“ތީ ހުސްދޮގު. ތިޔަ ހުރިހާ ކަމަކީ ވެސް ކަލޭގެ ރޭވުން. ދޮންބެ މަރުވިއްޔާ މަރުވާނީ ކަލޭ ރާވައިގެން ދިން ބޮނޑިއަކުން. ކަލެ އާއި މިހަރަ ފެންނަ ކަލޭގެ ކޮއްކޮގެ ހިތުގަ ނޯންނާނެ ތަނަވަސްކަން ނޫން އެހެން އެއްވެސް އެއްޗެއް. ކަލޭ ކިތަންމެ ބޭނުންވިޔަސް.. ފުލުފުލުގައި ރޭވުންތައް ރާވައިގެން ކިތަންމެ ކަމެއް ކުރިޔަސް ކަލެއަކަށް މިތަނުން ލޯލާރިއެއް ވެސް ނުލިބޭނެ. މި ބިމުން އަކަފޫޓެއްވަރުގެ ތަންކޮޅެއް ވެސް ނުލިބޭނެ. ކަލޭ ބޭނުންހާ އެއްޗެއް ދެން ނުހެދޭނެ. މިއީ އެދުވަހެއް ނޫން. ހަނދާންކުރާތި!” އަނީގާއާ ގާތަށް ޖެހިލަމުން ސިމްނާ ދިނީ އިންޒާރެވެ. ކަންފަތުގައި އަޑު ޖެހުނު ހިސާބުން އެއީ ސިމްނާކަން އަނީގާގެ ދެބެއިންނަށް ޔަޤީންވިއެވެ.
“މަށަކީ ކަލެއެއް ނޫން. މާ ދޮންބެ ވެގަނެގެން މުދާތަކަށް ދަހިވެތިވެގެން އަޙްމަދުގެ ބޮލަށް ސަވާރުވާކަށް. ތީ ރާއްޖެތެރޭން ހޮވައިގެން މިގޭ މީހުން ގެނައި ކުޑަކުޑަ ކަނބިއްޔެއްނު. މީނަ ހިތުން މީ މީނަގެ މައިންބަފައިންގެ މުދާ. މީނައަށް ބައެއް ވެސް ލިބޭނެ. މީސްމީހުންގެ ބޮލުގައި ދޮގު ތުހުމަތު ނާޅުވައި ދެން ވެސް ގޮސް ވަންނާނެ ތަނަކާއި އިންނާނެ މީހަކު ވޭތޯ ބަލާބަލަ.” ސިމްނާގެ ވާހަކަތަކުގެ ސަބަބުން ނާޖިލާއަކަށް ކެތެއް ނުވިއެވެ. ހަޖަމުކުރަން ފަސޭހައެއް ނުވިއެވެ.
“މަޢާފް ކުރައްވާ. މިއީ އަޅުގަނޑުގެ ގެ. މިގޭގެ އަށްވަނަ ފަންގިފިލާއިން އަޅުގަނޑު ނެރެވޭނެ އެއްވެސް މީހެއް ނުހުންނާނެ. މިހިރީ އަޅުގަނޑުގެ ފިރިމީހާ. ކަމަނާހެން ރެއަކަށް ފިރިއެއް އަޅުގަނޑު ބޭނުމެއް ނޫން. އަދި އެއްވާހަކަ. މިއީ ދޮންބެގެ ގެއެއް ނޫން. އަދި މަންމައާ ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގެއެއް ވެސް ނޫން.” ކުއްލިއަކަށް ސިމްނާ ދެއްކި ވާހަކައިން އެންމެނަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދުނެވެ.
“އަށްވަނަ ފަންގިފިލާއިން އެކަންޏެއް ނޫން. އެއްވެސް ފަންގިފިލާއަކުން ދެން ކޮއްކޮއެއް ނުނެރެވޭނެ.” އިވުނު އަޑާއިއެކު އެންމެނަށް ބަލާލެވުނީ ދޮރާއި ދިމާއަށެވެ.
