ގުޅަ ގުޅައަށް އެއްޗެހި އަޅަމުން ދިޔައިރު ހަމަ ރަނގަޅަށްވެސް އަހަންނަށް ރޮވެއެވެ. އެންމެ ކަމަކާ ނޫނެވެ. މައިންބަފައިންނާ ގެދޮރާ ރަށް ދޫކޮއްލާފައި ވަގަށް ފިލައިގެން ދާންޖެހުނީތީއެވެ. މީހުންބުނާގޮތުގައި މައިންބަފައިން ދުވަަހަކުވެސް ދަރިންނަށް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ. އެކަމަކު އެކަން ގަބޫލުކުރަނީ ކިތައްމީހުން ބާވައެވެ. ހަމަގައިމުވެސް އަހަންނެއް ނުކުރަމެވެ.
އެހެން މީހުން ގޮތަށް އަހަރެން ވެސް އާއިލާއާ އެކީ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ. އެކަމަކު މަންމަގެ އެނިކަމެތި ހަޔާތް ފެނިފައި އަހަރެން އާއިލާދެކެ ފޫހިވެއެވެ. އަހަރެންގެ ބައްޕައަކީ ރަށުގެ އެންމެ ފޯރާ އެކެކެވެ. މަންމައަކީ އަންހެނަކަށްވީތި މަންމަ އެއީ އެއްވެސް މީހެއްނޫނެވެ. އެންމެ ކުޑަމިނުން ބަހެއްބުނުމުގެ ހައްގުވެސް މަންމައަށް ނޯވެއެވެ. ބައްޕަ އަށް ހުރިހާވެސް ބަޔަކީ ބައްޕަގެ ތިބި ތިން ފިރިހެން ކުދިންނެވެ. އަހަރެންމީވެސް އަންހެން ކުއްޖަކަށްވާތީ އަހަރެންގެ ހައްގުތަކަކީވެސް ނެތް އެއްޗެކެވެ. އަހަރެންގެ ކިޔެވުމާއި ހޯދަން ބޭނުންވި ގިނައެއްޗެހިތައް ދިޔައީ އަޅައިނުލާ ދޫކުރެވެމުންނެވެ. ނަތީޖާއަކަށްވީ އަހަރެންގެ ކިޔެވުމުގެ ހަޔާތް ބަނަވެ ގުރޭޑު ތަކުގައި ރިޕީޓް ކުރެވެމުން ދިޔުމެވެ. އަހަންނަށް އަށާރަ އަހަރު ގައިވެސް އަހަރެން ކިޔަވަމުން ދިޔައީ ގުރޭޑް ދިހައެއްގަ އެވެ.
އެންމެ ފަހުން އަހަރެން އިންތިޒާރު ކުރަމުން އައި ދުވަސްވެސް ޖެހުނީއެވެ. އަހަންނަށް އަށާރަ ފުރުނީއެވެ. ދެން ކިތަންމެ ނަރެއްނެގިޔަސްް ބައްޕައާއި ބޭބެ މެންނަށް އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އަހަރެންގެ މިނިވަން ކަމުގެ ރަހަ އަހަރެން ހޯދާނަމެވެ.
އެއްޗެހި ޕެކްކޮށް ނިންމާލުމަށް ފަހު ފަހުފަހަރަށް އާއިލާއާ އެކު ކެއުމަށް މޭޒުދޮށަށް އަހަރެންދިޔައީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. އެންމެނާވެސް ހީ ސަމާސާ ކޮއްލާ ވާހަކަ ދައްކާ ހަދާލުމަށްފަހު މަންމަ ގައިގައި ވަރަށް ލޯބިން އަހަރެން ބައްދާލީމެވެ. ފަހުގެ ސަލާމަކަށް އެންމެނަށް ވެސް ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން ކޮޓަރިއަށްވަނީ ދެން އެއިން އެއްވެސް މީހަކާ މިހަޔާތުގައި ބައްދަލުނުވުމަށް ވަރުގަދަ އަޒުމެއް ހިތުގައި ބިންވަޅު ކަނޑާ ނަގައިގެންނެވެ.
ގަޑިން ފަތިހު 4 ގަޑި ބައިގެ ފުލައިޓަށް އަރަން އަހަރެން ދިޔައީ ރައްޓެހި ކުއްޖަކާ އެކު ސައިކަލެއްގައެވެ. މާގިނަ އެއްޗެއް ގެނދާކަށް އަހަރެން ނަހަދަމެވެ. ދެތިން ހެދުމާ ކޮންމެހެން ބޭނުންވެދާނެ ހެންހީވާ ލިޔުންކޮޅެއް ފިޔަވައި އެއްވެސް އެއްޗެއް ގެންދަން ބޭނުމެއް ނުވިއެވެ. އިސާހިތަކު ހަމަޖެހިފައި އޮތް ގަޑިއަށް ފުލައިޓް ނައްޓާލައިފިއެވެ. އަހަރެން މިނިވަންވީއެވެ. ހަމަގައިމުވެސް ދެން އަހަރެން ހޯދަން މީހަކު ނާންނާނެއެވެ. އެކަން އެހާ ޔަޤީންވަނީ އަހަންނަށް އަހަރެންގެ ބައްޕަގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ބައްޕަގެ އެ ހުންނަ ގޮތްދޫނުކުރުމުގެ ހަރުކަށި ގޮތުގެ ސަބަބުން ޚުދު އަހަރެން ހޯދަން ބައްޕަ ހޯދަން ނުނިކުންނަތާ އެހެން މީހަކު އެކަން ކުރިއަވެސް ނުދޭނެއެވެ.
