މިމަހު ކުރީކޮޅު ބޮލީވުޑް ބަތަލު އަރްޖުން ކަޕޫރް ސޮއިކުރި ފިލްމު “ދަ ލޭޑީކިލާރ” ގެ ބަތަލާއަކަށް ބޫމީ ޕެޑްނޭކަރް ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ބޫމީ އަދި ރަސްމީކޮށް ފިލްމަށް ސޮއިކޮށްފައި ނުވިޔަސް އޭނާއަށް ސްކްރިޕްޓް ކަމުގޮސްގެން ފިލްމަށް އެއްބަސްވެފައިވެއެވެ. އަދި ކަރުދާހުގެ މަސައްކަތްތަކާއި ރަސްމީ މަސައްކަތްތަކެއް އެބަހުރިކަމަށާއި އެ ކަންކަން ނިމުނުހާ އަވަހަކަށް ބޫމީ ފިލްމަށް ސޮއިކުރާނެކަމަށް ވެއެވެ.

ބުޝަން ކުމާރްގެ ޓީ ސީރީޒާއި ޝާއިލޭޝް ސިންގ ޕްރޮޑިއުސްކޮށް ގެނެސްދޭ މި ސަސްޕެންސް ތުރިލާއަކީ ކުރިން “ބީ.އޭ ޕާސް” އާއި “ސެކްޝަން 375” ގެނެސްދިން އާރް ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ.

ވަރަށް އަވަހަށް ޝޫޓިންގ ފަށަން ތައްޔާރުވަމުން އަންނަ “ދަ ލޭޑީކިލާރ” އިން އަރްޖުން އަދި ބޫމީ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާއިރު ދެމީހުންގެ އަތުގައިވެސް ޝައުޤުވެރި ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އެގޮތުން އަރްޖުންގެ އަތުގައި މޯހިތު ސޫރީގެ “އޭކް ވިލަން ރިޓާންސް” އާއި އާސްމާން ބަރްދްވާޖްގެ “ކުއްތޭ” އޮތްއިރު، ބޫމީގެ އަތުގައި ރާޖްކުމާރް ރާއޯއާއެކު ކުޅުނު “ބަދާއީ ދޯ” އާއި ވިކީ ކޯޝާލްއާއެކު ކުޅުނު “މރ. ލޭލޭ” އާއި އަކްޝޭ ކުމާރްގެ “ރަކްޝާ ބަންދަން” ގެ އިތުރުން މިހާރު ޝޫޓިންގ ކުރިއަށްދާ “ބީޅް” އަދި “ބަކްޝަކް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.