ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްގެ ފުރަތަމަ އެކްޝަން ފިލްމު “ޔޯދާ” ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ދަރްމާގެ “ސްޓޫޑެންޓް އޮފް ދަ އިޔާ” އިން އެކްޓިންނަށް ނުކުތް ސިދާތު މަލޯޓްރާ ލީޑް ރޯލު ކުޅޭ މި އެކްޝަން ފިލްމަކީ ކުރިން ބޮޑެތި ފިލްމުތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރި ސާގަރް އަމްބްރޭ އާއި ޕްރަކާޝް އޯޖާ ޑައިރެކްޓްކުރާ ފިލްމެކެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހު 22 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ “ޔޯދާ” ގެ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

“ޔޯދާ” ގެ ލީޑް ރޯލު ސިދާތު ކުޅޭއިރު މިއީ އޭނާ ދަރްމާއަށް ކުޅެދޭ 8  ވަނަ ފިލްމެވެ. އޭނާ ދަރްމާއަށް ކުޅެދިން އިތުރު ފިލްމުތަކުގެ ތެރޭގައި “ހަސީ ތޯ ފަސީ” އާއި “ބްރަދާސް” އާއި “ކަޕޫރް އެންޑް ސަންސް” އާއި މި އަހަރު ރިލީޒްކުރި ވަޠަނީ ފިލްމު “ޝޭރްޝާހް” ހިމެނެއެވެ.

“ޝޭރްޝާހް” ގައި ދެއްކި މޮޅު އެކްޓިންގއަށްފަހު ބޮޑެތި ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ސިދާތުގެ އަތުގައި މިހާރުވެސް މަސައްކަތް ފަށާފައި އޮތް 3 ފިލްމެއް އެބައޮތެވެ. އެއީ މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ރޯނީ ސްކްރޫވާލާގެ ސްޕައި ތުރިލާ “މިޝަން މަޖްނޫ” އާއި ޝޫޓްކުރަމުންދާ ދަރްމާގެ “ޔޯދާ” އާއި ޑައިރެކްޓަރު އިންދަރް ކުމާރްގެ “ތޭންކް ގޯޑް” އެވެ. އޭގެ އިތުރުން ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ދަށުން ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒަކީވެސް އޭނާގެ އަތުގައި އޮތް ބޮޑު ޕްރޮޖެކްޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.