ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ފަަޔާޒު އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދީނާ އަހުމަދު ހޯދައިފިއެވެ.

ފިރިހެން އެއްވަނަ ޑިވިޝަންގައި ފަޔާޒު، ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މުހައްމަދު ސާހިލް ހަމީދު، 11-7 ފްރޭމުން ބަލި ކުރުމަށް ފަހުގައެވެ.

މެޗުގައި ބޮޑު ލީޑެއް ސާހިލް ނެގި އެވެ. 6-2 ގެ ފްރޭމަކުން އޭނާ ކުރީގައި ވެސް އޮތެވެ. އެކަމަކު މެޗު އަތުން ދޫވީ، ފަހުން އޭނާ އަށް ހެދުނު ގޯސްތަކަކުންނެވެ. ފަޔާޒު މެޗު ކާމިޔާބު ކުރީ ފަހަތުން އަރައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ މުބާރާތުގެ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދީ ވެސް ސާހިލްއެވެ. ފައިނަލްގެ ފަހު ޖާގަ ފަޔާޒު ޔަގީން ކުރީ މިއަދު ހަވީރު ހުސައިން ޝާޒް ބަލި ކުރުމަށް ފަހުގައެވެ. ފިރިހެން އެއްވަނަ ޑިވިޝަންގެ ތިންވަނަ އަކީ ޝާޒެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އާމިނަތު އަޒްރާ އާއި ދީނާ އަހްމަދެވެ. ދީނާ މެޗު ކާމިޔާބު ކުރީ 7-4 ފްރޭމުންނެވެ. އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ މަރިޔަމް ހުދުނާއެވެ.

ފިރިހެން ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އަލީ ޝާވިން އާއި އައްބާސް ސައީދެވެ. އައްބާސް މެޗު ކާމިޔާބު ކުރީ 11-7 ފްރޭމުންނެވެ. ދެވަނަ ޑިވިޝަންގެ ތިން ވަނަ ހޯދީ އިބްރާހިމް ރަޝީދެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.