ގޭތެރެއަށް ވަދެގެން އައި ޒިނާން ފެނުމާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވި އަނީގާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުނު މަންޒަރު ޤަބޫލުނުކުރެވިގެން ކަހަލަ ގޮތަކަށް ދެއަތަކަށް ބޯ ހަލުވާލެވުނެވެ. ހާސްވެގެން ކަހަލަ ގޮތަކަށް ތެޅިގަންނަމުން ނާޖިލާއަށް ބަލާލިއެވެ.
“އަނީގާ ތީ އަހަރެންގެ އަނތްބެއް ނޫން. ހަމަ މިހާރު މި ގެއިން ނުކުމޭ!” ޒިނާން އޭނާގެ ނިންމުން އިއްވާލިއެވެ.
ޒިނާން ފެނުމުން ލިބުނު އުފަލުގައި ސިމްނާގެ ދެލޮލުން ކަރުނަ ފާއްދާލިއިރު، ދުވެފައި ކަހަލަ ގޮތަކަށް އަޙްމަދު ގޮސް ޒިނާންގެ ގައިގާ ބައްދާލިއެވެ. އަނީގާ ދެއްކި ވާހަކަތައް ރޮމުންރޮމުން ކިޔައިދިނެވެ.
ޒިނާނާއިއެކު ގޭތެރެއަށް ވަން ޒުވާންފުރައިގެ އަންހެންކުއްޖާ އަޙްމަދާއި ގާތްވެލަމުން އޭނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހިތްވަރުކުރާށޭ ބުނާފަދައަކުން މަޑުމަޑުން ކޮނޑުގައި ފިރުމާލި ވެސް މެއެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ؟ އެންމެ ފުރަތަމަ ދުވަހު ވެސް އަހަރެން ބުނި ހަނދާނެއްވޭ މަންމަގެ ތިޔަ އުސޫލުތައް އަހަރެންނަކަށް ކަމަކު ނުދެޔޭ. ތިޔަ އުސޫލުތައް ދޫކޮށްލާށޭ. ބޮނޑިއެއް ލިބިދާނެޔޭ. ކަމެއް ވާނީ ބުނެފައެއް ނޫނޭ. ތިޔަށްވުރެ ރީތިކޮށް ވެސް ފައިސާއާ ތަނަވަސްކަން ލިބިދާނެޔޭ. އެކަމު.. އެދުވަހު.. މަންމައަށް އަހަރެންވަރުގެ ނުބައި މީހެއް ނެތް. ތީ މައެއްތަ؟ މަންމަގެ ހިތުގައި ދަރިވަންތަ ކުލުނެއް ވެސް ނެތްތަ؟ އެއްވެސް އިންސާނިއްޔަތުކަމެއް އެބަހުރިތަ؟ މައެއްގެ ލޯބި އަހަރެންނަށް ދެވުނުތަ؟ ތިމަންނަގެ ދަރިއެއް ނެތޭ ކިޔައިގެން ދޮންބައްޕައަށް ދޮގެއް ނުހަދަންތަ؟ އޮޅުވައެއް ނުލަންތަ؟ ދަރިއެއް ނެތްކަމަށް މުޅި ދުނިޔެއަށް އޮޅުވާލައިގެން އުޅުނަސް އެކަން ކާމިޔާބެއް ނުވިއެއްނު. މިދުވަސް އައިސްދާނެ ކަމަށް ޤަބޫލެއް ނުކުރެވޭ ދޯ؟ ދެން ބުނޭ މަންމައަށް މަޢާފްކުރާށޭ. ބައްޕަ ދަރިފުޅު ޖަހައިގަތީއޭ. މަންމަގެ އެއްވެސް ކުށެއްނެތޭ. ދޮންބައްޕަ މަރުވިކަމަށް ހީކޮށް ވަރަށް އުފަލުން ދޯ ތިހުރީ؟” ވާހަކަ ދައްކަމުން ދައްކަމުން އަނީގާއާ ދިމާއަށް އައި އަންހެންކުއްޖާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އޭނާގެ ވާހަކަތަކުން އޭނާއަކީ އަނީގާގެ ދަރިއެއްކަން އެނގުނެވެ. އެކަމާއި ދެކޮޅު ހަދާކަށް އަނީގާއަކަށް ނުކެރުނެވެ.
