މޮޅު ނެށުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ބަތަލާ ނޯރާ ފަތޭހީގެ ވަރަށް ފޯރިގަދަ ލަވައެއް އަނެއްކާވެސް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އޭނާ ބޮލީވުޑުން މަޝްހޫރުކަން ހޯދީ ބެލުންތެރިން އެ ލަވައެއްގެ ޖާދޫގައި ވަރަށް ބޮޑަށް ޖެއްސުވި “ދިލްބަރް” އިންނެވެ. މިއީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު “ސަތިޔަމޭވް ވިޖޭތޭ” ގެ ލަވައެކެވެ. އަނެއްކާވެސް “ދިލްބަރް” ހާ ފޯރިގަދަ ލަވައެއް ދޫކޮށްލިއިރު، މިއީ “ސަތިޔަމޭވް ވިޖޭތޭ” ގެ ދެވަނަ ބައިގެ ލަވައެކެވެ.

“ކުސޫ ކުސޫ” ގެ ނަން ދީފައިވާ މި ލަވައިގައިވެސް “ދިލްބަރް” އެކޭ އެއްގޮތަށް ކުލަގަދަ ސެޓާއި ވިދާ ކޮސްޓިއުމްތަކާއި ބެލީ ޑާންސް ފަދަ ފަރި އެތައް ހަރަކާތްތަކެއް ފެނިގެންދެއެވެ.

ތަނިޝްކް ބާގްޗީ މިއުޒިކާއި ޅެން ހަދައި، ޒަހްރާ އެސް ޚާންއާއި ދޭވް ނޭގީ ކިޔައިދީފައިވާ މި ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ ނޯރާގެ “ދިލްބަރް” ގެ ނެށުންތައްވެސް ތައްޔާރުކޮށްދިން އާދިލް ޝައިހްއެވެ.

ޖޯން ޑަބަލް ރޯލުން ފެނިގެންދާ “ސަތިޔަމޭވް ވިޖޭތޭ 2” މިމަހު 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާއިރު، މި ލަވައަކީ ފިލްމުގެ ބޮޑު ހައިލައިޓަކަށް ވާނެކަމަށް ބެލެވެއެވެ. ފިލްމު ލިޔެ ޑައިރެކްޓްކުރީ، ފުރަތަމަ ބައިވެސް ލިޔެ ޑައިރެކްޓްކުރި މިލަޕް މިލަން ޒަވޭރީއެވެ.

ނޯރާގެ މަޤުބޫލުކަން އިތުރުކޮށްދިން އެހެން ލަވަތަކުގެ ތެރޭގައި “ސްޓްރީޓް ޑާންސާ” ގެ “ގަރްމީ” އާއި “ބަޓްލާ ހައުސް” ގެ “އޯ ސާކީ ސާކީ” އާއި “މަރްޖާވާނ” ގެ “އޭކް ތޮ ކަމް ޒިންދަގާނީ” އާއި “ސްޓްރީ” ގެ “ކަމަރިޔާ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.