އޭވިއޭޝަން ދާއިރާއިން އޭޝިއާ އެވޯޑް، ދިވެހި އޭޓީސީގެ ވެރިޔާ އިބްރާހީމް ޙަމީދު ހާސިލްކުރައްވައިފިއެވެ.

އިބްރާހީމް ޙަމީދަކީ ރާއްޖޭގެ އެއަރ ޓްރެފިކް ޚިދުމަތްތައް ހިންގުމުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ އެންމެ އިސް ފަރާތެވެ. އެއަރ ޓްރެފިކް ކޮންޓްރޯލްކުރުމުގައި 31 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ ޙަމީދަކީ އެއަރ ޓްރެފިކް މެނޭޖްމެންޓް، ފްލައިޓް ޕްރޮސީޖަރ ޑިޒައިން އަދި އެއަރސްޕޭސް ޕްލޭނިންގގައި ތަޖުރިބާކާރު ބޭފުޅެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަމީދު ގުޅިވަޑައިގެންނެވީ 1989 ވަނަ އަހަރު އެވެ. އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރެއިނީ (އެޓްކޯ)އެއްގެ މަޤާމަށެވެ. އެއަށްފަހު، ދާއިރާގެ ތަމްރީނާއި ތަޖުރިބާ ހޯއްދަވައި މަޤާމުގެ ކުރިއެރުންތައް ޙާޞިލްކުރައްވަމުންގޮސް މިއަދު ޙަމީދު އެ ހުންނެވީ ރާއްޖޭގެ އެއަރ ޓްރެފިކް މެނޭޖްމެންޓްގެ ހުންގާނުގައެވެ.

ރާއްޖޭގެ އެއަރ ޓްރެފިކް ޚިދުމަތްތައް ދިނުމުގައި ބޭނުންކުރަމުން އަންނަ ގިނަ މެނުއަލްތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖާރސްތައް ތައްޔާރުކޮށްފައިވަނީ ހަމީދުގެ ބޮޑު ރޯލެއް އެކަމުގައި ހިމެނޭ ގޮތަށެވެ. 2012 އާއި ހަމައަށް ރާއްޖޭގެ އުދުހުމުގެ ދާއިރާގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު އެރޮނޮޓިކަލް އިންފޮމޭޝަން ޕަބްލިކޭޝަން (އޭއައިޕީ)ތައް ޑިޒައިންކުރެއްވީ ޙަމީދު އެވެ.

ރާއްޖޭގެ އެއަރ ޓްރެފިކް ތަރައްޤީކުރުމަށާއި ޒަމާނާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ޙަމީދުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޕާރފޮމަންސް ބޭސްޑް ނެވިގޭޝަން (ޕީބީއެން) އަދި އޮޓޮމެޓިކް ޑިޕެންޑެންޓް ސަރވިލެންސް ބްރޯޑްކާސްޓް (އޭޑީއެސް-ބީ) ތައްޔާރުކުރުމުގެ އިސް މޭސްތިރިއަކަށް ހުންނެވީވެސް ޙަމީދު އެވެ.

މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އެއަރ ޓްރެފިކާއި ގުޅުން ހުންނަ ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށްދިނުމާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް ޚިދުމަތާ ގުޅުންހުރި ތަންތަނާއި ގުޅިގެންވެސް ޙަމީދު ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެއަރ ޓްރެފިކްގެ ޚިދުމަތުގައި ލިބިލައްވާފައިވާ މަޢުލޫމާތާއި ތަޖުރިބާތައް ރާއްޖެއާއި ރާއްޖޭގެ އޭވިއޭޝަން ކޮމިއުނިޓީގައި ޙަމީދު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.