“ދުނިޔެއަކީ ވަރަށް ތަފާތު ތަނެއް. ބައްޕަގެ ތަނަވަސްކަމާއި މުއްސަނދިކަން ފޭރިގަނެގެން މަންމައަށް ލިބުނު އެއްވެސް މޮޅެއް އޮތްތަ؟ އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ކުރާނެ އަސަރާއިމެދު އެންމެ ފަހަރަކު ވެސް ވިސްނާލީމުތަ؟ ލަންކާގައި ދިރިއުޅުނުއިރު، ދޮންބައްޕަގެ ތަނަވަސްކަމުގައި އުދުހުނުއިރު އެއްވެސް އެހީއެއް ވެވުނުތަ؟ މަހަކުން އެއްފަހަރު ކަހަލަ ގޮތަކަށް އަހަރެންގެ ޙާލު ބަލާލަން ގެއަށް ގޮސްލުމުން މައެއްގެ ވާޖިބު އަދާވީކަމަށް ހީކުރީތަ؟ އަހަރެމެން ނިކަމެތިކޮށް ޙާލުގައި ޖައްސާފަ އައުމުން އަހަރެމެން އުޅޭނެ ޙާލާއިމެދު އެންމެ ފަހަރަކު ވެސް ވިސްނާލީމުތަ؟ އެ ތަނަވަސްކަމުން އެއްވެސް ފައިދާއެއް ކުރިތަ؟ ނުކުރި ދޯ؟ ހަރާން ގޮތުގައި ހޯދާ ތަނަވަސްކަމުން ކޮން ފައިދާއެއް ދޯ ކުރާނީ؟ މައިވަންތަ ލޯތްބަށް އެދި އަހަރެން އާދޭސް ކުރިން. އެއްވެސް ކަމެއް ކޮށްދެވުނުތަ؟ އެކަމާ ދެން ނުވިސްނާ. ރައިވެރިއެއްގެ ދަރިއަކަށް ވެސް ތިނެތިން އެކަތި ލިބޭ ވާހަކަ އަޑުއަހަން. އެކި ފަހަރު އެކި ގޮތަށް. އެކި މީހުނަށް ވެސް އެކި ގޮތަށް. ދުނިޔޭގައި ހުންނާކަށް މާގިނަ މަސައްކަތްތަކެއް ކުރާކަށް، މާބޮޑު ބުރައެއް އުފުލާކަށް މަންމައަކަށް ދެން ނުޖެހޭނެ. މީހުނަށް އޮޅުވާލައި މަކަރު ހަދައިގެން ތަނަވަސްކަން ހޯދަން މަސައްކަތް ކުރާކަށް ވެސް ދެން ނުޖެހޭނެ. މިއީ ތިންވަނަ ފަހަރެއްނު. ކެއިން ބުއިމާއި ހުރުމުގެ ކަންތައްތައް ދައުލަތުން ހަމަޖައްސައިދޭނެ. ފުރަން ތައްޔާރުވޭ.” ސިމްނާއާ ދިމާއަށް އަންނަމުން އެ އަންހެންކުއްޖާ ހިނިތުންވެލިއެވެ. ފެނިގެން ދިޔައީ ހިތްވަރުގަދަކަމާއި ކެތްތެރިކަމެވެ. ދުނިޔެއަށް ލޯ ހުޅުވިފައިވާވަރާއި އެކަމަށް އޭނާ ތައްޔާރުވެފައިވާވަރެވެ.
