ހާސްކަން ޒާޔާ ވަށާލި ކަހަލައެވެ. ދެން ވާނީ ކިހިނެއްބާއޭ ޒާޔާގެ ހިތަށް އެރިއެވެ. ޝާރިފް ޒާޔާ އާއި އެއްކޮށް ދުރު ވާނީ ހެއްޔެވެ؟ ނޫނީ ދިލާ އެދެމީހުންގެ ގުޅުން މުޅި ރަށަށް ބޭޒާރު ކޮށްލާނީ ހެއްޔެވެ؟ ފަރުވާލެއްނެތެވެ. އެންމެންނަށް އެނގުނަސް ހެވެވެ. ޝާރިފްއާއި ދުރުގައި ނުހުރެވޭނެއެވެ. ހުރިހާ އެންމެންނާއި ކުރިމަތިލާނެހާ ހިތްވަރުވެސް ޒާޔާގެ އެބަހުއްޓެވެ. އެކަމަކު ޝާރިފްއާއި ނުލާ ޒާޔާ އަކަށް ނޫޅެވޭނެއެވެ.
“އޭތް. ކިހިނެއްވީ؟ ހިނގާބަލަ ބޭރަށް ނިކުމެލަން. ތިހެން އަބަދު ގޭގަ ހުންނާކަށް ނުވާނެ.” ޒާޔާގެ ކޮނޑުގައި ހައުލާ މަޑުމަޑުން ޖަހާލިއެވެ.
ހިނިތުންވެލަމުން ޒާޔާ ހިނގައިގަތެވެ. ލިބިފައިވާ ހާސްކަން ފޮރުވުމަށްޓަކައެވެ. ފަހަރުގައި މަގުމަތިން ނަމަވެސް ޝާރިފް ފެނިދާނެކަމުގެ އުއްމީދުގައެވެ.
ކަޅުފޮއެ ރެއެއް ފަދަ އަނދިރިކަން ވެރިވެފައިވާ މަގުތައް މަތީގައި ހިނގަމުން ދިޔައިރު ޒާޔާއަށް ދެވުނީ ވަށައި ހޯދަމުންނެވެ.
“ކޯޗެއްތަ ތި ހޯދަނީ؟” ޒާޔާގެ ހަރަކާތްތައް ހުރި ގޮތުން ހައުލާގެ ލޮލުގައިވެސް އަޅައިގަތެވެ.
“އަނދިރިކަމުން ބިރުންނު މިއުޅެނީ.” ޒާޔާ އަވަސް އަވަހަށް ބުނެލިއެވެ.
“ހިނގާބަލަ އެހެރަ ފިހާރައަށް ވަދެލަން.” ހައުލާ ކުރިމަތީގައި ހުރި ފިހާރައަށް އިޝާރާތްކޮށްލިއެވެ.
“ހައު ގޮސްލާފަ އާދޭ. އަހަރެން މަޑުކޮށްލާނަން.” ޒާޔާ ދެކޮޅު ހެދިއެވެ. އޭރުވެސް ވަށައިގެން ހޯދެއެވެ. ހައުލާ އިތުރަށް އާދޭސް ނުކޮށް ހިނގައިގަތީ ފިހާރަޔާއި ދިމާއަށެވެ.
އަނދިރި ދެކެ ބިރުގަންނަ އިރުވެސް ޒާޔާ ހުރީއެވެ. އުއްމީދުކޮށްގެންނެވެ. ޝާރިފްގެ ހިލަމެއް ވޭތޯއެވެ. ޒާޔާގެ ނަސީބުވެސް ރަނގަޅީއެވެ. ޝާރިފްގެ ސައިކަލްގެ އަޑު އިވުނުތަނާ ޒާޔާއަށް އަވަސް އަވަހަށް ބަލައިލެވުނެވެ. އޭރު ރައްޓެހި ކުއްޖަކާއެކު ޝާރިފް ސައިކަލްގައި ދުއްވާފައި ދަނީއެވެ. ޒާޔާގެ ބަސްނާހާ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ދުރުން ނަމަވެސް ޝާރިފް ފެނުމުގެ ނަސީބު ލިބުނީމައެވެ.
