ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވީގޯ އިން ބާސެލޯނާ ހިފެހެއްޓިއިރު، ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ސެލްޓައާ ދެކޮޅަށް ބާސާ ކުޅުނު މެޗު ނިމިފައި ވަނީ 3-3 ގެ ނަތީޖާ އަކުންނެވެ. ބާސާ އިން ފުރަތަމަ ހާފުގައި 3 ގޯލު ޖަހާފައި ވަނިކޮށް ދެވަނަ ހާފުގައި ސެލްޓަ އިން ވަނީ ފަހަތުން އަރައި 3 ގޯލު ޖަހާ މެޗުގެ ނަތީ އެއްވަރުކޮށްފައެވެ. ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާ ގެ ފުރަތަމަ ގޯލު މެޗުގެ 5 ވަނަ މިނެޓުގައި ޖަހައި ދިނީ އަންސޫ ފާޓީ އެވެ. 18 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓުސް ބާސާގެ ދެވަނަ ގޯލު ޖަހައިދންއިރު، ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާގެ ތިންވަނަ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ޖަހައިދިނީ މެމްޕިސް ޑިޕާއީ އެވެ.

ސެލްޓަ ގެ ފުރަތަމަ ގޯލު 52 ވަނަ މިނެޓުގައި އިއާގޯ އަސްޕަސް ޖަހައިދިންއިރު، ދެވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދނީ ނޮލީޓޯ އެވެ. ސެލްޓަ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށް ދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ފުރަތަމަ ގޯލު ވެސް ޖަހައިދިން އަސްޕަސް އެވެ.

ރެއާލް ތާވަލުގެ އެއްވަނަ އަށް ޖެހިލީ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ރެއާލްގެ ފުރަތަމަ ގޯލު 14 ވަނަ މިނެޓްގައި މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޓޯނީ ކުރޫޒް އެވެ. ރެއާލްގެ ދެވަނަ ގޯލު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އަލާބާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ބެންޒެމާއެވެ. ވަޔެކާނޯގެ ހަމައެކަނި ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ތަޖުރިބާކާރު ފޯވާޑް ފަލްކާއޯ އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު 12 މެޗުން 27 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑް އޮތް އިރު، ދެވަނައިގައި ރެއާލް ސޮސިއެޑާޑް އޮތީ 12 މެޗުން 25 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް ސެވިއްޔާއަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.