަކަ ދެއްކިއެވެ. އަޑާއި ހަރަކާތުން ފާޅުވީ ޒިނާން ފެނުމުން އޭނާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމެވެ.
ޝާލޫގެ ވާހަކަތަކަށް އާނއެކޭ ބުނާފަދައަކުން ޒިނާން ބޯ ޖަހާލިއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. ފޯނާއި ކުޅެލަ ކުޅެލަ ހުރީއެވެ.
ދަރިއަކު ލިބުމުން ޒިނާންގެ އުޅުމަށް ބަދަލު އަންނާނެކަމަށް ޝާލޫއަށް ހީކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ސިމްނާއަށް އެތަނުގައި ހަމަޖެހިނުލެވިގެން އުޅެނިކޮށް ނުކުމެގެން ހިނގައްޖެއެވެ. ހީވަނީ މީހަކު އައުން ލަސްވެފައި ހުރިހެންނެވެ.
ރޭގަނޑަށް ކައިގެން ޒިނާނާއި އަނީގާ ދިޔައީ އަނީގާ ހުންނަ ގެއަށެވެ. ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކޮޓަރިއަށް ވަތްއިރު އަނީގާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުންދިޔަ ކަހަލައެވެ. އިރުއިރުކޮޅުން ޒިނާނާއި ބައްދާލައެވެ. ލޯބީގެ ކޮންމެވެސް ހަރަކާތެއް ކޮށްލައެވެ.
ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.