“ވަރަށް ލޯބިވޭ.” ޒާޔާގެ ދޫ ހަރަކާތްކޮށްލިއެވެ. ޖެހެމުންދިޔަ ހިތްގައިމު ވައި ރޯޅީގެ އެހީގައި ޒާޔާ މަސައްކަތް ކުރީ އެ މެސެޖް ޝާރިފްއާއި ހަމައަށް ފޯރުކޮށްދެވޭތޯއެވެ. ލޮލުގެ ކޮޅަށް ޝާރިފް ގެއްލެންދެން ޒާޔާ ބަލަން ހުއްޓެވެ. އިތުރަށް ކުރެވޭނެކަމެއްވެސް ނެތެވެ. ޒާޔާ އަބަދުވެސް ހުންނަން ޖެހެނީ ޝާރިފްއާއި އެންމެ ދުރުގައެވެ.
“ހިނގާ ދާން.” ހައުލާ އެތަނަށް އައިސް ހުއްޓުނު އިރުވެސް ޒާޔާއަކަށް ނޭނގުނެވެ.
“ކޮންމެވެސް ކަމަކާ އެބަ ވިސްނަން ދޯ. ރާއިދު އާއި މައްސަލައެއް ޖެހުނީތަ؟” ޒާޔާގެ ބަދަލުވެފައިވާ މިޒާޖުން ހައުލާއަށް އަނެއްކާވެސް އަހައިލެވުނެވެ.
“ނޫން. މާލެ ދާން މިއުޅެނީ.” އެއްވެސް ވާހަކައެއް އެއްވެސް މީހަކާއި ހިއްސާ ކުރާކަށް ޒާޔާ ބޭނުމެއް ނުވިއެވެ.
“އިހަކަށް ދުވަހެއްނު ގޮއްސަ ތިއައީ. އަނެއްކާ ދަނީ؟” ހައުލާ ހައިރާންވިއެވެ.
“ހޫމް. އަސްލު ދިރިއުޅެނީ އެކޮޅުގައެއްނު. ރާއިދުގެ ފެމެލީވެސް އެކޮޅުގައެއްނު އުޅެނީ. އެހެންވެ.” ވާހަކައިގައި ތިބެގެން ގެޔާއި ހަމައަށް ދެވުނު އިރުވެސް ޒާޔާއަކަށް ނޭނގުނެވެ.
“ގުޑް ނައިޓް.” ބާއްޖަވެރި ރެއަކަށް އެދެމުން ޒާޔާ ވަނީ ގޭތެރެއަށެވެ.
ނިދިފައި އޮތް ޒިޔަލްގެ މޫނުގައި ފިރުމާލުމަށްފަހު ޒާޔާ އެނދުމަތީގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. އޭރުވެސް ނުދަންނަ ނަމްބަރަކުން ގުޅަނީއެވެ.
އަވަސް އަވަހަށް ކަންފަތުގައި ޒާޔާ ފޯނު ޖައްސާލީ ޝާރިފް ކަމަށް ހީކޮށެވެ.
“ކަލޭ މޮޔަވެގެންތަ މަގޭ ފިރިމީހާ ފަހަތުން ތި ދުވަނީ.” ދިލާގެ އަޑުން ޒާޔާ ސިހުނެވެ. ނަމަވެސް ދިލާގެ ސުވާލުތަކާއި ޒާޔާ ކުރިމަތިލާން ޖެހެއެވެ.
“ކީކޭތަ ތި ކިޔަނީ؟” ހިންދިރުވާލަމުން ޒާޔާ އަހާލިއެވެ.
“ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތޭ. މަށަށް ހުރިހާ އެއްޗެއްވެސް އެނގެޔޭ. ތީ ތިކަހަލަ އަންހެނުންގެ ވައްތަރޭ. އަބަދުވެސް ދުވާނީ މީހުންގެ ދިރިއުޅުން ހަލާކު ކުރަމުން.” ދިލާ ދުލަށް އައިހާ އެއްޗެއް ގޮވަމުންދިޔައެވެ.