“ސިމްނާ ދައްތާ! ހަނދާން އެބަހުރިތަ ފާތިމަތު އަލްމާ އަލީފް. ލަންކާ ހޮސްޕިޓަލުން ދިމާވި ކުޑަ އަންހެންކުއްޖާ. ބޭސްކޮޅެއް ގަނެލާނެ ލާރިއެއް ނެތިގެން ރޮމުން އައިސް ދައްތަގެ އަތުގައި ހިފި ނިކަމެތި ކުޑަކުއްޖާ. އޭގެ ފަހުން ކޮންމެ މަހަކު ތިންސަތޭކަ ޑޮލަރު އެޕާރޓްމަންޓް ކުލިން ޖަމާކޮށްދިން ކުއްޖާ. ކޮންމެވެސް ދުވަހަކުން އަހަރެންގެ ފަރާތުން ވެސް ސިމްނާ ދައްތައަށް އެހީތެރިކަމެއް ލިބިދާނެޔޭ ބުނީމެއްނު. އަހަރެންގެ އެހީ ރަނގަޅުތަ؟” ވާހަކަދައްކަމުން ދައްކަމުން އައި އަލްމާ އައިސް ސިމްނާގެ އަތުގައި ހިފިއެވެ. މަޑުމަޑުން ކައިރިއަށް ޖެހިލަމުން ބައްދާލިއެވެ. ހިމާޔަތާއި ރައްކާތެރިކަން އެދޭފަދައަކުން ކޮނޑުގައި ބޯއަޅާލިއެވެ.
“އައްސަލާމް ޢަލައިކުމް.” ދޮރުގައި ޓަކި ޖަހާލަމުން ގޮވާލި އަޑާއިއެކު އެންމެނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. ދޮރު ހުޅުވީ ފާޒިލްއެވެ.
ކޯޓް އަމުރާއިއެކު ގެއަށް ވަން ޕޮލިހުން ބޭނުންވީ އަނީގާ އާއި ނާޖިލާ ހޯދާށެވެ. ހައްޔަރުކުރުމުގެ މަރުހަލާ ފެށުމާއިއެކު އަނީގާ ރޯން ފެށިއެވެ. އޭނާއަށް އެހެން ނުހަދައި މަޢާފްކުރުމަށް ޒިނާންމެން އެންމެންގެ ކިބައިން އެދުނެވެ. އަޙްމަދު ގާތު އާދޭސްކުރިއެވެ. ދެން ދުވަހަކު ވެސް އެހެން ނޫޅޭނެކަމަށް ބުންޏެވެ. އެންމެ ފަހަރަކަށްޓަކައި ނަމަވެސް މަންމައަށް އެހީތެރިވުމަށް އަލްމާ ގާތު ބުންޏެވެ.
“ދަރިއެއްގެ ހައިސިއްޔަތުން މަންމައަށް ކުރަންޖެހޭ ކޮންމެ މަޢާފެއް އަހަރެން ކޮށްފިން. އެކަމަކު.. އަނީގާގެ އަނިޔާވެރިކަމާއި މަކަރުވެރިކަމަށް އަދި ހީލަތްތެރިކަމަށް ދުވަހަކު ވެސް މަޢާފެއް ނުކުރާނަން. ދޮންބައްޕަގެ މަންމައާއި ބައްޕަ މަރާލަން ޚަރަދުކުރި މީހަކީ އަނީގާއޭ އަހަރެން ބުނާނީ. އަޙްމަދުމެން ތިން މީހުންގެ ދުވަސް ދުއްވާލަން އުޅެ އެކަން ކާމިޔާބެއް ނުވި. ކާރުގައި ގޮއްވާލި އެތިން އަނިޔާވީ އެހެން ބަޔަކަށް. ޕޮލިހުންގެ ތެރެއިން ބަޔަކާއި ގުޅިގެން ރޭވި ރޭވުމުން އަޙްމަދު ވެސް މިތަނުން ބޭރުކޮށްލީ. އެތައް ދުވަހެއްގެ ރޭވުމުން ސިމްނާ ދައްތަގެ ދަރިފުޅު މަރާލި މަރާލުމުގައި ވެސް އަނީގާގެ އަތެއް ވާނެކަން ޔަޤީން. މިއީ ދޮގެއްތަ؟ އެކަންކަން އެހެން ނުކުރަންތަ؟ އެކަންތައްތައް އެހެން ކޮށްގެން އެއްވެސް މޮޅެއް ލިބުނުތަ؟ ދެން އަވަހަށް ދޭ. ކުރިން ވެސް އަހަރެން ބުނީމެއްނު ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސާފައި ބަލާ އަންނާނެޔޭ. ތިޔަށްވުރެ ރަނގަޅު ހުށަހެޅުމެއް ދެން ނުލިބޭނެ. ލިބުނު މިންވަރަށް ޝުކުރުކޮށްލައިގެން ހުރެވޭތޯ ދެން ވެސް ބަލާތި!” ޕޮލިހުންނާއިއެކު ގެއިން ނުކުންނަން ހިނގައިގަތް އަނީގާއާ ދިމާއަށް އައިއިރު އަލްމާގެ ކިބައިން ފެނުނީ ކެތްތެރިކަމާއި ހިތްވަރެވެ. އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމެވެ.
