އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި އަޔުޝްމާން ކުރާނާގެ ފިލްމު “ޗަންޑީގަޅް ކަރޭ އާޝިޤީ” އަށް ކްރިޓިކުން ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ.

އަބަދުވެސް ތަފާތު ފިލްމުތަކެއް ކުޅެމުން އަންނަ އަޔުޝްމާން އާއެކު ލީޑުން ވާނީ ކަޕޫރް ފެނިގެންދާ މި ފިލްމުގައި ކިޔައިދެނީ ދެފަހަރެއްގެ މަތިން ބޮޑީ ބިލްޑިންގ މުބާރާތެއްގައި ވާދަކޮށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު މަނިންދަރު މުންޖާލް (މަނޫ) އަށް މާންވީ ބްރާރް ނަމަކަށް ކިޔާ ޓްރާންސްޖެންޑާ އަންހެނަކު ދެކެ ލޯބިވެވޭ ހިސާބުން ހިނގާ ކަންތައްތަކެކެވެ.

ބުޝަން ކުމާރްގެ ޓީ-ސީރީޒާއި ‘ގައި އިން ދަ ސްކައި ޕިކްޗާރސް’ އިން ޕްރޮޑިއުސްކޮށް ގެނެސްދިން މި ރޮމޭންޓިކް ކޮމެޑީއަކީ “ރޮކް އޮން” އާއި “ކައި ޕޯ ޗޭ” އަދި “ކޭދަރްނާތު” ފަދަ ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދީފައިވާ އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

“ޗަންޑީގަޅް ކަރޭ އާޝިޤީ” އަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދަރްޝް ބުނެފައިވާ ގޮތުގައި މި ފިލްމުގެ ވާހަކަ ތާޒާވެފައި ވަރަށް ޝައުޤުވެރިއެވެ. އަދި ސުޕްރަތީކް ސެން އާއި ތުޝާރް ޕަރަންޖްޕޭގެ ސްކްރީންޕްލޭ ކޮމާޝަލް ރަހަތަކާއެކު ޝައުޤުން ފުރިގެންވާ ގޮތަކަށް އަތުރާލާފައިވާއިރު އަބީޝެކްގެ ޑައިރެކްޝަން ފުރިހަމަކަމުން މިއީ ފޫހިކަމެއް ނެތި އޭގެ ތެރެއަށް ބެލުންތެރިން ގަންބުވާލާ ކަހަލަ ފިލްމެއް ކަމަށްވެސް ތަރަން ބުނެފައިވެއެވެ.

އޭގެ އިތުރުން ލީޑް ދެ ތަރިންގެ އެކްޓިންގ ވަރަށް ފުރިހަމަކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ ވާނީ މި ފިލްމުގައި ކުޅެފައިވާ ޓްރާންސްޖެންޑާ ކެރެކްޓާއަކީ ބޮލީވުޑް ބަތަލާއިން އާންމުކޮށް ކުޅެން ފަސްޖެހޭ ކަހަލަ ކެރެކްޓާއެއް ނަމަވެސް، ވާނީ އެ ކެރެކްޓާ ކުޅެފައިވާލެއް މޮޅުކަމުން މި ފިލްމާއެކު ވާނީގެ ވިދުން ވަރަށް ގަދަވާނެއެވެ. އަދި ކުޅޭ ކޮންމެ ފިލްމަކަށް ސަތޭކަ ޕަސަންޓް ދޭ އަޔުޝްމާންގެ ފިލްމުތަކުގެ ލިސްޓުން މިއީ ފާހަގަކޮށްލަން ޖެހޭ ފިލްމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ވާނީ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާގެ ވާހަކަ އެންމެ ބޮޑަށް ދެކެވޭނެ ފިލްމުކަމަށް ބުނަމުން އޭނާ ބުނެފައިވަނީ “ޗަންޑީގަޅް ކަރޭ އާޝިޤީ” ގެ ވާހަކަ، ވާހަކައަކަށް ވަނީ ވާނީގެ ކެރެކްޓާގެ ސަބަބުން ކަމަށެވެ.

“ޗަންޑީގަޅް ކަރޭ އާޝިޤީ” އަކީ ފުރިހަމަ ރީތި ފިލްމެއްކަން ފާހަގަކޮށް، ފިލްމު ބަލަން ޖެހޭކަމަށް ބުނަމުން ތަރަން ވަނީ މި ފިލްމަށް ފަހަކުން ހަތަރު ތަރީގެ ރޭޓިންގއެއް ދީފައެވެ. ތަރަންގެ އިތުރުން މަޝްހޫރު ކްރިޓިކް ހިރެން ކޯޓްވާނީ ވެސް ވަނީ މި ފިލްމަށް ފަހަކުން ހަތަރު ތަރީގެ ރޭޓިންގއެއް ދީފައެވެ.

އަޔުޝްމާން އާއި ވާނީގެ އިތުރުން ކާސްޓުގައި އަބީޝެކް ބަޖާޖް އާއި ގޯތަމް ޝަރްމާ އާއި ލީނާ ޝަރްމާ ފަދަ ތަރިންތަކެއް ހިމެނޭ “ޗަންޑީގަރް ކަރޭ އާޝިޤީ” އަށް ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު 3.75 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް މަޝްހޫރު ކްރިޓިކުންގެ ފަރާތުން ފިލްމަށް ލިބުނު ތަޢުރީފުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.