“ކޮންކަހަލަ އަންހެނުންތަ؟ ތިކަހަލަ އޭ ނުބުނެ ސާފުކޮށް އެނގޭނެހެން ކިޔާބަލަ. ކަލޭގެ ދިރިއުޅުން މަ ހަލާކު ކުރަން ކުރި ކަމެއްވެސް ބުނެވެންވާނެ. މަށަށް ވެސް އިނގޭ ޓޯނަކުން އިނގޭ ތި ވާހަކަ ދައްކަނީ. ތި ޓޯނުން ވާހަކަ މަ ދައްކަން ފަށައިފިއްޔާ މާ ރީއްޗެއް ނުވާނެ. އެހެންވީމަ ލިމިޓްގަ ހުރޭ.” ދިލާ ވާހަކަ ދެއްކި ގޮތުން ޒާޔާގެ ގާތަށް ރުޅިއައެވެ.
“މިރަށު ހުރިހާ ފިރިހެނުން ކަލޭގެ ފަހަތުން ދުވިޔަސް މަގޭ ފިރިމީހާ ކަލޭގެ ފަހަތަކުން ނުދުވާނެ. އެހެންވީމަ މަގޭ ފިރިމީހާއޭ ކިޔައިގެން ދޮގު ވާހަކަ ފަތުރާނެކަމެއްނެތް.” ޒާޔާގެ ކަންފަތް މައްޗަށް ދިލާ ފޯނު ކަނޑާލިއެވެ.
އައިސްފައިހުރި ރުޅިން ފޯނުގަނޑު އަތު ތެރޭގައި ޒާޔާ އަށް ފިއްތާލެވުނެވެ. ނަމަވެސް ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއެކު ޒާޔާއަށް ބިންމަތީގައި އިށީނދެވުނެވެ.
ދިލާ އެބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އަހަންނަކީ ކިހާ ގޮތްކުޑަ އަންހެނެއް ހެއްޔެވެ؟ ދިލާގެ ހައްޤަކަށް އަރައިގަންނަން އަހަރެން މީ ކާކު ހެއްޔެވެ؟ ދިލާ ބުނިގޮތަށް އަހަރެން މީ ރަންޑިއެއް ހެއްޔެވެ؟ އެކަމަކު އަހަންނަށް ލޯބިވެވުނީއެވެ. ދިލާގެ ފިރިމީހާއަށް ޝާރިފްވުމުގެ ވެސް ކުރީގައެވެ. ފުރަތަމަ ނަޒަރުންވެސް އެ ސޫރަ ހިތުގައި ބިންވަޅު ނެގުނީއެވެ. ކުށަކަށްވާނަމަ ކުށެކެވެ. ނަމަވެސް ދިލާގެ ފިރިމީހާ ފަހަތަކުން އަހަންނެއް ނުދުވަމެވެ.
ރޮއެރޮއެ ދެލޯ ރަތްވި އިރުވެސް ޒާޔާގެ ރުއިމަކަށް ބަދަލެއް ނައެވެ. ފަތިސް ނަމާދު ބަންގި ގޮވީވެސް ޒާޔާ އެހާލުގައި އޮއްވައެވެ.
އާ ދުވަހަކަށް އަލި ވިލުނުއިރުވެސް ޒާޔާ އޮތީއެވެ. ބޯވެފައިވާ މޫނާއި ކުޑަވެފައިވާ ދެލޮލާއެކު މަންމައާއި ކުރިމަތިލާނެހާ ހިތްވަރެއް ޒާޔާގެ ނެތެވެ. އޮޕަރޭޝަނަށްފަހު ބަނޑުގައި އެހާ ވޭން އަޅާއިރުވެސް އޭގެ އެއްވެސް އިޙްސާސެއް ޒާޔާއަކަށް ނުވެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހިތުގައި އަޅާ ވޭން މާބޮޑެވެ.
“ދަރިފުޅު ބަލީތަ؟” ކޮޓަރީ ދޮރުގައި ފާއިޒާ ޖަހާލިއެވެ.
ނުކައި ހުރުމުގެ ސަބަބުން ޒާޔާ ގައިގައި ތެދުވާނެހާ ހިތްވަރެއްވެސް ނެތެވެ. އެކަމަކު މަންމަ ހުއްޓާނުލާ ދޮރުގައި ތަޅާތީ ޒާޔާ ހިތްވަރުކޮށްލާފައި ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.