ހުޅުލޭ އެއަރޕޯޓުން ފައިބައިގެން ގޮސް މާލެ އެރިއިރުވެސް އަހަރެންގެ ކުރިއަށް ހުރި ފިޔަވަޅުތައް އަޅާނެ ވަގި ދިމާއެއް ކަނޑައެއް ނާޅަމެވެ. ކުޑައިރުއްސުރެ ވެސް ބޭރަށް ނިކުމެ ނޫޅޭތީ މާގިނަ ރައްޓެހިންނެއް ނުތިބެއެވެ. އަދި މިއަށްފަދަ ޓެކްނޮލޮޖީގެ ޒަމާނުގައި ވެސް މީސްމީޑިއާ ބޭނުންކޮއްފައި ނުވާތީ އޭގެންވެސް ވަނީ ރަހުމަތްތެރިއެއް ލިބޭގޮތް ނުވެފައެވެ. އެއްކޮއްލެވިފައި އޮތީ އެންމެ ފަސްހާސް ރުފިޔާއެވެ. ނަމަވެސް މާލޭ މަގުމަތީ ސަލާން ޖަހަން އުޅުންވެސް އެތާންގައި، އަހަރެންގެ ރަށުގައި އުޅުމަށް ވުރެ ރަނގަޅުވާނެ ކަން އަހަންނަށް ޔަގީނެވެ.
ކުއްލިއަކަށް އަހަންނަށް ދުއްވައިގަނެވުނީ ޒަޚަމްތަކާއެކު ނަސަންދުރަ ކުރިމަތީ އޮތް ޒުވާނާޔާ ދިމާއަށެވެ. އެއަށް ބާރުބޮޑު ތަނުގައިވެސް ކާރެއް އެދިޔައީ ހިނގާފައި އެދިޔަ ޒުވާނާ ޗިސްޗިސް ކޮއްލާފައެވެ. އަހަަންނަށް ގޮސް އެޒުވާނާގެ ގައިގާ ހިފެހެއްޓުނެވެ. ބައިމަތި ފުޅާ ހިތްގައިމު ހަށިގަނޑުގެ ވެރި އެޒުވާނާ އަށް އެހެންހަދާފަ ބަލައިވެސްނުލާ އެދިޔައީ ހާދަ ރަހުމެއް ނެތް ބައެކެވެ. އެތާތިބި ގިނަބައެއްގެ އެހީއާއެކު ކާރަކަށް އަރުވައިގެން އަހަރެން އައި.ޖީ.އެމް.އެޗް އަށް އޭނާ ގޮވައިގެން ދިޔައިމެވެ. އެތަނަށް ދިޔަތާ މާގިނަ އިރެެއްނުވެ އެޒުވާނާއަށް ފަރުވާ ދޭންފެށުނެވެ. ނަސީބު ކަންދިމާކުރި ގޮތުން އެޒުވާނާގެ ޖީބުގައި އޮތް ވޮލެޓްގައި އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް ހުއްޓެވެ. އެހެންކަމުން މައުލޫމާތުތައް ފަސޭހަކަމާއެކު އަހަންނަށް ފުރިހަމަ ކޮއްލެވުނެވެ. އަދި އޭނާގެ ކައިރީގައި އޮތް ފޯނުގެ އެހީގައި އޭނާގެ އާއިލާއަށް ވެސް އެކަން އެންގީމެވެ.
އޭގެ ގާތްގަނޑަކަށް ވިއްސަކަށް މިނިޓް ތެރޭގައި އެޒުވާނާގެ އެހީތެރިން އެތަނަށް ޖަމާވިއެވެ. ނަމަވެސް އަހަންނަށް ފާހަގަ ކުރެވުނީ އޭނާގެ މާގާތް ބަޔަކު އެތާ ނެތްކަމެވެ. ތިބީ ހަމައެކަނި މުސްކުޅި ދެމަފިރިންނެވެ. ހީވާ ގޮތުގައި އެއީ އެޒުވާނާގެ މައިންބަފައިންނެވެ. ދެންތިބީ ވަރަށް ފޯމަލް މީހުނެވެ. އެމީހުނަށް އެޒުވާނާގެ ހާލާ ބެހޭގޮތުން ބޭނުންވާ މައުލޫމަތު ލިބުމުން އެމުސްކުޅި ދެމަފިރިން އަހަރެން ކައިރިއަށް އައިސް ޝުކުރު އަދާކުރިއެވެ. އަދި ފައިސާ ދޭން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އޭގައި ނުހިފީ އެއީ އަހަރެން ފައިސާއެއް ހޯދުމަށްޓަކައި ކުރިކަމަކަށް ނުވާތީއެވެ. އަހަރެންގެ ވާޖިބު އަހަންނަށް އަދާކުރެވުނީއެވެ. އެތަނުން އަހަރެން ދުރައްޖެހިލީމެވެ. ބަނޑުހައިވެފައި ހުރި ވަރުން އެތާ ރެސްޓޯރެންޓަށް ވަދެ ދެ ސޭންޑްވިޗް ނަގައިގެން އަހަރެން ރަނގަޅަށް ސައިބޯލީމެވެ. ދެންވެސް ދާނެ ވަކިތަނެއް ނެތުމާއެކު ހޮސްޕިޓަލް ތެރޭ ހުރި ގޮނޑިއެއްގައި އަހަރެން އިށީންދެލީމެވެ.
