ސޮނީ ޓީވީއިން ގެނެސްދޭ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ދެވަނަ ސީޒަންގެ ގްރޭންޑް ޕްރިމިއާ ރޭގައި ގެނެސްދީފިއެވެ.

ޖުމްލަ 12 ބައިވެރިންނާއިއެކު ރޭ ޝޯވ ފެށިއިރު ވޭތުވެދިޔަ 3 ހަފުތާގައި ގެނެސްދިނީ ޝޯވގެ އޮޑިޝަން އެޕިސޯޑުތަކެވެ. އެތައް ހާސް ބައިވެރިންނެއްގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ހޮވުނު 12 ބައިވެރިންނަކީ އާކާޝް ތަމްބޭޅްކަރް، އަޕޭކްޝާ ސުކޭޖާ، ގޯރަވް ސާރްވާން، ކާންޗީ ޝާހް، މިލިންދު ބަޓް، މުސްކާން ސިންގ، ޑިއްބޭ ދާސް، ރަކްތިމް ތަކުރިއާ، ރޯޒާ ރާނާ، ސަންކިތު ގާއޮންކަރް، ސޯމިޔާ ކަމްބްލޭ އަދި ޒަމްރޫދުއެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 2” ގެ ގަދަ 12 ބައިވެރިން

ވަރަށް ފޯރިގަދަ ނެށުންތަކެއް ރޭގެ ޝޯވގައި ފެނިގެންދިޔައިރު ރޭގެ ޝޯވގައި 6 ބައިވެރިންގެ ހުށަހެޅުން ފެނިގެންދިޔައެވެ. ބައިވެރިޔާގެ ކޮރެއޯގްރާފަރާއެކު ނެށުންތައް ހުށަހަޅައިދިނީ މުސްކާންއާއި ކޮރެއޯގްރާފަރު ބާވްނާ ކަންޑޫޖާ، ރޯޒާއާއި ކޮރެއޯގްރާފަރު ސަނަމް ޖޯހަރް، މިލިންދުއާއި ކޮރެއޯގްރާފަރު ޗާންދްނީ ސްރިވާސްތަވާ، ކާންޗީއާއި ކޮރެއޯގްރާފަރު ޕޯލް މާޝަލް، ރަކްތިމްއާއި ކޮރެއޯގްރާފަރު އާރްޔަން ޕަޓްރާ އަދި ސަންކިތުއާއި ކޮރެއޯގްރާފަރު އަނޫރާދާ އިޔަންގަރްއެވެ.

މިރޭގެ އެޕިސޯޑުގައިވެސް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާނެކަން ޔަޤީންވެފައިވާއިރު، ބާކީ 6 ބައިވެރިން ކޮރެއޮގްރާފަރުންނާއެކު ނެށުންތައް ހުށަހަޅައިދޭނެއެވެ. އެއީ އާކާޝްއާއި ކޮރެއޯގްރާފަރު ތުޝާރް ޝެޓީ، އަޕޭކްޝާއާއި ކޮރެއޯގްރާފަރު ސާދްވީ މަޒުމްދާރް، ގޯރަވްއާއި ކޮރެއޯގްރާފަރު ރުޕޭޝް ސޯނީ، ޑިއްބޭއާއި ކޮރެއޯގްރާފަރު ޕަންކަޖް ތާޕާ، ސޯމިޔާއާއި ކޮރެއޯގްރާފަރު ވަރްތިކާ ޖާ އަދި ޒަމްރޫދުއާއި ކޮރެއޯގްރާފަރު ސޮނާލީ ކަރްއެވެ.

ކާމިޔާބުކަމާއެކު ފުރަތަމަ ސީޒަން ނިންމާލާފައިވާއިރު މިދިޔަ ސީޒަން ކާމިޔާބު ކުރީ ޓައިގާ ޕޮޕްއެވެ. އޭނާގެ ކޮރެއޯގްރާފަރަކީ މި ސީޒަންގެވެސް ކޮރެއޯގްރާފަރު ވަރްތިކާ ޖާއެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 2” ވެސް ޖަޖު ކުރަނީ ކުރީގެ ސީޒަންވެސް ޖަޖުކުރި ކޮރެއޯގްރާފަރު ގީތާ ކަޕޫރްއާއި ޓެރެންސް ލުވިސް އަދި ބަތަލާ މަލައިކާ އަރޯރާއެވެ. ހޯސްޓު ކުރަނީ ކާމިޔާބު ރިއަލިޓީ ޝޯވތަކެއް ހޯސްޓް ކޮށްދީފައިވާ މަނީޝް ޕޯލްއެވެ.

ސޮނީ ޓީވީއިން “އިންޑިއާސް ބެސްޓް ޑާންސާ 2” ގެނެސްދެނީ ރާއްޖެ ގަޑިން ރޭގަނޑު 7:30 ގައި ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.