“ސުބުޙާނަﷲ. ކިހިނެއްވެފަތަ ތިހުރީ ދެލޮލަށް.” ޒާޔާގެ މޫނާއި ދެލޯ ފެނުމާއެކު ފާއިޒާ ހާސްވިއެވެ.
“މަންމައަށް އިނގޭނު މަގޭ މައިގްރޭން މައްސަލަ ހުންނަކަން. ޒިޔަލް ބަލާލަ ދެއްޗޭ މިއަދު މަންމާ. އަހަރެން ރެސްޓް ކޮށްލަނިކޮށް ރަނގަޅުވެދާނެ.” ޒާޔާ އަނެއްކާވެސް ގޮސް އެނދުމަތީގައި އޮށޯވެލިއެވެ.
“ބޭސް ކައިގެން އޮށޯވެލަން ވާނީ. މަޑުކުރޭ. މި އަންނަނީ ހިފައިގެން.” ފާއިޒާ ހިނގައިގަތެވެ.
ނިތްކުރިމަތީގައި އަތް ބާއްވާލަމުން ޒާޔާ ދެލޯ މަރާލިއެވެ.
“ނިދީތަ. އިހަށް ތެދުވޭ ބޭސްކާލަން.” ފާއިޒާ ޖޫސްތައްޓަކާއެކު ޕެނަޑޯލް ގުޅައެއް ޒާޔާ އަށް ދިއްކޮށްލިއެވެ. ޒާޔާ އޭގައި ހިފީ މަންމަގެ ހިތްހަމަ ޖައްސާލަ ދިނުމަށްޓަކައެވެ.
މުޅި ރޭ އެއްކޮށް ނުނިދާ ހުރުމުގެ ސަބަބުން އޮށޯވެލިތަނާ ޒާޔާއަށް ނިދުނެވެ.
ދެ ދުވަސް ފާއިތުވެއްޖެއެވެ. ޝާރިފްގެ ޚަބަރެއް ނުވާތާ ލޮލަށްވެސް ޝާރިފް ނުފެނެއެވެ. މޮޅިވެފައި ޒާޔާ އިނީ އަތިރިމަތީގައި ހުރި އުނދޯއްޔެއްގައެވެ. އެތައް ފަހަރަކު ފޯނުގެ ކީޕެޑްގައި ޝާރިފްގެ ނަމްބަރު ޒާޔާ ޖަހައިފިއެވެ. ނަމަވެސް ގުޅާނެހާ ހިތްވަރު ނުލިބި ކޮންމެ ފަހަރަކު ނަމްބަރު ފޮހެލަނީއެވެ. ނަމަވެސް އެގޮތަށް ކެތްކޮށްލެވުނީ ޒާޔާއަށް އިރުކޮޅަކު އެވެ. ޒާޔާ ޝާރިފްގެ ނަމްބަރަށް އެންމެ ފަހުން ގުޅީއެވެ.
ވަރަށް އަވަހަށް ފޯނަށްވެސް ޖަވާބުވެސްދީފިއެވެ.
“ކަލޭ މޮޔަވެގެންތަ މަށަށް ތި ގުޅަނީ. ދޮގު ހަދައިގެން މީހުން ކައިރީގައި ވާހަކަ ދައްކާނެ ކަމެއްނެތް. މަ ނޯންނާނެ ކަލެއަށް ގުޅާފައެއް.” ޝާރިފްގެ ހަރުކަށި ލަފްޒުތައް ޒާޔާގެ ހިތް ތޮރުފާލި ކަހަލައެވެ.
