ބައިސްކޯފުގެ ތިންވަނަ އަހަރީ ދުވަހާ ދިމާކޮށް މިއަދު ރިލީޒްކޮށްފައިވާ މަޒްލޫމްގެ ތިންވަނަ ޗެޕްޓަރ “މިންޖު” އިން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވި ބަތަލާ ތާތި އާދަމްގެ ހުނަރުން ފުރިގެންވާ އެކްޓިން ދައްކާލައި އެންމެން ހައިރާންކޮށްލައިފިއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ރޯލު އޭގެ އެންމެ ފުރިހަމައަށް ތާތިގެ އެކްޓިންއިން ފެނިގެންދާއިރު، ކިޔަމަންތެރި އަންބެއްގެ ކެރެކްޓަރވެސް ތާތި ދައްކާލައެވެ. ބިރާއި ޖެހިލުންވުން އަދި ރުއިމާއި ގިސްލުމުގެ މަންޒަރުތަކެއް “މިންޖު”ގައި ތާތި ދައްކާލާފައި ވާއިރު، މަޒްލޫމްގެ މި ޗެޕްޓަރު ފާހަގަކޮށްލެވެނީ ވަރަށް މޮޅު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެއެވެ.

ތާތިގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުކުރާ ޗައިލްޑް އާޓިސްޓް ޒުވެއިލް ޢަލީ ޠާރިޤަށް މި ކުރު ފިލްމުގައި ލިބިފައިވާ މަޑުމައިތިރި ކުއްޖެއްގެ ރޯލު ދައްކައިދީފައިވަނީ ވެސް ވަރަށް ފުރިހަމައަށްކަން ފާހަގަކޮށްލެވެއެވެ.

މަޒްލޫމްގެ ކުރީގެ ޗެޕްޓަރުން ކްރައިމް އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ދައްކައިލި ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤު މި އެޕިސޯޑު ފެށޭއިރު ފެނިގެންދަނީ ހަމަ އެ ރޯލުންނެވެ. ނަމަވެސް ކުރިމަތިވާ ކުއްލި ހާދިސާއަކަށް ފަހު، ރަވީ ފެންނަނީ މީގެ ކުރިން އޭނާ ކުޅެފައި ނުވާފަދަ ތަފާތު ރޯލަކުންނެވެ.

”މިންޖު“ ވެސް ކުރީގެ ދެ ބަޔާއި ގުޅޭނެ ކަމަށާއި މިއީވެސް އިޖުތިމާޢީ މައްސަލައަކަށް ހަދާފައިވާ ފިލްމެއް ކަމަށް ޑައިރެކްޓަރު އިލްޔާސް ވަޙީދު (އިއްލެ) މުނިއަވަސްއަށް ބުނެފައިވެއެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ”މަޒްލޫމް“ ގެ ދެން އޮތީ ފަހު ބައިގެ މަސައްކަތް ކަމަށްވެސް އިއްލެ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.