ސިއްސައިގެން ދިޔައީ މީހަކު އައިސް ވާހަކަ ދެއްކި އަޑު އިވުނީމައެވެ. އެޒުވާނާގެ މަންމަ ކަންނޭގެއެވެ. އެމުސްކުޅި އަންހެން މީހާ ހުރީ އަަހަރެން އިން ގޮނޑި ކައިރީގައެވެ. އަހަންނާ އެތައް ސުވާލެއް އޭނާ ކުރިއެވެ. އަހަރެން ވެސް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަތައް ކަނުލައި އަޑުއަހަން އިނުމަށްފަހު އެމީހާ އެދުނީ އަހަރެން އެމީހުނާއެކު އެގެއަށް ދިއުމަށެވެ. އެގޭގައި މަސައްކަތް ކުރާ މީހެއްގޮތުގައެވެ. އަހަރެން އެކަން ހެޔޮ ހިތުން ގަބޫލުކުރީމެވެ. އެއަންހެން މީހާ އެތަނުން މީހަކާއެކު އަހަރެން ދިއުމަށް އެދުނެވެ. އަދި ގޮސް އަރާމު ކޮއްލުމަށް އެދުނެވެ.
މާލޭގެ މަތުމަތިން ކާރުގައި ދިޔައިރު އަހަރެން ދެފަރާތުން ފެންނަމުން ދިޔަ ބޮޑެތި އިމާރާތްތަކަށް ރަނގަޅަށް ބަލަމުން ދިޔައިމެވެ. އެންމެފަހުން ބައްޕައާއެކު ޑަކުޓަރަށް ދައްކަން އައި އިރާވެސް މިހާރު މާލެއާ ވަރަށް ތަފާތެވެ. އިރުކޮޅަކު ދުއްވުމަށްފަހު ކާރު ގޮސް ބޮޑު ގޭޓަކުން އެތެރެއަށް ވަނެވެ. ރީތި ބަގީޗާ ގަސް ތަކެއްގެ ތެރެއިންލާފައި ކާރު ގޮސް ބޮޑު އިމާރާތެއްގެ ކައިރިއަށް ހުއްޓާލިވެ. އޭރު އެތާ ދޮރުމަތީ އަހަންނާ ހަވާލުވުމަށް މީހަކު ނިކުމު ހުއްޓެވެ.
ޝާހީ ބޮޑު ރީތި ގެއެކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ އެމީހުންގެ ތަނަވަސް ކަމެވެ. ހުވަފެނުންވެސް ނުފެންނަހާ ރީތި އެއްޗެހި ހުރި ފުރިހަމަ ތަނެކެވެ. ކޮންމެއަކަސް އަހަންނަށް ހަމަޖެހިފައިވާ ކޮޓަރި ދައްކާފައި އެމީހަކު ހިނގައްޖެއެވެ. އަހަރެންވެސް ވަދެ ފެންވަރާލައިގެން ނިކުމެ އެނދުމަތީގައި ޖައްސާލީމެވެ. ނިދި ޖެހުނު ގޮތެއްވެސް ނޭގުނެވެ. ވަރުބަލިވެފައި ހުރިވަރުން ކަމެއް، ނޫނީ އެނދުގައި އަޅާފައު އޮތް ގޮދަޑި އަރާމީ ކަމެއްނޭގުނެވެ. އެހެންނިދާފައި އޮތް އިރު ގަޑިން އެހާއިރު ވެދާނެ ކަމަށްވެސް އަހަރެން ހީނުކުރަމެވެ. އަހަންނަށް ހޭލެވުނީ ހަވީރު ވީފަހުންނެވެ.