ފޯނު ކެނޑުމާއެކު އަޑުގެ ނެތްކޮޅަށް ޒާޔާއަށް ރޮއެ ގަނެވިއްޖެއެވެ. އެހަމަ ޝާރިފް ހެއްޔެވެ؟ އެހާ ހަރުކަށިކަމާއެކު ޝާރިފް ވާހަކަ އެދެއްކީ ދިލާ ކައިރީގައި ހުރީމަ ހެއްޔެވެ؟ ދިލާއަށްވުރެ ޒާޔާ މުހިއްމު ކަމަށް އަބަދުމެ ޝާރިފް ބުނަމުންދާއިރު އެގޮތަށް ޝާރިފް ކަންތައް ކުރަންވީ ކީއްވެ ހެއްޔެވެ؟ ހިތް ފަޅައިގެންދާހާ ވެއެވެ. ނަމަވެސް ޒާޔާ ޝަކުވާ ކުރާނީ ކާކުގެ ކައިރީގައި ހެއްޔެވެ؟ ކޮން ލަފްޒަކުން ހެއްޔެވެ؟ ތެދެކެވެ. ޝާރިފްއަކަށް ޒާޔާ މުހިއްމެއް ނޫނެވެ. ޒާޔާއަކީ ޝާރިފް ފޫހި ފިލުވާލަން ހިނދުކޮޅަކަށް ބޭނުންކޮށްލި މީހެކެވެ. މިހާރަކުދެން އަލަކުން ޒާޔާގެ ކުރެވޭނެ ބޭނުމެއްވެސް ނެތެވެ. އަމިއްލަ މީހާގެ ހާލު ހިތަށް އަރާފައި ޒާޔާ އަށް މޫނުމަތީގައި އަތް އެޅުނެވެ. މުޅި ދުނިޔެވެސް ޒާޔާއަށް މަލާމަތް ކުރަނީއެވެ. ސާފު ހިތަކުން ވެވުނު ލޯބީގެ ބަދަލުގައި ލިބުނީ ރަންޑިއެއްގެ ނަމެވެ. މައްސަލައެއްނެތެވެ. އަހަންނަކީ ރަންޑިއެކެވެ. އެކަމާއި އެއްބަސްވެ އެލަޤަބް ލިބިގެންފީމެވެ.
ޒާޔާގެ ހިތާމަތަކަށް ލުޔެއް ނުލިބެއެވެ. ނަމަވެސް ޒާޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެނީ ޒިޔަލްގެ މައުސޫމު މޫނެވެ. ޒާޔާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީވެސް ޒިޔަލްއަށް އެކަންޏެވެ. ޝާރިފްގެ ޚިޔާލުތަކާއި މަޑުމަޑުން ޒާޔާއަށް ދުރަށް ދެވެން ފެށުނެވެ. ޝާރިފްގެ ޚިޔާލުތައް ސިކުނޑި ތެރެއިން މަޑުމަޑުން ފިލައިގެންދާން ފެށި ކަހަލައެވެ. އެ ހިތްގައިމު ހަވީރުގެ ވަގުތުގައި ޒިޔަލް ރީތިކޮށްލައިގެން ޒާޔާ ނިކުތީ ހިނގާލާށެވެ. ދުވަހަކީ ބުރާސްފަތި ދުވަސްކަމުން ރާއިދުވެސް އަންނާނެތީއެވެ.
ޒިޔަލްގެ ކުޑަކުޑަ އަތުގައި ހިފާލައިގެން ޒާޔާ ހިނގަމުންދިޔައީ އެ ރަށުގެ ހިތްގައިމު ފަންނުގައެވެ. ހަވީރުގެ ވަގުތުކަމުން މުޅި ފަންނު ސަރަހައްދުވަނީ މީހުންނުން ފުރިފައެވެ.
ފެންނަ ކޮންމެ މީހަކަށް ހިނިތުންވެލަމުން ޒާޔާ ހިނގަމުންދިޔައެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ސައިކަލްގައި ޒާޔާއާއި ދިމާއަށް ދުއްވާފައި އަންނަ ޝާރިފްއެވެ. މާޒީގެ ސޮފްޙާތައް ލޯ ކުރިމަތީގައި ފިލްމެއް ފަދައިން ޕްލޭވަމުންދިޔައެވެ. އެކުގައި ހޭދަކޮށްފައިވާ އެ ވަގުތުތަކެވެ. ޝާރިފްގެ ތުންފަތުން ލިބެމުންދިޔަ ލައްޒަތާއި އަރާމެވެ. ޒާޔާގެ ކޮންމެ އަދާއަކަށް ފިދާވި ޝާރިފްގެ އޯގާތެރިކަމާއި އެލޯބި ފިރުމުންތަކެވެ. ވަށައިގެން ތިބިހާ މީހުންނާއި އިވެމުންދާ އަޑުތައް ޒާޔާއަށް އިޙްސާސްވެސް ނުވާ ކަހަލައެވެ. ހަމައެކަނި ފެންނަނީ ޝާރިފްއެވެ.
