ކުއްލިއަކަށް ލީޝާ އެތެރެއަށް ދެމިގަތެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާ ފޯވިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. ދެއަތް ދެއަތަށް ހިފަމުންނެވެ. އެއީ ހަމަ މާޒިން ބާވައޭ ލީޝާގެ ހިތަށް އެރިއެވެ. ލީޝާ އެހާލުގައި ހުއްޓާ ޝަރީފާ އައިސް އަނެއްކާވެސް އެކޮޓަރިއަށް ވަނެވެ. އަދި ހީނލާފައި އަރާމުކޮއްލަން އޮށޯތުމަށް އެދުނެވެ. އަދި ކާން ގޮވާނެކަމަށްވެސް ބުނެފައި ހިނގައްޖެއެވެ.

ލީޝާ ހަމަޖެހިލަމުން އެނދުގައި އޮށޯތެވެ. އަދި އޭނާގެ މަންމަ ފޮޓޯނަގާ މޭގަ ޖައްސާލިއެވެ. ސިއްސައިގެން ގޮސްފައި އަނެއްކާވެސް ތެދުވެ ދަބަސްތެރެ ހާވަން ފެށިއެވެ. އޭގެ ތެރޭ އޮތް ފޯނުނަގައި ބަލާލުމަށް ފަހު ދެފަރާތަކަށް ބޯހޫރާލިއެވެ. ފެރީގައި އިންއިރު ފޯނު ސައިލެންޓަށް ލިގޮތަށް އަދިވެސް އޮތީ އެގޮތުގައެވެ. ހަޝްމާ ސަތޭކައަށް ވުރެ ގިނަ ފަހަރު ގުޅާފައި އޮތެވެ. އެތަށް މެސެޖެއް ހާސްވެގެން ކޮއްފައި އޮތެވެ. ލީޝާ އަވަހަށް ހަޝްމާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ.

“ހަލޯ” ހަޝްމާ ފުރަތަމަ ރިންގާ އެކުހެން ފޯނުނަގައި ހާސްވެފައި ހުރި ރާގަކަށް ބާރަށް ބުންޏެވެ.

“ހަ….. ހަލޯ” ލީޝާއަށް ހަމަ ކިރިޔާ ބުނެވުނީއެވެ. ހަޝްމާގެ ފަތިވަރު ދަމައިގެންފިއެވެ.

“ހަލޯއޭ. ކިތައްފަހަރު މަ ގުޅައިފިންތަ؟ ނޭގޭތަ އެހެންމީހުން ހާސްވެގެން ތެޅޭނެ ވަރެއް؟ ލީޝާ ދުވަހަކުވެސް އެހެން މީހަކާ ދޭތެރޭ ވިސްނާ ނުލާނަން ދޯ؟ ތިކަހަލަ ރަހުމަތްތެރިން ރަނގަޅު ވާނެ ނެތަސް. ތިވަރުވާނެ ކަން އެނގުނު ނަމަ ނުވެސް ފޮނުވީމުސް. ދެން ކީއްވެތަ މިހާރު އެއްޗެއް ނުބުނެ ތި ހުރީ؟ ……. ހަލޯ؟”

“އޯތް! މަ އެއްޗެއް ބުނަން ފުރުސަތެއް ދީފިންތަ؟ ނެގި ބޮޑިން އަނގަޔަށް ކުރޮޅިއެއްލާފަ އިން ހެން ހަޅޭއް ވިއްޔާ ތިލަވަނީ”

“އޯކޭ. ސޮރީ. ކޮބާ؟ ކިހިނެއްތަ؟ ގެ ކިހިނެއް؟ “

ފުންނޭވާއެއް ލީޝާ ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ.

“ހަޝް. ގޭގެ ވާހަކަ ނުދައްކާ.”

“އެއީ؟ ކަމެއް ގޯސްވީތަ އަނެއްކާ؟”

“ޕިސް ޕިސް… ހަޝްގެ މައިންޑް ހާދަ ނެގެޓިވްއޭ ދޯ”

ހީލާފަ ލީޝާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“ހަޝް ބުނަންތަ. ދުނިޔެމަތީ ސުވަރުގެ އެކޭ މިތަން އެއްގޮތް…. ހާދަ ރީއްޗޭ. ދުވަހަކުވެސް އެހާ ރީތި ބަގީޗާއެއް މީހަކަށް ނުފެންނާނެ.”

އެތަށް އިރަކު ދެ އެކުވެރިން ވާހަކަ ދައްކަން ތިބުމަށްފަހު ކުއްލިއަކަށް ހަނދާން ވެގެން ލީޝާ ބުންޏެވެ.

“ހަޝް.. އެނގޭތަ އެއްކަލަ މާޒިން.”

“ކޮން”

“އެކަމަކުވާ. އޭލެވެލްގަ އެކީ އުޅުނު. މަގޭ ފަހަތުން ނުނައްޓާ އުޅުނެއްނު. ވަރަށް މަށަށް އުނދަގޫ ކުރިއެއްނު!”

” ހޫނ… އޭނަ ކިހިނެއްވީ؟”

“މީ އޭނަ މެންގެއޭ. ޝަރީފަ ދައިތަގެ ހުރި ހަމަ އެކަނި ދަރިއޯ.”

“އަސްލު؟ ދެން ކިހިނެއް ހަދަނީ؟ ވަރަށް އުނދަގޫ ކުރާނެ ކަންނޭގެ ދޯ؟ ލީޝާ އަންނަންވީނު އަވަހަށް މާލެ؟”

ލީޝާ ޗޮކެއް ކަނޑާލަމުން ބުންޏެވެ.

” ނޫން. އޭނަ ދެކެ މަ ބިރު ގަންނާނެތަ؟ ކުރިންވެސް ރަނގަޅަށް ޖަވާބު ދިނީމެއްނު ދޯ؟”

” އާނ. އެކަމަކު ބަލައިގެން އުޅެއްޗޭ!”

 

ވާހަކައިގަ އިރުކޮޅަކު ތިބުމަށްފަހު ދެއެކުވެރިން ފޯނުކަނޑާލިއެވެ. ވީހާވެސް އަވަހަށް ހަަބަރު ވުމަށް ވަޢުދުވެފައެވެ. ލީޝާގެ ހާސްކަންވެސް އޭރު ހުރީ މުޅިން ފިލައި ގޮސްފައެވެ. އެއީ އަހަރުމެން އެންމެނަށްވެސް ވާ ގޮތެވެ. ހާސްވެ ކަންބޮޑު ވުމުން ބޭނުންވަނީ ގާތް އެކުވެރިއެއްގެ މަޖާ އަދި އޯގާތެރި ބަސްކޮޅެކެވެ. ހުރިހާ ހާސްކަމެއް، ޖެހިލުންވުމެއް ފިލައި ހިނގައިދެއެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލީޝާ ހަމަޖެހިލިއެވެ. ނިދި ޖެހުނުހެން ހީވިއެވެ. ޝަރީފާ އައިސް ކާން ގޮވިއެވެ. ކާހިތް އެއްގޮތަކަށް ނެތަސް ލީޝާ ދިޔައީ ޝަރީފާގެ ބަހާ ދެކޮޅު ނުހެދުމުގެ ގޮތުންނެވެ.

 

ލީޝާ ގޮސް ކާގޭ ދޮރަށް އެރި އިރު މާޒިން ކައިގެން އެތަނުން ނިކުންނަން އަންނަނީއެވެ. މާޒިން އަށް ލީޝާ ފެނުމާއެކު ހުރި ފިޔަވަޅު މައްޗަށް ގާވިއެވެ. ގުޑާލަން ވެސް ނޭގިފައި ހުއްޓެވެ. ލީޝާއަށް ހަމަ ރަނގަޅަށް ވެސް މާޒިންއަށް ވީގޮތް އެނގުނެވެ. ނަމަވެސް މާޒިން ހުރީ ދޮރު މަތީކަމުން ކުރިއަށް ނުދެވިފައި ހުރީއެވެ. އެތެރޭން ޝަރީފާގެ އަޑު މާޒިން އަށް ލިބިފައިވާ ޝޮކުން ބޭރު ކުރިއެވެ.

“ދަރިފުޅާ! ތީ މަންމަ ބުނި ޒުލޭޚާ ދައްތަގެ ދަރިފުޅު. ލީޝާ.”

ހިނިތުންވެލަމުން  ޝަރީފާ ބުންޏެވެ. އަދި ލީޝާ ކުރެން އެެތެރެއަށް ވަނުމަށް އެދުނެވެ.

މާޒިން އެއްމިއަކަނުން ހީލުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. ލީޝާ އަވަސް އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. ކާން ތިބި އިރު ޝަރީފާއާ ލީޝާ އެތަށް ވާހަކައެއް ދެއްކިއެވެ. ކުޑަދޮރުން މާޒިން ބަލާކަން ލީޝާއަށް ދެތިން ފަހަރަކު ހީވިއެވެ. ނަމަވެސް އެދިމާއަށް ބަލާލާ އިރު ފެންނާކަށް ނުހުރެއެވެ.

