ހުސްވެފައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަންވިލާގެ ކޯޗުކަމުގެ މަގާމަށް ލިވަޕޫލާއި އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑް ހަމަޖައްސައިފިއެވެ.
އެސްޓަންވިލާގެ ކޯޗުކަމުގެ މަގާމަށް ޖެރާޑް އައްޔަންކުރިއިރު، އޭނާ ހުރީ ސްކޮޓިޝް ޕްރިމިއަރ ލީގުގައި ކުޅެމުންއަންނަ ރޭންޖާސްގެ ކޯޗުކަމުގެ މަގާމުގައެވެ. ޖެރާޑުގެ އިރުޝާދުގެ ދަށުން ފާއިތުވީ ސީޒަނުގައި މެޗަކުން ބަލިނުވެ ރޭންޖާސް ވަނީ ސްކޮޓިޝް ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.
ކޯޗުކަމުގެ މަގާމަށް ޖެރާޑް އައްޔަންކުރިކަން ހާމަކޮށް އެސްޓަންވިލާގެ ސީއީއޯ ކްރިސްޓިއަން ޕާސްލޯ އެކުލަބުގެ ވެބްސައިޓުގައި ބުނެފައިވަނީ އެކުލަބުގެ ވެރިންގެ ލޮލުގައި ޖެރާޑް އަޅައިގަތީ ސްކޮޓިޝް ޕްރިމިއަރ ލީގުގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީމުން ދައްކަމުންދިޔަ މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ.
އަދި ލިވަޕޫލްގެ އެކަޑެމީގައި ޒުވާން ކުޅުންތެރިން ކުރިއަރުވާ، ސީނިއަރ ކެރިއަރަށް އެކުޅުންތެރިން ތައްޔާރުކުރުމަށް ޖެރާޑް ކުރަމުންދިޔަ މަސައްކަތަކީ އެސްޓަންވިލާގެ މެނޭޖްމަންޓަށް ވަރަށް ކަމުދިޔަކަމެއް ކަމަށާއި، ޖެރާޑާއި އެކު ކުލަބަށް އައު ހަރުފަތްތަކަކަށް ދަތުރުކުރެވިދާނެކަމަށް ގަބޫލުކުރާ ކަމަށްވެސް ކްރިސްޓިއަން ބުނެފައިވެއެވެ.
މަގާމާއި ހަވާލުވުމަށްފަހު ޖެރާޑް ބުނީ އެސްޓަންވިލާ އަކީ އިނގިރޭސި ފުޓުބޯޅައިގެ މުއްސަނދި ތާރީހެއް އޮތް ކުލަބެއް ކަމަށާއި މިފަދަ ކުލަބެއްގެ ހެޑް ކޯޗުގެ މަގާމު ލިބުމަކީ އިންތިހާއަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ކުލަބުގެ ވެރިން މިކުލަބުގެ މުސްތަގްބަލާއިމެދު ރާވާފައިވާ ރޭވުންތައް އަޑުއަހާފައިވާ ކަމަށާއި، މަގާމާއި ހަވާލުވީ އެހުރިހާ ރޭވުމެއް ކާމިޔާބު ކަމާއެކު ހާސިލުކުރުމުގެ އަޒުމުގައި ކަމަށްވެސް ޖެރާޑް ބުންޏެވެ.
ޖެރާޑް ވަނީ ރޭންޖާސްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ކުލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޯޗިންގ ކެރިއަރުގައި މިހާރު އާދެވިފައިވާ ހިސާބަށް އައުމަށް މަގުކޮށާދިނީ ރޭންޖާސް އިންކަން ޖެރާޑް ފާހަގަކުރިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި