މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެއް ފިލްމަކީ ރާނީ މުކަރްޖީއާއި ސައިފް ޢަލީ ޚާންގެ “ބަންޓީ އޯރް ބަބްލީ 2” އެވެ. މީގެ 16 އަހަރު ކުރިން 2005 ގައި އަބީޝެކް ބައްޗަންއާއި ރާނީ މުކަރްޖީއާއެކު ޔާޝް ރާޖް ފިލްމްސް އިން ގެނެސްދިން “ބަންޓީ އޯރް ބަބްލީ” އަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމެއްގެ އިތުރުން ބެލުންތެރިންގެ މެދުގައިވެސް ވަރަށް ބޮޑަށް މަޤުބޫލުވި ފިލްމެކެވެ. ތަފާތު އިހުސާސްތަކާއެކު ފުރިހަމައަށް މުނިފޫހިފިލުވާލަދޭ ފެންވަރުގެ މި ފިލްމަކީ ޝާޑް ޢަލީއެވެ.

މާދަމާ “ބަންޓީ އޯރް ބަބްލީ” ގެ ސީކުއެލް ސިނަމާތަކުގައި ރިލީޒްކުރާއިރު ފިލްމުގެ ބަތަލާ، ރާނީ ހުރީ ފިލްމާއިމެދު ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރާނީ ވަނީ “ބަންޓީ އޯރް ބަބްލީ” ގެ ދެބަޔާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފުރަތަމަ ބައި ހެދި ދުވަސްތަކަކީ ޝާޑްއާއި އަބީޝެކްއާއެކު ވަރަށް ފޮނި ހަނދާންތަކެއް ރައްކާކުރެވުނު ދުވަސްތަކެއް ކަމަށެވެ. އޭގެ އިތުރުން ދެވަނަ ބައިވެސް އޭނާގެ ހިތާއި ވަރަށް ގާތްކަމަށް ބުނަމުން އޭނާ ބުނެފައިވަނީ މި ކެރެކްޓާއަކީ ވަރަށް ކުޅެލާ ހިތްވި އަދި އިތުރަށްވެސް ކުރިއަށް ގެންދަން ބޭނުންވާ ކެރެކްޓާއެކެވެ. އަދި އެއީ އޭނާގެ ކެރިއަރުގައި ކުރެވޭ އެންމެ އުފާވެރި އެއް އިހުސާސް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“ބަންޓީ އޯރް ބަބްލީ 2” އާއި ބެހޭގޮތުން އިތުރަށް ރާނީ ބުނެފައިވަނީ ދެވަނަ ބައެއް ހަދާފާނެކަމަށް ހިތަށްވެސް ނާރާ ކަމަށާއި މިހާރު ވާހަކަ ކުރިއަށް ގެންގޮސްފައި އޮތްގޮތުން، މީގެ ތިންވަނަ ބައެއްވެސް ހެދިދާނެ ފުރުސަތު އެބައޮތް ކަމަށެވެ.

ވަރުން ވީ. ވަރްމާ ޑައިރެކްޓްކޮށްފައިވާ “ބަންޓީ އޯރް ބަބްލީ 2” ގައި ދައްކައިދޭނީ ދެ ޖީލެއްގެ ދެ ޖޯޑުގެ މެދުގައި ހިނގާ ކަންތައްތަކެކެވެ. ރާނީގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ސައިފް ޢަލީ ޚާން އާއި ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރްވެޑީ އާއި ޝަރްވަރީ ވަގްއެވެ. ޝަރްވަރީއަކީ މި ފިލްމުން ބޮލީވުޑަށް ތަޢާރަފުކުރާ ބަތަލާއެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.