 

މާޒިންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. އެލޯތްބަކަށް މާޒިން އެވަރަށް ސަލާން ޖެހި ލޯބި މިހާރު އެހުރީ އޭނާގެ ގޭގައި އޭނާގެ ބާރު ދަށުގައެވެ. ބައްޕަގެ އެކްސިޑެންޓްގެ ސަބަބުން ކިޔެވުން ހުއްޓާލާފަ ރަށަށް އަންނަން ޖެހުމުން ވީދެރައަށް ވުރެ އެދުވަހު ލީޝާ ނުފެންނަ ހިސާބަށް ދާންޖެހުނީތީ ވީދެރަ މާބޮޑެވެ. ނަމަވެސް މިއަދު އޭނާގެ ނަސީބު އަތުގައި ހިފީއެވެ. ލީޝާގެ ރީތިކަން މިހާރު ކުރިއަށްވުރެވެސް ފުރިހަމަ ކަމަށް ހިތާހިތުން މާޒިން ކިޔާލިއެވެ.

 

ކައިގެން ލީޝާ އަވަހަށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮއްލައިގެން ނިދަން އޮށޯތެވެ. ދަތުރު ވަރުބަލިކަން ހުރުމާއެކު  ނިކަން ފަސޭހައިން ލީޝާއަށް ނިދޭގޮތް ވިއެވެ. އަނެއްކޮޅުން މާޒިންގެ ނިދި އޭނާއާ ރުޅިވެއްޖެއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް ލީޝާއާ އަނގައިން ބުނެލުމަށެވެ. ނޭވާލުމަކީވެސް އޭނާއަށް މިހާރު އެކަން ނުކޮށް ނުވާވަރުގެ ކަމަކަށް ވަމުންދިޔައެވެ. އެންމެ ފަހުން ކޮޓަރިން ނިކުމެ ލީޝާގެ ކޮޓަރިއާ ދިމާއަށް މާޒިން މިސްރާބު ޖެހިއެވެ. މަޑު މަޑުން ގޮސް އެކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އިސާހިތަކު ދޮރު ހުޅުވިއްޖެއެވެ. ލީޝާ ހުރީ ހަނދާން ނެތި ދޮރު ތަޅުވެސް ނުލައެވެ.

 

މާޒިން އަވަހަށް ދޮރުން އެތެރެއަށް ދެމިގަތެވެ. އަދި ލީޝާ އަރާމު ނިދީގައި އޮތް އެނދުކައިރިއަށް ގޮސް ހުއްޓުނެވެ. ރަތް ކުލައެއްގެ ނައިޓީއެއްގައި ބާލީހުގައި ބައްދާލައިގެން އޮތް ލީޝާ މާޒިން އަށް ވަރަށް ކަމުދިޔައެވެ. މޫނު މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށި ކޮޅު އަދި ވަކިން އެމޫނަށް ރީތިކަން ގެނެސްދޭ ކަމަށް މާޒިންއަށް ގަބޫލު ކުރެވުނެވެ. ކައިރީގައި އިށީންދެލާފައި ލީޝާގެ މޫނާ ކައިރިވެލިއެވެ. ލީޝާގެ މަޑު މަޑު ގުގުރީގެ އަޑުއިވޭ ހިސާބަށް މާޒިން ކައިރިވެލިއެވެ. އަދި ލީޝާގެ ގައިންދުވާ މީރު ވަހަށް ނޯށްދަމާލިއެވެ. މާޒިންއެކޭ މަސްތުވެފަ ހުންނަ މީހެކޭ ތަފާތެއް ނެތެވެ. ތެދުވެ ކޮޓަރި ތެރޭ ހިނގާލިއެވެ. އަދި އަނެއްކާވެސް ގޮސް ލީޝާ ކައިރީ އިށީންދެލިއެވެ. އަދި ލީޝާގެ މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ރީތި ކޮއްލައިދިނެވެ. ކުއްލިއަކަށް ލީޝާ ލޯހުޅުވާލީ އޭނާގެ ގައިގައި މީހަކު ބީހޭ ކަމުގެ އިހުސާސް ވެގެނެވެ. ދެލޯ ބޮޑު ކޮއްލި ތަނާ ބަހެއްވެސް ނުބުނެވެންދެން ވަރަށް ހުޝިޔާރު ކަމާއެކު މާޒިން ލީޝާގެ އަތުގައި ހިފަހައްޓާ އަނގަ މަތީ އަތް އެޅިއެވެ.

ނުނިމޭ   

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް