ބޮލީވުޑް ކޮރެއޯގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮ ސާޖިދު ޚާން ފިލްމީ މަސައްކަތަށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.
އަދި ނަމެއް ހާމަނުކުރާ މި ފިލްމުގެ ޝޫޓިންގ އަންނަ އަހަރުގެ މާރޗު މަހު ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިއާގެ އިތުރުން ލަންޑަނުގައިވެސް ބޮޑު ބައެއް ޝޫޓްކުރާ މި ފިލްމުގެ މަސައްކަތް ލަންޑަނުން ފަށާއިރު، ފިލްމުގެ ތައްޔާރީތަކަށް ސާޖިދު ވަރަށް އަވަހަށް ލަންޑަނަށް ދާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ސާޖިދުގެ ގާތް އެކުވެރިޔާ ރިތޭޝް ދޭޝްމުކްއާއި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އެކްޝަން ކޮމެޑީއެކެވެ. ރިތޭޝްއާއި ޖޯން ވަނީ ސާޖިދު 2012 ގައި ގެނެސްދިން ކޮމެޑީ “ހައުސްފުލް 2” ގައިވެސް އެކީގައި މަސައްކަތް ކޮށްފައެވެ.
ސާޖިދު އެނބުރި އަންނަ ފިލްމު ޕްރޮޑިއުސްކުރަނީ ސަލްމާން ޚާންގެ “ބަޖްރަންގީ ބައިޖާން” އާއި “ޓިއުބްލައިޓް” އަދި އަކްޝޭ ކުމާރްގެ “ކޭސަރީ” އާއި “މިޝަން މަންގަލް” ފަދަ ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކުރުމުގައި ހިއްސާވި އަމަރް ބުތާލާއެވެ. އޭނާ ވަނީ ދާދި ފަހުން ޓީ-ސީރީޒާއި ގުޅިގެން ޝާހިދު ކަޕޫރްގެ “ބުލް” ހަދަން އިޢުލާނުކޮށްފައެވެ. އޭގެ އިތުރުން ސިދާތު މަލޯޓްރާގެ “މިޝަން މަޖްނޫ” އަކީވެސް އަމަރް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ސާޖިދު ފިލްމީ މަސައްކަތްތަކުން ގެއްލުނީ 2018 ގައި “ހައުސްފުލް 4” ގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އެ ތުހުމަތުތަކާއި ގުޅިގެން އޭނާ އެ ފިލްމުގެ ޑައިރެކްޝަނުން ވަކިކުރުމުން، ދެން އެ ފިލްމު ޑައިރެކްޓްކުރީ “ހައުސްފުލް 3” ޑައިރެކްޓްކުރި ފަރުހާދު ސަމްޖީއެވެ.
2007 ވަނަ އަހަރު “ހޭ ބޭބީ” އިން ޑައިރެކްޝަނަށް ނުކުތް ސާޖިދު ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2010 ގެ “ހައުސްފުލް” އާއި 2013 ގެ “ހިންމަތުވާލާ” ހިމެނެއެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބޮޑު ކާސްޓަކާއެކު 2014 ގައި ގެނެސްދިން “ހަމްޝަކަލްސް” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”