ލަދުވެސް ގަތެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން އަހަރެން ނިކުތް އިރު ގޭގެ ނޯކަރުންތައް ހޭލަމޭލައަށް އުޅެމުންދެއެވެ. އެމީހުންގެ ހަރަކާތްތަކުން ކޮންމެވެސް ހާސްވާ ކަމެއް އިތުރަށް ހިނގައިފިކަހަލައެވެ. އެއްފަރާތަކަށް ޖެހިލުމަށްފަހު އެތަނުން މުސްކުޅި ވަރެއްގެ ނޯކަރެއް ކުރެން އަހަރެން ސުވާލު ކޮއްލީމެވެ. އަހަރެންގެ ހިތަށްވެސް އަސަރު ކުރިއެވެ. އެއްކަލަ ޒުވާނާގެ އޮޕަރޭޝަނަށްފަހު ޑަކުޓަރުން އެންގީ އެޒުވާނާގެ ލޮލަށް ނުފެންނަ ކަމަށެވެ. އެކަމާ އެއްކަލަ މުސްކުޅި މީހާ ރޮއެނަގަނީއެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ އެމީހާ އެތަނުން މީހެއްކުރެން އަހަރެން ކޮބާތޯ ސުވާލުކުރުމުންނެވެ. އަހަރެން އަވަހަށް އަދަބުވެރިކަމާއެކު އެމީހާގެ ކުރިމައްޗަށް އެރީމެވެ. އެމީހާ އަަހަރެން ގައިގައި ބައްދައިގަތެވެ. އަދި އޭނާ ބުނާގޮތަށް ކަންތައް ކުރެވޭނެތޯ ސުވާލު ކުރިއެވެ. އަހަރެން އިސްޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެމީހާ ބުނި ގޮތުގައި މީގެ ފަހުން އަހަރެންގެ ވަޒީފާއަކީ އޭނާގެ މުނިމާމަ ދަރިފުޅު އާލް ބެލުމެވެ. އަދި އާލްގެ ބައްޕަ، އެކްސިޑެންޓްވި ޒުވާނާ އާދިލްގެ ކަންތައް ބެލެހެއްޓުމެވެ. މިކަމުގައި ގޭގެ އެހެން ނޯކަރުންނާ އެމީހުންގެ އެހީތެރިކަން ލިބޭ ގޮތަށެވެ.
އަހަންނަށް އަހަރެންގެ ހާއްސަ ވަޒީފާއާއި ހަވާލު ކުރަންދިޔައީ ޚުދު އެ މުސްކުޅި މީހާއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހާގެ އެންމެ އަނގު ބޮޑު ދެޚަޒާނާ އަހަންނާ ހަވާލު ކުރާނީ އަހަންނަށް ވަރަށް އިތުބާރު ކޮއްފައިކަން އަހަރެން ދުށީމެވެ. އެކަމާ އުފާކުރީމެވެ. އެމީހާ އަހަރެން ގޮވައިގެން ގޮސް ވަނީ އެތާނގައި ހުރި ފުރިހަމަ ކަމުގެ މިސާލެއް ނެތްފަދަ ކޮަޓަރިއަކަށެވެ. ކުޑަ ކުއްޖަކަށް ބޭނުންވާނެ އެތާ ނެތް ހަމަ އެކައްޗެއްވެސް ނުހުންނާނެއެވެ. އަރާމު ބޮޑު އެނދެއްގައި ނިދާލާފައި އޮތް އާލް ފެނުމުން އަހަރެންގެ ހިތް ލޯބިން ފުރުނެވެ. އެހާ ލޯބިކޮށް އޮތް ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަނެއްކާ އަހަންނަށް މިއުޅެނީ ހުވަފެނެއް ތެރޭގައި ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ނަސީބު ކަންދިމާކުރި ގޮތުން އާލް ވީ ވަރަށް އަވަހަށް މީހުނާ ރައްޓެހިވާ، ގެންގުޅެން ފަސޭހަ ކުއްޖަކަށެވެ. އަހަރުމެންގެ ގުޅުން ހަފްތާއެއްގެ ތެރޭ ވަރަށް ގާތްވެ ވަރުގަދަ ވެގެންދިޔައެވެ. އާލް އަށް ކޮންމެ ކަމެއްވެސް ކުރެވެނީ އަހަންނާ އެކުގައެވެ. އަހަަންނަށް ވެސް އާލް އެއީ އަހަރެން ހަށިގަނޑުގެ ބައެއް ކަމުގައި އިހުސާސް ވާން ފެށިއެވެ. އޭގެ ދެހަފުތާ ފަހުން އާދިލް ގެއަށް ގެނެވުނެވެ. އަހަރެންގެ މަސައްކަތްތައް ވެސް ދެގުނަ ވެގެންދިޔައެވެ. އަހަންނަށް އެދެބަފައިންގެ މަސައްކަތްތައް ދިނީ އެދެބަފައިން ވީހާވެސް ކައިރީގައި ގެންގުޅެ އާދިލްއަށް އޭނާގެ ނުކުޅެދުންތެރިކަން އިހުސާސް ނުކުރުވަން ކަމުގައި އެމީހުން ބުންޏެވެ.
އަހަންނަށް ފުރަތަމަ ފަހަރަށް އާދިލްގެ މޫނު ރީއްޗަށް ފެނުނީ ހޮސްޕިޓަލުން ގެއަށް ގެނައި ގަޑީގައެވެ. އާލް އެހާ ރީތިވި ސަަބަބު އަހަންނަށް ޔަގީންވީ އެވަގުތުއެވެ. އާދިލް ކަހަލަ ފުރިހަމަ އިންސާނެއް މިދުނިޔޭގައި މަދުވާނެއެވެ. ހަމަ ގައިމުވެސް ރާއްޖޭގައި އެހާ ރީތި މީހެއް ނުހުންނާނެއެވެ. މޫނުމަތީގައި އެކި ތަންތަނުގައި ހަލާކުވެފައި ހުރި ނިޝާންތައް ހުއްޓަސް އަދި އެދެލޮލަށް ނުފެނުނަސް އެމޫނު މީހަކު ބަލާ ފޫހި ނުވާނެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މަސް ތަކަށް ބަދަލު ވަމުން ދެއެވެ. ދުވަހެއް ދުވަހަކަށް އެދެބަފައިންނާ އަހަރެންގެ ގުޅުން ބަދަހި ވަމުން ދިޔައެވެ. އާލްއާ އާދިލްއާ އެކު ހޭދަވާ ކޮންމެ ވަގުތަކީ އަހަންނަށް ރަން ވަގުތުކޮޅެކެެވެ. އެކި ގޮތްގޮތުން އާދިލްއާ ދެކެވެމުން ދިޔަ ވާހަކަ ތަކުން އާދީލްއާ އަހަންނާ ވަރަށް ގާތް ވަމުންދިޔައެވެ. އެންމެ ފަހުން އެކަމެއް ކުރަން އަހަރުމެން ކިތަންމެ ބޭނުންނުވެ ތިބި ކަންތައްވެސް އަހަރުމެން ދޭތެރޭގައި ހިނގައިގެން ދިޔައީ ދެމީހުންގެވެސް އިޚުތިޔާރުން ބޭރުގައެވެ. އެކަމާ އަހަރެން ކިތަންމެހާވެސް ލަދުގަތެވެ. ނަމަވެސް އެކަން އާއްމު ކަމަކަށް ވާން ފެށުމާއެކު އެލަދުވެތިކަން ވެސް ފިލައި ގޮސްފި އެވެ. އަމިއްލަ ދިރިއުޅުންހެން އެތާ އުޅެމުންދިޔައިރު އެހެން އެއްވެސް ކަމަކާމެދު އަހަންނަށް ވިސްނާލެވިފައިވެސް ނެތެވެ.
އެތަށް ޑަކުޓަރަކަށް ދެއްކުމަށްފަހު އެންމެ ފަހުން އާދިލްގެ ލޯ މެލޭޝިޔާއިން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިޔައެވެ. އާދިލްގެ ލޯ ރަނގަޅު ވުމަކީ އަހަރެންވެސް މި ދުނިޔެމަތީ އެންމެ ބޭނުންކަންތަކެވެ. އާދިލްގެ ލޮލުން އަހަރެން ދުށުމަކީ އާދިލްވެސް އެންމެ އެދޭ ކަންތައް ކަމުގައި އާދިލް ވެސް ބުނަމުން ގެންދިޔައެވެ. އާދިލް ދިޔަތާ ދެތިން ދުވަސް ނުވެއެވެ. އަހަންނަށް ނޭގޭ ޒާތެއްގެ އުނދަގޫ ތަކެއް ވާން ފެށިއެވެ. ފުރަތަމަ އަހަރެން އަޅައެއް ނުލަމެވެ. ނަމަވެސް ފަހުން ޝައްކު އަހަރެންގެ ހިތަށްވެސް ވެރިވިއެވެ. އެހެންކަމުން އަވަހަށް ގޮސް ޕްރެގްނެންސީ ޓެސްޓް ކިޓެއް ގެނެސް ޓެސްޓް ކޮއްލީމެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވާކަށް މާގިނައިރެއް ނުނެގިއެވެ. އަހަރެން އާދިލްގެ ދަރިއަކަށް ބަނޑު ބޮޑެވެ.
ކޮންމެ ގޮތެއްވިޔަސް އާދިލް އަހަރެން ދޫކޮއްނުލާނެކަމުގެ ޔަގީންކަން އަހަންނަށް އޮތެވެ. އެހެންވެ އާދިލް އައުމުން އެވާހަކަ ބުނަން އަހަރެން މަޑު ކޮއްލީމެވެ. އޭގެ މަހެއްފަހުން އާދިލް އައީ އޭނާގެ ލޮލުގެ ފެނުމާ އެކުގައެވެ. އައިސް ގެއަށް ވަނުމާއެކު އާދިލް އަހަރުމެން ކޮބާތޯ ސުވާލު ކުރިކަން އަހަންނަށް އެނގެއެވެ. އަހަރެން އިނީ އާލް އާއެކު އޭނާގެ ކޮޓަރީގައެވެ. އާދިލް ފަހަތުން އައިސް އަހަންނަށް ގޮވާލިއެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާ އެކު އެދިމާއަށް އެނބުރުނީ އާދިލްގެ މޫނަށް ބަލަން ނުކެރި ހުރިހާލު ލޯމަރައިގެންނެވެ. އާދިލް މަޑު މަޑުން އައިސް އަހަރެންގެ ގައިގައި ބައްދާލުންވީ އަހަރެންގެ ހިތަށް ފިނިކަމެއް ލިއްބައިދިން ކަމަކަށެވެ. އަހަރެންގެ މޫނުގައި އޭނާ ބޮސްދިނެވެ. އަދި އާލް އުރާލާފައި އެދެބަފައިންނާ އަހަރެން ގާތް ކޮއްލިއެވެ.
ކުއްލިއަކަށް އަހަރުމެން ސިއްސުވާލީ ވަރަށް ހާސްވެ ހުރެ ނޯކަރެއް އައިސް އާދިލް އަވަހަށް އައުމަށް އާދިލްގެ މާމަ ބުނިވާހަކަ ބުނުމުންނެވެ. އާދިލް ވަގުތުން އާލު އަހަރެންގެ އަތަށް ދީފައި ނިކުތެވެ. ފަހަތުން އަހަރެންވެސް ނިކުތީމެވެ. ވަކިހިސާބަކަށް ގޮސްފައި އާދިލް ހުއްޓުނެވެ. ގޭތެރޭ ހުރި އަންހެނަކާ ދިމާއަށް އާދިލް ދެލޯ ބޮޑުކޮއްގެން ބަލަން ހުއްޓެވެ. އެއީ ކާކުކަން ނޭގޭ ހާލު އަހަރެން ހުރީ ވާނުވާ ނޭގިފައެވެ. އެމީހާ އައިސް އާލް އަށް މަންމަ ދޫނީއޭ ކިޔާ ގާތް ކޮއްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އާލް އަހަރެން ގައިގައި ބާރަށް ބައްދާ ބޮޑާ ހާކާލިއެވެ. އާދިލް އަހަންނަށް ވަގުތުން އާލް ގޮވައިގެން ކޮޓަރިއަށް ދިޔުމަށް އަމުރު ކުރިއެވެ. އަހަރެން އެންމެ ސިއްސުވާލީ އާދިލް އެހެން ބުނި ރާގެވެ. ދުވަހަކު އެފަދަ ރުންކުރު ރުޅިވެރި ގޮތަކަށް ވާހަކަ ނުދައްކާ މީހެއްގެ އެކަހަލަ ހަރުކަށި ބަހަކަށް އަހަންނަށް ހުރެވުނީ ތައްޔާރުވެސް ނުވެވިއެވެ.
އެތަށް އިރެއް ވީއިރުވެސް އާދިލްގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެން ހުރީ ބޭރަށް ނިކުންނަން ވެސް ނުކެރިފައެވެ. އެންމެ ފަހުން ނޯކަރެއް އައިސް ބުނި އެއްޗަކުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ. އޭނާ ބުނި ގޮތުން އާލް މީގެ ފަހުން އަހަރެން ކައިރީގައި ނޯންނާނެއެވެ. ގޭގައި އުޅޭތާ ގިނަ ދުވަސް ތަކެއްވެފައި ހުރި ނޯކަރެއްކަމުން އަހަރެން ސުވާލު ކޮއްލީމެވެ. އޭނާ ފަރާތުން އެނގުނު ގޮތުގައި އެ އަންހެން މީހާއަކީ އާލް ގެ މަންމަ އަދި އާދިލްގެ އަނބި އާލިޔާ އެވެ. އާލިޔާ އަކީ އާދިލްގެ ބޮޑުބެގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި އާދިލް ބައްޕައާ އާދިލްގެ ބޮޑުބެ ކުރުވި މިކައިވެނީގައި އާދިލްއަށް ދިޔައީ އެތަށް އަނިޔާއަކާއި ގޮންޖެހުންތަކަކާ ކުރިމަތި ލަމުންނެވެ.
އެގޮތުން އާލިޔާ އަކީ އުޅުމެއްނެތް، ފިރިހެނުން ހިތި އަންހެނެކެވެ. އަދި ފައިސާއަށް ނުބަލާ އެއްވެސް މީހަކަށް ބެލުމެއްނެތި ހިތަށް އެރި ގޮތަކަށް އުޅެމުންދާ އަންހެނެކެވެ. އެންމެފަހުން އިންޑިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި އާދިލްގެ މައިންބަފައިންނާ އާލިޔާގެ މައިންބަފައިންނިޔާވީ އެވެ. އެންމެ ފަހު ވަގުތުވެސް އާދިލްއަށް އެމީހުން ޝަރުތު ކުރީ އާލިޔާ ދެރަވާ ކަމެއް ނުކޮށް ދޫކޮއްނުލާ އުޅުމަށެވެ. އާދިލްއަކީ ބޮޑެތި މީހުންގެ ބަސް ގަބޫލުކުރާ ކިޔަމަން ތެރި މީހެކެވެ. އެންމެ ފަހުން އާލިޔާ އާލް އަށް ބަނޑު ބޮޑުވިއެވެ. ނަމަވެސް އާލިޔާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އާލް އުފަންވެ، އެ ތުއްތު ކުއްޖާއަށް އެންމެ ދެމަސް ނުވަނީސް ދިޔަމީހާ އެއައީ އެސޮރުގެ އުމުރުން ދެއަހަރާ ބައިގައެވެ. މިއަށް ހުރިހާ ދުވަހު އާލިޔާ ވީތަނެއް އަދި ދުނިޔޭގައި ހުރިކަމެއް ނެތް ކަމެއްވެސް ނޭގެއެވެ. މިއަށް ހުރިހާ ދުވަހު އަހަރެންގެ ހިތަށް ވެސް އޭގެން އެއްވެސް ސުވާލެއް ކުރަން ހިތަށް ނޭރިއެވެ. ފަހަރުގައި އެއީ އާދިލް ވެސް އަހަންނާ އަހަރެންގެ އާއިލާއާ ބެހޭ އެއްވެސް ސުވާލެއް ނުކުރާތީ ކަމަށްވެސް ވެދާނެއެވެ.
ފަހަރަކު ކަމެއް އަހަރެންގެ އަތުން ވީއްލަމުން ހުރިހާ ކަމެއް އަހަރެންގެ އަތުން ވީއްލައިފިއެވެ. އާލް އަހަރެންގެ ކައިރިއަށް އަންނަން ކިތަންމެ ވަރަކަށް ރުޔަސް އަހަރެން އަތް ޖައްސާލަންވެސް ނުދެއެވެ. އާދިލް އަށް އެކަމާ ބަހެއް ބުނަން ނުކެރޭ ތާނގައި، އަހަންނަށް ބަލާލަންވެސް ނުކެރެއެވެ. އެންމެ ފަހުން އަހަރެންގެ ވަގުތު ކުޑަތަންވާން ފެށިއެވެ. އަހަރެންގެ ބަނޑުން އެނގޭ ވަރުވާން ފަށައިފިއެވެ. އާދިލް ކައިރީ އެވާހަކަ ބުނެލާނެ ފުރުސްތެއް ވެސް އަހަންނަށް ނުލިބެއެވެ. އާލިޔާ ހުންނަނީ އަބަދު އައްޓަމަހެއްހެން އާދިލް ކައިރީ ވިއްދާފައެވެ.
އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. އަހަރެން އެބަނޑާއެކު ރަށަށް ދިއުމަށެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އެދަރިފުޅު ބޭނުމެވެ. އެއީ އަހަރުމެން ދެމީހުންގެ ލޯބީގެ ނިޝާނެވެ. އެންމެ ފަހުން އާދިލް ބޭނުންވެއްޖެ ހިނދެއްގައި އަހަރެން ހޯދާނެ ގޮތެއްވެސް އަހަރެން ވިސްނީމެވެ. ވަރަށް ވިސްނުމަށްފަހު އަހަރެން އެންމެ ގިނައިން ކިޔަދިދިން ފޮތުގެ އާދިލްއަށް އެންމެ ކަމުދާ ސަފްހާގައި އަހަރެންގެ އެޑްރެސް ޖެހީމެވެ. އަދި އަހަރެން އާދިލްގެ ދަރިއަކަށް ބަލިވެ އިންވާހަކަ ވެސް ލިޔެލީމެވެ. އަހަރެން އެގެއިން ނިކުމެގެން އައިކަން އެނގޭނީ ހަމައެކަނި އާދިލްގެ މާމައަށެވެ. އަހަރުމެންގެ ބައްދަލުވުން ތަގުދީރާ ހަވާލުކޮށް އަހަރެން ނިކުމެގެން އައީ ކޮންމެ ވޭނެއްގައިވެސް އުޅެން ތައްޔާރު ވެގެންނެވެ.
ބައްޕަ ކުރިމައްޗަށް އަހަރެން އެފަދަ ހާލަތެއްގައި އެރުންވީ ބައްޕަ އަހަރެން މަރާލަން ނިކުތް ސަބަބަކަށެވެ. މަންމަގެ އާދޭހަށްޓަކައި އަހަރެންގެ ފުރާނަ ދޫކޮއްދިނެވެ. އަހަރެންގެ އެހާލަތުގެ ޒިންމާ އެކުށެއްނެތް މަންމަގެ ބޮލަށް ޖަހަމުންނެވެ. ބައްޕައާ ބޭބެމެންނާ ރަށުގެ އެކި އެކި މީހުންގެ ފަރާތުން ލިބެމުންދިޔަ ވޭނަށް އަހަރެން ކެތްކުރަމުންދިޔައީ އާދިލް އަހަރެން ބަލާ އަންނާނެ ކަމުގެ ކުޑަ ނަމަވެސް އުންމީދެއް އޮތީތީއެވެ.
އަހަރެންގެ ބަނޑަށް ނުވަމަހެވެ. އަހަންނަށް ތެދުވެ އުޅެންވެސް ދައްޗެވެ. ކޮންމެ ދުވަހަކު ލިބެމުން ދިޔަ ވޭންތަަކަށް ކެތް ނުވެގެން ހަމަ ދެންމެ ދެންމެ އަހަރެންގެ ފުރާނަ ނިކުމެދާނެހެން ހީވާފަހަރު އާދެއެވެ. ނަމަވެސް ދޮރަށް ބަލަމުން އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އާދިލްއަށެވެ. އަހަރެންގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަށެވެ. އެންމެ ފަހުން އަހަރެންގެ ބަޑުގައި ރިއްސަން ފެށިއެވެ. މަންމަ އަހަރެން ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދި އާދޭސް ކުރަމުން ގެންދިޔައެވެ. އެންމެ ފަހުން މަންމަގެ އެއާދޭސް ތަކުން ބައްޕަމެންގެ ބޮލަށް އުނދަގޫ ވީ ތޯއްޗެކެވެ. ބައްޕަ އައިގޮތަށް އައިސް އަހަރެންގެ އިސްތަށި ގަނޑުގައި ހިފާ ދޮރާ ދިމާއަށް ކޮއްޕާލިއެވެ. އަހަންނަށް ވޭނުން ފުރިގެންވާ އަޑަކުން އާދިލް އަށް ގޮވާލެވުނެވެ. އަހަރެން ގޮސް ދޮރުގައި ޖެހުމުގެ ކުރިން މީހަކު އަހަރެންގެ ގައިގައި ހިފެހެއްޓިކަން އެނގުނެވެ. އަހަރެން ހުރީއަހަރެންގެ ބަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެންމެ ފަހު ވަގުުތުގައިވެސް އެދަރިފުޅު ސަލާމަތް ކުރުމަށްޓަކައެވެ.
އަހަރެންގެ މެރިފައިވާ ދެލޯ ހުޅުވާލީ އެއަތުތެރޭން ހިމާޔާތް ލިބުނުކަމުގެ ޔަގީންކަން ލިބުނީމައެވެ. އިސްއުފުލާ އަހަރެން ބަލާލީމެވެ. އަހަރެންގެ ގައިގާ ހިފަހައްޓައިގެން އެހުރީ އަހަރެން އެމީހަކަށް އިންތިޒާރު ކުރަމުން އަައި އަހަރެން ގެ ދަރިފުޅުގެ ބައްޕަ އާދިލެވެ. ދެން ކަންތައްވީގޮތެއް އަހަންނަކަށް ނޭގެއެވެ. އަހަރެންގެ ޚަބަރު ހުސްވީއެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. އަހަރެން ލޯހުޅުވާލުމުން އާދިލް ވަރަށް ލޯބިން އަހަންނަށް އަހަރެންގެ ލޯބިލޯބި ދަރިފުޅުގެ މޫނު ދައްކާލިއެވެ. އަހަރެން މިއަށް ހުރިހާ ދުވަހު ކެތްކުރި ވޭންތަކުގެ ފޮނިމޭވާ އަހަންނަށް ލިބުނު ކަހަލައެވެ.
ފަހުން އާދިލް ކިޔައިދިން ގޮތުގައި އާލް ބައްޔެއްގެ ސަބަބުން ހަދަންޖެހުނު ޓެސްޓް ތަކަކުން ދެއްކި ގޮތުގައި އާލް އެއީ އާދިލްގެ ދަރިއެއް ނޫންކަން ސާބިތުވީއެވެ. އަދި އެބަލީގައި އާލް ދުނިޔެ ދޫކުރިއެވެ. އަދި އެއަށްފަހު އާދިލް ފުރަތަމަ ފަހަރަށް މައިންބަފައިންގެ އަމުރަށް ނުކިޔަމަންވެ އާލިޔާ ވަރިކުރީއެވެ. އަދި ތަގުދީރުގެ މޮޅު ރޭވުމުން އަހަރުމެން ބައްދަލުކުރުވީއެވެ.
ކޮންމެ ވޭނަކީ ވެސް އޭގައި ހައްދެއް ކަނޑަ އެޅިގެންވާ އެއްޗެކެވެ. އިންސާނުންނަށް އޮންނަނީ ކޮންމެ ކަމަކަށްވެސް ކެތްކުރުމެވެ. ކެތްތެރިކަމުގެ މޭވާއަކީ ފޮނިއެއްޗެކެވެ. އަހަރުމެންނަކީ އިންސާނުންނެވެ. ފާފަވެސް ކުރެވިދާނެއެވެ. އެކަމަށް އަހަރުމެން ހެއްދެވިފަރާތް ތަޢުބާ ލައްވަވާފައިވެއެވެ. އެހެންކަމުން އަހަރުމެން ވެސް ތަޢުބާވެ، އެކަމުގެ ހައްގު އަދަބު ލިބިގަނެ، އުފާވެރި ދިރިއުޅުމެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދިޔައީމެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ހަތަރުވަނަ ބައި
- 8 ޖެނުއަރީ 2024ވާހަކަހަޔާތޭ މީ – ތިންވަނަ ބައި
- 30 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ދެވަނަ ބައި
- 25 ޑިސެމްބަރ 2023ވާހަކަހަޔާތޭ މީ – ފުރަތަމަ ބައި