“ވެދިޔަ ކަމެއް ވެދިޔައީ. އެކަމާ ވިސްނާކަށް އަހަރެން ނެތިން. އެކަމު ބައްޕައަށް ވީގޮތް ބަލަން އަހަރެން ބޭނުން.” އަލްމާއާ ދިމާއަށް އަންނަމުން އަޙްމަދު ދެއްކި ވާހަކައަށް އެންމެންގެ ސަމާލުކަން އެނބުރުނެވެ. އެވާހަކަތައް އަޑުއަހަން އެންމެން ވެސް ބޭނުންވިއެވެ.
ރޭގަނޑުގެ އެގާރަ ޖަހާކަން ހާއިރެވެ. އަނީގާމެން ލަންކާގައި ތިބިކަން އަލްމާއަށް އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އަނީގާމެން ތިބި ތަނުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން އަލްމާގެ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. އެ ސަރަހައްދަކީ ތަރައްޤީގެ އެއްވެސް ކަންފުޅެއް ނެތް ވީރާނާ ހިސާބުގަނޑެކެވެ. ދިރިއުޅެމުން ދަނީ ވެސް މަދު ބައެކެވެ. ޒަމާނަށް އެކަށޭނަ އެއްވެސް ޚިދުމަތެއް އެހިސާބަކުން ނުލިބޭނެއޭ ބުންޏަސް އެއީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތައް ނޫނީ އެހިސާބަށް ގޮހެއް ވެސް ނޫޅޭނެއެވެ. އަނީގާގެ އުޅުމާއިމެދު ހާސްވެ ކަންބޮޑުވެފައި ހުރި އަލްމާ އެގެ ކައިރިއަށް ދިޔަކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މާބޮޑު އަލިކަމެއް ވެސް ނެތެވެ. ގޭތެރޭގައި އުޅެމުންދިޔަ މީހުނަށް ނޭނގި އެތަނަށް ވަދެވޭނެ ތަނެއް ގޮތެއް ފެނޭތޯ އަލްމާ ބަލަމުން ދިޔައެވެ.
ވަދެވޭނެ އެއްވެސް ގޮތެއް ނުފެނުމުން އަލްމާ ގޮސް މަޑުކޮށްލީ ދޮރޯށި ކައިރީގައެވެ. ވިސްނުމަކަށް ގެއްލިފައި ހުރި އަލްމާ ސިއްސައިގެން ދިޔައީ ވާހަކަ ދައްކަމުން ދައްކަމުން އެދިމާއަށް ބަޔަކު އަންނަ އަޑަށެވެ. އަވަސްއަވަހަށް ގަސްތަކު ތެރެއަށް ޖެހިލަމުން އެމީހުންގެ ހަރަކާތްތަކަށް އަލްމާ ސަމާލުވެލިއެވެ.
ހުދުފޮތިން ބަންދުކޮށްފައިވާ އެއްޗެއް ކޮނޑަށް ލައިގެން ނުކުތް ދެމީހުންގެ ފަހަތުން އަނީގާ ވެސް ނުކުތެވެ. ހީވާގޮތުން އެއީ އިންސާނެއްގެ ހަށިގަނޑެވެ. އެމީހުނާއި ވާހަކަ ދައްކަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތްއިރު އޭނާގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ގެއާއި ދުރަށް އެ ދެމީހުން ހިނގައިގަތުމުން އެމީހުންގެ ފަހަތުން ހިނގައިގަތް ނަމަވެސް އަނީގާ ނުކުތްތަން ފެނުމާއިއެކު އަލްމާ އަނެއްކާ ވެސް އަވަސްއަވަހަށް ގަސްތަކު ތެރެއަށް ވަނެވެ.
ގޯތިތެރެއިން ނެރުނު ސައިކަލުގެ ފަހަތަށް އަރައިގެން އަނީގާ ދިޔައިރު ކުޑަވަރެއްގެ ދަބަހެއް ކޮނޑުގައި އޮތެވެ. ސައިކަލް ދުއްވަން އިނީ ޒުވާންފުރައިގެ ފިރިހެނެކެވެ.
އަވަސްއަވަހަށް ގަސްތަކު ތެރެއިން ނުކުތް އަލްމާ މިސްރާބު ޖެހީ ކުރިން ނުކުތް ދެމީހުން ކޮބައިތޯ ބަލާށެވެ. އެމީހުން ކޮނޑަށް ލައިގެން އެދަނީ ކޮން އެއްޗެއްތޯ ޔަޤީންކުރާށެވެ. އެކަމުގެ އަޑީގައި ކޮންމެވެސް ސިއްރެއް ވާނެކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. ކޮންމެފަދަ ނުބައި ރޭވުމެއް ވެސް އަނީގާ ރާވައިފާނެއެވެ.
މާދުރުނޫން ހިސާބެއްގައި ހުރި ގަސްތަކުގެ ތެރެއިން ބަޔަކު މީހުން ވާހަކަ ދައްކާ ކަހަލަ އަޑެއް އިވުނެވެ. މަޑުމަޑުން އެމީހުނާއި ކައިރިއަށް ޖެހިލި އަލްމާއަށް ފެނުނީ ގަސްތަކު ތެރޭގައި އެއްޗެއް ވަޅުލުމަށް އެމީހުން ކުރަމުންދިޔަ މަސައްކަތެވެ. ބައްތިއެއްގެ އަލީގެ އެހީގައި މަސައްކަތް ކުރަމުންދިޔަ މީހުން އެމީހުން ގެނައި އެތި ވަޅަށް ވައްޓާލުމަށްފަހު ފަސްއަޅަނީއެވެ.
ލަންކާގައި ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެފައިވާ އަލްމާއަށް ލަންކާ ބަހަކީ ފެންފަދަ އެއްޗެކެވެ. ރަނގަޅަށް ހަމަޖެހިލައި މަޑުމަޑުން އެމީހުނާއި ކައިރިވެލަމުން އެހީއަކަށް އެދޭފަދައަކުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ގަތް ބިރާއި ލިބުނު ސިހުމުގައި އެމީހަކާއި އެމީހެކޭ ބުނާފަދައަކުން އެ ދެމީހުން ދުއްވައިގަތެވެ. ގެންގުޅުނު ބައްތި ވެސް ގެންދާކަށް އެމީހުން ހަނދާނެއް ނެތެވެ.
އަވަސްއަވަހަށް ގަސްތަކު ތެރެއަށް ވަދެގެންދިޔަ އަލްމާ ވަޅުގަނޑާއި ގާތްވުމާއެކު އެއީ މީހެއްގެ ހަށިގަނޑުކަން ޔަޤީންވިއެވެ. ސިއްޙީ ދާއިރާއިން ކިޔަވަމުންދިޔަ އަލްމާ އެންމެ ފުރަތަމަ ވެސް ބެލީ އެމީހާ ނޭވާލާތޯއެވެ. ޖީބުން ނެގި ތަޅުދަނޑީގައި އޮތް ކުޑަވަރެއްގެ ކަތުރުގެ އެހީގައި ފޮތިތައް ކަފައި މޫނު މިނިވަން ކުރިއެވެ.
މެދު އުމުރުން މައްޗަށް ގޮސްފައިވާ އެމީހާ ނޭވާލާކަން އެނގުމާއިއެކު އަލްމާގެ އުންމީދު އާވިއެވެ. މާތް ﷲ އަށް ޝުކުރު ދެންނެވިއެވެ. މާބޮޑު އަނިޔާއެއް ފެންނަން ނެތް އެ މޫނު ފެނުމާއިއެކު އެއީ އޭނާގެ ދޮންބައްޕަ ޒިނާންކަން އޭނާއަށް ޔަޤީންވިއެވެ. ދެލޮލުން ކަރުނަ އޮހޮރިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި