ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު “ކްރިޝް 4” ގައި އޭނާގެ އަޑުން ރެކޯޑް ކުރާ ލަވައެއް ހިމެނޭނެ ކަމަށް އޭނާގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފިއެވެ.

ޝޫޓިންގ ފަށާނެ އިރެއް އަދިވެސް ކަށަވަރުނުވާ މި ފިލްމާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ އަދިވެސް ފިލްމުގެ ސްކްރިޕްޓް އިތުރަށް ޕޮލިޝްކޮށް ވަރުގަދަ ކުރަމުން އަންނާތީ ޝޫޓިންގ ފަށާނެ އިރެއް ބުނަން އަދި ދައްޗެވެ.

އާދައިގެ މަތިން ރާކޭޝްގެ ކޮއްކޮ ރާޖޭޝް ރޯޝަން މިއުޒިކް ތައްޔާރު ކުރާ “ކްރިޝް 4” އާ ބެހޭގޮތުން ރާކޭޝް ބުނެފައިވަނީ މިއުޒިކަކީ އާ ފިލްމުގެ ވާހަކައިގެ ވަރަށް ބޮޑު ބައެއް ކަމަށާއި “ކްރިޝް 4” ގެ މިއުޒިކް ހުރިހާ ގޮތަކުންވެސް ވަރަށް ޚާއްސަވާނެ ކަމަށެވެ. އެގޮތުން އެންމެ ޚާއްސަ ކަމަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން މަދުވެގެން އެއް ލަވަ ދަރިފުޅު، ރިތިކްގެ އަޑުން ރެކޯޑް ކުރުން ކަމަށް ރާކޭޝް ބުނެފައިވެއެވެ.

“ކްރިޝް 4” ގައި ރިތިކް 4 ކެރެކްޓާއަކުން ފެންނާނެކަމަށް ބުނާއިރު، މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމަކީ 2003 ގެ “ކޮއި… މިލް ގަޔާ” އެވެ. 2006 ގައި “ކްރިޝް” ގެނެސްދިންއިރު “ކްރިޝް 3” ގެނެސްދިނީ 2013 ގައެވެ.

ރިތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ “ވިކްރަމް ވޭދާ” އާއި ދީޕިކާ ޕަޑުކޯންއާއެކު ކުޅޭ ޑައިރެކްޓަރު ސިދާތު އާނަންދުގެ “ފައިޓާ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.