“ކަލޭ މަށަށް ގުޅައިގެން ނުވާނެ.” ޝާރިފް އެންމެ ފަހުން ބުނެލި ޖުމްލަ ކަންފަތުގައި ތަކުރާރުވެގެން ދިޔުމާއެކު ޒާޔާއަށް ދުރަށް މޫނު އަނބުރާލެވުނެވެ. ދެން އިތުރަށް ޝާރިފްއާއި ދިމާއަށް ބަލަންވެސް ޒާޔާ ބޭނުމެއްނޫނެވެ.
ޖީބުގައި އޮތް ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ.
“މި ގުޅާލީ އެއާޕޯޓުން. މާދަން ހެދުނު ފްލައިޓްއިން ފުރަން ކޮންފާމްތޯ އަހާލަންވެގެން.” ޒާޔާއަށް އާއެކޭ ބުނެވުނީ ވަރަށް އަވަހަށެވެ. ޝާރިފް ފެންނަ ހިސާބުގައި އުޅެން ޒާޔާއަކަށް ފަސޭހައެއް ނޫނެވެ. ޝާރިފްގެ ކުރިމައްޗަށް އަރާކަށް ޒާޔާ ބޭނުމެއްވެސް ނޫނެވެ. ޒާޔާ ޝާރިފް ދެކެވީ މަތިވެރި ލޯބީގެ ބަދަލުގައި ޒާޔާ އަށް ލިބުނީ ރަންޑިއެއްގެ ނަމެވެ. އެވަރުން ފުދިއްޖެއެވެ.
ޒިޔަލްގެ އަތުގައި ހިފާލައިގެން ޒާޔާ ހިނގައިގަތީ އެނބުރި އައިކޮޅަށެވެ. ފަސްއެނބުރި ބެލުމެއް ދެން ނެތެވެ. މީހުން ބުނެއެވެ. ތެދުވެރި ގުޅުމަކަށް ނިމުމެއް ނާންނާނެއެވެ. ހިތުން ވާ ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ.
ޒާޔާގެ މަންޒިލަކީ ޝާރިފްއެއް ނޫނެވެ. އެއީ ފެނުނު ހުވަފެނެކެވެ. ދުވަހަކުވެސް ޒާޔާގެ ދިރިއުޅުމަކަށް މިކަހަލަ ދުވަހެއް ނާދެއެވެ. މީހަކަށްޓަކައި އެހާ ވަރަށް ޒާޔާ ކަރުނަ އޮއްސާފައެއްވެސް ނުވެއެވެ. ބަދަލުވީ ޝާރިފެވެ. ޝާރިފް ޒާޔާދެކެވީ ލޯތްބެއްނޫނެވެ. އެގުޅުމަށް ދޭނެ ނަމެއް ޚުދު ޒާޔާ އަކަށްވެސް ނޭނގެއެވެ.
އިރުއޮއްސި އުދަރެހަށް ރަތްވިލާގެ އަސަރު ވެރިވާން ފެށިއެވެ.
ޒާޔާ އިނީ ރާއިދު ފާހާނާއިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
“ހާދަ އަވަހަށް ޒިޔަލް ތި ނިންދެވީ؟” ބޮލުން ފެންހިއްކަމުން ރާއިދު ފާހާނާއިން ނިކުތެވެ.
“އޭތް. ސެޓްވެބާ.” ރާއިދު ސިހުނީ ޒާޔާގެ އަޑުންނެވެ.
ނަމަވެސް ހަމަ އެސިކުންތުގައި ރާއިދުއަށް ހެވުނެވެ.
“ތީނަގެ ނަން ބުނެލާފަ ދޭބަލަ.” ޒާޔާވެސް ހޭން ފެށިއެވެ.
“ޒާޔާ އަދިވެސް ހަނދާން އެބަހުރިތަ؟” ރާއިދު ތުވާލި އެނދު މައްޗަށް އެއްލާލަމުން ކުޑަދޮރު ކައިރީގައި ލެގިލައިގެން ހުރި ޒާޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ. ދެންމެގަ ޒާޔާ އަނގައިން ބޭރު ކުރި ލަފްޒުތަކަކީ މީގެ އަށް އަހަރު ކުރިން ރާއިދު އަށް އަލަށް ޒާޔާ ފެނިގެން ޒާޔާއާއި ދިމާއަށް ބުނެފައި ހުރި ލަފްޒުތަކެވެ.
“އާދޭ.” ރާއިދު ދެއަތް ފުޅާ ކޮށްލުމާއެކު ޒާޔާ ރާއިދުގެ އަތު ތެރެއަށް ވަނީ ދުވެފައެވެ.
ރާއިދު ޒާޔާ އަތްމައްޗަށް އުފުލާލަމުން އެނދާއި ދިމާއަށް ހިނގައިގަތެވެ.
“ހެޕީތަ؟” ރާއިދު ޒާޔާގެ ކަންފަތާއި ކައިރިވެލުމާއެކު ޒާޔާއަށް ސިހިފައި ރާއިދުގެ މޫނަށް ބަލާލެވުނެވެ. ވެފައިހުރި ވަރުބަލިކަމާއެކުވެސް ރާއިދު ތެދުވިއެވެ. ނުވައެއް ޖަހާއިރު ފުރަން ޖެހޭތީއެވެ.
“ކީކޭ ތި ބުނީ؟ ކާކު އެހެން ބުނަން ދަސްކޮށްދިނީ؟” ޒާޔާ ރާއިދުގެ މޫނަށް ބަލަން އޮތީ ނުރުހިފައެވެ.
“ކޯޗެކޭތަ؟” ރާއިދުއަކަށް ޒާޔާ ބުނި އެއްޗެއް އޮޅުމެއް ނުފިލިއެވެ.
“ތި ބުނީނު ދެންމެ. ހެޕީހޭ؟” ޒާޔާ އަށް ވާހަކަދެއްކުނީ އަޅައަޅައިގެންފައެވެ.
“އަޅެ. އަދި މީހަކު ދަސްކޮށްދެން ޖެހޭތަ؟ ޒާޔާ ވެސް ދޯ.” ރާއިދު ހޭންފެށިއެވެ. އަމިއްލަ މީހާއަށް ކުރެވުނު މޮޔަ ސުވާލު ހިތަށް އަރާފައި ޒާޔާއަށް ހުރެވުނީ ހިމޭނުންނެވެ. ޝާރިފް ބުނެފައިވާ ލަފްޒެއް އެހެން މީހަކަށް ނުބުނެވޭނެ ހެއްޔެވެ؟ ޒާޔާއަށް އެގޮތަށް ވިސްނެންވީ ކީއްވެގެން ހެއްޔެވެ؟
“ކައިގެންނު ދާނީ؟ އަންނާނަން ކާން ހަދާފަ.” ހެދުން ގަޔަށް ވައްޓައިލަމުން ޒާޔާ ބުނެލިއެވެ.
ކާގޭގައި ކާން ހަދަން ހުރިއިރު ޒާޔާ ވިސްނަމުން ދިޔައެވެ. ޝާރިފް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވަރިހަމައެވެ. ޒާޔާ ޝާރިފް ދެކެ ކިތަންމެ ލޯބި ވިޔަސް ޝާރިފް ޒާޔާދެކެ ލޯބިވުން މަޖުބޫރެއްވެސް ނޫނެވެ.
ރާއިދު އާދޭތޯ ބަލައިލުމަށްފަހު ޒާޔާ ޖީބުގައި އޮތް ފޯނު ނަގާ ޝާރިފްއަށް ގުޅާލިއެވެ.
“އަހަރެން ބޭނުން މީޓް ކޮށްލަން.” ޝާރިފް ފޯނު ނެގުމާއެކު ޒާޔާ އަޑަށް ބާރުލަމުން ބުނެލިއެވެ.
“ދާނަން ކުރިންވެސް ދާ ގަޑީގަ.” ޝާރިފްގެ ޖަވާބު އަޑުއިވުމާއެކު ޒާޔާ ފޯނު ކަނޑާލިއެވެ.
ކޮންފަދަ ދުރުކަމެއް ހެއްޔެވެ؟ މީގެ ކުރިން ފޯނު ބޭއްވޭނީވެސް ފޯނު ބާއްވަން އުޅޭތާ އެތައް އިރެއްފަހުންނެވެ. އެކަމަކު މިހާރު ދެމީހުން ކުރެ އެކަކުވެސް ދައްކާނެ ވާހަކައެއް ނެތެވެ. ހާލަތު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ޒާޔާ އިނީ ގަޑި ބަލާލަ ބަލާލައެވެ. އެގަޑީގެ ގޮތުން ޝާރިފް އަކަށް ގުޅާކަށްވެސް ނުކެރުނެވެ. ތިނެއް ޖެހިއިރުވެސް ޝާރިފްގެ ޚަބަރެއް ނުވިއެވެ. ނަމަވެސް ޒާޔާ އެހާ ދެރައެއް ނުވިއެވެ. މިހާރު އާދަވެއްޖެއެވެ.
އަލަމާރި މަތީގައި ހުރި ފޮށި ނަގައި ހެދުންތައް ފަތްޖަހާފައި ޒާޔާ ޕެކް ކުރަން ފެށިއެވެ. ފޯނުން ޝާރިފްގެ ނަމްބަރުވެސް ފޮހެލިއެވެ. ދެން ދުވަހަކުވެސް ޝާރިފްގެ ހިޔަނި ފެންނަ ހިސާބަށްވެސް ޒާޔާ ނުދާނެއެވެ.
މާލެ ބަދަލުވުމަށްފަހު ޒާޔާ ހަމައަކަށް އެޅުނެވެ. ރައްޓެހިންނާއެކީގައި ވަގުތުތައް ހޭދަކުރަން ފެށުމުން ޝާރިފްގެ ޚިޔާލުތަކާއި ދުރުވާން ފެށުނެވެ. ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު ޝާރިފްގެ ޚިޔާލުތައް ޒާޔާ ވަށާލައެވެ.
ފިނި ފިނި ރެއެކެވެ. ޒާޔާ ހުރީ ބެލްކަނީގައެވެ. އުޑުގައި ރަސްކަން ކުރަމުންދާ ހަނދަށް ބަލަހައްޓައިގެން ކަރުގައި ޝާރިފް އަޅުވަދީފައި އޮތް ފަށުގައި ހިފަހައްޓާލައިގެންނެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ޝާރިފް އެންމެ ފަހުން ބުނެލި ހަރުކަށި ބަސްތަކެވެ. އެ ހުރިހާ ކަމެއް ސިކުނޑި ތެރޭގައި އެނބުރިގަތުމާއެކު ޒާޔާގެ ގާތަށް ރުޅިއައެވެ. ވަގުތުން ކަރުގައި އޮތް ފަށް ނެގިއެވެ. އެވަގުތު ފޯނު ރިންގް ވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއެކު ޒާޔާއަށް ހުއްޓުން އެރިއެވެ. ގުޅަނީ ޝާރިފް ކަމަށްވާތީއެވެ.
ޒާޔާ އެފަށް ކަރުން ނެގިކަން ޝާރިފްއަށް އެނގުނީ ހެއްޔެވެ؟ ޒާޔާ އަޅާވެސް ނުލާ ފޯނު ސައިލެންޓް ކޮށްލުމަށްފަހު ވަތްގަނޑު ތެރޭގައި ފޯނު ބާއްވާލިއެވެ. އަދި އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ.
ޖެހިގެން އައި ދުވަހުވެސް ޝާރިފް އެތައް ފަހަރަކު ގުޅިއެވެ. ނަމަވެސް ޒާޔާ ޖަވާބެއް ނުދެއެވެ.
“ކީކޭ ބޭބީ؟” ރާއިދު ގުޅީ ޒިޔަލް ނިންދަވަން ޒާޔާ އިންދައެވެ.
“އަހަރެން މި އަންނަނީ ޒާޔާ މިނިވަންކޮށްދޭން.” ރާއިދުގެ އަޑުގައިވަނީ ބުނެދޭން ފަދަ ނޭނގޭ ރިހުމެކެވެ.
“ވަޓް؟” ޒާޔާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކުއްލިއަކަށް ރާއިދު އެހެން ބުނަން ޖެހުނީ ކީއްވެބާއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.